twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުރިމަގު – ލާމަރުކަޒީ އުޞޫލުން ހިންގާއިރު!

Oct 29, 2011

.

އާ ގާނޫނުއަސާސީއާއެކު ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލެވެ. ރާއްޖޭގެ ރަށްތައް އަތޮޅުތަކަކަށް ބަހާލާފައި އޮންނައިރު އެއިން ކޮންމެ އަތޮޅެއް އަދި ކޮންމެ ރަށެއް ހިންގަމުން އައި ގޮތަށް ގެނެވުނު “ޒަމާނީ” ބަދަލެވެ. އަތޮޅު ވެރިޔާ އާއި ރަށްރަށުގެ ކަތީބުންގެ ބަދަލުގައި އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ. ރަށު އޮފީހާ އަތޮޅު އޮފީހުގެ ބަދަލުގައި ރަށު ކައުންސިލް އިދާރާއާއި އަތޮޅު ކައުންސިލުގެ އިދާރާއެވެ.

ހަމަ ޔަގީނުންވެސް ނަމަށް ބަދަލު އައިސްފިއެވެ. ކުރިން ރައީސުލްޖުމޫހުރިއްޔާ އައްޔަންކުރާ އަތޮޅުވެރިންނާއި ކަތީބުންގެ ބަދަލުގައި އެއަތޮޅެއްގެ ނުވަތަ އެރަށެއްގެ ރައްޔިތުން އިންތިހާބުކުރާ އަތޮޅުވެރިންނާއި (އަތޮޅު ކައުންސިލަރުން) ކަތީބުން (ރަށު ކައުންސިލަރުން) ނެވެ.

އަތޮޅުތަކާއި ރަށްރަށް ހިންގަމުން އައި ގޮތް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ އެބައެއްގެ މައްޗަށް އަމުރުކުރަން ހުންނަ ވެރިއަކީ، ނުވަތަ އެބައެއްގެ ކަންކަން ހިންގަން ހުންނަ ވެރިމީހަކީ އެބައެއްގެ ތާއީދާއި ރުހުމާއެކު އައްޔަންކުރެވޭ ނުވަތަ އިންތިހާބު ކުރެވޭ މީހަކަށް ހެދުމެވެ. މައިގަނޑު އަދި އެންމެ ބޮޑު ބަދަލަކަށް ވީ މިދެންނެވި ބަދަލެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައިއިރު މިބަދަލުތަކާއެކު އިތުރު މަސްހުނި، އޮޅުން ބޮޅުން ބޮޑު، ހަރަދު ބޮޑު ނިޒާމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ.

މިހާތަނަށް އައިއިރު ލާމަރުކަޒީ ގާނޫނުގައި އޮތް އެންމެ ބޮޑު އެއް ގޯހަކީ ބޮޑު މުސާރަލިބޭ ގިނަ ކައުންސިލަރުންތަކެއް ކޮންމެ ރަށެއްގައި އަދި ކޮންމެ އަތޮޅެއްގައި ތިބެން ޖެހުމެވެ. މިހާރު އެކައުންސިލަރުންނަށް ދެވޭ މުސާރައަށް ބަލާއިރު އެއިން ކޮންމެ ކައުންސިލަރަކުވެސް އޮފީހަށް ނުކުމެ މަސައްކަތް ކުރުން އެއީ މައްސަލައެއް ކަމުގައި ނުދެކެމެވެ. އެކަމަކު ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އެގާނޫނާ ބެހޭގޮތުން ދެއްކި ވާހަކަތަކާއި މިއަދު ފެންނަ މަންޒަރުތަކާ ހާސްބައި ތަފާތެވެ.

ކައުންސިލްތަކުން ނިންމަން ޖެހޭ ކުދިކުދި ނިންމުންތައްވެސް ކައުންސިލު ބައްދަލުވުމެއް ބާއްވާ ފާސްކުރަންޖެހުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވިދާނެ އެވެ. އެހެންނަމަވެސް، އީދު ކުޅިވަރަށް އަތޮޅު ކައުންސިލުގެ ސައުންޑް ސިސްޓަމް ލިބޭތޯ ރަށެއްގެ ބަޔަކު ފޮނުވާ ސިޓީއަށް ޖަވާބު ދެވެނީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިގެން ކަމަށް ވެއްޖެނަމަ އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރަށެއްގެ ހެލްތު ސެންޓަރެއްގެ މުވައްޒަފަކު ރިސްކު އެލެވަންސް ހޯދަން އަތޮޅު ކައުންސިލުގައި ދެންނެވެމުން އެއަށް ޖަވާބުދޭން ކައުންސިލު ބައްދަލުވުމެއް ބާއްވަން ޖެހުމަކީ މިގެނައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މަފްހޫމާ ފުށުއަރާ ކަމެކެވެ.

ކައުންސިލު ބައްދަލުވުންތަކުގައި ނިންމަންޖެހޭނީ ކަންކަމުގައި އަމަލުކުރާނެ މައިގަނޑު އުޞޫލުތަކެވެ. އެބައްދަލުވުންތަކުގައި މަޝްވަރާކުރެވެންޖެހޭނީ ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކާއި ރަށުގައި ހުރި ނުވަތަ އަތޮޅުގައި ހުރި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރުމުގެ ވާހަކައެވެ. ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެވެން ހުރި ކަންކަމުގެ ވާހަކައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ ވެއްޓެއް ގާއިމުކޮށްދިނުމުގެ ވާހަކައެވެ. ރައްޔިތުންގެ މުދަލާ ފައިސާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިމާޔަތްކޮށް ދިނުމުގެ ވާހަކަތަކެވެ. އަދި މިނޫނަސް ކުރިމަގަށް ކުރެވެން ހުރި މުހިއްމު ކަންތައްތަކުގެ ވާހަކައެވެ.

އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަކީ ގާނޫނަކުން ބާރު ލިބިގެން އުފައްދާފައިހުރި މުއައްސަސާތަކެކެވެ. އަދި އެކައުންސިލްތަކަށް ހޮވާ މެމްބަރުންނަކީވެސް ގާނޫނަކުން ބާރުލިބިގެން އިންތިހާބުކޮށްފައިވާ ކައުންސިލަރުން ތަކެކެވެ. އެކައުންސިލަރުން ރަސްމީ ހައިސިއްޔަތުން ކުރެވޭނެ ކަންތައްތަކާއި ކުރަންޖެހޭނެ ކަންތައްތައް ގާނޫނުގައި ލިޔެވިފައި ވެއެވެ. ކަންމިހެން އޮތްއިރުވެސް ކައުންސިލުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު ކައުންސިލުތަކުގެ މެންޑޭޓް ބައެއް ކައުންސިލްތަކަށް ފަހުމް ނުވާކަން ފާހަގަކުރެވެއެވެ. ކޮންމެ ފަދަ ކަމެއްގައި ވެސް ގަރާރުތައް ފާސްކޮށް ބަޔާންތައް ނެރެ ހަދަނީ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އެތެރޭގެ ކަންކަމާއި އަމިއްލަ މީހުންގެ ޒާތީ ކަންކަމާއި ރަސްމީ ހައިސިއްޔަތުން ބެހި ހަދަނީ އެވެ. މިފަދަ ކަންކަން ހިނގުމުގައި އެރަށެއްގެ ރައްޔިތުންގެ ހިއްސާވެސް ބޮޑެވެ. މިސާލެއްގެ ގޮތުން، ހދ އަތޮޅު ކައުންސިލަށް ބައެއް ރައްޔިތުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު އަތޮޅު ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތު އަދި ކައުންސިލްތަކުން ކުރަންޖެހޭ އަދި ކުރެވޭނެ ކަންތައްތައް އެރައްޔިތުންނަށް ނޭގޭކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކައުންސިލްތައް އުފެދި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ފަށައިގަނެގެން އުޅޭއިރު މައްސަލަތަކެއް ހުންނާނެވެ. އެހެނަސް ތިން ހަތަރު މަސްވެގެންދާއިރު ކައުންސިލްތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު ކައުންސިލަރުންނަށް ނޭގޭނަމަ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ލިޔަންކިޔަން އެނގޭ މީހެއްނަމަ ލާމަރުކަޒީ ގާނޫނު އެއްފަހަރު ކިޔާލައިގެންވެސް ވަރަށް ސާފުކޮށް ކައުންސިލްތަކުގެ މަސްއޫލިއްޔަތު އެނގޭނެ އެވެ. އެހާވެސް ތިލަކޮށް އެގާނޫނުގައި އެކަންތައްތައް ބަޔާންކޮށްދީފައި ވެއެވެ.

ލާމަރުކަޒީ އުޞޫލުން އަތޮޅުތަކާއި ރަށްރަށް ހިންގަން ފަށާފައިވާ މިދުވަސްވަރު މިކަންކަމާމެދު އާންމުން ހޭލުންތެރިކުރުވަން ޖެހެއެވެ. ކައުންސިލަރުންގެ އިތުރުން އާންމު ރައްޔިތުންނަށް އެރައްޔިތުންގެ ހައްގުތަކާއި ޒިންމާ އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އެހެންނޫނީ ގާނޫނީ ނިޒާމަށް މިއައި ބޮޑު ބަދަލު ރައްޔިތުންނާއި ދައުލަތަށް ބޮޑު ބުރައަކަށް ވެދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355