.
ބަދުރުއްދީން ހަސަން
މީގެ ތިންއަހަރު ކުރިން ގޫގުލް އިން ތައާރަފް ކުރި އެމީހުންގެ އަމިއްލަ ބްރައުޒަރ ގޫގުލް ކުރޯމް ވަނީ އެކުރު މުއްދަތުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ދިވެހިންގެ ތެރޭގައި ވެސް މަގްބޫލު ބްރައުޒަރ މޮޒިއްލާ ފަޔާފޮކްސް މީގެ މަހެއްހާ ދުވަސް ކުރިން ކުރޯމް އިން ވައްޓާލައި ބްރައުޒަރ މާކެޓްގެ ދެވަނަ އަށް ވަނީ އަރާފައެވެ. މިހާރު ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ ބާޒާރުގައި ޒަމާނުއްސުރެ ރަސްކަން ކުރަމުން އަންނަ އިންޓަނެޓް އެކްސްޕްލޯރަރ ކުރޯމްއަށް ވައްޓާލެވިދާނެ ބާއެވެ.
ދުނިޔޭގެ އެންމެ ގިނަބަޔަކު ގެންގުޅޭ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ މައިކްރޯސޮފްޓްގެ ވިންޑޯޒް އާއެކު އިންޓަނެޓް އެކްސްޕްލޯރަރ ހިމެނިފައި ވުމުން، އެންމެ ގިނަ ބަޔަކު އަދިވެސް ބޭނުން ކުރަމުން ދަނީ އިންޓަނެޓް އެކްސްޕްލޯރަރ އެވެ. އަދި ޒަމާނުއްސުރެ މާކެޓްގައި ފައިހަރުކޮށްފައި އޮތް އިންޓަނެޓް އެކްސްޕްލޯރަރ ވައްޓާލުން ވާނީ ފިނި ބުއިން ތަކުގެ މާކެޓުން ކޮކާކޯލާ ވައްޓާލުން ފަދަ ކަމަކަށެވެ. އެއީ ކިތަންމެ އުނދަގޫ ކަމެއްކަމުގައި ވިޔަސް، ގިނަ ތަޖުރިބާ ކާރުން މިހާރު ބުނަމުން ދަނީ ކްރޯމްއަށް އެކަންވެސް ކުރެވިދާނެ ކަމަށެވެ.
ވެބްސައިޓްތައް ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ ސްޓެޓް ކައުންޓަރ އިން ނިމުނު ޑިސެމްބަރު މަހުގެ ތަފާސް ހިސާބު ހާމަކުރިއިރު، އިންޓަނެޓް އެކްސްޕްލޯރަރ އަށް ލިބެނީ މާކެޓް ހިއްސާގެ 37 އިންސައްތައެވެ. އޭގެ ފަހަތުން ގޫގުލް ކްރޯމްއަށް ލިބިފައިވަނީ 27 އިންސައްތައެވެ. ފަޔަރފޮކްސް އަށް 25 އިންސަތަ ލިބޭއިރު އެޕަލްގެ ސަފާރީގެ މާކެޓް ހިއްސާއަކީ 6 އިންސައްތައެވެ.
ނަމަވެސް އެކި އެކި ސާރވޭ ކުންފުނިތަކުން އާއްމު ކުރާ ތަފާސް ހިސާބު ތަކަކީ ތަފާތު ހުންނަ އެއްޗެކެވެ. ދާއިރާ ސާރވޭ ކުރާ އެހެން ކުންފުންޏަކުން އާއްމުކުރި ހިސާބު ތަކުގައި އިންޓަނެޓް އެކްސްޕްލޯރަރ އަށް 52 އިންސައްތަ މާކެޓް ހިއްސާ ލިބޭކަމަށް ވެއެވެ. ނަމަވެސް ކޮންމެ ބަޔެއްގެ ތަފާސްހިސާބު ތަކުގައިވެސް އެންމެ ކުރީގައި އަދިވެސް އުޅެނީ އިންޓަނެޓް އެކްސްޕްލޯރަރ އެވެ.
ތަފާސްހިސާބުތައް އިންޓަނެޓް އެކްސްޕްލޯރަރ އާއި އެއްކޮޅަށް ދެއްކިކަމުގައި ވިޔަސް، މަހުން މަހަށް އެމީހުންގެ ހިއްސާ ދަނީ ވެއްޓެމުންނެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދަނީ އިންޓަނެޓް އެކްސްޕްލޯރަރ އަށް ދެން މާކެޓްގައި ނުހިފެހެއްޓޭނެ ކަމަށާއި ގޫގުލް ކްރޯމް އެއްވަނަ އަށް އަރާނެ ކަމަށެވެ.
ގޫގުލްގެ ކުރިއެރުމުގެ ސިއްރެއް ކަމުގައި ދިރާސާ ކުރާމީހުން ސިފަކުރަނީ އެ ބްރައުޒަރ އަވަސް ވުމެވެ. އެޑްރެސް ބަރގައި ވެސް ގޫގުލްގެ ބާރުގަދަ ސާޗް އިންޖިން ހަރުކޮށްފައި ވުމުން އެބްރުޒަރއަށް ފުރިހަމަކަން ގެނުވައެވެ. ގޫގުލް އިން ވަނީ މީގެ އަހަރެއްހައި ދުވަސް ކުރިން ގޫގުލް ކްރޯމް ވިޔަފާރިތަކަށް ވެސް ހާއްސަކޮށް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ފަޔަރ ފޮކްސް އާއި އިންޓަނެޓް އެކްސްޕްލޯރަރއަށް މާކެޓްގައި ކުރިއެރުން ނުލިބެނީ ގޫގުލް އާއި އެއްވަރަށް ކުރިއެރުންތައް ނުގެނެވޭތީ އެވެ.
އިންޓަނެޓް އެކްސްޕްލޯރަރ މިހާ ގިނަދުވަހު ޑޮމިނޭޓް ކުރި އެއްސަބަބު ކަމަށް ގިނަބަޔަކު ބުނަނީ، އެއީ ވިންޑޯޒްއާ އެކީ އިންނަ ބްރައުޒާއަކަށް ވެފައި، އެހެން ބްރައުޒަރ ތަކެއްވެސް ހުންނަކަން ނޭނގޭތީއެވެ. ނަމަވެސް މިހާރު އައިޓީ ދާއިރާއަށް ގިނަ މީހުން ހޭލުންތެރިވުމާއެކު އެ ތަސައްވުރު ބަދަލުވަމުން ދާކަމަށް ރިޕޯޓްތަށް ބުނެއެވެ.
ދިވެހިރާއްޖޭގައި ވެސް ކްރޯމްގެ ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އިންޓަނެޓް އެކްސްޕްލޯރަރގެ މަގުބޫލުކަން ގެއްލުނުތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ. ގިނަ ބަޔަކު ފަޔަރފޮކްސް ބޭނުން ކުރި ކަމުގައި ވިޔަސް، އެތައް ޒުވާނުންނެއް ދަނީ މިހާރު ކްރޯމް އަށް ބަދަލު ކުރަމުންނެވެ.