ސަރުކާރުން ހިންގާ ތަރައްޤީގެ ތިން މަޝްރޫއެއް ކުޅުދުއްފުށީގައި މިއަދު އިފްތިތާހުކޮށްފިއެވެ.
ދަނޑުވެރިކަމާއި ދަތުރުފަތުރު އަދި ބޯހިޔާވަހިކަމާއި ގުޅޭ މިތިން މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ކުޅުދުއްފުށީގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައި އެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި މިޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.
މިއަދުގެ ޖަލްސާގައި ހައުސިން މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުން ހައުސިން މިނިސްޓަރ އަސްލަމް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީގެ އާބާދީ އިތުރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ކުޅުދުއްފުށީގެ ރައްޔިތުންނަށް ހާއްސަކޮށްފައި ވާއިރު ނޫމަޑި ކުންފުނިން އަޅާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 40 ހައުސިން ޔުނިޓެއް ކުޅުދުއްފުށީގެ ރައްޔިތުންނަށް ދޫކުރާގޮތަށް ހަމަޖެހިފައި ވާކަމަށް ވިދާޅުވި އެވެ. އަދި ބާކީ 85 ހައުސިންޔުނިޓު ކުޅުދުއްފުށި ނޫން އެހެން ރަށްރަށުގެ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
އުތުރުގެ ރަށްރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކަށް އެސްޓީއޯ މެދުވެރިކޮށް މާކެޓް ކުރުމަށް ހަމަޖެހިފައިވާކަމަށް މިއަދުގެ ޖަލްސާގައި އެކުންފުނީގެ ޗެއަރމަން ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ކާރގޯ ފެރީގެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ދަތުރުފަތުރާއިބެހޭ ވަޒީރު އާދިލް ސަލީމް ވާހަކަ ދެއްކެވިއެވެ. މިނިސްޓަރ އާދިލްގެ ވާހަކައިގައި ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ކާރގޯގެ ފެރީގެ ހިދުމަތް ފެށުމުން އުތުރުގެ ސަރަހައްދުގެ ދަނޑުވެރިންނަށް ފައިދާކުރާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ހެނދުނު ބޭއްވި ޖަލްސާއަށްފަހު ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ވަނީ މަތިއުތުރު ސަރަހައްދުގެ ކާރގޯ ފެރީ ޓާރމިނަލް ގެ ބިންގާ އަޅާފައެވެ. އެއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި މަތިއުތުރު ސަރަހައްދުގެ ފެރީގެ ހިދުމަތް ދެމުން ގެންދާ ޓްރައިނާސް ކުންފުނީގެ ފަރާތުންެ މުހައްމަދު ނަސީރުއެވެ.