twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން މޮޅުވެ ދިރާގު ފެށުން ރަނގަޅު ކޮށްފި

Oct 9, 2011

.

– ދެވަނަ މެޗުގައި ފަޔަރ ޓީމު ވަނީ ޖަލާލުއްދީން ސްކޫލު ބަލިކޮށްފައި.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ޒިގްޒެގް ފޮރ ޔޫތު ލިންކޭޖުން ބާއްވާ، ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ދިރާގު މޮޅުވެއްޖެއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) އާއި ބައްދަލުކޮށް ދިރާގު މޮޅުވެފައިވަނީ 6-0 ކުންނެވެ. ގިނަ ވަގުތު ދިރާގުން ޑޮމިނޭޓް ކޮށްގެން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައިވެއެވެ. އެއީ ފުރަތަމަ ހާފުގެ އަށެއް އަދި ނުވަވަނަ މިނެޓްގައި ދިރާގުގެ އަސްވަދު ރަޝީދު ޖަހައިދިން ދެގޯލެވެ.

އަދި ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި އަހުމަދު ދާއޫދު ލީޑު ފުޅާކޮށްދިން އިރު، ދިހަ ވަނަ މިނެޓްގައި މުހައްމަދު އިބްރާހިމް ވަނީ ގޯލެއް ޖަހާފައެވެ. މެޗުގެ ފަހު ހާފުގެ 18 ވަނަ މިނެޓްގައި ދިރާގުގެ 11 ނަންބަރު ޖޯޒީގައި ކުޅުނު އަސްވަދު ވަނީ އޭނާގެ ތިންވަނަ ގޯލުޖަހައި ހެޓްރިކް ހަދާފައެވެ. އަދި ހަވަނަ ލަނޑު ޖަހާފައިވަނީ އޭގެ މިނެޓެއް ފަހުން މުހައްމަދު އިބްރާހިމް އެވެ.

މިމެޗްގެ މޭން އޮފް ދަމެޗްގެ މަގާމު ހޯދާފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދިރާގުގެ އަސްވަދު ރަޝީދު އެވެ.

މިރޭ ކުޅެވުނު ދެވަނަ މެޗުގައި އޮބްޒިލަރީ ފަޔަރ ޓީމާއި ޖަލާލުއްދީން ސްކޫލު ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 9-4 ކުން ކާމިޔާބު ކޮށްފައި ވަނީ ފަޔަރ ޓީމެވެ. މިމެޗުގެ ފުރަތަމަ ހާފުގެ ދިހަ ވަނަ މިނެޓްގައި ފަޔަރ ޓީމުގެ އަބްދުއްލަތީފް އަލީ އެޓީމަށް ލީޑު ނަގާދީފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަލާލުއްދީން ޓީމުގެ އަބްދު ﷲ އާދަމް ދެ ލަނޑު  ޖަހައި ފަހަތުން އަރާ ޖަލާލުއްދީން ޓީމަށް ލީޑު ހޯދާދީފައެވެ. ނަމަވެސް ފަހު ހާފުގައި ކުޅެން ނުކުމެ ފަޔަރ ޓީމުގެ ކުޅުން ވަރުގަދަކޮށް އިތުރު 7 ލަނޑު ޖަހާފައިވެއެވެ. އެޓީމަށް ގޯލުތައް ޖަހައިދިނީ މުޅި މެޗުގައި 5 ލަނޑު ޖަހައި މޭން އޮފް ދަ މެޗުގެ މަގާމް ހޯދި އަބްދުއްލަތީފް އަލީ އާއި މުހައްމަދު ހަސަނާއި އާދަމް ނަސީރާއި އަނިލް އަހުމަދެވެ. އަނިލްވެސް ވަނީ މިމެޗުގައި 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޖަލާލުއްދީން ޓީމަށް ފަހު ހާފުގައި ގޯލް ޖަހައިދިނީ ހަސަން ސޮބާހުއާއި އިބްރާހިމް ރަޝީދެވެ. މިމެޗުގައި ފަޔަރ ޓީމުގެ އާދަމް ނަސީރަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މުބާރާތުގައި މާދަމާރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔޫޓިލިޓީސް އާއި ތައުލީމީ މަރުކަޒެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ ޕޯޓާއި ކަސްޓަމްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355