twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެކި ޢިލްމުވެރިން އެކި ގޮތަށް – މަ ހަދަންވީ ކޮން ގޮތަކަށް

Oct 9, 2011

ނަބީލް

އެކުވެރިޔަކު ފޯނުކޮށްލިއެވެ. ކަމެއްގެ ޙުކުމާ މެދު ދީނުގައި އޮންނަ ގޮތް އޮޅުންފިލުވުމަށް ސުވާލެއް ކުރިއެވެ. އަހަރެން ޢިލްމުވެރިން އެކަމުގައި ޖަވާބުދެއްވާ ގޮތަށް ބުރަވެ ހުރެ ޖަވާބުދިނީމެވެ. އޭގެ ގަޑިިއިރެއް ފަހުން އަނެއްކާ ވެސް އޭނާ ގުޅާލިއެވެ. އަދި ބުންޏެވެ. ތިމަން ޝޭޚަކަށް ގުޅާލީމާ އޭނާ ވިދާޅުވީ އެހެން ގޮތަކަށެވެ. އޭނާ ވިދާޅުވީ އެ މައުޟޫގައި ޙަދީޘެއް އައިސްފައި ނުވާ ކަމަށެވެ. އަހަރެން ބުނީމެވެ. އަހަރެން ޖަވާބުދިން މައްސަލައިގައި ޢިލްމުވެރިން ގެންނަވާ ޙަދީޘް އޮންނަނީ ޙަދީޘް ފޮތްތަކުން ކުރެ އެންމެ އިސް ފޮތްކަމުގައިވާ ބުޚާރީގައި ކަމަށް އެނގިފައިވެއެވެ. އެހާވަރުވެސް އިތުރު ވެއްޖެ ކަމަށް ހީކޮށް އަހަރެން ފުއްދާލާފައި ބުނީމެވެ. އެކުވެރިޔާއަށް ބޮޑަށް އިތުބާރު ކުރެވޭ މީހެއްގެ ބަހަށް ޢަމަލުކުރާށެވެ. އޭނާ ހިތާމަވެރި ރާގެއްގައި ބުނީ ނަބީލަށް އިތުބާރު ނުކުރާތީ ނޫން ކަމުގައެވެ. އޭނާ ހީކުރީ އަހަރެން ރުޅިއައީ ކަމުގައެވެ.

އަހަރެން މި މަޒުމޫނުގައި ދައްކާނީ އޭނާގެ ވާހަކައެވެ. އޭނާ ނުރުހޭ ފަދަ އެއްޗެއް މި މަޒުމޫނުގައި ލިޔެވުންނަމަ އެކުވެރިޔާ ހެޔޮ ހިތުން އަހަންނަށް މާފުކުރާނެ ކަމަށް ވަރަށް އުންމީދުކުރަމެވެ.

ފަހަރުގައި މި މަޒުމޫނު ލިޔާއިރު އެދުވަހު އަހަރެންނަށް ގުޅި އެކުވެރިޔާއަކީ މިއަދު އަހަރެންނަށްވުރެ ބޮޑަށް ދީނުގެ މަޢުލޫމާތު ލިބިފައިވާ މީހަކަށް ވުން ވެސް އެކަށީގެން ވެއެވެ. އުންމީދުކުރަނީ އެގޮތެވެ. ނަމަވެސް އޭރު ހަމަގައިމުވެސް އޭނައަކަށް އިތުބާރަކީ ވެސް އެއީ ނިސްބީ އެއްޗެއް ކަމާއި މީހަކަށް ވުރެ ބޮޑަށް އަނެކާއަށް އިތުބާރު ކުރެވުން އެއީ އަނެކާ އަށް އޮތް އިތުބާރު ގެއްލުވާލެވުނީ ނޫންކަމުގައިވެސް ވިސްނާލެވިފައެއް ނެތެވެ. އަދި ދީނުގައި އެއްކަމެއްގައި ދެ ދެމީހަކު ދެ ގޮތަށް ބުނެފާނެ ކަމަށް ޢަމުދުން ޚިޔާލަށް ވެސް ގެނެވިފައި ނެތެވެ. ވީއިރު ބުޚާރީ ގެ ޙަދީޘް ފޮތާއި، ޙަދީޘް ގެ ވައްތަރުތަކުން އޭނާގެ ގާތުގައި ފެށީމާ ވާނެ ގޮތެއް މަށަކަށް ވެސް ނޭނގެއެވެ. އެހެންވެގެން އޭނާއަށް ޖަވާބު ދިން ޝެއިޚް ވެސް ވަރަށް ކުރުކޮށް އެ ޖަވާބު ދެއްވީ ތިޔަ މައްސަލައިގައި ޙަދީޘެއް އައިސްފައިވާކަން އެނގެން ނެތަތީވެ، އަދި އެއީ އަޅުކަމަކަށް ބެލެވޭ ކަމަކަށްވާތީ، ސާބިތުވާން ނެތަތީވެ، އެކަން ނުކުރުމަށެވެ. ދެން އޭނާއަށް ވީ ގޮތަކީ ހިފަންވީ ކާކުގެ ބަހުގައި ކަމެއް ނޭނގުމެވެ. އަހަރެން ބުނެދިނީ އޭނާއަށް ބޮޑަށް އިތުބާރުކުރެވޭ މީހެއްގެ ބަހަށް ޢަމަލުކުރުމަށެވެ. ދެން އޭނާ އެ ޝެއިޚްގެ ބަހަށް ޢަމަލުކުރުމުން އޭނާ ޙަދީޘް ގެ މައްޗަށް ސިކުނޑި އިސްކުރީ ކަމުގައި އަހަރެން ބުނާ ނަމަ، އެއީ ދީން ނޭނގޭ އެފަކީރުގެ ޙައްޤުގައި ބުނާ އަނިޔާވެރި ބަހެކެވެ.

ނުވަތަ އަހަރެން ބުނަންވީ ދެމީހުންގެ ބަހުން ކުރެ ޙުއްޖަތުގެ ގޮތުން ވަރުގަދަ ކޮޅަކަށް ޢަމަލުކުރުމަށް ހެއްޔެވެ؟ ޙުއްޖަތާ ދަލީލުގެ ވާހަކަ ދެއްކީމާ އެވާނީ އޭނާއަށް ވަރަށް ރީތި ޢަރަބި ދެނަމަށެވެ. ގޯތި ކައިރި މީހަކަށް ލިބޭ ދަރިއަކަށް ކިޔަންވެސް އެ ދެ ނަން ރަނގަޅުކަމުގައި އޭނާ ވިސްނާނެއެވެ. އެހެންވެ އޭނާ ވަރަށް އަޑުއަހާ ހިތްވާނެއެވެ. އެކަމަކު ޢިލްމުގެ ފުންމިނާއި ޙަދީޘް ޢިލްމަކީ އަދި ދީނުގެ ޢިލްމުގެ ތެރެއިން އެއް ޢިލްމުކަމާއި އޭގައިވެސް ކިތަންމެ ތަފުސީލުތަކެއް ހުންނަ ކަމެއް، ނުވަތަ ޙަދީޘެއް އެބައޮތޭ އެބުނާ މީހާ އެބުނީ ތެދެއް ކަމެއް، ނުވަތަ އެ ޙަދީޘް ގެ މާނައަކީ ހަމަ އެއީ ކަމެއް، ނުވަތަ އެ ޙަދީޘް އެއީ ޢަމަލުކުރެވިދާނެ ޙަދީޘެއް ކަމެއް، ނުވަތަ އެބާބުގައި އެހެން ޙަދީޘެއް އޮތް ކަމެއް، އެ ޙަދީޘް ގެ ޙުކުމް މާތް ނަބިއްޔާ އެހެން ގޮތަކަށް އެހެން ޙަދީޘެއްގައި ބަޔާންކުރައްވާ، އިހުބުނެވުނު ޙަދީޘްގައި އޮތް ޙުކުމް ބާޠިލުކަން ބަޔާންކޮށް ދެއްވި ކަމެއް، ނުވަތަ އެއީ އެ ޙަދީޘް ދެގޮތަށް މާނަކުރުމަށް ޢަރަބި ބަހުގެ ޠަބީޢަތް ނިޔާކުރާ މައްސަލައެއް ކަމެއް ވެސް ނިންމަން އެނގޭނީ އޭނާއަކީ އިމާމެއްގެ ދަރަޖަލިބޭ ޢިލްމުވެރިއަކަށް ވެގެންނެވެ. އަދި މިދެންނެވި ސުވާލުތައް ވެސް އޭނާގެ ހިތަށް އަންނާނީ ވަކި ވަރަކަށް ދީނީ ޢިލްމުލިބިގެންނެވެ.

އޭނާއަށް އަހަރެން ކޮންމެފަދަ ޢަރަބި ޢިބާރާތެއް ކީނަމަވެސް އެވާނީ މުޤައްދަސް އެއްޗަކަށެވެ. އޭނާގެ ގެކައިރި ހޮޅުވައްޓަށް އަރާ މީހުންނާ އެ ސުވާލު ނުކުރީ އޭނާގެ ހަމަބުއްދިއަށް އެ ސުވާލުކުރުން އެމީހުންނަށް ވުރެ އައުލާވެގެންވަނީ އަހަރެންނާ ކަމަށް ގަބޫލުކުރެވިގެންނެވެ. ދެން މަށަށްވުރެ އެހެން މީހަކު އައުލާކަމުގައި ވެސް އޭނާ ނިންމާނީ އޭނާގެ ބުއްދިން ނޫން އެހެން ކޮން އެއްޗަކުންހެއްޔެވެ؟ ހަމަގައިމު ވެސް ޤުރުއާނުގައި ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށޭ އޮންނަ ބަސްފުޅުވެސް އޭނާއަށް އެނގޭނީ ކޮންމެވެސް މީހަކު އެ އާޔަތުގެ ތަރުޖަމާކަމުގައި ލިޔެފައި އޮއްވާ ކިޔައިގެންނެވެ. ބުއްދި ފުރިހަމަވެގެން ނޫނީ ދީނުގެ އެއްވެސް ކަމެއް ވާޖިބުނުވަނީ ހަމަގައިމު ކަމެއް ވެގެންނެވެ.

ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި ކަންކުރަން ޖެހޭ ގޮތާއި މެދު ވާހަކަދައްކަވާއިރު ޢިލްމުވެރިން މި މައްސަލައިގައި ތިން ބަޔަކަށް މީސްތަކުން ބައްސަވައެވެ. އެއްބަޔަކީ ޢިލްމު ރަނގަޅަށް އެނގިގެން ތިބޭ ޢިލްމުވެރިންނެވެ. އެބައިމީހުންނަށް އޮންނަނީ އެބައިމީހުންގެ ޢިލްމުގެ އަލީގައި އެބައިމީހުންނަށް ޔަޤީންކުރެވޭ ގޮތަށް ކަންކުރުމެވެ. އަދި އެނޫން ގޮތަކަށް އެހެން މީހެއްގެ ބަހަކަށް އެބައިމީހުން ތަބާވުން ހުއްދަވެގެން ނުވެއެވެ. އެހެނީ ޙުއްޖަތާއި ދަލީލަކީ ކޮބައިކަން މިބޭފުޅުން ދެނެވަޑައިގަންނަވައެވެ. ޙަޤީޤަތުގައި ޙުއްޖަތާއި ދަލީލަށް ތަބާވެވޭނީ މިބައިމީހުންނަށެވެ. ސަބަބަކީ އޭގެ ގޮތްތަކާއި ވައްތަރުތައް، ވިސްނައިގަނެވިފައިވަނީ މިބައިމީހުންނަށެވެ.

ދެވަނަ ވައްތަރަކީ ކިޔަވާ ކުދިންނާއި ދިރާސާކުރާ މީހުންނެވެ. ކިޔަވާކުދިންނޭ މިބުނީ މިތާނގައި ދީނީ ޢިލްމުގެ އަސާސީބައި ފަހަނައަޅާ، ދީނީ ޙުކުމްތައް ނެގުމުގެ މަޞްދަރުތަކުގެ ތެރެއަށް ވަދެވި ލޯހުޅުވިފައި ތިބޭ ކިޔަވާކުދިންނަށެވެ. މިބައިމީހުންނަކީ ދީނުގެ ތަސައްވުރެ ލިބިފައި ތިބޭ މީހުން ކަމުން ޢިލްމުވެރިންގެ ބަސްފުޅުތައް އަޅާކިއުމާއި ދިރާސާކުރުމަކީ މިބައިމީހުން ކުރަންޖެހޭ ކަމެކެވެ. އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން ރަނގަޅު ރައުޔެއް ނިންމާ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަކީ މިބައިމީހުންނަށް ކުރެވިދާނެ ކަމަކެވެ.

ތިންވަނަ ވައްތަރަކީ އަޅުގަނޑު ގެ އެކުވެރިޔާއާ އެއް ފެންވަރުގެ މީހުންނެވެ. އާއެކެވެ. މިބައިމީހުންވެސް ތަބާވާންޖެހޭނީ ޤުރުއާނާއި ޙަދީޘަށެވެ. އެކަމަކު މިބައިމީހުންނަށް އެކަންކުރެވޭނީ ޢިލްމުވެރިއެއްގެ އެހީގައެވެ. އެހެންވެގެން ޢާންމު މީސްމީސްހުންގެ މަޒުހަބަކީ ވަކި މަޒުހަބެއް ނޫންކަމާއި އެބައިމީހުންނަށް އެއިރެއްގައި ދީނުގެ ޙުކުމް ބުނެދެއްވާ ޢިލްމުވެރިޔާގެ މަޒުހަބުކަމުގައި މާކުރީއްސުރެ ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާފައެވެ.

ބައެއް ކުދީންނަށް މިކަން އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ބައެއް ކުދިންނަށް ޢާންމު މީހާއާ ޢިލްމުވެރިޔާ އާ ލެވެނީ އެއް ދަރަޖައަކަށެވެ. އެކަމަކު ޙުއްޖަތާއި ދަލީލަކީ ޢާންމުންނަށް އޭގެ ޙަޤީޤަތް ދަނެގަނެވޭނެ އެއްޗެއް ނޫނެވެ. ހަމައެފަދައިން ޢާންމު މީހުންނަކަށް ދެ ޢިލްމުވެރިޔަކު ކުރައްވާ ބަހުސެއްގައި ކިތަންމެ ގިނަ ޙުއްޖަތަކާއި ދަލީލެއް ގެނަޔަސް، އެ ދަލީލުތަކުގެ ޢިލްމީ ބުރަދަނެއް ވަތްކެއް ނުކުރެވޭނެއެވެ. ނަމަވެސް ބުއްދިން އެ ދެމީހުންކުރެ ހޭޖެހޭ ވާހަކަދައްކަނީ ކާކުކަމެއް ދެނެގަނެވިދާނެއެވެ. ވީމާ އެގޮތުގެ މައްޗަށް އޭނާ ވަކި ޢިލްމުވެރިއަކަށް ތަބާވުމީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނޫނީ ނުބުނެވޭނެއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ ދެ ޢިލްމުވެރިން ދެ ގޮތަށް ވިދާޅުވާ މައްސަލަތަކުގައި ޢާންމު މީހާ ގޮތް ކަނޑައެޅުމުގައި ބަލަންޖެހޭނީ އޭނާއަށް ބޮޑަށް އިތުބާރުކުރެވޭ ޢިލްމުވެރިއަކަށް ތަބާވުމަށާއި ދެ ޢިލްމުވެރިންގެ ވާހަކަ ބުއްދިން އަޅާކިއުމަށެވެ. އެޔަކީއެއް ޙަދީޘާއި އާޔަތުގެ މައްޗަށް ބުއްދި އިސްކުރުމުގެ ތެރެއަށް ވަންނާނޭ ކަމެއް ނޫނެވެ. އެހެންނޫން ހުރިހާ ޢިލްމުވެރިން އެއްބަސްވާ ކަންކަމުގައި ދީން ނުކިޔަވާހުރި މީހަކު އޭނާގެ ބުއްދިއަށް ފެންނަހާ ގޮތަކަށް ވާހަކަދެއްކުން އެއީ އަދި މުޅީން އެހެން މައުޟޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355