.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ޒިގްޒެގް އިން ބާއްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް ބައްދަލުކުރި މެޗު 2-2 ކުން އެއްވަރު ވިއިރު އަފީފުއްދީން ސްކޫލުން ވަނީ ފެން ކުންފުނި ބޮޑު ތަފާތަކުން ބަލިކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް އާއި ބައްދަލުކޮށް ބަލިވެފައި ވުމުން މިރޭގެ މެޗަށް ޕޯޓް ގެ ޓީމު ނުކުމެފައި ވަނީ މެޗު ވަރަށް ސީރިއަސްކޮށް ނަގައިގެންނެވެ. ނަމަވެސް މެޗު ފަށައިގެން މާގިނައިރު ތަކެއް ނުވަނީސް މެޗުގެ ލީޑު ނަގާފައި ވަނީ ހޮސްޕިޓަލް އިންނެވެ. މެޗުގެ ތިން ވަނަ މިނެޓްގައި ހޮސްޕިޓަލްއަށް ގޯލު ޖަހައިދިނީ މުހައްމަދު ހަސަން (ގޮމޭ) އެވެ. މެޗުގެ ކުރީކޮޅު ހޮސްޕިޓަލްއިން ގޯލެއް ޖަހައި ކުރިހޯދި ކަމުގައި ވިޔަސް، ޕޯޓުގެ ކުޅުންތެރިން ވަނީ ގިނަ ވަގުތު މެޗު ޑޮމިނޭޓްކޮށް ފުރުސަތު ތައް ހޯދާފައެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެންވެސް މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް ފެނުނީ ހޮސްޕިޓަލްގެ މުހައްމަދު ގާސިމް ގޯލެއް ޖަހައި ލީޑު ފުޅާކުރިތަނެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޕޯޓުގެ އުއްމީދަށް ދިރުމެއް ލިބުނީ ފަހު ހާފުގައި ހޮސްޕިޓަލް ޓީމުގެ ފަސް ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އެޓީމުގެ މުހައްމަދު ހަސަން (ޕޯޓޭ) ގޯލަށް ވައްދާލުމުންނެވެ. އޭގެ ކުރިންވެސް ޕޯޓަށް ޕެނަލްޓީއެއް ލިބުން ކަމުގައި ވިޔަސް، ގޯލަކަށް ބަދަލުކޮށްނުލެވި ވަނީ ބޭކާރު ވެފައެވެ. މެޗުގެ ނަތީގައި ހަމަކޮށްދިނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ހަސަން އާދަމް ވަރަށް ހަނި އޭންގަލްއަކުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޯޓު ޓީމުގެ ކެޕްޓަންކަން ކުރި މުހައްމަދު ހަސަން (ޕޯޓޭ) އެވެ.
މިރޭ ކުޅެވުނު ފަހު މެޗުގައި އަފީފުއްދީން ސްކޫލުން ވަނީ އެމް.ޑަބްލިޔު.އެސް.ސީ އާ ބައްދަލުކޮށް 2-8 ކުން މޮޅުވެފައެވެ. މިމެޗުގައި ކުޅުދުއްފުށީ މަގުލަސް ކުލަބްގެ ފޯވާޑަކަށް ކުރިން ކުޅުން އަހުމަދު މޫސާ ވަނީ އަފީފުއްދީން ސްކޫލަށް ހަތަރު ގޯލު ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އަހުމަދު ހުސެއިން ދެ ގޯލު ޖަހާފައި ވާއިރު އަނެއް ދެގޯލް ޖެހީ އަބްދު ﷲ މުހައްމަދެވެ. އެމްޑަބްލިއުއެސްސީގެ ދެގޯލް ޖަހައިދިނީ މުހައްމަދު ގާސިމް އާއި މުހައްމަދު އަހުމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފީފުއްދީން މިރޭ މޮޅުވުމުގައި ބޮޑު ދައުރެއް އަދާކުރި އަހުމަދު މޫސާއެވެ. މިމެޗުގައި އަފީފުއްދީންގެ އަބްދު ﷲ މުހައްމަދަށާއި އެމްޑަބްލިއުއެސްސީގެ މުހައްމަދު އަހުމަދަށް ރީނދޫ ކާޑު ދެއްކިއެވެ.
މިމުބާރާތުގައި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދިރާގާއި ޕޮލިހެވެ. އަދި ދެވަނަ މެޗުގައި އެސްޓީއޯއާއި ފަޔަރ ބައްދަލު ކުރާނެ އެވެ.