twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސްކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާ ނުލިބެނީ ކީއްވެ؟

Jan 7, 2012

.

ހުސްނާ ޢަބްދުﷲ

ކޮންމެ އަހަރެއްގައި އެތައް ދަރިވަރުންނެއް ސްކޫލެއް ނިންމާފައި ނުކުންނައިރު އެދަރިވަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ މިހާރު ދެވަނަ ވިސްނުމަކަށް ދާންޖެހިފައިވާ ބޮޑު މައްސަލައެކެވެ. އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދި ޒުވާނުން ވަޒީފާއެއް ނެތި ގޭގައި ތިބެން ޖެހޭ މައްސަލައަކީ ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. މިއީ ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ކުޅުދުއްފުށީގައިވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

އޯލެވެލް ނިންމުމަށްފަހު ހައެއްކަ މަސްދުވަހު ކޮންމެވެސް ފިހާރައެއްގައި ‘ސޭލްސް’ ގާރލް އަކަށް އުޅެފައި ބައެއް ކުދިން އޭލެވެލް ހެދުމަށް އަނެއްކާ ސްކޫލަށް ދާން ފަށައެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭލެވެލްއަށް ވަދެވޭ ވަރަށް ފާސްވި ނަމަވެސް ސްކޫލުދެކެ ވާ ފޫއްސެއްގެ ސަބަބުން އިތުރަށް ނުކިޔަވާ ވަޒީފާއަށް ދާންފަށާ ކުދިން އުޅެއެވެ. އެހެންނަމަވެސް އެއީ ގެއްލުވާލަން ހެޔޮނުވާނޭ ފުރުޞަތެއްކަން މިހާރު އެންމެން ދަނެއެވެ.

ވަޒީފާގެ ވާދަވެރިކަން އިތުރު ވަމުން ދާވަރަކަށް ކިޔެވުމުގައިވެސް ވާދަވެރިކަން ދަނީ އިތުރު ވަމުންނެވެ. މިހާރަކަށް އައިސް ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން އިމްތިހާނުތަކުގައި ހޯދަމުން ދަނީ ރަން ވަނަތަކެކެވެ. ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިގެންދާ ކުދިންގެ އަދަދު އަހަރެއް އަހަރަކަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ހިތާމައަކީ އެކުދިންނަށް އިތުރަށް ކުރިޔަށް ދިއުމުގެ ފުރުޞަތު މަދުކަމެވެ.

ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ރަށުގެ އެކިއެކި މުއައްސަސާ ތަކުން ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު އަދަދަކަށެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު އެތައް ކުދިންނެއް އޯ ލެވެލް ނިންމުމަށްފަހު ވަޒީފާގެ މައިދާނާ ކުރިމަތިލުމަށް ތައްޔާރުވެއެވެ. އެހެންކަމުން މިގޮތަށް ‘ހާލަކުން ފަހަރަކު’ ހުޅުވާލެވޭ ވަޒީފާގެ ފުރުޞަތުތަކަކީ “އަތުޖައްސަން” މާފަސޭހަ އެއްޗެއްސެއް ނޫނެވެ.

2010 ވަނަ އަހަރު ދިރާގުގެ ކޯލް ސެންޓަރު ކުޅުދުއްފުއްޓަށް ބަދަލު ކުރުމާއި ގުޅިގެން ވަރަށް ގިނަ ކުދިންނަށް ވަޒީފާގެ ފުރުޞަތު ލިބުނެވެ. މިފުރުޞަތުގެ ބޭނުން ހިފައިގެން އެއަހަރު ޖަލަލުއްދީން ސްކޫލުން އޭވެލް ނިންމި ގިނަ ކުދިން ކޯލް ސެންޓަރުގެ ވަޒީފާއަށް ކުރިމަތިލިއެވެ. އޭގެ ތެރޭގައި އޭލެވެލް އިން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ކުދިންވެސް ހިމެނުނެވެ. ނަމަވެސް މިއީ ތައުލީމީ ރޮނގުން ރަންވަނަ ހާސިލްކޮށްްފައި ތިބޭ ކުދިންނަށް އެންމެ އެކަށޭނެ ވަޒީފާއެއް ނޫންކަމުގައި ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. އެހެންނަމަވެސް ހުސް އަތާ ގޭގަ ތިބުމަށްވުރެ އެގޮތްވެސް ރަނގަޅުކަމަށް އޭގެތެރެއިން ބައެއް ކުދިން ބުނެއެވެ.

ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު އަދި އެންމެ ތަރައްޤީވެފައިވާ ކުޅުދުއްފުށީގައި ހަމަ ވަޒީފާއެއް ނެތީބާވަ އެވެ. ރަށުގެ އެކިއެކި މުއައްސަސާތަކުން އިތުރު ވަޒީފާތައް އުފެއްދުމަށް މަސައްކަތް ނުކުރަނީ ކީއްވެ ބާއެވެ؟

މިކަމާބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ އަޕަރ ނޯތް ހެލްތް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ ވިޔަފާރި އުޞޫލުން ހިންގާ އެފަދަ ތަންތަނަށް މުވައްޒަފުން ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ގިނަކުރެވެން ނޯންނާނެ ވާހަކައެވެ. އަދި އިތުރު ވަޒީފަތައް އުފެއްދެން އޮންނާނީ ތަނަށް އިތުރު ކުރިރުންތަކެއް ގެނެވިގެން ކަމަށެވެ.

“ވޭތުވެ ދިޔަ 10 އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިނގަމުން ދިޔައީ ގާތްގަނޑަކަށް އެއް ލެވެލްއެއްގަ. އެހެންވީމަ އެލެވެލްގަ ހުރެގެން އިތުރު ވަޒީފާތަކެއް އުފެއްދުމަކީ އުނދަގޫ ކަމެއް. އެކަމަކު 2012 ވަނަ އަހަރު ހޮސްޕިޓަލަށް އިތުރު ތަރައްޤީތަކެއް އަންނާނެ. މިބަދަލުތަކާއެކީ ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވޭނެ.”

އޭނާ ވިދާޅުވީ، ޓެކްނިކަލް އަދި ޕްރޮފެޝަނަލް ވަޒީފާގެ ފުރުޞަތުތައް އިތުރުނުވަނީ މިހާރު ތިބި ފެންވަރުގެ ކުދިންނަށް އިތުރު ޖާގަ ނެތީމަ ކަމަށާއި ދެން ބޭނުންވަނީ މިހާރު ތިބި ފެންވަރަށް ވުރެ މަތިން ކިޔަވައިގެން ތިބި ކުދިން ކަމަށެވެ. އެގޮތުން ބިދޭސީ މުވައްޒަފުން (ނަރުހުން) ތިބި ފެންވަރުގެ ނުވަތަ އެ ފެންވަރަށްވުރެ މަތިން ކިޔަވައިގެން އަންނަ ކުދިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

“މިހާރުވެސް ބޭރުގެ މުވައްޒަފުން (ނަރުހުން) ތިބި ފެންވަރުގެ ދިވެހި މުވައްފުން ލިބިއްޖެނަމަ ބޭރު މީހުން ރިޕްލޭސް ކުރެވޭނެ.” ބަދުރުއްދީން ވިދާޅުވިއެވެ.

ދެން އޮތީ މަތީ ތައުލީމުގެ ވާހަކައެވެ. ކޮންމެ އާއިލާއަކީ، ދަރިފުޅު މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދެވޭނެ ފެންވަރުގެ އާއިލާތަކެއް ނޫނެވެ. ކުޅުދުއްފުށީގައި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް ހުރިނަމަވެސް އެތާނގައި ހިންގާ ގިނަ ކޯސްތަކަކީ ރަނގަޅު ނަތީޖާއެއް ހޯދައިގެން ސްކޫލުން ވަކިވާ ކުއްޖަކަށް މާއެކަށޭނެ ކޯސްތަކެއް ނޫނެވެ. ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ހިންގާ ގިނަ ކޯސްތަކަކީ ސެޓްފިކެޓް ފެންވަރުގެ ކޯސްތަކެވެ.

ވަޒީފާ އަށް ޒުވާނުން އަހުލުވެރިކޮށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމުގެ މަގުޞަދުގައި ސަރުކާރުން “ހުނަރު” ޕުރޮގްރާމެއް ހުސްވި އަހަރު ފަށާފައި ވެއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ހުނަރު ޕުރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި ހިންގި ކޯސްތަކަކީ، އޭލެވެލް އިމްތިހާނުން މަތީ ފާސް ހޯދާކުދިން މާ ގަޔާވާނެ ކޯސްތަކެއް ނޫނެވެ. ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދޭ ކޯހާއި އިލެކްޓްރިކް ވަޔަރިން ދަސްކޮށްދޭ ކޯސްތަކަކީ، ގްރޭޑް 7 ގެ ފެންވަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކޯސްތަކެކެވެ.

ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު ރަށެއްގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދޭނެ ގޮތެއް ހޯދަން ވެއްޖެއެވެ. ވަޒީފާގެ ފުރުޞަތު އިތުރުކުރުމާއެކު މަތީ ތައުލީމުގެ ފުރުޞަތު ފަސޭހައިން ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ވެގެން ދިއުމަކީވެސް މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ ކޮންމެ އަހަރަކު އެތަށް ކުދިންނެއް ސްކޫލްތަކުން ނިންމާއިރު އެކުދިން މަގުމަތި ވުމަކީ ގާތުގައި އޮންނާނެ ކަމެކެވެ.

ގުޅޭ ލިޔުން:

– ވަޒީފާގަނޑެއް ދީބަލަ! (02/02/2009)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355