twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކަންކަން އިސްލާޙު ކުރުމަށް ޑިމޮކްރަސީގެ ހަރުދަނާ އުޞޫލޫތައް ގެންގުޅޭ ނަމަ…!

Sep 14, 2011

ހާޝިމް އަބޫބަކުރު

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަހަރެމެންނަށް މިލިބުނީ ދާދި މިދާކަށް ދުވަހުއޭ ބުނެވިދާނެއެވެ. އެއީ ހަރުދަނާ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް ތަނބުވެސް މެއެވެ. “ޚުދުމުހުތާރު” ވެރިކަމެއްގެ ތެރެއިން މި މިނިވަންކަން ލިބުމާއި އެކު މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ޚިޔާލާއި ފިކުރުގެ އަޑު ގުގުމައިގެން ދިޔައެވެ. މީގެ ތެރެއިން އެއް ކަމަކީ މިސަރަޙައްދުގެ ރީޖަނަލް ހޮސޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދައްކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާއެވެ. ތެދެކެވެ. ” މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ.” އެހެން ނަމަވެސް މިހާރަކަށް އައިސް މިކުރާ މުޒާހަރާތަކަކީ ޑިމޮކްރަސީގެ ރިވެތި ގިއުގަނޑުގެ ތެރޭގައި ކުރެވޭ މުޒާހަރާތަކެއް ހެއްޔެވެ؟

މިދަންނަވަނީ ހަމަ ޗުއްޕުވެސް ނުބުނެ ތިބޭކަށް ނޫނެވެ. އަދި ހަމަ އަނގައިން ބުނާ ކޮންމެ މީހަކު ހަތަރެސް ފައި ބަނދެ ކުޑަގޮޅިއަށްލައި، ތަޅާ އަނިޔާކޮށް އަނގަ ހައްދު ޖަހާށެކޭވެސް ނޫނެވެ. ޚިޔާލަކީ ފާޅުކުރަންޖެހޭ އެއްޗެކެވެ. ފިކުރުރަކީ ހާމަކޮށްދެވޭން ޖެހޭނެ އެއްޗެކެވެ. އެހެންނަމަވެސް މިދަންނަވަނީ ހަޅުތާލުކުރުން ފެށިގެން އައިދުވަސްވަރު ކަންކުރަމުން އައި ގޮތަށް ކަންކުރުމަކީ ޑިމޮކްރަސީއެކޭ ނުބުނެވޭނެ ވާހަކައެވެ.

މިހާރުގެ ރައީސުލް ޖުމްހޫރިއްޔާގެ ހެވިކަމުގެ ދަށުން އޭރުގެ ސަރުކާރާ އިދިކީލި ޚިޔާލުތައް ފާޅުކޮށް އިސްލާޙުކުރުމުގެ ނަމުގައި އޭރު ހަޅުތާލުގެ ހަރަކާތްތައް ފަށައިގަތެވެ. ޖުމްހޫރީ މައިދާނަށް އެތައް ބަޔަކު އެއްވެ އަޑުގަދަކުރިއެވެ. އަދި ދާދި މިދާކަށް ދުވަހުވެސް ކާބޯތަކެތީގެ އަގުތައް އުފުލި ރައްޔިތުން ހަނާވާކަމަށް ބުނެ ޒުވާނުންގެ ނަމުގައި ބަޔަކު މުޒާހަރާކުރިއެވެ. ރޭގަނޑުގެ ހަމަހިމޭންކަން ނަގާލަމުންނެވެ. މި ހުރިހާ ކަމެއްވެސް ނިމިގެން ދިޔައީ ކިހެނެތްތޯއެވެ؟ ޖުމްހޫރީ މައިދާނުގައި ހަޅުތާލު ކުރި ދުވަސްވަރުވެސް އަމަން ބަލަހައްޓާ ދެ ބޭފުޅުންގެ ބަނޑަށް ވަޅި ހަރާ މާރާމާރީ ހިންގީއެވެ. ޒުވާނުންގެ މީހުންވެސް މާލޭގެ އަމަން އަމާންކަން ނަގާލީއެވެ. އާއްމުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީއެވެ. ތާރީޚުގެ ތެރެއަށް ބަލައިލާއިރު އުސްމާނުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ ގަނޑުވަރުކޮޅަކީ ހުރަގެއަކަށް ހައްދަވާ އެކަލޭގެފާނު އެކަލޭގެފާނުގެ އަމިއްލަ ގަނޑުވަރުކޮޅުގައި ބަންދުކުރައްވާ އެންމެފަހުން ޝަހީދުކޮށްލީވެސް ހަމަ ޚިޔާލުފާޅުކުރަމުން ގޮހެވެ. މިހުރިހާ ކަމަކުންވެސް ނިކުތް އެދެވޭ ނަތީޖާއެއް އެބަ އޮތް ހެއްޔެވެ؟ ލިބުނު މޮޅެއް ކާމިޔާބީއެއް އެބަ އޮތް ހެއްޔެވެ؟

އާނނ ދޮގޭ.. 30 އަހަރުގެ ވެރިކަން ބަދަލުކުރެވިއްޖެ ޔޯލައެވެ. ރާއްޖެއަށް ‘ފުރިހަމަ’ ޑިމޮކްރަސީއެއް ގެނެވިއްޖެ ޔޯލައެވެ. ނަމަވެސް ބަދަލެއް އެކަނި ގެނައުމުން އެ ނިމުނީ ހެއްޔެވެ؟ އެ ބަދަލުގައި އެކުލެވެން ޖެހޭނެ ފޮނި ޣިޛާ އެއީ ލިބެންޖެހޭނެ އެއްޗެއްކަމަށް ޤަބޫލުކުރުމެއް ނެތް ހެއްޔެވެ؟ ވެރިކަން ބަދަލުކުރެވުނު އިރު ރާއްޖެ މިވަނީ ‘ލަދު ހަޔާތް ކެނޑިފައެވެ’. ދިވެހީންގެ ތެރޭގައި ވީ އުޚުއްވަތްތެރިކަން އަރުއްވައިގެންފައިވާ ފަދައެވެ. ރައްޔިތުން ހަނާވާކަމަށް ބުނެ ފެށި ސިލްސިލާ މުޒާހަރާތަކުންވެސް އާއްމުންނަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުންތަކާއި ވިޔަފާރިތަކަށް އައި ހީނަރުކަން ފިޔަވާ ވީކަމެއް ނުފެނުނެވެ. މިއިން ކޮންމެ ކަމަކުންވެސް ދިވެހީން އިތުރަށް ނިކަމެތި ވީއެވެ. ބައިބައި ވީއެވެ. އިޖްތިމާޢީ ފޭރާން ވީދިގެން ދިޔައީއެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހަތުރުވެރިކަމަށް ބަދަލުވެގެން ދާން ފެށީއެވެ. އުސްމާނުގެފާނުގެ ޝަހީދުކޮށްލި ހާދިސާއާއި ގުޅިގެން އިސްލާމީ ޙަޟާރާތް ނިކަމެތި ވެގެން ދިޔަ ގޮތަށެވެ.

ޑިމޮކްރަސީ އަކީ މިއީ ހެއްޔެވެ؟ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް ލިބުމަކީ މިއީ ހެއްޔެވެ؟ ހަމަ ހިލާ މިއީ އޭގެ އިދިކޮޅެވެ. މިއަދު ފެންނަމުން މިދަނީ ހުޅަނގުގެ ވަޟަޢީ ޑިމޮކްރަސީއެވެ. ޙަޤީޤީ ޑިމޮކްރަސީ އަކީ ﷲ ބާވާލެއްވި އިސްލާމީ ޝަރީޢަތް ކަމުގައި ނޫނީ ނުވާނެވެ. އަދި ޙަޤީޤީ ޑިމޮކްރަސީ ދެއްކެވި ނަމޫނާ އަކީ ރަސޫލުﷲ ގެ ފާނު ކަމުގައި ނޫނީ ނުވާނެވެ. އެކަލޭގެފާނު ޙައްޤު ޤާއިމް ކުރެއްވިއެވެ. އުނިވެފައިވާ އެތައް ބައެއްގެ އިންސާނީ ޙައްޤުތައް ހޯދައި ދިނެވެ. އަދި ހަމަ އެހެންމެ ކުރިމަތިވެ ވަޑައިގެންނެވި އެންމެހާ ގޮން ޖެހުންތަކާއި މުޝްރިކުންގެ ދުއްތުރާތަކާއި ކުރިމަތި ލެއްވީ ނުހަނު ކެރިވަޑައިގެން ހުންނަވައިގެންނެވެ. އެ ދުވަސްވަރުވެސް ޚިޔާލު ފާޅުކުރެވުނެވެ. ޚިޔާލު ތަފާތުވުންތަކާއި ކުރިމަތިވެސް ވިއެވެ. އެހެންނަމަވެސް ހަމަ ކޮންމެ ފަހަރަކު ހަނގުރާމަ ޢިއުލާނު ކުރެއްވީއެއް ނޫނެވެ. އެހެނެއްކަމަކު ދެއްކެވީ ރިވެތި ނަމޫނާއެވެ. އިސްކުރެއްވީ ނަސޭޙަތާއި މަޝްވަރާއެވެ. ސުލްޙުލް ހުދައިބިއްޔާ އަކީ މިފަދަ ރިވެތި ނަމޫނާއެކެވެ. ޙަޤީޤީ ޑިމޮކްރަސީގެ އުސޫލުތަކަކީ މިއީ ނޫން ހެއްޔެވެ؟

އެހެންކަމުން މިއަދު އަހަރެމެންވެސް ހިފަންވީ މި އުސޫލުތަކުގައެވެ. ޚިޔާލު ތަފާތު ވާހިނދު ޚިޔާލު ފާޅުކުރުމުގެ ނަމުގައި ބޮޑެތި ހަޅުތާލުތައް ހިންގައި، ތަނުގައި ހަމަނުޖެހުން ހިންގަން ވީއެއް ނޫނެވެ. އަދި ރުޅި އަންނަ ކޮންމެ މީހަކާ ދިމާއަށް އައުގުރާނަ ގޮވަން ވީއެއް ނޫނެވެ. މަސްލަޙަތު ނަގާލާ އާއްމުންނަށް އުނދަގޫކޮށް މުޅި މުޖުތަމަޢު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަންވީއެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ހުރި ހިތްހަމަ ނުޖެހުންތައް ތަހުޒީބީ ގޮތެއްގައި ބޭރުކޮށް އެކަންތައްތައް ރަނގަޅުކުރުމަށް ޝޫރާގެ ބޭނުންކުރަން ވީއެވެ. ކަންކަމުގެ މަޝްޢޫލުވެރިންނާއި އެކު އެއްމޭޒެއްގެ ދޮށަށް އައިސް ޚިޔާލު ބަދަލުކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަންވީއެވެ. އަހަރެމެންގެ ތެރޭގައި ފަހަކަށް އައިސް އަށަގަންނަމުން މިދާ ކޮންމެ ކަމެއް ހާސިލް ކުރުމަށް ހަޅުތާލުކޮށް ބަޢާވާތް ކުރުމުގެ ނާތަހުޒީބު ގޮތް ދޫކޮށްލާ ތަންކޮޅެއް ތަހުޒީބީ ސިފައެއްގައި އިސްލާޙުކުރަން މަސައްކަތްކުރަންވީއެވެ. ނެތިގެން މިދާ ހަޤީޤީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންވީއެވެ. ކަންކަން އިސްލާޙު ކުރުމަށް ހަޤީޤީ ޑިމޮކްރަސީގެ ހަރުދަނާ އުސޫލޫތައް ގެންގުޅެންވީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355