twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނަޞްރުގެ ދުވަސް

Nov 3, 2011

މިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެ ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހިންގި ނުރައްކާތި ބަޣާވާތުން ދިވެހިންނަށް ނަޞްރު ލިބުނުތާ 23 އަހަރު ފުރުނު ދުވަހެވެ. ދިވެހިންގެ ދީނާ ގައުމަށްޓަކައި ޝަހީދުވެގެންދިޔަ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ފަރާތެއްގެ ޒިކުރާ އާކުރާ ދުވަހެވެ.

ނަވާރަ ދިވެހިން ޝަހީދުވި މި ބަޣާވާތަކީ ދިވެހިންގެ ބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޕްލޯޓް ޖަމާއަތުގެ 80 ކުލީ ސިފައިންނާއެކު ރާއްޖެ އަރައި ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ގެއްލުވާލުމަށް ހިންގި ބަޣާވާތެކެވެ. އެދުވަހުގެ އިރު އުދަރެހުން ފާޅުވީ ދިވެހިންނަށް ނުރައްކާތެރި އިންޒާރުތަކެއް ދެމުންނެވެ. ދިވެހިން ދެކެފައިނުވާފަދަ ބިރުވެރި ނާމާން ދުވަހަކަށް ތައްޔާރުވުމަށް ގޮވާލަމުންނެވެ.

އެދުވަހުގެ ފުރަތަމަ ހަމަލާ އަމާޒުވީ ދިވެހިން މިއަދުވެސް އެބަޔަކަށްޓަކައި ފަހުރުވެރިވާ ސިފައިންގެ މައި ހެޑްކުއަރޓާޒް އަށެވެ. ޓެރަރިސްޓުންގެ އެންމެ ފުރަތަމަ އުންޑައާއެކު ކުޅުދުއްފުށި އެޒުވާނަކަށްޓަކައި ފަހުރުވެރިވާ ޝަހީދު ހުސެއިން އާދަމް ރައްދުގައި ހަމަލާ ދޭން ފެށިއެވެ. މުޅި ސިފައިންގެ ހޭލައްވާލާ ސިފައިން ތައްޔާރީ ހާލަތަކަށް އަންނަންދެން ޖާނާ ފުރާނަ ދީގެން ޒުވާންކަމުގެ ޖޯޝުގައި ދީނާ ގައުމަށްޓަކައި ދެގޮތެއްނުވެ ދުޝްމަނުންނަށް ހަމަލާ ދެމުން ގެންދިއަ އެވެ. އެހެންނަމަވެސް، ހުސެއިން އާދަމް ހަނގުރާމައިގެ މައިދާނުގައި ޝަހީދުވެގެން ދިޔައީ އިސްލާމް ދީނާ މިދިވެހި ފަސްގަނޑުގެ މިނިވަންކަން ހޯދައިދިނުމުގެ ގައުމީ ވާޖިބު އަދާކުރަމުން ނެވެ.

އެތައް ބަޔަކު ޒަހަމްވެ ޖުމްލަ 8 ސިފައިން ޝަހީދުވި އިރު ޓެރަރިސްޓުންގެ އައްޑަނައަކަށް ހެދި އާންމު ރައްޔިތުންގެ ތެރެއިން 11 ފަރާތެއް އެދުވަހު ޝަހީދުވެގެން ދިޔައެވެ. ﷲ ގެ އިރާދަފުޅާއެކު އެދުވަހުގެ އެނުރައްކާތެރި ބަޣާވަތުން ދިވެހި ސަލާމަތްކުރުމުގައި ދިވެހި ސިފައިންނާއި އާންމު ފަރުދުން އެކުރެއްވި މަސައްކަތަށް ޝުކުރު ހައްގުވެއެވެ. އަދި، ދިވެހި ސަރުކާރުގެ އެދިލެއްވުމަށް އިންޑިޔާއިން ފޯރުކޮށްދިން އެހީތެރިކަން ބަލައިގަނެ ޝުކުރު އަދާކުރަންޖެހެ އެވެ.

މިއަދު ނަޞްރުގެ ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ ދީނާ މިނިވަންކަމާ ދެކޮޅަށް އެތެރެއިންނާއި ބޭރުން އަންނަ ހަމަލާތަކަށް ސަމާލުވާން ޖެހެއެވެ. ދިވެހިންގެ ގައުމިއްޔަތާއި ދިވެހިން ފަހުރުވެރިވާ ދިވެހި ތާރީހު އޮޅުވާލައި ދިވެހިންގެ ހިތްތަކުން މިފަދަ ދުވަސްތަކުގެ ހަނދާންތައް ފޮހެލުމަށް ކުރާ މަސައްކަތްތަކާމެދު ފަރުވާތެރިވެ ތިބެންޖެހެއެވެ. ހަމަ އެހެންމެ ނަޞްރުގެ ދުވަސް ފާހަގަކުރާއިރު ކާބަފައިން މި ލޮބުވެތި ވަޠަން މިނިވަންކަމާއެކު މިއަދުގެ ޖީލުތަކަށް ގެނެސްދެއްވި ގޮތުގެ ޒިކުރާ އާކުރަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355