twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހުރިހާ ދިވެހިން އެހެން ގައުމަކަށް ބަދަލުކުރަނީ!

Jan 10, 2012

.

ޢައްބާސް

ކަނޑުގެ ލޮނުގަނޑު އުފުލެމުންދިޔުމުގެ ސަބަބުން ތިމާވެށީގެ ރެފިއުޖީންނަށް ދިވެހިން ވާނެތީ، އެހެން ގައުމެއްގައި ދިވެހިން ވަޒަންވެރިކުރުވުމުގެ ޕުލޭނެއް ރައީސް މުހަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން ވިސްނަވަމުންގެންދަވަނީ އޮސްޓްރޭލިއާ، ސްރީލަންކާ ނޫނީ އިންޑިޔާގައި ދިވެހިން ވަޒަންވެރިކުރުވުމަށެވެ. ސަރުކާރުން ގަބޫލުކުރާގޮތުގައި ދިވެހިންނަށް އެންމެ ފުރުސަތު ބޮޑީ މި ގައުމުތަކުގައެވެ.

ދިވެހިން ވަޒަންވެރިކުރުވުމަށް، ސްރީލަންކާ އާއި އިންޑިޔާ އެކަށީގެންވަނީ ރާއްޖެ އާއި އެގައުމުތަކާއި ހުރި ދުރުމިން ކުޑަވުމާއި ސަގާފީގޮތުން ހުރި ގާތްކަމުގެ ސަބަބުންކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. އަނެއްކޮޅުން އޮސްޓްރޭލިޔާ އަކީ މުއްސަނދި، ބިން ބޮޑު ގައުމަކަށް ވާތީ އެގައުމުވެސް ދިވެހިންނަށް އެކަށީގެންވާކަމަށް ރައީސް ވިދާޅުވެއެވެ. ނަމަވެސް، ދިވެހިން ވަޒަންވެރިކުރުވުމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ގައުމެއްގެ ސަރުކާރާއި އަދި ވާހަކަ ދައްކާފައި ނުވާކަމަށް ވެއެވެ.

އޮސްޓްރޭލިޔާގެ މަޝްހޫރު ނޫހެއް ކަމަށްވާ ‘ދި އޭޖް’ގައިވާ ޚަބަރެއްގައި ބުނާގޮތުން، އައު ގައުމެއްގައި ދިވެހިން ވަޒަންވެރިކުރުވުމަށް ބިންގަތުމަށް ބޭނުންވާފައިސާ، ‘ސޮވެރިން ވެލްތު ފަންޑް’ އުފައްދައިގެން މިހާރު ސަރުކާރުންވަނީ ހަމަޖައްސާފައެވެ. ބިންގަތުމަށް ސޮވެރިން ވެލްތު ފަންޑެއް އުފައްދަވާ ވާހަކަ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އަހަރެމެންނަށް ވަގުތެއްނެތް

ދި އިންޓަގަވަންމެންޓަލް ޕެނަލް އޮން ކުލައިމެޓް ޗޭންޖް އިން ލަފާކުރާގޮތުގައި، އަންނަ ގަރުނުގައި ފަންސާސްނުވަ ސެންޓިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެއެވެ. އެހެންކަމަށް ވެއްޖެނަމަ، ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއްގެ އިތުރުން ޕެސިފިކްގައިވާ ކުދި ޖަޒީރާ ގައުމުތައްކަމަށްވާ ކިރިބާސް އާއި ޓުވާލޫ ފަދަ ގައުމުތަކުގައިވެސް ދިރިނޫޅެވޭނެއެވެ. އަހަރަކު ތިން ރަށް ކަނޑު އަޑިއަށް ދާކަމަށާއި މިހާރުވެސް ރަށްގިރުމުގެ ސަބަބުން ސާދަ ވަރަކަށް ރަށުން މީހުން ބާލާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަވައި، އޮފީހާއި ރިޔާސީ ގަނޑުވަރުގެ ފުރާޅުގައި ސޯލާޕެނަލް ހަރުކުރައްވައިގެން ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ، ރައީސް ނަޝީދު، “ދި އޭޖް” އަށް ވަރަށް ފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތުގައި މިހާރުވެސް ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު ވަގުތުތަކެއްވަނީ ގެއްލިފައިކަމަށާއި، ކާރިސާއަކަށްފަހު ކާރިސާއެއް ކުރިމަތިވާން ފެށުމުން، ފިޔަވަޅުއެޅުމުން އޮންނާނީ މާބޮޑަށް ލަސްވެފައިކަމަށެވެ.

ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ދުނިޔޭގެ ތައުރީފް ލިބިފައިވާއިރު 2011 ވަނަ އަހަރު ސަރުކާރުންވަނީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރޭ ތަކެތިގެ ލިސްޓަށް އިތުރު ބާރަ ބާވަތެއް އިތުރުކޮށްފައެވެ.

ބަހާއި ޢަމަލާ ދިމަލެއް ނުވޭ

ބައެއް ފަރާތްތަކުން ބުނަނީ ދިވެހިސަރުކާރުން ‘ގުރީން ކާޑް’ ނުވަތަ ތިމާވެށީގެ ވާހަކަދައްނީ، ތިމާވެއްޓާއިމެދު އެއްވެސް އިހްލާސްތެރިކަމެއް އޮވެގެން ނޫންކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ދުނިޔޭގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދުމަށާއި އިތުރު ފައިސާ ހޯދުމަށް ދައްކާ ވާހަކައެއް ކަމަށެވެ. މިގޮތަށް ބުނާ ފަރާތްތަކުގެ ނަޒަރުގައި ސަރުކާރުގެ ސިޔާސަތު ރާވާފައިވަނީ ރާއްޖޭގެ ރަށްތަކުގެ ތަބީއީ ރީތިކަން ގެއްލެމުންދާގޮތަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ސްލޯގަން ‘މޯލްޑީވްސް: އޯލްވޭޒް ނެޗުރަލް” ( ދިވެހިރާއްޖެ: އަބަދުވެސް ތަބީއީ ގޮތުގައި) އަށް ބަދަލުކޮށްފައިވީ ކަމަށް ވިޔަސް ވަރަށް ފަހުން، އާޓިފިޝަލް ރިސޯޓްރަށްތަކެއް ފަޅުހިއްކައިގެން މާލެ އަތޮޅުގައި ތަރައްގީކުރުމަށް ގަސްތުކުރާކަން ސަރުކާރުންވަނީ އިއުލާންކޮށްފައެވެ.

ރީތިފަޅުތައް ހިއްކުމުގެ އިތުރުން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީކާރިސާގައި ބައެއް ރަށްރަށުގެ ހިމާޔަތަކަށްވި، ކުޅިތަކާއި ކަނޑޫފާތައް ހިއްކުމުގެ އިތުރަށް، އެތަންތަނުގެ ވެއްޓަށް ބީރެއްޓެހި ސްޕީޝީޒްތައްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

މިގޮތުން ނ. ކެނދިކުޅުދޫ ކުޅީގައި ހުއިފިލަނޑާ އާލާކުރުމުގެ ޕްރޮގުރާމެއް ރައީސް ނަޝީދުވަނީ މިދިޔަ އަހަރު ފައްޓަވައިދެއްވާފައެވެ. އަނެއްކޮޅުން ތަބީއީ ޚާއްސަ ސިފައެއް ލިބިފައިވާ ރަށެއް ކަމަށްވާ ގދ. ދިގުލާބައިދޫ ވަނީ، އެކުއާކަލްޗާގެ މަސައްކަތަށް ދޫކުރާގޮތަށް ސަރުކާރުން ހަމަޖައްސަވާފައެވެ.

ރާއްޖެގައި، ކޯމަސްފެންގަނޑެއް ތަރައްގީކުރުމަށް އަމިއްލަ ވިޔަފާރިވެރިއަކު ސަރުކާރަށް ހުށަހެޅުމުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް މިދިޔަ އަހަރު އަމާޒުވިއެވެ.

ސަރުކާރުން ރާއްޖޭގެ ފަޅުތައް ހިއްކުމަށް އިސްކަންދީފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ކުނިގޮނޑުކަމަށްވާ ‘ތިލަފުށި’، ނުބެލެހެއްޓިގެން، ކުނިބުނި މާކަނޑަށް ބޭރުވެ، ކަނޑު ތަޣައްޔަރުވާ މައްސަލަ މިދިޔަ އަހަރު ވަނީ ހައްދުންނައްޓާފައެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ބޭރުގެ މީޑިއާގައި، ރާއްޖެ އަޑިއަށްދާވާހަކަ ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވަމުންގެންދަވަނީ، އެއްވެސް ހިކުމަތްތެރިކަމެއްނެތިއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ޓޫރިޒަމަށާއި، ނަމަށް ދަނީ ކިލަނބުކަން އަންނަމުންނެވެ. މީގެ ނަތީޖާއަކަށްވާނީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ފުރަގަސްދިނުން ކަމަށް އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ.

ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނަން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމަށާއި ރައީސް މުހަންމަދު ނަޝީދަށްވަނީ ތަފާތު އެވޯޑްތަކާއި މަޝްހޫރުކަން ލިބިލައްވާފައެވެ. ނަމަވެސް، ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ނަޒަރުގައި މައުމޫނުގެ ސަރުކާރެކޭ އެއްގޮތަށް ނަޝީދުގެ ސަރުކާރުންވެސް ތިމާވެއްޓާއި މެދު އެއްވެސް އިޚްލާސްތެރިކަމެއްނެތެވެ.

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ލިބޭ ފައިސާ ދައުރުކުރާގޮތް ބެލުމަށް ދިރާސާކުރުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން މިހާރުވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355