twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސާކް ފެރީ ނިޒާމާއެކު މެދު ފަންތީގެ ޓޫރިޒަމަށް ކުޅުދުއްފުށި ތައްޔާރުވުން

Nov 12, 2011

ބަދުރުއްދީން ޙަސަން

ރާއްޖެއަކީ ކުރިން ސުރެންވެސް މުއްސަނދިންގެ މަންޒިލެއްގެ ގޮތުގައި ލޭބަލް ކުރެވި އަދި ބްރޭންޑް ކުރެވިފައިވާ ގައުމެކެވެ. އެހެންކަމުން ދަށުފަންތި އަދި މެދު ފަންތީގެ މީހުންނަށް ރާއްޖެ އަކީ ހުވަފެނީ އާލަމެކެވެ. ރާއްޖޭގެ ރިސޯޓު ތަކުގެ އަގު ބޮޑުކަމާއެކު ރާއްޖެ އަކީ އަޕްމާކެޓަށް ހާއްސަ ގައުމެކެވެ. ނަމަވެސް ކުރީ ސަރުކާރުގެ ފަހުކޮޅު އާއި މިސަރުކާރުގެ ކުރީ ކޮޅު ޓޫރިޒަމް އާބެހޭގޮތުން އެންމެ ބޮޑަށް ދެކެވެމުން އައި ވާހަކަ އަކީ ރާއްޖެ މެދުފަންތީގެ މާކެޓަށް ހުޅުވާލުމުގެ ވާހަކައެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ އާބާދީ ކަމަށްވާ އިންޑިއާ އާއި ޗައިނާ އިގުތިޞާދީ ގޮތުން ކުރިއަރައިގެން އަންނައިރު، އެގައުމުތަކުގެ މީހުންގެ ފުދުންތެރިކަން އަންނަނީ އިތުރު ވަމުންނެވެ. އެގައުމުތަކުގެ މީހުން ޓްރަވެލް ކުރުމަށް ހޭދަކުރާ ވަރުވެސް އަންނަނީ އިތުރު ވަމުންނެވެ. އަދި ބިލިއަނުން ގުނާލެވޭ މި ދެ މާކެޓަށް ރާއްޖެ ޓާގެޓް ކުރެވިއްޖެ ނަމަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރު ވެގެން ދާނެއެވެ. ލާމު އަތޮޅުގައި މިހާރު ފަށާފައިވާ އައްސޭރި ޕްރޮޖެކްޓަކީ މި ދަންނަވާ މާކެޓަށް ވަނުމަށް ކޮށަން ފަށާފައިވާ މަގެކެވެ. އަދި ސާކުގެ ފެރީ ނިޒާމް “އިންޑިއަން އޯޝަން ކާގޯ އެންޑް ޕަސިންޖާ ފެރީ ސާވިސް” އަކީ ރާއްޖޭގެ މެދުފަންތީގެ މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ފަސޭހަ ކޮށްދިނުމުގެ އިތުރުން މެދު ފަންތީގެ ޓޫރިޒަމަށް އަޅާ ބްރިޖަކަށް ނޫނީ ނުވާނެއެވެ. ކޮޗިންގ، ކުޅުދުއްފުށި އަދި ކޮލަންބޯ އާދެމެދު ކާގޯ އާއި މީހުންގެ ފެރީ ދަތުރުތައް ފަށާއިރު ކުޅުދުއްފުށި އަދި މަތިއުތުރު ތައްޔާރު ވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިރިޕޯޓުގައި ބަލާލައިފައި ވާނީ ހަމައެކަނި ދަތުރުވެރިންގެ ބަޔަށެވެ.

ޔޫރަޕް މީހުންނާއި އޭޝިއާ މީހުންގެ ތަފާތު

ޔޫރަޕް މީހުންގެ ވިސްނުމާއި އޭޝިޔާގެ މީހުންގެ ވިސްނުން ވަރަށް ތަފާތެވެ. އެމީހުންގެ ވިސްނުމާއި ކައިބޮއި އުޅޭ އެއްޗެހިވެސް ތަފާތެވެ. ފައިސާ ހަރަދު ކުރާ ގޮތާއި ކުރަން ބޭނުންވާ ކަންތައްތައްވެސް ތަފާތެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުން އޭޝިއާގެ މީހުންނަކީ “ޗީޕް” ބައެކެވެ. ހާއްސަކޮށް އިންޑިއާ މީހުންނަކީ އެކަން ބޮޑު ބައެކެވެ.

ރާއްޖެ މެދު ފަންތީގެ ޓޫރިޒަމްއަށް ހުޅުވާލާއިރު އެކަމާބެހޭ ގޮތުން ފަތުރުވެރި ކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައި ހުރި ރައްޓެއްސަކާވެސް ވާހަކަ ދައްކާލީމެވެ. އޭނާވެސް ގަބޫލު ކުރާގޮތުން ޗައިނާ އާއި އިންޑިއާގެ މާކެޓަކީ “ކްއެންޓިޓީ” އަށް ބަލައިފި ނަމަ ވަރަށް މުހިއްމު، އަދި ރާއްޖެ އަށް ފަތުރުވެރިން ގިނަ އަދަދަކަށް ގެނެވިދާނެ މާކެޓްތަކެވެ. ނަމަވެސް ވިސްނަންޖެހޭނެ ކަންތައްތަކެއް ވެސް އޭނާ ފާހަގަ ކުރިއެވެ.

“މިދިޔަ އަހަރު ތެރޭ އިންޑިއާގެ ކްރޫޒްލައިން އެއް ރާއްޖޭގެ ސަރަހައްދުގައި ޝެޑިއުލްއެއްގެ ދަށުން ބަނދަރު ކުރަން ފެށި. އެއިން އިންޑިއާގެ ވަރަށް ގިނަ ފަތުރުވެރިން އަންނަން ފެށި. ރާއްޖޭގެ ރިސޯޓުތަކުގެ އޭޖެންޓުން މެދުވެރިވެ އެކުރޫޒްގައި ރާއްޖެ އަންނަ މީހުންނަށް މާލޭގެ އެކްސްކާޝަން ޓްރިޕްތައް ދިން. އަދި ރިސޯޓްތަކަށްވެސް ވަންޑޭ ޓްރިޕްތަކުގެ ގޮތުގައި ގެންދިޔައިން. އެދުވަސްވަރު ފެނިގެން ދިޔަ އެމީހުންނާއި ޔޫރަޕް މީހުންނާ ހުރި ތަފާތު.” ރާއްޖޭގެ މަޝްހޫރު ޓްރަވަލް އޭޖެންސީގެ ވެރިފަރާތުން ކިޔާދިނެވެ.

“އެމީހުންގެ ވިސްނުން ހުންނަނީ އެންމެ 100 ޑޮލަރުން ހުރިހާ ކަމެއް ވާން. އެވަރުގެ ލާރިކޮޅެއް ހަރަދު ކޮށްގެން އެމީހުންނަށްވޭ ޖަކޫޒީ ވިލާ ތަކުގައި ތިބެވެން. ހުރިހާ ވޯޓާ ސްޕޯޓެއް ކުޅެވެން. އަނެއްކާ ޔޫރަޕް މީހުންނާ ހިލާފަށް ޓިޕްސް ދިނުމަކީ އިންޑިއާ މީހުން ދަންނަ ކަމެއް ނޫން.” އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

މެދު ފަންތީގެ ޓޫރިޒަމް ކުޅުދުއްފުށީގައި ފެށޭއިރު މިދެންނެވި ކަންތައްތަކަށް ކުޅުދުއްފުށީގެ ރައްޔިތުންގެ ވިސްނުން ބަހައްޓަން ޖެހޭނެއެވެ. އެމީހުންނަށް ހިދުމަތް ދޭއިރު، ޓިޕްސް ލިބޭނެ ކަމަށް ވިސްނުމުގައި ނުބަހައްޓާށެވެ.

ޔޫރަޕް މީހުންނާއި އޭޝިޔާގެ މީހުންގެ ތަފާތެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ އެމީހުން ކުރަން ބޭނުންވާ ކަންތައްތަކެވެ. ޔޫރަޕްގެ ގިނަ ބައެއް ރާއްޖެ އަންނަނީ “ރިލެކްސް” ކޮށްލާށެވެ. ފިނިމޫސުމުގެ ފިނިކަމުގެ ތެރެއިން ނުކުމެ ރާއްޖޭގެ ބީޗުގައި އިރު ދަށުގައި އޮވެ ހޫނު ކޮށްލަން ބޭނުން ވެގެންނެވެ. އަދި ބިޒީ ތަންނެއްގައި އުޅެފައި ސުލްހަވެރި މާހައުލެއްގައި ސިކުނޑި ހުސްކޮށްލާށެވެ.

ނަމަވެސް އޭޝިޔާ މީހުންގެ ވިސްނުން މިއާ ތަފާތު ވާނެކަން ވިސްނަން ޖެހެއެވެ. ޗައިނާ ވިޔަސް އަދި އިންޑިއާ ވިޔަސް، އެމީހުންގެ ވިސްނުމުގައި ބޮޑަށް ހުންނީ މަޖާކުރުމުގެ ރޫހެވެ. ތަފާތު ކުޅިވަރުތައް ކުޅުމަށް އެމީހުން ބޭނުންވާނެއެވެ. މޫދު ކުޅިވަރުތައް އެމީހުންނަށް ބޮޑަށް ފައްކާވާނެއެވެ. އަގުބޮޑެތި އެއްޗެހި ގަނެ ޝޮޕިން ކޮށްލުމުގެ ބަދަލުގައި އެމީހުންނަށް ބޮޑަށް ކަމުދާނީ ފިލްމު ބެލުމާއި ކަރޯކޭއާއި ގޭމް ކުޅުމެވެ. އާސާރީ ތަންތަން ބެލުމުގެ ޝައުގުވެރިކަން ކުޑަވެފައި، ސަކަރާތް ޖެހުމަށް އިސްކަންދޭނެއެވެ.

ފެރީ ޓާމިނަލްއެއްގެ މުހިއްމުކަން

ސާކުގެ ފެރީ ނިޒާމުގެ ވާހަކަ ދައްކާއިރު، މިދެކެވެނީ މާލެއާއި ހުޅެލެއާ ދޭތެރޭގައި އޮންނަ ކަހަލަ ފެރީއެއްގެ ވާހަކައެއް ނޫނެވެ. އަދި އެއީ ފަންސާހަކަށް މީހުންގެ ދަތުރެއް ވެސް ނޫނެވެ. ބެލެވޭގޮތުން ދެގައުމެއްގެ ދެމެދުގައި ފެރީ ނިޒާމެއް ފަށާނަމަ، އެކަމަށް ބޭނުންކުރާ އުޅަނދު ތަކުން 300 އެއްހައި ދަތުރުވެރިން ދަތުރު ކުރާނެކަމަށް ޕްލޭން ކުރެވޭނެއެވެ.

ވައިކަރަދޫ ދަތުރުވެރިން ނުވަތަ ނޮޅިވަރަމްގެ ފެރީތަކުގައި އަންނަ މީހުން ކުޅުދުއްފުއްޓަށް އައިސް، ބަނދަރު މަތީ ސަރަހައްދުން ބޯހިޔާކޮށްލާނެ ދަތުރު ހިޔަލެއްވެސް ނެތިގެން ޝަކުވާ ބަންނަމުން ދާ އިރު، ސާކުގެ ފެރީ ނިޒާމް ފަށަންވާއިރު އަދި ވާންޖެހޭ ތައްޔާރީ ތަކުގެ އަދަދު ގުނާ އަދަދު ނުކުރެވެއެވެ. ނަމަވެސް ކުޅުދުއްފުށީގައި ގާއިމު ކުރާ ބާޒާރު ބަނދަރުގެ މަސައްކަތް ނިމުމުން، އަދި ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ޒޯންގައި ކުރެހިފައިވާ ފެރީ ޓާމިނަލްގެ ކުރެހުމުގައި ކުލަޖެހުމުން މިކަމަށް ހައްލު ލިބިގެންދާނެއެވެ. ނަމަވެސް އެމަސައްކަތްތައް އަދި އޮތީ ހަމައެކަނި ކުރެހުމުގައެވެ.

ހަމަ އެފެރީޓާމިނަލްގައި ކަސްޓަމްސް ކްލިއަރެންސް އަދި އިމިގްރޭޝަންގެ ހަރުދަނާ ނިޒާމުތަކެއް ހުންނަން ވާނެކަމީ ހަނދާން ނައްތާލައިގެން ވާނެކަންތައް ތަކެއް ނޫނެވެ. އެހެންނޫންނަމަ ނުގަވައިދުން އެތެރެވާ މީހުން ގިނަވުމުގެ އިތުރުން “މަނާ ތަކެތި” އެތެރެވުން ވަރަށް ކައިރިވާނެއެވެ.

ގެސްޓް ހައުސްތަކެއް ބޭނުން

އަގުބޮޑު ހޮޓެލް ނުވަތަ ރިސޯޓެއްގެ ބަދަލުގައި އޭޝިޔާ މީހުންނަށް ބޮޑަށް ރަނގަޅު ވާނީ މޯޓެލް ނުވަތަ ގެސްޓްހައުސް ފެންވަރުގެ ކުޑަ ހަރަދެއް ކޮށްލައިގެން ނިދާލެވޭނެ ތަންތަނެވެ. ކުޅުދުއްފުށީގައި އެފަދަ ގެސްޓް ހައުސް ތަކެއް އަޅަން ޖެހެއެވެ. ފެރީ ނިޒާމުން ގުޅާލާ ސާކުގެ މެދު ފަންތީގެ ޓޫރިސްޓުން ކުޅުދުއްފުއްޓަށް އަންނައިރު ގެސްޓް ހައުސް ސްޓައިލްގެ ތަންތަން އެބަ ހަދަންޖެހެއެވެ. ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ޒޯނުގައި އެފަދަ ތަންތަން ހެދުމުން މިދަންނަވާ މެދު ފަންތީގެ މީހުން އެކޮމޮޑޭޓް ކުރެވޭނެއެވެ.

ޝޮޕިންގ މޯލްއެއް ހުންނަންޖެހޭ

ޓޫރިސްޓުންގެ ގޮތުގައި އޭޝިއާގެ މީހުން އައިކަމުގައި ވިޔަސް އެމީހުންގެވެސް ކޮންމެވެސް ވަރެއްގެ ޝޮޕިން ނީޑެއް އޮންނާނެ އެވެ. މާބައިވަރު ހަރަދު ނުކުރި ކަމުގައި ވިޔަސް ދުނިޔޭ މަޝްހޫރު ބްރޭންޑްތައް އެތަނުން ލިބެން ހުރިނަމަ އެވެސް ކޮންމެވެސް ވަރަކަށް ވިޔަފާރިވެސް ވާނެއެވެ. މިޝޮޕިންގ މޯލްގައި މޫވީ ތިއޭޓަރެއްގެ އިތުރުން ފާސްޓްފުޑް ޝޮޕްތަކެއް ހުންނަން ޖެހޭނެއެވެ. އަދި ކުޅިވަރުތައް ކުޅުމާއި ގޭމް ކުޅެވޭނެ ގޮތް ހުންނަންވާނެއެވެ.

މޫދު ކުޅިވަރު ތަޢާރަފް ކުރުން

ވިލާތުގެ މީހުންވިޔަސް، އަދި ސީނުކަރައާއި އުތުރު ކަރައިގެ މީހުން ވިޔަސް، ރާއްޖެ ދެކެ ލޯބި އުފެދިގެން އުޅޭ އެންމެ މުހިއްމު އެއްކަމަކީ ރާއްޖޭގެ ރީތި މޫދުތަކެވެ. އެހެންކަމުން މެދު ފަންތީގެ މީހުންނަކީވެސް މޫދު  އެރެން ބޭނުންވާނެ ބަޔެކެވެ. ކުޅުދުއްފުށީގައި އެފަދަ މޫދެއް ނެތިއްޔާ އެއީ ކުރިމަތި ވާނެ މައްސަލައެކެވެ. އާޓިފިޝަލް ބީޗެއް ނަމަވެސް ކުޅުދުއްފުށީގައި ހަދާފައި އޮންނަން ވާނެއެވެ. އަދި މޫދު ކުޅިވަރުތައް ކުޅެވޭނެ ގޮތްތައް ހުންނަން ވާނެއެވެ. މިސާލަކަށް ޖެޓްސްކީ ދުއްވުމަކީ އިންޑިއާގެ މީހުންނަށް ކަމުދާނެ ކަމަކަށް ވާނެއެވެ. އަދި ބަނާނާ ދުއްވުން ކަހަލަ ކަންކަން ބޭއްވިދާނެއެވެ. ކުޅުދުއްފުށީގައި އެފަދަ ބީޗެއް ނެތްނަމަ ދެން އޮތް އަނެއް ގޮތަކީ ނޮޅިވަރަންފަރު ބޭނުން ކުރުމެވެ. ނޮޅިވަރަންވަރުގެ ރީތި މޫދަށް ކުޅުދުއްފުއްޓަށް ޖައްސާ ފެރީގައި އަންނަ މީހުން ގެންދެވޭނެ އަގުހެޔޮ ނިޒާމެއް އޮންނަން ވާނެއެވެ. މިހާރު މިއޮންނަ ފެރީ ނިޒާމުގެ ތެރެއިން ވިޔަސް، ހަރުދަނާ އުސޫލެއް ގާއިމު ކުރެވިއްޖެ ނަމަ، އަދި ބްރިޖް ނޭޅިޔަސް އެކަން ވާނެއެވެ. ނަމަވެސް ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ހަނިމާދޫ ބްރިޖަކުން ގުޅިއްޖެ ނަމަ ދެން ކިޔާނެ ކަމެއް ނެތެވެ.

ސާކުގެ ފެރީ ނިޒާމަކުން އިންޑިއާ އާއި ލަންކާގެ މީހުން ރާއްޖެ އަންނާނެއެވެ. އަދި މެދުފަންތީގެ ޓޫރިއަމްއަށް ކުޅުދުއްފުށި ހުޅުވޭނެއެވެ. އެހިސާބަށް ދާންވާއިރަށް މަތީގާ ދެންނެވިފައިވާ ތައްޔާރީތައް ކުޅުދުއްފުށިން ވާންޖެހޭނެއެވެ. އެހެން ނޫންނަމަ ކަމެއްނެތް ފީކަޅާ ޑެސްޓިނޭޝަންއަކަށް ކުޅުދުއްފުށި ވުމަކީ އެކަށީގެންވާ ކަމެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ އާއި ފުވައްމުލަކު ގައި ކުރެވިގެން ދިޔަ މަސައްކަތްތައް ފަދަ މަސައްކަތްތަކެއް ހަލުވި މިނެއްގައި ކުޅުދުއްފުށީގައި ކުރަން އެބަޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355