twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކިޔެވުން ފެށިތާ ހަފްތާއެއް ވީއިރު ވެސް ޕްރީ ސްކޫލުތަކަށް ބަޖެޓެއް ނުލިބޭ

Jan 16, 2012

.

ހުސްނާ އަބްދުﷲ

ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ނިމި ސްކޫލުތަކުގެ ކިޔެވުން ފެށިގެން ދާއިރު ގިނަ ސްކޫލުތަކަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ޓީޗަރުން ހަމަ ނުވުމާއި ފޮތްތައް ހަމަ ނުވާ ވާހަކަ އަކީ އާ އަހަރުގެ ކިޔެވުން ފެށިގެންދާ އިިރު އިވޭ އާންމު ޝަކުވާތަކެވެ. މީގެ އިތުރުން ސްކޫލުތަކަށް ބަޖެޓް ލިބުން ލަސްވުމަކީ ވެސް ސްކޫލުތަކުން ކުރާ ޝަކުވާއެކެވެ.

ދިރާސީ އާ އަހަރު ފެށި، ހަފްތާއެއް ނިމިގެން ދިޔަ އިރު، ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކަށް ބަޖެޓް އަދި ވަނީ ހަވާލު ނުކުރެވި އެވެ. ރަށު ކައުންސިލް މެދުވެރިކޮށް ސަރުކާރުން، ޕްރީ ސްކޫލުތަކަށް ދޭ ބަޖެޓް ލިބުން ލަސްވުމަކީ އެސްކޫލުތަކަށް ދިމާވާނެ ވަަރަށް ބޮޑު ދައްޗަކަށް ވާނެއެވެ.

މިއަހަރު އާ މުޤައްރަރަކަށް ކިޔަވައިދޭން ފާށާފައިވާ، ކުޅުދުއްފުށީ އަމީރު އަމީން ސްކޫލަށް އަދި މިހާތަނަށް ބަޖެޓްގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް އެ ސްކޫލުން ބުނެ އެވެ. އެހެންނަމަވެސް މުވައްޒަފުންގެ މުސާރަ ދޭނެ ކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށް އެ ސްކޫލުގެ ސުޕަވައިޒަރ ޢާއިޝަތު މުހައްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އިރުމަތީ އަވަށު ޕްރީ ސްކޫލުން ވެސް ބުނެފައި ވަނީ އެސްކޫލަށް އަދި ބަޖެޓް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ކައުންސިލަށް ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެސްކޫލުން ބުނެ އެވެ. މީގެ އިތުރުން އެސްކޫލުން މިހާރު ނަގަމުން އަންނަ ފީ ބޮޑު ކުރުމުގެ ވާހަކަވެސް ދެކެވެމުން އަންނަ ކަމަށް އިރުމަތީ އަވަށު ޕްރީ ސްކޫލުގެ ސުޕަވައިޒަރ ޝަމީމާ ހުސައިން ވިދާޅުވި އެވެ. ޝަމީމާ ވިދާޅުވީ، އާންމުކޮށް ބަޖެޓް ލިބެނީ މާރޗް މަހުގެ ތެރޭގައި ކަމަށްވިޔަސް މިމަހުގެ ފަހުކޮޅު ބަޖެޓް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކުޅުދުއްފުށީގެ އެންމެ ގިނަ ދުވަސްވީ ޕްރީ ސްކޫލު ކަމުގައިވާ އަމީރު އަމީން ސްކޫލުގައި މިއަހަރު 500 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން ދާއިރު، ސްކޫލުގައި އިދާރީ މުވައްޒަފުން މަދުވުމަކީ ދިމާވާ އެންމެ ބޮޑު ދަތިކަން ކަމަށް އެ ސްކޫލުން ފާހަގަ ކުރިއެވެ. އެގޮތުން މިދިޔަ އަހަރު އެ ސްކޫލުގައި 3 މުވައްޒަފަކު އިދާރީ ބައިގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިއަހަރު ތިބީ 2 އިދާރީ މުވައްޒަފުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދިރާސީ އާ އަހަރު ފެށެންވާއިރަށް ސުކޫލުތަކުން ބޮޑެތި ތައްޔާރީ ތަކެއް ވެފައިވާއިރު، ކުޅުދުއްފުށީ ޕްރީ ސްކޫލު ތަކުގައިވެސް މި ތައްޔާރީތައް ވެފައިވެއެވެ. މިގޮތުން ކުޅުދުއްފުށީގެ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެސްކޫލުގައި އެސެމްބްލީ އޭރިޔާ އެއް ވަނީ ހަދާފައި އެވެ.

200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިރުމަތީ އަވަށު ޕްރީ ސްކޫލުގެ މަރާމާތަށާއި ކިޔެވުން ފެށުމަށް ވާންޖެހުނު ތައްޔާރީތަކަށް ހަރަދު ކުރުމަށް ރަށު ކައުންސިލުގެ ފަރާތުން 11000 ރުފިޔާ ދީފައިވާ ކަމަށް އެސްކޫލުން ބުނެއެވެ. އޭގެ އިތުރުން އެސްކޫލުގެ ބެލެނިވެރިން ދެމުން ގެންދާ އެހީތެރިކަން އެސުކޫލުން ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355