twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައިވެނިތަކުގައި ގެންގުޅޭ ‘ކަޓު’ ސަޤާފަތްތައް ބަދަލުކުރަން އެބަ ޖެހޭ

Jan 3, 2012

.

ހާޝިމް އަބޫބަކުރު

–  އައު އަހަރުގެ ފުރަތަމަ ކައިވެނި ވަލީމާއިން ތަފާތު ސަޤާފަތެއްގެ ފެށުން

“އަނބި ގަބޫލުކޮށްފިން!”… އަލަތު ކައިވެނީގެ ގޮށް ޖަހާލަމުން އެ ޒުވާނާ ބުނެލިއެވެ. ވަރަށް ފުރިހަމަ ހަފްލާއެވެ. އާއިލާގެ ހުރިހާ މެމްބަރުން ހާޟިރުވެ ތިއްބެވެ. ހަމްދު އަޅާ، މުބާރަކް ބާދީ ކިޔާ ނިމުމާއި އެކު، ގޭގެ އަންހެންވެރިން އައިސް ޒުވާނާގެ ކުރިމަތީގައި ބެހެއްޓީ އަޅުގަނޑު ދުވަހަކުވެސް ނުދެކޭ ޒާތެއްގެ ބުއިމެއް އަޅާފައިހުރި ބިއްލޫރި ދިގު ދޯރެކެވެ. ކޮންމެއަކަސް އެ ބުއިމަށް ‘ފުރިހަމައަށް’ އިންސާފު ކުރުމަކީ ހަމަ ކޮންމެހެންވެސް އެ ޒުވާނާ ކުރަންޖެހޭ ކަމެކޯލައެވެ. ބިސްމި ކިއުމަށްފަހު، ދޯރުގައި ތުންޖަހާ ވަރަށް ހިތްވަރުން މެދާ ހަމައަށް ބޯލިއެވެ. ނަމަވެސް ދެންހަމަ އެންމެ އެތިފޮދެއްވެސް އެތެރެކޮށް ނުލެވުނު ތާނގަ، ދެފަހަރަކު އޯކަށް ދެމިފައި ދެން ލީ ހޮޑެވެ. ވަށައިގެން ތިބި މީހުންގެ ހުނުމުގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ. ދުރުގައި ސައިބޯން އިން ޤާޟީ އާއި، ކޯޓުގެ މުއައްޒަފުންވެސް އެ ކުޅިވަރު ބަލަމުން ދިޔައީ ހެމުންނެވެ.

ދެން ފެނުނީ ނުބޮވުނު ބައި އެ ޒުވާނާގެ ބޮލަށް އޮއްސާލިތަނެވެ. ކުލަ އާއި ކުކުޅު ބިހުން ދެ ޢަރޫޝުން ފެންވަރުވާލި މަންޒަރެވެ. އަދި ދަމާގާޑިއަލެއްގައި ބަހައްޓާފައި ހުރި މަސްކައްކާ ބޮޑު ލޯގަނޑަކަށް އެ ފިރިހެން ސޮރު ލައިގެން ބެރު ޖަހަމުން ރަށުގެ ބޮޑެތި މަގުތަކުގައި ހަމަ ރަނގަޅަށްވެސް “ގަންހިންގުވި” ތަނެވެއެވެ.

އެއީ ދާދި މިދާކަށް ދުވަހު އޮތް ހަމަ އެންމެ ކައިވެންޏެއްގެ ފެށުމެވެ. ކުޅުދުއްފުށީގައި ކުރެވޭ ގިނަ ކައިވެނިތަކަކީ ހަމަ މިފަދަ ކައިވެނިތަކެކެވެ. ކޯޓުގައި ކުރެވޭ ކައިވެންޏެއްކަމުގައި ވީނަމަވެސް، ކޯޓުން ބޭރަށް ނިކުތުމާއި އެކު ފެނިގެންދަނީ ހަމަ މިފަދަ ކުޅިގަނޑެކެވެ. މި މަންޒަރުތައް ފެނުމުން ހީވަނީ ބޮޑު ކުށެއްކޮށްގެން އުޅޭ މީހަކު އެންމެންތެރޭގައި ފަޟީހަތްކުރާ ހެންނެވެ. ހަމަގައިމުންވެސް އަޅުގަނޑަށް ސިފަވަނީ ފިރިހެނަކު ހިލޭ އަންހެނެއް ކައިރިއަށް ވަތްކަން ފަޅާ އެރުމުން އެމީހާ ނެރެ، ކަރުގައި ނާށިފަތި އަޅުވައި، ބޮލަށް ގަރުއަޅައިގެން ޑަބިޔާ ޖަހާފައި މުޅި ރަށަށް އެމީހަކު ބޭޒާރުކުރަމުން ގަންހިންގުވާކަމަށް މާމަ ކިޔައިދޭ ވާހަކައެއްގެ މަންޒަރެކެވެ!

އަދި މިވަރުން ‘ކުޅިވަރު’ ނިމުނީއެއް ނޫނެވެ. ވަލީމާއަށްޓަކައި ހަމަ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލީއެވެ! ވަލީމާގެ ސަޔާއި ކެއުންތަކަށް ފަހު، ދެން އަނެއްކާވެސް ‘ޖަރީމާތައް’ ފެށުނީއެވެ. ފިރިހެން ކުއްޖާގެ ރައްޓެހިންނާއި އާއިލާގެ މީހުން ނުކުމެ، އެސޮރު ދަމާ ރަނބިކޫތާފައި ގެނެސް ބަންނަނީއެވެ. އެހެންނޫނީ ‘ހަވަރު’ ތިބެނީ އެ ސޮރަށް ހިރިނުލެވޭ ވަރަށް ހިފަހައްޓައިގެންނެވެ. ދެން އެޔޮށް ލޯބިން ފަރުވާކޮށްގެން ބަލަހައްޓާ އިސްތަށިގަނޑު އެއްވެސް ‘ރަހުމެއްނެތި’ ކޮށާލައި، މުޅި ބޯ ބާލަނީއެވެ. އެއްބައި ފަހަރަށް ތަލައިގައި ރީނދޫވެސް ވަށަޔޯލައެވެ. އަދި ބޯ ބާލާއިރު ބުމަ އާއި އެކީވެސް ބާލަޔޯލައެވެ. މި މަންޒަރު ބަލަން ގޭގެ އަންހެންވެރިން ކުދި ދަރީންތައް ކިހިލި ޖަހައިލައިގެން ތިބެނީ، ބޮޑު ޢީދުގައި ދަމުހިނގާ މަންޒަރު ބަލަންތިބޭ ވަރަށް ވުރެވެސް ފޯރީގައެވެ. ދެން ބޮލުގައި އިސްތަށިފަޅާ ދިގުވަންދެން އޮންނާނީ އެ ސޮރަށް ނުހަނު ‘ރިވެތި’ ނަންނަމުން ގޮވުމެވެ. އެއް ފަހަރަކު “ތަލަބޮލަށް” ގޮވާފާނެއެވެ. ނޫނީ އިރު ބޮލަށް ލައިގެން އުޅެނީ އޭ ގޮވާފާނެއެވެ.

ބޯބޭލުމުގެ ސަޤާފަތަކީ ކުޅުދުއްފުށީ އުތުރު އަވަށުން ދާދި އިހަކަށް ދުވަހު ފެށިގެން އާންމު ވަމުން އަންނަ ކަމެކެވެ. ރަށުގައި މިކަން މޫލައި ވަކިހިއްޕަމުން ދާއިރު، މީގައި ހެއްވާ ތަންކޮޅަކީ މިކަން ފެށި މީހުންނާ ގުޅޭގޮތުން ދޫދޫމަތިން ދެކެވޭ ވާހަކައެވެ. ކޮންމެއަކަސް މި އާދަ ފެށި ކަލޭގެ ވަރަށް ފޯރިއާއި އެކު އޭނާގެ ތިމާގެ މީހުންނާއި ރައްޓެހި ސޮރުމެން މީހުންނާ އިންނަ ރޭރޭ އެމީހުންގެ ބޯ ބާލަމުން ދުވި ޔޯލައެވެ. އެހެންނަމަވެސް މިކަލޭގެ މީހަކާ އިން ރޭ، އޭނާގެ ބޯބާލަން އެއްކަލަ ރައްޓެހިންތައް ދިމާކޮށްލުމުން، “ތިމަންނަގެ ބޯ ބޭލި މީހަކާ ދެމެދު އޮންނަ ގުޅުން ކަނޑާނަމޭ” ބުނެ އިންޒާރުކުރުމުން، އެފަދަ ކޫސަނި ކަމަކާ ހެދި ރައްޓެހިކަމާއި ތިމާގެ ކަމުގެ ގުޅުން ކެނޑިދާނެތީ އެކަން ނުކުރީ ކަމަށް ވެއެވެ.

ކައިވެނިކުރާ ފިރިހެން ކުދީންނަށް “އަނިޔާ” ދޭ އުސޫލުން، އަންހެން ކުދީންނަށްވެސް ވަކި ދުލެއްނުކުރެއެވެ. ވަރަށް ކުރިއްސުރެވެސް ގަޔަށް ފެންޖެހުމާއި އަންހެން ކުއްޖާގެ އާއިލާ މީހުންގެ ގޭގޭގެ ފެންވަޅަށް ގަރު އެޅުމަކީ އާއްމު ކަމެކެވެ. ޚުދު އަޅުގަނޑުގެ ދައްތައެއް ކައިވެންޏާއި ގުޅިގެން އަޅުގަނޑުގޭގެ ފެންވަޅަށް ގަރު އަޅާފައިހުރި ހަނދާން އަދިވެސް ހުރެއެވެ. ބަޔަކު ކައިވެންޏެއް ކުރިއޭ ކިޔާފަ މިއީ ދެން ތަންފުކެއް ބޮޑުވަރު ނޫން ހެއްޔެވެ؟

ކައިވެންޏަކީ މުޤައްދަސް ގުޅުމަކުން ދެ މީހަކު ގުޅުވާލަދޭ މާތް ގުޅުމެއް ނޫންހެއްޔެވެ؟ އެއީ ދެމީހެއްގެ ޙަޔާތަށް އަންނަ އެންމެ އުފާވެރި ދުވަސް ނޫން ހެއްޔެވެ؟ އެދުވަހު ކައިވެނިކުރާ ދެމީހަކު ބޭނުންވާނީ، ބޮޑު ސަހަރެއްގެ މަތިވެރި ރަސްގެފާނަކަށާއި ރާނީއަކަށް އެ ސަހަރުގެ ރައްޔިތުން މެހެމާންދާރީ އަދާކޮށް ފަށުވި ބަސްތަކުން މަރުޙަބާގެ ޅެން ފަރިއްސާއި ސަނާކިޔައި، އުފާވެރި ދިގު އުމުރަކާއި، ހެޔޮލަފާ ދަރީން ދެއްވުމަށް އެދި ދުޢާކުރާ ފަދައިން، ދެފަރާތުގެ ޢާއިލާއިންނާއި އެކުވެރި ރަޙުމަތްތެރީންގެ ފަރާތުން، އެ ދެ ޢަރޫޝުންނާމެދުވެސް ކަންތައްކުރުމަށް ނޫން ހެއްޔެވެ؟ މިއީ ސަމާސައަށް ކުޅޭ ކުޅިވަރެއް ނޫން ވިއްޔާއެވެ!

ކޮންމެއަކަސް އެއީ މިދިޔަ އަހަރާއި އޭގެ ކުރިއެވެ. ކުރި އާއި ޚިލާފަށް އައު އަހަރުގެ ފުރަތަމަ ދުވަހު ދަޢުވަތު ލިބުނު ވަލީމާ ފެނުނީ ވަރަށްވެސް ފުރިހަމަކޮށެވެ. ދެ އަރޫޝުން މެހެމާނުންނާއި ބައްދަލުކުރަމުން ދިޔައިރު، ފޮޓޯގްރާފަރަކަށް ހުރި ޖިންސުއްލަތީފަކު ދިޔައީ އެ އެންމެންގެ އިހުސާސްތައް އޭނާގެ ކެމެރާގައި ވަރަށް ކުޅަދާނަކަމާއި އެކު ރައްކާކުރަމުންނެވެ. ލަވަ ރޯލު ޖައްސާފައި ހުރުމުގެ ބަދަލުގައި، ރަށުގެ ޒުވާނުންކޮޅެއް ޖޯޝާއި ފޯރީގައި ޖަހަމުންދިޔަ ދިވެހިންގެ ސަޤާފީ ބޮޑުބެރުން އެ މާހައުލު ފަޅުފިލުވަމުން ދިޔަދިޔުން އެއީ ކުޅުދުއްފުށްޓަށް މުޅިން އައު ކަމެއް ތަޢާރަފުކުރި ވަލީމާއަކަށް އެ ވަލީމާ ވެގެންދިޔަ ސަބަބެކެވެ. ކުޑަ ތަންކޮޅެއް މަޑުމައިތިރި، އަދި އެރޭ ހުށަހަޅައިދިން ލަވަތަކަށްވުރެވެސް  އެ ހާލަތާގުޅޭ ލަވަތަކެއް އިވިގެން ދިޔަނަމަ، އެ ވަލީމާ މާބޮޑަށްވެސް ފުރިހަމަވެގެން ދިޔައީހެވެ.

ކައިވެނީގެ ހަފްލާތަކުގައި ފެންނަން ބޭނުންވަނީ އެފަދަ ތަހުޒީބީ ކަންކަމެވެ. އައު ކަންކަން ފެށުމުގައިވެސް މަސައްކަތްކުރަންވީ އެންމެންވެސް ޤަބޫލުކުރާ ކަންކަން ގެނެސްގަތުމަށެވެ. ސަޤާފަތުގެ ތެރެއަށް ‘އޮބިއަޅައިގެން’ ވައްދަންވީ ބަޔަކު ކުރާ ނޭދެވޭ ކަންކަމެއްނޫނެވެ. މިހެން ލިޔާއިރުވެސް ދަންނަވާކަށް ނޭނގެއެވެ. އެރޭ ކައިވެނިކުރި ސޮރު މިހާރު ހުންނާނީ ބޯބާލަފަ ކަންނޭނގެ އެވެ!….

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355