އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް އިތުރު ކުރެވޭ ޕްރައިވެޓް ރޫމްތައް ހެދުމަށް އެމަސައްކަތް ހަވާލު ކުރެވޭ ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހެލްތް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަންއެވެ. އަދި މަސައްކަތާއި ހަވާލުވާ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސޮއި ކުރެއްވީ ހދ. ކުޅުދުއްފުށީ ނެދުންގެ، ހުސައިން އަލީ އެވެ.
ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން އިތުރު 4 ޕްރައިވެޓް ރޫމް އިތުރު ކުރެވޭނެއެވެ. އަދި އެ 4 ކޮޓަރި އާއި އިންވެގެން ޓެލެމެޑިސިންގއަށް ހާއްސަ ކުރެވޭ ރޫމްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ދެ ފޭސް އަކަށް ބަހާލައިގެން ކުރުމަށް ރޭވިފައިވާއިރު، ހުރިހާ މަސައްކަތެއް ނިންމުގެ މުއްދަތަކީ 52 ދުވަހެވެ.
ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސައްކަތާއި ހަވާލުވި ކޮންޓްރެކްޓަރ ހުސައިން އަލީ ވިދާޅުވީ، މަސައްކަތަށް ހޭދަވާނީ ޖުމްލަ 52 ދުވަސް ކަމަށާއި މަސައްކަތުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހުރިހާ ތައްޔާރީއެއް ވަމުން ދާކަމަށެވެ.
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަންގެ ފަރާތުން ކުރިން މައުލޫމާތު ދެއްވިގޮތުގައި، މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ 3 ޕްރައިވެޓް ރޫމަކީ ޚިދުމަތް ހޯދާފަރާތްތަކުގެ ޑިމާންޑް އޮތް މިންވަރާ ބަލާއިރު ފުދޭވަރާ ކައިރިވެސް އަދަދެއް ނޫންކަމަށެވެ. އެހެންކަމުން އިތުރު 4 ރޫމް އެއް ފުރަތަމަ ހެދުމަށް ނިންމާފައިވާ ކަމަށްވެސް އެކޯޕަރޭޝަން އިން ބުނެފައިވެއެވެ.
ހއ ހދ އަދި ށ އަތޮޅުގެ ހޮސްޕިޓަލުތައް ހިންގަމުން އަންނަ އެކޯޕަރޭޝަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމާއި ހަވާލުވިފަހުން ރައްޔިތުންނާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެންމެ ބޮޑަށް އެދެމުންދަނީ ކޮންކަމެއްތޯ ބަލަމުން އަންނަ ކަމަށާއި އެންމެ ގިނަމީހުން އެދެމުންދާ އެއްކަމަކީ ޕްރައިވެޓް ރޫމް އިތުރު ކުރުން ކަމަށްވެސް އެކޯޕަރޭޝަންގެ ފަރާތުން ކުރިން މިނޫހަށް މައުލޫމާތު ދީފައިވެއެވެ. އަދި ފުރަތަމަ 4 ރޫމް އިތުރު ކުރެވުނު ކަމުގައި ވިޔަސް، ކުރިމަގުގައި ޕުރައިވެޓް ރޫމްތަކުގެ އަދަދު އިތުރުވެގެންދާނެކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.