twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިނގިރޭޓުގެ އަގު “ހަބޭހަށް” މައްޗަށް ދިއުމުން ބައެއް މީހުން ދުންފަތާ ދުރަށް

Dec 5, 2011

.

ބަދުރުއްދީން ޙަސަން

“ގެނެސްދީބަލަ ފަސް ކެމަލް ލައިޓް” ވޭޓަރަކަށް ހުރި ބަންގްލަދޭޝް މީހާއާ ދިމާލަށް ކޮފީ މޭޒު ކައިރީގައި އިން އަންވަރު ބުނެލިއެވެ. ޖަވާބުގައި ވޭޓަރު ބުނީ “މިހާރު ދިހަ ރުފިޔާ އަށް 3 ސިނގިރޭޓް ލިބެނީ” މިހެންނެވެ. އަންވަރުގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސް ކަމެވެ. “އެހެން ވިއްޔާ ގެނޭދެން ތިނެތި.”

އެދުވަހުގެ ކޮޕީ މޭޒުގެ މައުލޫއެއް ކަމުގައި ވެފައި އޮތީ ސިނގިރޭޓްގެ އަގަށް އައި ބަދަލުގެ ވާހަކައެވެ. ސިނގިރޭޓުގެ އަގު “ހަބޭހަށް” ބޮޑުވެގެން އުޅޭ ވާހަކަ އެތަނަށް ދިޔައިރު ވެސް އަހައިފީމެވެ. ވަކި ސިނގިރޭޓްގެ ބަދަލުގައި ސިނގިރޭޓް ކާޓޫނު ހުރިގޮތަށް ގަނެގެން އެލިބޭ ޑިސްކައުންޓް ކޮޅުގެ ބޭނުން ހިފާލުމަށް އެސްޓީއޯ ސުޕަމާޓް ކުރިމަތީގައި ހުންނަ “ރޫޓް” ފިހާރައިގެ ބޭރުގައި އޮތް ކިއު ފެނިފައި ވެސް މީހަކު އަންތަރީސް ވާވަރު ވެއެވެ.

މަޖިލީހުން އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކާއި ގުޅިގެން ސިނގިރޭޓްގެ އަގު ވަނީ ބޮޑު ވެފައެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވާގޮތުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ސިނގިރޭޓަކަށް 30 ލާރިން 90 ލާރިއަށް ބޮޑުކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ އެހެން ސާމާނުގެ ޑިއުޓީ 50 ފަސެންޓުން 150 ޕަސެންޓަށް ބޮޑު ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ގާނޫނަށް ގިނައި އިސްލާހު އިމްޕްލިމެންޓް ކުރަން ފަށަން އަދި 25 ހަކަށް ދުވަސް އޮށްވާ ސިނގިރޭޓްގެ އަގުތަކުން މިހާރު ވަނީ އެތަފާތު ފެންނަން ފަށާފައެވެ. އެގޮތުން ކުރިން 22 ރުފިޔާއަށް ކުޅުދުއްފުށީގައި ވިއްކި ކެމަލް ލައިޓް ފޮއްޓެއް މިހާރު މިއްކަނީ 40 ރުފިޔާ އަށެވެ. އަދި 25 ރުފިޔާ އަށް ވިއްކި މަލްބަރޯ ފޮއްޓެއްގެ އަގުވެސް ވަނީ 40 ރުފިޔާއަށް ބޮޑު ވެފައެވެ. ފިހާރަތަކުން ދެރުފިޔާއަށް ސިނގިރޭޓެއް ލިބުން ކަމުގައި ވިޔަސް ބައެއް ކެފޭތަކުން މިހާރު ސިނގިރޭޓް ވިއްކަނީ ތިން ރުފިޔާ އަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބު ތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި އޭގެ ތެރެއިން ބޮޑު ނިސްބަތެއްގައި ޒުވާނުން ޝާމިލު ވެއެވެ. ސިނގިރޭޓްގެ އަގުތަކަށް އައިބަދަލާއެކު އޭގެ ޑިމާންޑަށް އަންނާނެ ބަދަލު ތަކާއި ބެހޭގޮތުން އެކިފަރާތްތަކުގެ ހިޔާލު ތަފާތެވެ.

އެއްބަޔަކު ފާހަގަ ކުރާގޮތުން ސިނގިރޭޓަކީ އޭގެ އަގު ބޮޑުވި ކަމުގައި ވިޔަސް، ޑިމާންޑަށް ބަދަލެއް ނައިސް އެއްވަރެއްގައި ހުންނާނެ އެއްޗެކެވެ. ކުޅުދުއްފުށީގެ މީހުންގެ ތެރެއިން ވެސް ބައެއް މީހުން ބުނެފައި ވަނީ ސިނގިރޭޓް ބުއިން ހުއްޓުމަށް އަދި ހިޔާލު ނުކުރާ ކަމަށެވެ.

ނަމަވެސް މިކަމާ ހިޔާލު ތަފާތު މީހުންވެސް އެބައުޅެއެވެ. ސިނގިރޭޓަށް ކުރާ ހޭދަޔަކީ ބައެއް މީހުންނަށް ވަރަށް ބޮޑު ހަރަދެކެވެ. އަދި ސިނގިރޭޓުގެ އަގަށް އައި ބަދަލާއެކު އެއަށް ކުރަންޖެހޭ ހަރަދު ދެގުނައަށް ބޮޑުވުމުން އެފަދަ މީހުން ސިނގިރޭޓާއި ދުރައްދާން މިހާރު ވަނީ ވިސްނަން ފަށާފައެވެ. ބައެއް ފަރާތްތަކުން މިހާރު ވެސް އެނިންމުން ނިންމާފައިވާ ކަމަށް ދަނީ ބުނަމުންނެވެ.

ބައިނަލް އަގުވާމީ މަޝްރަހަށް ބަލާއިރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިގޮތުން ދާދިފަހުން އެމެރިކާއާއި ކެނެޑާގައި ކުރެވުނު ދިރާސާ ތަކުން އެދެގައުމުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައި ކަމަށް ވަނީ ދައްކާފައެވެ. ރާއްޖޭގެ އާއްމު ސިއްހަތުގެ ކަންތައްތައް މޮނިޓަރ ކުރާ މަރުކަޒުގެވެސް އަމާޒަކީ ރާއްޖޭގައި އެފަދަ ޓްރެންޑެއް ގާއިމު ކުރުމެވެ.

ލަފާކުރެވޭ ގޮތުން ސިނގިރޭޓުގެ އަގު ކުރިއަށް އޮތް ކައިރި މުސްތަގްބަލުގައި އަދިވެސް މައްޗަށް ދާނެއެވެ. އެއީ ސަރުކާރުން ނަގަމުންދާ ޖީއެސްޓީ ޖެނުއަރީ މަހުން ފެށިގެން %6 އަށް މަތިކުރުމަށް ނިންމާފައި ވާތީއެވެ.

“ކުރިން 10 ރުފިޔާއަށް 10 ސިނގިރޭޓް ލިބޭނެ. ދެން އޭގެ ފަހުން 8 ސިނގިރޭޓް. ފަހުން 7 ލިބިފަ 5 ހަކަށް ވެއްޓުނީ. މިއަދު އެބުނީ އެންމެ 3 ސިނގިރޭޓޭ.” ސިނގިރޭޓަކަށް ސިކު ވެފައި އިން އަންވަރު މަޑުމަޑުން އިނދެގެން ވާހަކަ ދެއްކިއެވެ. އަދި ޖެނުއަރީ މަހުން ފެށިގެން ސިނގިރޭޓް ބުއިން ހުއްޓާލަން އަޒުމު ކަނޑައެޅިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355