twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކެންސަރު ބަލީގައި ދުނިޔެ ދޫކުރި މަޝްހޫރު ބައެއް ފަރާތްތައް

Nov 2, 2011

.

ބަދުރުއްދީން ޙަސަން

ކެންސަރު ބައްޔަކީ އެބައްޔެއް ޖެހިއްޖެ ނަމަ ދިރިއުޅުމާ މަރާ ދެމެދުގައި ހަނގުރާމަ ކުރަން ޖެހޭ ވޭންދެނިވި ކަންތައްތަކެއް އެކުލެވިގެންވާ ބައްޔެކެވެ. ކެންސަރު ޖެހޭކަށް ވަކި އުމުރެއް ނޯވެއެވެ. މުއްސަންޖެއް ފަގީރެއް ނޯވެއެވެ. އަދި އެބަލި ޖެހޭކަށް މޮޅު މީހެއް ދެރަ މީހެއް ނުވެއެވެ. ނަމަވެސް އެކިމީހުންގެ ފުދުންތެރިކަން ހުންނަ ވަރުން އެބައްޔާ އެމީހަކު ކުރާ ހަނގުރާމަ ތަފާތުވެއެވެ. ތަންކޮޅެއް ފައިސާވެރި މީހެއް ނަމަ ގިނަ ފައިސާ ހަރަދުކޮށްގެން ބަލީގެ ކެކުޅުންތަކުން ސަލާމަތް ވޭތޯ ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނިކަމެތި ފަގީރެއް ނަމަ ޖެހިގެން އުޅެނީ ކޮންކަހަލަ ބައްޔެއް ކަންވެސް ނޭނގި އުޅެނިކޮށް ދުނިޔެ ދޫކުރަން ޖެހެއެވެ. ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން ކެންސަރުގެ އެކިބާވަތްތަކުގައި ދުނިޔެ ދޫކުރި 7 މީހަކަށް މިލިޔުމުގައި އަލި އަޅުވާލާނަމެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެނގޭ މީހުން ކަމުގައި ވިޔަސް ބައެއް މީހުންގެ އަޑު ނުއިވިވެސް އޮވެދާނެއެވެ.

ސްޓީވް ޖޮބްސް

ސްޓީވް ޖޮބްސް އޭބުނުމުން ނޭނގޭ މީހަކު މިހާރު ނުހުންނާނެއެވެ. އެޕަލް ކުންފުނި އުފައްދާ ޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބެއް ގެނައި ސްޓީވް ޖޮބްސް އަކީ އެހެންމީހުންގެ ވިސްނުމާއި ތަފާތު ވިސްނުންތަކެއް ބޭނުންކޮށްގެން އެހެން މީހުން ހިޔާލު ނުކުރާފަދަ ޑިޒައިން ތަކަކާއި އުފެއްދުންތަކެއް އަހަރެމެންނާ ހަމައަށް ގެނެސްދިން މޭސްތިރިއެކެވެ. ބަލިހާލު ހުރިގޮތުން މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ބުނެ އެޕަލްގެ އިސްވެރިޔާގެ މަގާމުން ދުރަށްގޮސް ހުއްޓައި އެޕަލްގެ އައިފޯން 4 އެސް ނެރުން ދުވަސް ނޫން އަނެއް ދުވަހު ސްޓީވް ޖޮބްސް ދުނިޔެ ދޫކުރީ ތިން އަހަރު ދުވަސްވީ ކެންސަރު ބަލީގައެވެ.

ޕެޓްރިކް ވޭން ސްވޭޒް

މަޝްހޫރު ޑެމީ މޫރު އާއެކު ޖިންނިއެއް ލޯބީގެ ގުޅުމެއް ބާއްވާ ފިލްމެއް ހަނދާން ވޭހެއްޔެވެ. 1990 ގައި މަޝްހޫރު ވި ފިލްމް “ގޯސްޓް” ގައި ޖިންނި އެއްގެ ބައި އަދާކޮށްގެން މަޝްހޫރުވި ޕެޓްރިކް ސްވޭޒް އަކީ “ދުނިޔޭގައި ހުރި އެންމެ ސެކްސީ ފިރިހެން މީހާ” ގެ މަގާމަށް 1991 ވަނަ އަހަރު އެމެރިކާގެ ޕީޕަލްސް މެގަޒިންއިން ހޮވާފައިވާ މީހެކެވެ. 2008 ވަނަ އަހަރު ޕެންކްރިއެޓިކް ކެންސަރު ޖެހި ބައްޔާއި ހަނގުރާމަ ކުރަމުން ގޮސް އޭނާ ދުނިޔެ ދޫކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.

ފަރަހް ލެނީ ފޯސެޓް

ޗާލީސް އޭންޖަލްސް ކޮންމެ މީހަކުވެސް ބަލާފައި ވާނެކަމަށް ބެލެވެއެވެ. މިހާރުގެ ޗާލީސް އެންޖެލްސް އަކީ ޑްރޫ ބެރީމޫރ، ލޫސީ ލިއު އަދި ކެމަރޮން ޑިއަޒް ކަމުގައި ވިޔަސް ހަގީގީ ޗަލީސް އެންޖެލް އަކީ ފަރަހް ފޯސެޓެވެ. 2006 ގައި އެނަލް ކެންސަރު ޖެހި ގިނަ ދުވަސްތަކެއް ވަންދެން އެބަލީގައި އުޅުމަށްފަހު ފަރަހް ދުނިޔެ ދޫކުރީ 2009 ވަނަ އަހަރުއެވެ.

ވޭން މެކްލަރެން

މަލްބަރޯ މޭން އޭ ބުނުމުން ޔަގީނުންވެސް ކައުބޯއީ ހެޓެއް އަޅައިގެން އަސްދުއްވާފައި ދާ މީހެއް ކޮންމެ މީހެއްގެ ވެސް ސިކުނޑިއަށް އަންނާނެއެވެ. މަލްބަރޯ އިޝްތިހާރުތައް ކުޅުން މަލްބަރޯ މޭން އަކީ ވޭން މެކްލަރެންއެވެ. މޮޑެލްއެއްގެ ގޮތުންނާއި ސްޓަންޓް ހަދާމީހެއްގެ ގޮތުން މަޝްހޫރު ވުމުގެ އިތުރުން ރޯޑިއޯ ޕާފޯމަރ ވޭން މެކްލަރެން ވަނީ އޭނާއަށް ލަންގް ކެންސަރު ނުވަތަ ފުއްޕާމޭގެ ކެންސަރު ޖެހުންކަން އެނގުނު ދުވަހުން ފެށިގެން ދުންފަތާއި ދެކޮޅަށް ކެމްޕެއިންތަށް ފަށާފައެވެ. އޭނާ މަރުވެފައިވަނީ އެބަލީގައި ވަރަށް ވޭނާއި ކެކުޅުމުގައި އުޅުމަށް ފަހުއެވެ.

ވޮލްޓަރ އެލިއަސް “ވޯލްޓް” ޑިސްނީ

ޒަމާންތަކަކަށް ދެމިގެންދާ ފަދަ ޝައުގުވެރި ކާޓޫނު ކުރެހުމާއި ތަފާތު ކެރެކްޓަރތައް އުފެއްދުމުގައި އެންމެ މޮޅީ ވޯލްޓް ޑިސްނީ އޭ ބުނުމުން އެއަށް ދެކޮޅު ހަދާނެ މީހެއް ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. 1928 ވަނަ އަހަރު “މިކީ މައުސް” ތައާރަފްކުރި ހިސާބުން އޭނާގެ ކާމިޔާބީ ތަކަކީ ނިމުމެއް އައިސްފައިވާ ކާމިޔާބު ތަކެއް ނޫނެވެ. ކެންސަރު ބަލީގައި 1966 ގައި ދުނިޔެ ދޫކުރިކަމުގައި ވިޔަސް “މިކީ މައުސް” ފަދަ ކެރެކްޓަރ ތައް އަދިވެސް އަހަރެމެން ދޫކޮށްފައި ނުވެއެވެ.

ޗާލްސް މޮންރޯ ޝަލްޒް

މަޝްހޫރު ކޮމިކްތައް ކަމުގައިވާ ޗާލީ ބްރައުން، ސްނޫޕީ، ވުޑްސްޓޮކް ނޫސްތަކުގައި އެންމެ ފުރަތަމަ ޕަބްލިޝްކުރި މޮންރޯއަކީ ކޮމިކް ކިއުމަށް ޝައުގުވެރިވި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހީރޯއެވެ. އޭނާގެ ސަމާސާ އަދި މަޖާ ކޮމިކްތަކަކީ އަބަދުވެސް މީހުން އިންތިޒާރު ކުރާ ކޮމިކް ތަކެކެވެ. 2000 ވަނަ އަހަރު ފެބްރުއަރީގައި މޮންރޯ އަށް ހާޓްއެޓޭކެއް ޖެހިގެން މަރުވިއިރު އޭނާ ހުރީ ކެންސަރު ގެ ވައްތަރެއް ޖެހިގެންނެވެ.

ލޫސިއާނޯ ޕަވަރޮޓީ

ކްލަސިކަލް މިއުޒިކްގެ ރަސްގެފާނުން ކަމުގައިވާ ލޫސިއާނޯ ޕަވަރޮއްޓީ އާއި ޕްލަސީޑޯ ޑޮމިންގޯ އަދި ޖޯސޭ ކަރޭރަސް އަކީ މީޑިއާ އާއި ކޮންސާޓްތައް ތަކުގައި ރަސްކަންކޮށްފައިވާ ތިންމީހުންނެވެ. ލޫސިއާނޯވެސް ދުނިޔެ ދޫކުރަން ޖެހުނީ ޕެންކްރިއެޓިކް ކެންސަރު ޖެހިގެން 2007 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355