twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރަސްމީ ޚިދުމަތް ދިނުމުގައި ޒާތީވުން މިއީ ދެން ބޮޑުވެއްޖެ ކަމެއްނޫން ހެއްޔެވެ؟

Dec 27, 2011

.

ހާޝިމް އަބޫބަކުރު

ރަށުގެ ކަތީބުން އެމީހުންގެ ގާތްތިމާގެ މީހުންނަށާއި ބޮޑު ރައްޓެހީންނަށް ރަށު އޮފީހުގެ ވަޒީފާތައް ދީ، ރަށުން ދެތިން ހަތަރު ގޯތި ދިން ޒަމާން މާޒީވެ ހިނގައްޖެއެވެ. ވަކި ރައްޔިތަކު ނިކަމެތިކޮށްލައި، އާއިލާގެ މީހުންނަށާއި ޅިޔަންފަހަރީންނަށް ޤައުމުގެ އިސް މަޤާމްތައްދީ، ދެބުރި ތިންބުރިއަށް ގެ ހިއްލައިދީ، އެމީހުންގެ ކުންފުނިތަކާއި ވިޔަފާރިތަކަށް ނާޖާއިޒް ފައިދާތައް ހޯދައިދިން ވެރީންގެ ޒަމާންވެސް މާޒީގެ ތެރެއަށް ކޮށްޕާލީ އަހަރެމެން ބަދަލަކަށޭ ބުނެ ނިކުމެގެންނެވެ. އެ ހުރިހާ ތަފާތުކުރުންތަކާއި، ދުވަހަކު ކޮޅުންވެސް ދިމާވެފައިވާ ކަމަކާ ހެދި އެ ދައްކާ ޒާތީ ގޮތްގަނޑު ބަދަލުކުރުމަށެވެ. އެންމެވެސް ހޯދަން މި އުޅޭ “ހަމަކަން” ލިބިގަތުމަށެވެ. އެހެންނަމަވެސް އެ ހުންނަ ޒާތީ ގޮތްގަނޑު އަހަރެމެންގެ ތެރޭގައި ވަކިހިއްޕާފައި މި ވަނީ އަމަކަށު ވަރަކަށް ނޫންވިއްޔާއެވެ! އާއްމު ޚިދުމަތްތައްދިނުމުގަ އާއި ރަސްމީ ކަންކަމުގައިވެސް އެ ދައްކާ ޒާތީ ހަސަދަގަނޑެއް ތާއެވެ!

ދުވަސްވަރަކީ މީގެ ދެތިން މަސްކުރިން ރަށުތެރޭގައި އެންމެ ގަދަޔަށް ޑެންގޫހުން ފެތުރިން މިދިޔަ ދުވަސްވަރެވެ. ކާފަ އަކު ހުންއައިސްގެން ޑޮކްޓަރަށް ދެއްކުމަށްޓަކައި އަންހެން ކުއްޖަކު ހޮސްޕިޓަލަށް ދިޔަ ފަހަރެކެވެ. ޑޮކްޓަރ ބައްލަވައި، ލެބޯޓްރީން ލޭ ނެގުމަށްފަހު، އައު ސިރިންޖެއް ހޮސްޕިޓަލާއި ހަވާލުކުރަން ޖެހޭތީ، އެ ސިރިންޖް ގަނެގެން ނަރުހުންގެ ސްޓޭޝަނަށް މި ބުނާ އަންހެން ކުއްޖާ ދިޔައެވެ. ފަސްވަރަކަށް މިނެޓް ފަހުން ވަރަށް ބާރަށް ހިނގާފައި އައިސް އަޅުގަނޑުގެ ކުރިމައްޗަށް ހުއްޓުނު އިރު އޭނާާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. ވަރަށް މަސައްކަތުން އޭނާ ހަމައަކަށް އެޅުވުމަށްފަހު، ވީ ކީއްތޯ އެހުމުން ބުނި ވާހަކައިން އަޅުގަނޑު ހިނިއަންނަގޮތްވެސް ވިއެވެ.

މި އަންހެން ކުއްޖާ ނަރުހުންގެ ސްޓޭޝަންގައި ހުރި ނަރުހަށް ސިރިންޖް ދިއްކޮށްލުމުން ދެނެހުރިކަމަށްވެސް ނުހަދައި، ތުން އަނބުރާލާފައި ފައިލެއްގައި އެ ލިޔާ ހާސަރެއް ލިޔަން އޭނާ ހުރީ ޔޯލައެވެ! ސިރިންޖް ހިފައިގެން އެޔަށް ހަދާނެ ގޮތެއް ނޭނގި، މޭޒުމަތީ ބާއްވާފަ ދާން ނުކެރިގެން ހުރެ “އެކްސްކިއުސްމީ” އޭ ކިޔާ ކިޔާ ވެސް އަނގައި ނުބުނެގެން ހުއްޓާ، އެންމެ ފަހުން އެޔާ ހަވާލުވީ ސްޓޭޝަނަށް އައި ބިދޭސީ ނަރުހެކޯލައެވެ! ރަނގަޅަށް ވާނުވާ ސާފުކޮށްލި އިރު، މި އަންހެން ކުއްޖާ އާއި ނަރުސް ކުއްޖާ އަކީ، އެއް އިރެއްގައި ތިނެސްކަން ލޯބީގެ ފިނޮޅެއްގެ އައްސޭރީގައި ވަރުގަދަ އިޝްޤީ ހަނގުރާމައެއް ކުރި ދެ ކުދިންނޯލައެވެ! އެހެނެއްކަމަކު، އެފަދަ ހަސަދައެއް ފިލުވައިލުމަށް އެންމެ އެކަށޭނަ ތަނަކީ މިފަދަ އާއްމު ޚިދުމަތްދޭ ހޮސްޕިޓަލް މާހައުލު ބާއޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ރަސްމީ ވަޒީފާ އަދާކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ނަރުހުންނަށް ފަހެ މިހާރު ކިޔައި ނުދެނީ ހެއްޔެވެ؟

މިފަދަ ކަންކަން ވަކި ނުހިނގަންވީ ފަހެ ކީއްވެ ހެއްޔެވެ؟ އެޔޮއް ޢިއްޒަތާއި ޤަދަރުން ފުރިގެންވާ ރައްޔިތުންގެ މަޖިލީހުގައި ޢިއްޒަތްތެރި މެންބަރުންވެސް އެ ކުރަނީ ހަމަ އެފަދަ ޒުވާބު ވިއްޔާއެވެ. އަޅުގަނޑުވެސް އެއްބަހެވެ. އެއީ ބަހުސްކޮށް ވާދަގޮވަން ޖެހޭތަނެކެވެ. އެހެނެކޭ ކިޔާފަ، ވާދަ ގޮވަން ޖެހޭނީވެސް ބިލުތަކާއި ބެހޭގޮތުންތާއެވެ! އަޅުގަނޑުމެން އެ މެންބަރުން ހޮވީ އެއް މެންބަރަކު އަނެއް މެންބަރަކާ ދިމާލަށް އައުގުރާނަ ގޮވާ، ޒާތީ ދިރިއުޅުމާ ބެހޭގޮތުން ހިތުހުރިހާ އެއްޗެއް ކިޔާ، ހަސަދަ ފިލުވުމަކަށް ނޫން ވިއްޔާއެވެ! އެފަދަ ނާތަހުޒީބީ އަމަލު ހިންގާ ހޮޅުއައްޓަކަށް އެ މަޖްލިސް ހަދާއިރު، އަޅުގަނޑުމެންނަށް އެ މެންބަރުން އަދާކުރަންޖެހޭ ދަރަނީގެ މަތިން ހަނދުމަ ނުހުންނަނީ ހެއްޔެވެ؟ އަޅުގަނޑުމެންނަށް ދޭން ޖެހޭ ޤައުމީ ޚިދުމަތް ކޮބާހެއްޔެވެ؟

ދެންވެސް ހަމަ އިހަށްދުވަހުގެ ވާހަކައެކެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ޓެކްސީތަކެއް ކުއްޔަށް ނެގުނެވެ. އެހެންނަމަވެސް ކުއްޔަށް ނެގުނު ބައެއް ކާރުތަކާއި މެދު ރަށު ކައުންސިލަރުން ހިތްޕުޅުހަމަޖެހިވަޑައިނުގެން އެ ޓެކްސީތައް ހަމަ ވަގުތުން ފޮނުވާލުމަށްފަހު، ކައުންސިލަރުން ހިތްޕުޅުތައް ހަމަޖެހިވަޑައިގަންނަވާ “ކުލައި”ގެ ޓެކްސީތަކަކަށް އެ ފުރުސަތުދެވުނެވެ. އިދިކޮޅު ޚިޔާލުގެ ޓެކްސީތައް ބޭނުންކޮށްގެން ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމަށް އެ ކައުންސިލަރުންނަށް ހީފުޅުކުރެއްވުނީ ތޯއްޗެކެވެ! އެހެންނަމަވެސް ވަކި ކުލައަކަށް ލޯބި ކުރާ ޓެކްސީ ޑްރައިވަރުންވެސް އެފަދަ އާއްމު ޚިދުމަތެއް ދޭއިރު، އިދިކޮޅު ޚިޔާލުގެ ކަސްޓަމަރަކަށް “ދެރަގޮތެއް” ފަހެ ހަދާނެ ހެއްޔެވެ؟ އެ ޑްރައިވަރުންވެސް ބޭނުންވަނީ ގިނަ ރުފިޔާ ހޯދައިގެން ގަންނަން ހުންނަ ތަކެއްޗަށް އަތްފޯރުކުރަންވިއްޔާއެވެ.

އެފަދަ ޚިދުމަތެއް ހޯދާއިރު، އެ ބަޔަކު ހިތްހަމަޖެހޭ ޓެކްސީއެއް ގެނައުމުގައި ކުޑަވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް ޓެކްސީތައް ގެނެސް އެތައް އަނގައެއްތެޅުވުމަށް ފަހު ދެން ފޮނުވާލުމުން، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ބެހޭ ބާބުގައި ބަޔާންކޮށްފައިވާ މަސައްކަތްކުރުމުގެ ޙައްޤު އެ ޑްރައިވަރުންނަށް ލިބިދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅިފައިވާކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތެވެ. އެ ބާބުގެ 17 (ހ) ގައި ވާގޮތުން އެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސްގޮތަކުން ތަފާތުކުރުމެއްނެތި ހަމަކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެއްވެސް ހާލެއްގައި އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބަލައި ތަފާތުކޮށްގެން ނުވާނޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. ކަންމިހެން އޮތްއިރު ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުން ތަމްސީލުކުރާ އެ ކައުންސިލަރުން ވަކި ރައްޔިތަކާ މެދު ޒާތީގޮތުން ޖައްސާލައިގެން އުޅެނީއޭ ނުބުނެވި ހުންނާނެ ހެއްޔެވެ؟

މަދު ބައެއްގެ މިފަދަ ޢަމަލުތަކެއްގެ ސަބަބުން، ޤާނޫނު އަސާސީން ލިބިދޭ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ބަދަލަކަށޭ ބުނެގެނައި ސަރުކާރުގެ އަގު އިތުރަށް ވެއްޓުންނޫން އެހެންކަމެއް ނުވެއެވެ. އެހުންނަ ޒާތީ ގޮތްގަނޑު ދޫކޮށްލައިގެން ނޫނީ ހަމަ އެންމެ މޮޅެއްވެސް އެކަކަށްވެސް ނުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355