twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހާއްސަ ރިޕޯޓް: ހުމެއިދު ހިތްވަރާއެކު ކުރި މަސައްކަތުން ކާމިޔާބީގެ އެންމެ މަތީ ހަރުފަތްތަކުގައި

Nov 21, 2011

.

ފިޒިކްސް އިން އެއްވަނަ ލިބުނު ކަމުގެ ހަބަރު ގަބޫލުކުރަންވެސް ދަތިވި: ހުމެއިދު

ހާޝިމް އަބޫބަކުރު

އުމުރުން އެންމެ 6 އަހަރުގައި ހުމައިދް އަލީ، އޭނާގެ އުފަން ރަށްކަމުގައިވާ ހދ. ކުނބުރުދޫ އިން ކުޅުދުއްފުށްޓަށް ބަދަލުވީ، އާއިލާއާއި އެކުގައި ކުޅެން އުޅުނު ރައްޓެހިންތައް ދޫކޮށްލުމަށް ފަހު، އެންމެ ބޭނުމެއްގައެވެ. ލޯބިވާ މަންމަ އަދި ބައްޕަ އާއި ވަކިވެ، މާމަ އާއި އެކު މުޅިން އައު މާހައުލެއްގައި އުޅެން ނިންމީ މަންމަ އާއި ބައްޕަ ފަދައިން ކިޔަވާ މޮޅު މީހަކަށް ވުމުގެ އުންމީދުގައެވެ.

“ބައްޕަ އަބަދުވެސް ކިޔައިދޭނެ ބައްޕަ ކިޔެވި ދުވަސްވަރުގެ ވާހަކަ. މާލޭގަ އަމިއްލައަށް މަސައްކަތްކޮށްގެން ވަރަށް ހާލުން ކިޔެވީ. އެހެންވެ އަބަދުވެސް ހިތަށް އަރާ އަޅުގަނޑުވެސް ހަމައެގޮތަށް ކިޔަވަން މަސައްކަތްކޮށްގެން ކާމިޔާބު ހޯދާތަން ބައްޕައަށް ދައްކާނަމޭ..” ބައްޕަ އަކީ ނަމޫނާއެއްކަމަށް ބަލާ ހުމައިދް އޭނާގެ ކިޔެވުމަށް އެންމެ ބޮޑު ހިތްވަރެއް ލިބޭ ސަބަބު ކިޔައިދެމުން ބުންޏެވެ.

ކުޅުދުއްފުށީގައި ދިިރިއުޅުން އެންމެ ފުރަތަމަ ހުމައިދަށް ވެގެންދިޔައީ ދުވަހަކުވެސް ހީނުކުރާފަދަ އައު ކަންތައްތަކާއި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ކަމަކަށެވެ. ދުވަހަކުވެސް ނުދެކޭ ބީރައްޓެހި ބައެއްގެ ތެރޭގައި އުޅެން އެންމެ ފުރަތަމަ އޭނާ ޖެހިލުންވިއެވެ. ބީރައްޓެހި ކުދިންނަށް އެދުވަސްވަރު ކުރާ ގޯނާތަކުގެ ވާހަކަ އަކީ ހުމައިދްގެ ކަންފަތަށްވެސް އިވިފައިހުރި ވާހަކަތަކެކެވެ.

“ކުރިން މިރަށުގަ ބީރައްޓެހި ކުދިން ގައިގަ ތެޅުން އެއީ އާންމުކަމެއްކަން އެނގެއެއްނުދޯ. އަންހެންކުއްޖަކާ ވާހަކަ ދެއްކިއަސް ތަޅައިގަންނާނެ. އަހަރެންގެ އާއިލާ ކުދިންނާވެސް އެކަހަލަ ކަންތައްތަކާ ދިމާވެފަ އެބަހުރި. އެހެންވެ އޭރު ބިރުގަނޭ އެކަނި ތަންތަނަށް ދާންވެސް. އެކަނި ބޭރަށް ފޮނުވަން އާއިލާމީހުންވެސް ޖެހިލުންވޭ.” ކުޅުދުއްފުށީގައި ދިރިއުޅެންފެށި ފުރަތަމަ ދުވަސްތަކުގެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެވެ.

ހުމައިދް އިތުރަށް ކިޔައިދިން ގޮތުގައި އެދުވަސްވަރު ސްކޫލްތެރޭގައިވެސް އެހެން ރަށްރަށު ކުދިންނާ ތަފާތުކުރުންތައް، ޚާއްސަކޮށް ކުދިންގެ މެދުގައި ވަރަށް ބޮޑަށް އޮވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި ވަރަށް ސާބިތުކަމާއެކު ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލަމުން ދިއުމުގެ ނަތީޖާއަކަށްވީ މުދައްރިސުންނާއި ކްލާހުގައި އުޅުނު ކުޅުދުއްފުށީގެ ކުދިންގެ ލޯބި ހުމައިދަށް ލިބި، މުޅިން އައު ރައްޓެހިންތަކެއް ލިބުމެވެ. ފުރަތަމަކޮޅު ބީރައްޓެހި ރަށެއްހެން ހީވި ކުޅުދުއްފުށްޓަކީވެސް އަމިއްލަ ރަށްހެން އިހުސާސްކުރެވެން ފެށުމެވެ.

“ގިނަ ދުވަހު އުޅުނީމަކަންނޭގެ… މިހާރު މިއީ ބީރައްޓެހި ރަށެއް ހެނެއް ހިޔެއްނުވޭ… ނޮޅިވަރަންފަރު ހީވަނީ ބީރައްޓެހި ރަށެއްހެން. މިހާރު މިރަށް ހީވޭ މާބޮޑަށް އަމިއްލަ ރަށްހެން. ދެން އެކަމަކުވެސް ކުނބުރުދޫތާ ރަށަށްވާނީ އަބަދުވެސް. އެކަމް މިރަށް މިއީ ހަމަ އަމިއްލަ ރަށް މިހާރު..” ހިނިގަނޑެއްޖަހާލަމުން ހުމައިދް ބުންޏެވެ. “ކުޅުދުއްފުށީގެ ރައްޓެހިން މިހާރު އެންމެ ގިނައީވެސް. ދެން ރަށުގަ އުޅުނު ރައްޓެހިންތައްވެސް ފަހަރަކު ބައެއް މިރަށަށް އައި ކިޔަވަން. އެހެންވީމަ އެމީހުންނެއްވެސް ނުގެއްލޭ.”

ހިތްވަރާއެކު މަސައްކަތްކުރުމުގެ އަގު އެންމެ ފުރަތަމަ ހުމައިދަށް ލިބުނީ އޭނާ ކިޔަވަމުންދިޔަ ހދ. އޭއީސީގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނިގެން ދިޔަ ހިސާބުންނެވެ. އެ ކާމިޔާބީއަށްފަހު ހިންމަތާއިއެކު ހުމައިދް ސާނަވީ ހަޔާތާއި ކުރިމަތިލީ ފުރިހަމަ އަޒުމެއްގައެވެ. އެހެންނަމަވެސް ޖަލާލުއްދީން ސްކޫލުގައި އޭނާގެ ސާނަވީ ހަޔާތުގައި ދެން ކުރިމަތިވީ މުޅިން އައު ގޮންޖެހުމަކާއެވެ.

ޓީޗަރުން ނުލިބުން ވެގެންދިޔައީ ކިޔެވުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރުވިކަމަކަށެވެ. ހުމައިދް ކިޔައިދިން ގޮތުގައި ގްރޭޑް 9 ގައި އުޅުން އިރު، ބަޔޮލޮޖީ ޓީޗަރުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުވިއެވެ. ޓީޗަރެއް ނެތި އެތައް ދުވަހެއްވެގެންދާކަމަށާއި 9 ގައި ހައެއްކަ ފަހަރަށް ބަޔޮލޮޖީ ޓީޗަރު ބަދަލުވިކަމަށް އޭނާ ބުންޏެވެ.

“އޭރު ވަރަށް އުނދަގޫ. ދެން ޗެލެންޖަކަށް ބަޔޯ ކިޔަވަން ފެށީ އަސްލު. ދެން ވަރަށް މަސައްކަތްކޮށްގެން.. ފަހުން 10 ގަ ހިއުމަން ބަޔޯ އައީމަ މި މާއްދާއަށް ޝައުޤުވެރިކަން އިތުރުވި. އެހެންވެ ވަރަށް ކިޔަވާ ހިތްވި.” ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލައާއި ހުމައިދް ކުރިމަތިލީ ގޮތް އޭނާ ކިޔައިދިނެވެ.

ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ދިޔަ ހުމައިދް ހުސްވަގުތު ހޭދަކުރަނީ ވާހަކަ ކިއުންފަދަ ކަންކަމުގެ އިތުރުން ފޭސްބުކްގައެވެ.

“އަސްލު ޗެޓްކުރާއިރުވެސް ލެސަންތަކުގެ ވާހަކަ ދެއްކޭ. އެހެންވީމަ އޭގެންވެސް އެއްޗެހި ދަސްވޭ” ހީލަމުން އޭނާ ބުންޏެވެ.

ހިތްވަރާއެކު ކިޔެވުމުން ދިޔަ ހުމައިދަށް އޭގެ ފޮނި ނަތީޖާގެ ޚަބަރުތައް ލިބުނީ ފުލުފުލުގައެވެ. އޯލެވެލް އިމްތިހާނު ނިންމާލުމަށްފަހު ނޮޅިވަރަންފަރުގައި އާއިލާއާއި އެކު ހޭދަ ކުރަމުން ދިޔަ މަޖާ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި، ހުރިހާ މާއްދާއަކުން އޭ ގްރޭޑް ލިބުނުކަމުގެ އުފާވެރި ޚަބަރު އޭނާއަށް ލިބުނެވެ. އަދި އެއަށް ފަހު ދެން ލިބުނީ ދުވަހަކުވެސް އޭނާ ހިތަށްވެސް އަރާފައިނުވާފަދަ އުފާވެރި ޚަބަރެކެވެ.

“މަޣްރިބް ނަމާދުކޮށްގެން އެންމެން ގޭގަ ތިއްބަ އެމްއެޗް ސަރ ގުޅީ ބައްޕައަށް. އޭރު އޮތީ އޯލެވެލް ރިޒަލްޓް ލިބިފަ. 3 މާއްދާއި 100 ލިބުން ކަންވެސް އޭރު އެނގިފަ އޮތީ. ދެން އަނެއްކާ އެމްއެޗް ސަރ ގުޅީމަ ވަރަށް ވާނުވާ ނޭނގިފަހުރީ. ދެން ބައްފަ ފޯނުން ވާހަކަ ދައްކަމުން ދެކޮޅަށް ހިނގަ ހިނގާފަ އައިސް ބުނީ ފިޒިކްސްއިން ދުނިޔެއިން އެއްވަނަ ލިބުންވާހަކަ. ފުރަތަމަ ގަބޫލުވެސް ނުކުރެވުނު. އާއިލާ އެންމެންނާއި ރައްޓެހިންނާއި… ޓީޗަރުންތައްވެސް ގުޅައިގެން މަރުހަބާ ކީއިރުވެސް އަހަރެންހުރީ ގަބޫލުރަންވެސް ނޭނގިފަ. ދެން ފަހުން އެމްއެޗް ސަރ އަށް ގުޅާފަ އެހީ ހަމަ ޔަގީން ކުރަންވެގެން. ވަރަށް އުފާވި.” ހުމައިދް އޭނާގެ ކާމިޔާބީގެ ޚަބަރު ލިބުނު ދުވަހުގެ ވާހަކަ ހިއްސާ ކުރަމުން ކިޔައިދިނެވެ.

“އެންމެ އުފާވީ އެ ސެރަމަނީގަ، ފިޒިކްސްއިން ދުނިޔެއިން އެއްވަނަ ލިބުނު ޝީލްޑް ހަވާލުކުރި ވަގުތު. ނިންމާލާފަ ރަށަށް އައިސް ލެފިއިރު އަތިރިމަތީގަ ތިބި އާއިލާގެ އެންމެންވެސް. ސަޕްރައިޒް ޕާޓީއެއްވެސް ދިން. ވަރަށް އުފާވެފަ ހުރީ” ހުމައިދް އޭނަ ކާމިޔާބީގެ ހަނދާންތައް އައު ކުރަމުން ދިޔައެވެ.

މި ކާމިޔާބީއަށް ފަހު މިހާރު ހުމައިދްގެ އުންމީދަކީ އޭލެވެލްއިންވެސް މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ހޯދުމެވެ. ހުމައިދް ފަދަ އެހެން ކުދިންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ މާލޭގައި ނޫނަސް ކިޔެވޭނެކަމާއި މުހިއްމީ ކިޔަވާ ތަންނޫންކަމާއި އެކަމަކު އެކުއްޖަކު އަމިއްލައަށް ހިތްވަރާއެކު ކިޔެވުމުގެ އިތުރުން ދީނީ ކަންކަމަށް ފަރުވާ ބެހެއްޓުން ކަމެވެ.

“އެހެން ރަށްރަށަށް ކިޔަވަންދާ ކުދިންނަށް ބުނެލަން ބޭނުމީ ފެމިލީއާއި ފްރެންޑްސް އާ މިސްވާނޭ. ދަތިތަކާވެސް ދިމާވާނޭ. އެކަމް ގަބޫލުކުރާށޭ މިއީ އަބަދަށް ކުރިމަތިވާނެ ކަންކަމެކޭ. މިއީ ވޯސްޓް ޑޭ އޭ ހިތަށް ނާރުވާ ކުރިއަށް ދާށޭ.” ހުމައިދް އޭނާގެ އަމިއްލަ ތަޖުރިބާ އާއި އެކު ދިނީ މިނަސޭޙަތެވެ.

ކިޔެވުމުގެ މައިދާނުގައި ހުމައިދަށް އެންމެ ބޮޑަށް އެހީތެރިވި އޭނާގެ މާމައަށް އަދާކުރަންޖެހޭ ދަރަނި އޭނާ ހަނދާން ނުނެތެއެވެ. އަދި މަންމަ އާއި ބައްޕަ ގެ އިތުރުން އާއިލާއާއި ހުރިހާ ޓީޗަރުންނާއި ރަހުމަތްތެރިން އޭނާގެ ޝުކުރުގެ ހައްގުވާކަމުގައި އެނާ ބުންޏެވެ. ވަކިން ޚާއްސަކޮށް ގްރޭޑް 1 ގައި ކިޔަވައިދިން އޭނާގެ އައިޝާ މިސް އާއި އަބަދުވެސް އެކުގައި އުޅެމުން އަންނަ ދެގޮތެއްނުވާ އޭނާގެ ރަހުމަތްތެރިއެއްކަމުގައިވާ އިހުސާންގެ ނަން އޭނާ ފާހަގަކުރިއެވެ.

މެޑިސިންގ ގެ ރޮނގުން ކުރިއަށް ގޮސް ކުޑަކުދިންގެ ޑޮކްޓަރަކަށްވުމުގެ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށް ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ ހުމައިދް އަކީ ކިޔަވާ ކުދިންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355