.
ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ހޮސްޕިޓަލު ކުޅުނު ދެވަނަ މެޗުގައި ކަސްޓަމްސްއާ ވާދަކޮށް އެއްވަރުވެގެން މެޗު ނިންމާލައިފި އެވެ.
ރޭ ކުޅެވުނު ފަހު މެޗުގައި އެންމެ ވަރުގަދަ ގްރޫޕުގެ ގޮތުގައި ބެލެވެމުން އަންނަ ގްރޫޕް 4 ގެ މި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު މެޗު ފެށުނުތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހޮސްޕިޓަލުން ވަނީ 2 ލަނޑު ޖަހާފައި އެވެ. އެގޮތުން މެޗުގެ 2 ވަނަ މިނިޓްގައި ހޮސްޕިޓަލް ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި އަހުމަދު އާދަމް ލަނޑެއް ޖަހާ އޭގެ 3 މިނިޓް ފަހުން ހޮސްޕިޓަލު ޓީމުގެ އަހުމަދު ގާސިމް ވެސް ވަނީ ލަނޑެއް ޖަހާފައި އެވެ.
މޮޅުވާން ދިޔަ ހޮސްޕިޓަލް ޓީމު ފަހަތުން އަރާ ހިފަހައްޓާފައިވަނީ ކަސްޓަމްސް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފަތުހުﷲ ޢާދަމް ޖަހައިދިން 2 ލަނޑުންނެވެ. ފަތުހުﷲ ކަސްޓަމްސް ސަލާމަތްކޮށްދިނީ މެޗުގެ 12 އަދި 36 ވަނަ މިނިޓްގައި ޖެހި 2 ލަނޑުންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓްމްސް އަށް 2 ލަނޑު ޖަހައިދިން ފަތުހުﷲ އާދަމް އެވެ.
ރޭ ކުޅެވުނު ފުރަތަމަ މެޗުގައި އަފީފުއްދީން ސްކޫލު ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ޖެހި އަދަދަށް ގޯލް ޖަހައިގެން ޔުޓިލިޓީސް ކުންފުނީގެ މައްޗަށް ކުރި ހޯދާފައި އެވެ. 8-4 ލަނޑުގެ ބޮޑު ތަފާތަކުން އަފީފުއްދީން މޮޅުވި މިމެޗުގައި އަފީފުއްދީން ސްކޫލުގެ އަހުމަދު ހުސެއިން އާއި އަހުމަދު މޫސާ ވަނީ ހެޓްރިކް ހަދާފައި އެވެ. އޭގެ އިތުރުން އަފީފުއްދީނަށް އަބުދުﷲ މުހައްމަދު ވެސް ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިމެޗުގައި ޔުޓިލިޓީސް ކުންފުނި ޖެހި 4 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖަހާދީފައިވަނީ މޫސާ ފަތުހީ އެވެ. އަނެއް 2 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހަސަން ޚާލިސް އާއި ހަސަން ޚާލިދު އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު މެޗުތަކުގައި ފަޔަރ ޓީމާ ބައްދަލުކޮށް އެސްޓީއޯ މޮޅުވިއިރު، ޕޮލިހުން ވަނީ ވަރުގަދަ ދިރާގުގެ މައްޗަށް ކުރިހޯދާފައެވެ.
މިމުބާރާތުގައި މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި ގައުމީ އިދާރާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާއި ރަށު ކައުންސިލް އިދާރާގެ ޓީމެވެ.