twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުވެނީ… އުވެނީ… އުވުނީ؟؟؟

Jan 17, 2012

.

ފަތުޙުﷲ އިސްމާއީލް

މީގެ ދެ އަހަރު ކުރިއެވެ. އަޅުގަނޑު ހުރީ ގުރޭޑް ހަތެއްގެ ކުލާހެއްގައި ކިޔަވާ ދޭށެވެ. އޭރު ގުރޭޑް އަށަކަށް ވަނުމަށް ހަދާ އެންޓްރެންސް ޓެސްޓް ހެދުމަށް ގާތްގަނޑަކަށް މަހަކަށް ވެދާނެއެވެ. އަޅުގަނޑު ހުރިހާ ކުދިން ކައިރީ ސައިންސް ސްޓްރީމް ނަގާނީ ކިތައް ކުދިންތޯ އަހާލީމެވެ. ދެ ކުއްޖަކު ފިޔަވައި އެހެން ހުރިހާ ކުދިން އަތް މައްޗަށް ހިއްލާލިއެވެ. އަޅުގަނޑު އެހީމެވެ. ބިޒްނަސް ސްޓްރީމް ނުހަދާނީ ކީއްވެގެން ހެއްހެވެ؟ ޖަވާބަކަށް ލިބުނީ، ބިސްނަސް ސްޓްރީމްގައި ހުސް ހިސާބު އޮންނާނެތީވެ، ބިޒްނަސް ސްޓްރީމް ހަދަން ބޭނުން ނުވާ ކަމުގައެވެ.

ޖަލާލުއްދީން ސްކޫލް ފެށިގެން އައި އިރު އެ ސްކޫލްގައި މައިގަނޑު ތިން ސްޓްރީމެއް ކިޔަވައިދެމުން ދިޔައެވެ. އެއީ އާޓްސް، ކޮމާސް، އަދި ސައިންސްސެވެ. ޒަމާނުއްސުރެ، ސައިންސަށް ދެވޭ މަތިވެރި ގަދަރެއްގެ ސަބަބުން ސައިންސް ސްޓްރީމަށް ލިބެމުން އަންނަ ތަރުހީބު ބޮޑެވެ. ހުދު އަޅުގަނޑުވެސް ބޭނުންވީ ސައިންސް ސްޓްރީމް ކިޔަވާށެވެ. އޭރު، އެލްބާޓް އެއިންސްޓެއިން ނޭގުނެއްކަމަކު، އެ ފަދަ މީހަކަށް ވާން ބޭނުންވެއެވެ. ކޮންމެވެސް މޮޅު އެއްޗެއް “އިންވެންޓް” ކުރާހިތްވެއެވެ. ނަމަވެސް އަޅުގަނޑުގެ ހުވަފެންތައް ވިއްސިވިހާލި ވެގެން ދިޔައީ އާޓްސް ސްޓްރީމްގެ އެންމެ ދިހަ ކުދިން ތިބޭ ކުލާހަކަށް “އެއްލާލެވުނު” ވަގުތުން ފެށިގެންނެވެ. އެއީ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔަ ދުވަސް އެކަންޏެއް ނޫނެވެ. ހުވަފެން ދެކެން ދަސްވާން ފެށި ދުވަސްވެސް މެއެވެ. އޭރު އެ ކުލާހުގައި ކިޔަވަމުން ދަނީ ހިސްޓްރީ، ޖޯގްރަފީ، އާޓްސް އެކައުންޓިންގެ އިތުރުން މަޖުބޫރޫ ހަތަރު މާއްދާ އެވެ. އެ ކުޑަކުޑަ ކުލާހަށް އެ ‘ދަށުދަރަޖައިގެ’ މާއްދާތައް ކިޔަވަން ޖެހުން ވީ އަޅުގަނޑުގެ ނަސީބުކަމުގައި ނޫނީ ނުވެއެވެ.

މި އަހަރުގެ ދިރާސީ އަަހަރު ފެށުނުއިރު، އަޅުގަނޑަށް ނަސީބު ލިބުނު ފަދައިން، ނަސީބު ލިބޭނޭ ހަމަ އެންމެ ކުއްޖެއްވެސް ނެތެވެ. އާޓްސް ސްޓްރީމް ނެތިގޮސް ސާޅީސް ހިދަވެ، ފާތިހާކިޔަވައިވެސް ނިންމައިފިއެވެ. މާލޭން އުތުރުގައި އާޓްސް ސްޓްރީމް ކިޔެވޭނޭ ގޮތެއް މިހާރަކު ނެތެވެ.

ދެން އޮތީ ބިޒްނަސް ސްޓްރީމް ވާހަކައެވެ. މިހާރު ރަށުގައި ސާނަވީ ތަޢުލިމުދޭ ދެ މަދަރުސާ ހުރިއިރު، އެދެ މަދަރުސާގައިވެސް ބިޒްނަސް ސްޓްރީމް ކިޔަވައި ދެއެވެ. އެހެން ނަމަވެސް ހަމަ ކިޔަވައި ދެނީއެވެ. ހަމަ ކިރިޔަ ކިރިޔާ ކިޔަވައި ދެވެނީއެވެ. ޖަލާލުއްދީން ސްކޫލްގައި ސައިންސްގެ މާއްދާތައް ކިޔަވައިދޭ ހަތަރު ކުލާސް މިއަހަރު އޮތް އިރު ބިޒްނަސް މާއްދާތައް ކިޔަވައިދޭ އޮތީ އެންމެ ކުލާހެކެވެ. އަފީފުއްދީން ސުކޫލްގައިވެސް އޮތީ ބިޒްނަސް ސްޓްރީމް ކިޔަވައިދޭ އެންމެ ކުލާހެކެވެ. މާނައަކީ ތިން އަހަރު ފަހުން ވިޔަފާރިއާއި ގުޅުން ހުރި މާއްދާތަކުން އޯލެވެލް ހަދާނީ ފަންސާހަކަށް ކުދިންނެވެ. ކުރިން ޖަލާލުއްދީން ސުކޫލްގައި ބިޒްނަސް ސްޓްރީމް ކިޔަވާދޭ ތިން ކުލާސް އޮވެއެވެ. މިހާރު އުވެމުން އުވެމުން ގޮސް އެންމެ ކުލާހަކަށް ވީއެވެ. ހަމަ އެންމެ ކުލާހަކަށް ވީއެވެ. އަޅުގަނޑަކަށް އާޓްސް ސްޓްރީމަށް ވީހެން ބިޒްނަސް ސްޓްރީމަށް ވާކަށް “ފައްސެއް” ނޫނެވެ.

މިހެން މިކަން ވާންޖެހޭ ސަބަބު ތަކެއް ހުންނާނެއެވެ. ދަރިވަރުން ހަމަ އެކަނި ސައިންސް ސްޓްރީމާއި ދިމާއަށް ދާންވާ ސަބަބުތަކެއް ހުންނާނޭކަން ޔަގީނެވެ. އެސަބަބުތައް ހޯދުމަށް މަސައްކަތެއް ކުރެވޭތޯ ސުވާލު މިކުރަނީ، އެސަބަބުތައް ނައްތާލަން މަސައްކަތް ނުކުރާތީވެސް މެއެވެ.

ހަމަ ގައިމުންވެސް އަޅުގަނޑު ގުރޭޑް އަށަކަށް ދިޔައިރު އެއްވެސް ސްޓްރީމްއަކާއި ބެހޭ އެއްވެސް މައުލޫމާތެއް ނުދެއެވެ. ހަމަ ކުޑަކޮށްވެސް ނުދެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން މި އަހަރު ކޮންމެވެސް ވަރަކަށް ސްޓްރީމް ނެގުމާއި ބެހޭގޮތުން ގައިޑެންސް ދީފައިވެއެވެ. އެހެން ނަމަވެސް، ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ، ސައިންސް ސްޓްރީމާމެދު ލޯބި ޖެހުނީ އެއް ދުވަހުން ނޫންކަމެވެ. އެހެން ކަމުން ބިޒްނަސް ސްޓްރީމްގެ ފޮނި މީރުކަން ކުދިންގެ ހިތަށް އެއްދުވަހުން، އެއް އިވެންޓަކުން ނުވެއްދޭނެކަން ދަންނަން ޖެހެއެވެ. ކީއްކުރަން ކިޔަވަންވީ ކޯޗެއްކަމާއި، ކުރިމަގު އޮތީ ކޯޗެއްގައިކަމާއި، ބޮޑު މުސާރަލިބޭނީ ކޮންކަމެއްކޮށްގެންކަން ކިޔާދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ދަރިވަރަށާއި، ދަރިވަރަށް ހަރަދުކޮށް ބަލަހައްޓާ ބެލެނިވެރިޔާއަށްވެސް މެއެވެ.

ބިޒްނަސް ސްޓަރީމް ކިޔަވާކުދިންނަށް ރާއްޖޭން، ކިޔަވާ ކުރިއަށް ދިއުމުގެ ފުރުސަތުތައް އިތުރުވެފައި ވާޒީފާގެ މާހައުލު ތަނަވަސް އިރުވެސް، އެ ސްޓްރީމް ނެގުމަށް ޖެހިލުން ވަނީ އަޅުގަނޑު ދެކޭގޮތުގައި އެދޭވޭ މިންވަރަކަށް އެ ސްޓްރީމް މާކެޓް ނުކުރެވުމުގެ ސަބަބުންނެވެ.

ކިޔަވާދޭ މީހުންގެ ހަމަ އެކަނި ޒިންމާއަކީ ކިޔަވާދިނުން ކަމުގައި ވެގެން ނުވާނެއެވެ. ކިޔަވަންވީ ކޯޗެއްކަން ބުނެދިނުމަކީވެސް ކިޔަވައިދޭ މީހާގެ ޒިންމާއެއް ކަމުގައި ނުވެ ނުދާނެއެވެ. އެހެން ނޫނީ ކިޔަވައިދެއްވާ މުދައްރިސުންނަށް، އެކުދިންގެ ދިރިއުޅުމުން ބައެއް ‘ކާލި” ކަމުގެ ތުހުމަތު ކުރާ ދުވަސްތަކެއް އައިސްދާނެއެވެ. އުވެމުން އުވެމުން ގޮސް ބިޒްނަސް ސްޓްރީމް އުވި އެ ސްޓްރީމް ކިޔަވަން ބޭނުން ކުއްޖާއަށް ކިޔެވޭގޮތް ނުވުމުން، ސައިންސް ކުލާހަކަށް ދާން ބޭނުންވެ ނުދެވުނު ކުއްޖާ ދެރަވާ ވަރަށް ހަމަ އެ ކުއްޖާވެސް ދެރަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355