– ތައުލީމީ މަރުކަޒުން ފެން ކުންފުނި ކޮޅަށް ލަނޑު ގޯންޏެއް
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވަރުގަދަ ކަސްޓަމްސް އާބައްދަލުކޮށް ހޮސްޕިޓަލް އިން 6-1 ކުން މޮޅު ވެއްޖެއެވެ.
ގްރޫޕް ޑީ ގައި ހޮސްޕިޓަލް އިން ކުޅުނު ފުރަތަމަ ދެމެޗުގައި ވެސް ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ބައިކޮޅަށް ދެގޯލު ވަދެ އެއްވަރު ވެފައިވާ ހޮސްޕިޓަލްގެ ޓީމު ރޭ މެޗު ފަށައިގެން ފުރަތަމަ ސިކުންތު ކޮޅު ތެރޭގައި ވަނީ ލީޑު ނަގާފައެވެ. މިލަނޑު ހޮސްޕިޓަލް އަށް ޖަހައިދިނީ ރޭގެ މެޗުގައި ހެޓްރިކް ހެދި މުހައްމަދު ހަސަން (ގޮމޭ) އެވެ. ހޮސްޕިޓަލް އިން ފުރަތަމަ ސިކުންތު ކޮޅުގެ ތެރޭގައި ގޯލެއް ޖެހިކަމުގައި ވިޔަސް، އޭގެ ދެމިނެޓް ފަހުން ކަސްޓަމްސްގެ ފަތުހު ﷲ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވަނީސް ހޮސްޕިޓަލްގެ އަހުމަދު ޤާސިމް ގޯލެއް ޖަހައި ލީޑު ނަގައިދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހުމަދު އާދަމް ގޯލެއް ޖަހައި ހޮސްޕިޓަލްގެ ލީޑު ފުޅާކޮށް ރޭގެ މެޗަކީ ތަފާތު މެޗެއްކަން ބެލުންތެރިންނަށް އަންގައިދިނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދެން ފެނިގެން ދިޔައީ ހޮސްޕިޓަލްގެ ޓީމުން ފުލުފުލުގައި ލަނޑު ޖަހަމުން ދިޔަތަނެވެ. މިހާފުގެ 10 ވަނަ މިނެޓާއި 11 ވަނަ މިނެޓްގައި މުހައްމަދު ހަސަން ވަނީ އިތުރު ދެގޯލު ޖަހާ މޭން އޮފް ދަ މެޗް ގެ މަގާމް ހޯދާފައެވެ. ހޮސްޕިޓަލްގެ ފަހުގޯލު ޖެހީ ފަހު ހާފުގެ ސޯޅަ ވަނަ މިނެޓްގައި އަހުމަދު ގާސިމްއެވެ. މިމޮޅާއެކު ހޮސްޕިޓަލްއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެފައެވެ.
ރޭގެ ފަހުމެޗުގައި ތައުލީމީ މަރުކަޒުން ވަނީ 8-1 ކުން ފެން ކުންފުނި ބަލިކޮށް ފުރަތަމަ މެޗުގައި ޔޫޓިލިޓީސް އަތުން ބަލިވި ބަލިވުން މަތިން ހަނދާން ނައްތަލާފައެވެ. މިމެޗުގައި ތައުލީމީ މަރުކަޒުން ޖެހި 8 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ މުހައްމަދު އަބޫބަކުރެވެ. މީގެ އިތުރުން އަހުމަދު އަބްދު ﷲ ދެ ލަނޑު ޖެހިއިރު ޚާލިދު އާދަމް ވެސް ވަނީ ގޯލެއް ޖަހާފައެވެ.
މިމުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ދިރާގާއި ރަށު ކައުންސިލް ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ ފަޔަރ އާއި ގައުމީ އިދާރާއެވެ.