twitterviber whatsapp telegramfacebookyoutube instagram
2nd May 2024

2011 ވަނަ އަހަރު މޯބައިލް ފޯނު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވުނު ބައެއް ކަންތައްތައް

Dec 18, 2011

.

ބަދުރުއްދީން ޙަސަން

އަހަރެމެންގެ ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރާ މޯބައިލް ފޯނަކީ މިހާރު އެއާ ނުލައި އުޅެން އުނދަގޫ އެއްޗެކެވެ. މޯބައިލް ފޯނު އިންޑަސްޓްރީ އަކީ ކޮންމެ ދުވަހަކުވެސް ތަފާތު އާ އީޖާދުތައް އުފައްދާ މާކެޓަށް ތައާރަފް ކުރަމުންދާ އިންޑަސްޓްރީ އެއްކަމުން، 2011 ވަނަ އަހަރު ވެސް ވަނީ ތަފާތު ހަބަރުތައް އިވިފައެވެ. މާކެޓަށް އަންނާނެ ކަމަށް ބުނެވުނު ނަމަވެސް ނަން ތަފާތު ވެގެން އައި އައިފޯން ފަހަކާއި ފިހާރަތަކުގައި ފައިސާ ދެއްކުމަށް ސްވައިޕް ކުރާ ފޯނުތަކުގެ ވާހަކަތައް ވަނީ އިވިގެން ގޮސްފައެވެ. ސްމާޓް ފޯނުތައް އިތުރަށް “ސްމާޓް” ވެގެން ގޮސް، މޯބައިލް ފޯނު އިންޑަސްޓްރީގައި މިއަހަރުވެސް ވަރަށް ފާހަގަ ކޮށްލެވޭ ކަންތައްތައް ހިނގާފައި ވެއެވެ. މިގޮތުން މިބަލާލަނީ މިއަހަރު ފާހަގަ ކޮށްލެވުނު 6 ހަބަރަކަށެވެ.

1- ވޮލެޓެއްގެ ގޮތުގައި ފޯނު ބޭނުން ކުރުން ވައިގަހިފުން

ކުރިއަރާފައިވާ އޭޝިޔާގެ މާކެޓްތައް ކަމަށްވާ ޖަޕާނާއި ދެކުނުކޮރެޔާގެ ފިހާރަތަކުގައި މޯބައިލް ފޯނުން ފައިސާދެއްކުން ތައާރަފް ކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަމަށްޓަކައި އެގައުމުތަކުން ބޭނުންކޮށްފައި ވަނީ ނިއަރ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ކިޔާ ޓެކްނޮލޮޖީ އެކެވެ. ޖަޕާނާއި ކޮރެޔާގެ އުފެއްދުންތަކުން ފިލާވަޅު ލިބި މިއަހަރުތެރޭ އެމެރިކާއިންވެސް ވަނީ މިފަދަ ޓެކްނޮލޮޖީއެއް ބޭނުން ކުރަން ފަށާފައެވެ. ގޫގުލް ވޮލެޓް ގެ އެހީގައި އަދި އެންއެފްސީ ޓެކްނޮލޮޖީ އާއި ޕޭޕާސް މެދުވެގެން، މިއަހަރު އެމެރިކާގެ ސުޕަމާކެޓްތަކުގައި ފޯނު ސްވައިޕް ކޮށްލައިގެން ފައިސާ ދެއްކުން ވަނީ ވައިގައި ހިފާފައެވެ.

2- އައިފޯން 5 ކަށް ކުރި އުއްމީދު

އޮކްޓޯބަރު 4 ވަނަ ދުވަހު އެމެރިކާގެ ކުޕަޓީނޯގައި ހުންނަ ހެޑްކުއާޓަސްއަށް މީޑީއާތަކުން ދިޔައީ “ލެޓްސް ޓޯކް އައިފޯން” ގެ ނަމުގައި އޮތް އިވެންޓަށް ވަރަށް ބޮޑު އުއްމީދަކާއެކު އެވެ. ހުރިހާ އެންމެންވެސް ހީކުރީ އެޕަލް އައިފޯން 5 އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެދުވަހު މާކެޓަށް ނެރެފައިވަނީ އައިފޯން ފޯއެސް އެވެ. އައިފޯން 5 ގެ ނަމުގައި ނައިކަމުގައި ވިޔަސް، އެފޯނުގައި ހުރި އެޑްވާންސް ފީޗާ ތަކުގެ ސަބަބުން ގިނަބަޔަކު ހިތްހަމަ ޖެހުނެވެ. ހާއްސަކޮށް އޭގައި ހިމެނޭ ވޮއިސް ރެކޮގްނިޝަން ފީޗާ ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ. އައިފޯން 4 ގެ އެކްސްޓީރިއާ ހުރިކަމުގައި ވިޔަސް، ފީޗާތަކުގެ ތެރެއިން 8 މެގަ ޕިކްސެލްގެ ކެމެރާއާއި އައިކްލައުޑް އަކީވެސް ވަރަށް ފާހަގަ ކުރެވުނު ކަންކަމެވެ. އަދި އެޕަލްގެ ބާނީ ސްޓީވް ޖޮބްސް ދުނިޔެ ދޫކުރުންވެސް ވެގެންދިޔައީ އެޕަލް އާއި ގުޅިގެން އިވެގެންދިޔަ ފާހަގަ ކޮށްލެވޭ ހަބަރަކަށެވެ.

3- ކިއުއާރު ކޯޑް

ކިއުއާރު ކޯޑް ނުވަތަ ކްއިކް ރެސްޕޮންސް ކޯޑް އޭބުނުމުން ބައެއް މީހުންނަށް އާއެއްޗަކަށް ވެދާނެއެވެ. އެހެންވާނަމަ، މިއަހަރުގެ މެދެއްހައި ހިސާބުގައި މިސައިޓުގައި ޖެހި ދިރާގުން ފެށި ޕްރޮމޯޝަންއެއްގެ ހަބަރު ހަނދާން ކުރާށެވެ. ދިރާގުން ތައާރަފް ކުރި ޕްރޮމޯޝަންގައި ޖެހެނީ މޯބައިލް ފޯނުގެ ކެމެރާ މެދުވެރިކޮށްގެން އަދި ފޯނަށް އަޅާ ޕްރޮގްރާމެއް ބޭނުންކޮށްގެން ދިރާގުގެ އިޝްތިހާރުތަކުގައި ހުންނަ މިދަންނަވާ ކޯޑްތައް ސްކޭން ކުރާށެވެ. ދިރާގުން ރާއްޖޭގައި ބޭނުން އެކުރި ކްއިކް ރެސްޕޮންސް ކޯޑަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ފޯރީގައި މިއަހަރު ތެރޭ ހިނގި އެއްޗެކެވެ. އިޝްތިހާރު ތަކުގައި ހުންނަ މައުލޫމާތުގެ އިތުރުން މައުލޫމާތު ފޯރުކޮށްދިނުމަށް ކިއުއާރު ކޯޑް ތަންތަނުގައި ބެހެއްޓުން ވަރަށް އާއްމުވި އަހަރެއް ކަމުގައި 2011 ވާނެއެވެ.

4- އެންގްރީ ބާޑްތައް ބިސްއަޅާ ގިނަވުން

އެންގްރީ ބާޑްސް އަކީ 2010 ވަނަ އަހަރު މަޝްހޫރުވި ގޭމެއް ކަމަށް ވިޔަސް 2011 ވަނަ ވެގެން ދިޔައީ އެންގްރީ ބާޑްތައް ބިސްއަޅާ އިތުރަށް އާބާދީ ބޮޑުކުރި އަހަރަކަށެވެ. އެގޭމުވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާ މޯބައިލް ފޯނުތަކުގެ އިތުރުން ކޮމްޕިއުޓަރުތަކަށްވެސް ބިސްއަޅާފައެވެ. މީގެ އިތުރުން މޯބައިލް ގޭމިން އިތުރުވި އަހަރަކަށް 2011 ވެއެވެ. ދިރާސާ ތަކުން ދެއްކާފައިވާ ގޮތުގައި މޯބައިލް ފޯނު ގެންގުޅޭ މީހުންގެ %93 މީހުން މިހާރު ގަނެގެންވެސް ގޭމް ތައް އިންސްޓޯލްކުރަން ފަހެއް ނުޖެހެއެވެ. މިކަމުގެ ސަބަބުން އޮންލައިން އެޕް ސްޓޯރުތައް ކުރިއަރައިގެން ދިޔައެވެ. އަދި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ނޫންގޮތަކަށް އެފަދަ އެޕްސް ވިއްކަން އެމެރިކާގެ ކޮލެރާޑޯގައި ފިހާރައެއް ހުޅުވިއެވެ.

5- މޯބައިލް ފޯނުގެ އޮޕަރޭޓިން ސިސްޓަމްތަކުގެ ރޭހުގައި ގޫގުލްގެ އެންޑްރޮއިޑް އެއްވަނަ އަށް އެރުން

ގަބޫލު ކުރަން ދަތިވިޔަސް މިއީ ދޮގެއް ނޫނެވެ. މަޝްހޫރު މޯބައިލް އޯއެސްތައް ކަމުގައިވާ އެޕަލް، ބްލެކްބެރީ، ސިމްބިއަން، ވިންޑޯޒް ފަދަ އޯއެސްތައް ވައްޓާލުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގޫގުލްގެ އެންޑްރޮއިޑް މިހާރު ވަނީ އެއްވަނަ އަށް އަރާ ހަމަޖެހިލާފައެވެ.

6- އެޕަލްގެ ވިލާގަނޑު

އަލަށް ތަޢާރަފް ކުރެވުނު އެޕަލް އައިއޯއެސް 5 އަދި މެކްއޯއެސް އެކްސް ލަޔަން އާއެކު އިންޓަގްރޭޓް ކުރެވިފައިވާ އައިކްލައުޑް އަކީ 2011 ވަނަ އަހަރުގެ މަޝްހޫރު އެޕްސްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް އެޕްލިކޭޝަންއެވެ. މިއުޒިކާއި ލަވަޔާއި ޕްރޮގްރާމްތައް ވަޔައިލެސްކޮށް ވަގުތުން ވަގުތަށް ތިމާގެންގުޅޭ ހުރިހާ އެޕަލް ޕްރޮޑަކްޓް ތަކަކަށް ސިންކްވާ މިޕްރޮގްރާމްގެ ބޭނުން ގިނަ ބަޔަކު ހިފައެވެ. އަހަރު ފެށުން އިރު ގޫގުލް އިން މިއުޒިކް ޝެއާ ކުރަންވެސް މިފަދަ އާލާތެއް ތައާރަފް ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355