twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހަނިތަފާތަކުން އަފްގާނިސްތާން އަތުން ބަލިވި ނަމަވެސް ޒުވާން ކުޅުންތެރިންގެ ފަރާތުން އުއްމީދު

މުޙައްމަދު އަހުމަދު
Jun 1, 2026

މިއަދު ފެށުނު ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ރާއްޖޭގެ ފުރަތަމަ މެޗުގައި ރާއްޖޭން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ހަނި ތަފާތަކުން އަފްގާނިސްތާން އަތުން ބަލިވެއްޖެ އެވެ. ހާއްސަކޮށް ދިވެހި ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅެވުނު މިމެޗު އަފްގާނިސްތާނުން ކާމިޔާބުކުރީ 1 - 0 ގެ ހަނިތަފާތަކުންނެވެ. މިމެޗުގައި ދިވެހި ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. އެފްއޭމުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރެ އެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްގާނިސްތާނު އަދި ޕާކިސްތާނެވެ. މިމުބާރާތަކީ ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެފްއޭއެމުން ބާއްވާ މުބާރާތެކެވެ.

މިރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ވަރުގަދަކޮށް ފެށީ އަފްގާނިސްތާނުންނެވެ. ކުރިއަށް ޖެހި ދެޓީމުން ވެސް މިހާފުގައި ކުޅުނުއިރު ދެޓީމުން ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވެ އެވެ. ހާއްސަކޮށް އަފްގާނުގެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އެޓީމުންނެވެ.

އެހެންނަމަވެސް ފުރަތަމަ ހާފުގައިވެސް ވަރަށް ބޮޑަށް ދިވެހި ޑިފެންޑަރުގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އަފްގާނުގެ ޓީމަށް ބޭނުން އެއްޗެއް ހެދިޔަ ނުދީ ގިނަ ބޯޅަތަކެއް ހުއްޓުވިއިރު ދިވެހި ޑިފެންސުން ފެނިގެންދިޔައީ ވަރަށް ހިތްގައިމު ހަމަޖެހިލައިގެން ކުޅުނު ކުޅުމެކެވެ.

ފުރަތަމަ ހާފުގައި ދެޓީމަށް ލިބުނު ފުރުސަތުތަކަށް ބަލާލާއިރު މެޗުގެ ކުރީކޮޅު އަފްގާނުގެ ކީޕަރު ރާއްޖޭގެ ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކުން ހަމްޕު ފޮނުވާލި ހިލޭޖެހުން ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ނަމަވެސް އަފްގާނުން ކީޕަރު ވަނީ އެހަމަލާ ދިފާއުކޮށްފަ އެވެ.

މެޗުގައި އަފްގާނަށް ލަނޑުޖަހަން ލިބުނު އެންމެ ފުރަތަމަ ފުރުސަތުގައި ނެގި ހުރަހަކުން އަފްގާނުގެ ކެޕްޓަން ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ އިރުކޮޅެއް ފަހުން 21 ވަނަ މިނެޓުގައި ރާއްޖޭގެ އިބްރާހިމް އައިސަމް އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އަފްގާނިސްތާނުގެ ކީޕަރު ވަނީ އެހަމަލާ ދިފާއުކޮށްފަ އެވެ.

26 ވަނަ މިނެޓުގައި ރާއްޖޭގެ ހަމްޕުއަށް ލީޑު ނަގައިދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ އަފްގާނުގެ ޑިފެންޑަރުން ދިފާއުކުރިއިރު އޭގެ 4 މިނެޓުފަހުން އަފްގާނުގެ ޖޯޒީ ނަމްބަރު 15 ރާއްޖޭގެ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެނުނު އެންމެ ފަހު ހަމަލާގައި ލިބުނު ހިލޭ ޖެހުމަކުން އަފްގާނުގެ ކެޕްޓަން ފޮނުވާލި ހަމަލާ ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0 - 0 ން އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް ދެޓީމުން ވެސް ތައްޔާރުވެގެން ނުކުތް ނަމަވެސް ހާފު ވަރުގަދަކޮށް ފެށީ ދިވެހިރާއްޖެއިންނެވެ. ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން ކުޅެމުން ދިޔައިރު އަފްގާނުގެ ފަރާތުން ފެނުނު ވަރުގަދަ އެޓޭކިން ކުޅުން މިހާފުގައި އެޓީމަށް ރަނގަޅަށް ނުދެއްކުނު ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނެގީ އަފްގާނިސްތާނުންނެވެ.

79 ވަނަ މިނެޓުގައި ނެގި ހުރަހަކުން ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ސާފުނުކޮށްލެވި އުޅެނިކޮށް އަފްގާނުގެ ޖޯޒީ ނަމްބަރު 9 ރޯމާން ފާޒީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މި ހާފުގައި ދިވެހި ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސީނިއާ ގައުމީ ޓީމަށް މިރޭ އަލަށް ކުޅުނު 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ނައްސާހްގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާއެއް ފެނުނެވެ. 65 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އަފްގާނު ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ.

މިހާފުގައި ލަނޑުޖަހަން ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މެޗުގެ 68 ވަނަ މިނެޓުގައި އޭރިއާ ބޭރުން ރާއްޖޭގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ ކީޕަރު އަތުގައި ޖެހިފައި ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗުގެ އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި އަފްގާނަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަފްގާނުގެ ކުޅުންތެރިޔާ ރާއްޖޭގެ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިމެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. ހާއްސަކޮށް ފުޓްބޯޅަ އަޑިއަޅާލާފައި އޮތުމަށްފަހު ކުރިއަށް ދިޔުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު އުއްމީދެކެވެ. ހާއްސަކޮށް ރާއްޖޭގެ ކޯޗު އުރްބާނީ ޒުވާން ކުޅުންތެރިންނަށް މިމެޗުގައި ފުރުސަތުދީފައިވާއިރު ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ އުއްމީދީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ހާއްސަކޮށް ނައްސާހްއާއި އިލާން އިމްރާނުގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ރާއްޖެ އަތުން މިރޭ އަފްގާނިސްތާން މޮޅުވުމުން އެޓީމަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިގެން ގޮސްފަ އެވެ. މުބާރާތުގައި ދެން މެޗެއް އޮންނާނީ 4 ޖޫންގަ އެވެ. އެދުވަހު ހަވީރު ރާއްޖޭން ޕާކިސްރާނާ ދެކޮޅަށް ނުކުންނައިރު އެރޭ އަފްގާނިސްތާނުން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355