twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނޯޓްފޮތް – ކުޅުދުއްފުއްޓަށް ޕަބްލިކް ލައިބްރަރީއެއް ބޭނުންވޭ

Jan 21, 2012

.

ނޯޓްފޮތް

ޕަބްލިކް ލައިބްރަރީއެއް ގާއިމްކުރުމަކީ ގާނޫނީގޮތުން ބަލާއިރު، ރަށުކައުންސިލުގެ ފަރާތުން ކުރަންޖެހޭކަމެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (އ) ގައި ބުނަނީ، ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި، ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނޭ އިންތިޒާމް ރަށުކައުންސިލްގެ ފަރާތުން ޤާއިމްކުރަންޖެހޭނޭކަމަށެވެ. ލައިބްރަރީއެއް އުފައްދަންޖެހޭ ވާހަކަ ގާނޫނުގައި ލިޔެފައި މިއޮތީ ކީއްވެބާވައެވެ؟

ޑިމޮކްރަސީގައި ޕަބްލިކް ލައިބްރަރީގެ ދައުރު

ދިވެހިން، ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ޕަބްލިކް ލައިބްރަރީގެ ދައުރު ވަރަށް މުހިންމެވެ. ސަބަބަކީ، ރަނގަޅަށް ގުނަންތައް މަސައްކަތްކުރާ ޑިމޮކްރަސީއެއްގެ މައިގަނޑު އެއް ތަނބު ކަމަށްވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ކިޔުމާއި، މައުލޫމާތު ބަލައި، ހޯދުމުގެ މިނިވަންކަން، ރަނގަޅު ލައިބްރަރީއެއްގައި ފަހިކޮށްދީފައި އޮންނާނެތީއެވެ. އަދި އެ މިނިވަންކަމުގެ ބޭނުންހިފައި، ތަފާތު ނިންމުންތައް ރައްޔިތުން ވިސްނުންތެރިކަމާއިއެކު ނިންމަމުން ގެންދާނެތީއެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ގާބިލިއްޔަތު ތަންދިން މިންވަރަކުން، ތަރައްގީއާއި ކުރިއެރުން ވީ އެންމެ ފުޅާކޮށް ހޯދައިދިނުމަކީ، ނަޒަރީގޮތުން ބަލާއިރު ޑިމޮކްރެޓިކް ސަރުކާރެއް ނުވަތަ ދައުލަތެއްގެ އެންމެ އިސް މަޤުސަދެވެ. އެހެނީ، ދައުލަތް ދެމިއޮންނަނީ ރައްޔިތުންގެ ހެވާއިލާބަޔަށެވެ. މި ދެންނެވި މަގުސަދު ހާސިލްކުރުމަށްޓަކައި މައުލޫމާތު ބޭނުންވާނެއެވެ. އެ މައުލޫމާތު ފޯރުކޮށްދެވޭނީ ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ޕަބްލިކް ލައިބްރަރީއަކުންނެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު، ޚުދުމުޚްތާރު އުސޫލުތަކުގެ މަތީގައި ބިނާކޮށްފައިވާ ދައުލަތްތަކުން އަބަދުވެސް މީޑިއާއަށް ބިރުދެއްކުމާއި މަޢުލޫމާތު ސެންސަރުކުރުމާއި، އެންމެންނަށް ހަމަހަމަކަމާއިއެކު މައުލޫމާތު، ކިޔައި، ބަލައި ހޯދުމުގެ ފުރުސަތު ހަނިކުރެއެވެ. ވީމާ، ޚުދުމުޚްތާރު ދައުލަތްތަކުގައި ލައިބްރަރީތަކުގައި ބައިވެރިވެ މައުލޫމާތު ލިބިގަތުމަށް ހުރަސްއަޅައެވެ.

ދުނިޔޭގެ ލައިބްރަރީތަކުގެ ތާރީޚްގެ ތެރެއަށްދާއިރު، ފެންނަނީ، ފޮތަކީ ހަމައެކަނި މުޖުތަމަޢުގެ ކަމުވޮށި ފަރާތްތަކަށް ޚާއްސަ އެއްޗެއްގެ ގޮތުގައި ހަމަޖެހިފައި އޮތް މަންޒަރެވެ. ނަމަވެސް އެއީ ޑިމޮކްރެސީ ނެތް އިރުގައެވެ.

ޑިމޮކްރަސީއާއި ދެކޮޅު އުސޫލުތައް ގަބޫލުކުރާ ބަޔަކަށް އެންމެ ބޮޑު ބިރުވެރިކަމަކަށް ވާނީ މައުލޫމާތާއި ޢިލްމަށް މިނިވަންކަމާއިއެކު ރައްޔިތުން ވާސިލްވެދާނެތީއެވެ.

ކުޅުދުއްފުއްޓަށް ލައިބްރަރީއެއް ބޭނުންވޭ

އަލަށް ހެދިފޯދެމުން އަންނަ ޑިމޮކްރެޓިކް ވެށީގައި ކުޅުދުއްފުށީ ރައްޔިތަށް، ބާކީނުވެ، ހުރެވެން އަންނަނީ، އޭނާގެ ފިކުރު މުއްސަނދިކުރެވިގެންނެވެ. މައުލޫމާތު ހޯދައި އެމައުލޫމާތު އަޅާކިޔާ ވަޒަންކޮށް، އޭގެ އަލީގައި އޭނާއަށް ލިބިގެންވާ އެންމެހައި ހައްގުތައް ހޯދުމަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިގެންނެވެ. މި ދެންނެވި ގާބިލުކަން ހޯދެން އަންނަނީ މައުލޫމާތަށް އޭނާއަށް ވާސިލްވެވޭނެ ދޮރެއް ހުޅުވިގެންނެވެ. އެ ދޮރަކީ ޕަބްލިކް ލައިބްރަރީގެ ތަނަވަސް ދޮރެވެ.

މައުލޫމާތެއްނެތް، އަމުދުން މައުލޫމާތު ހޯދުމަށް، ޝައުގުވެރިކަމެއްނެތް، މުޖުތަމަޢަކަށް ކުޅުދުއްފުށި ބަދަލުވެއްޖެނަމަ، ކުޅުދުއްފުއްޓަށް އެއްވެސް މުސްތަގުބަލެއްނެތެވެ. އިލްމީ، މައުލޫމާތުހުރި، އަދި ތަފާތު ދިމަދިމާލަށް ވިސްނުން ހިންގަންދަންނަ ރައްޔިތެއް ނުއުފައްދައިފިނަމަ، ކުޅުދުއްފުށީގެ މިސާލަކަށްވާނީ ގުނބޯލެއްގެ މިސާލެވެ. އޭރުން ވަރަށް ފަސޭހަކަމާއެކު ކުޅުދުއްފުށީ މީހުން ހައްލާލުމަށްފަހު، ބޭނުން ފައިދާއެއް ސިޔާސީވެރިންނާއި ވިޔަފާރިވެރިން ނަގަމުން ގެންދާނެއެވެ. އެއިރުން ޑިމޮކްރަސީން އަހަރެމެންނަށް ލިބިދެވޭ ހައްގުތަކުގެ ބޭނުން ހިފަން ނޭނގުމުގެ އިތުރަށް ލިބިދެވޭ ހައްގުތަކަކީ ކޮބައިކަންވެސް ދެނެ ނުގަނެވޭނެއެވެ. ވީމާ، މި ނުރައްކަލުން ކުޅުދުއްފުށި ސަލާމަތްވުމަށް، ލައިބްރަރީއެއް އުފައްދައި، މައުލޫމާތު ހޯދުމަށާއި ޚިޔާލުފާޅުކުރުމަށް ހިއްވަރުދޭން އެބަޖެހެއެވެ.

ލައިބްރަރީއެއް އުފެއްދުން: ބޮޑުކަމެއްތަ؟

ލައިބްރަރީއެއް އުފެއްދުމަކީ ބޮޑުކަމެއް ނޫނެވެ. ހުރިހާ ލައިބްރަރީތަކެއްވެސް ފުރަތަމަ ފަށަނީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ފަހުން ފޮތާއި މައުލޫމާތުގެ ކަލެކްޝަން ފުޅާކޮށް ތަރައްގީކުރަމުން ގެންދަނީއެވެ. އަހަރެމެންނަށްވެސް މި އުސޫލުގައި ހިފަހައްޓައިގެން، މަޑުމަޑުން ލައިބްރަރީއެއް ތަރައްގީކުރެވިދާނެއެވެ.

ފޮތް ހަދިޔާކުރުމަކީ، ފޮތްތެރިމީހުން އާންމުކޮށް ކުރާކަމެކެވެ. ވަރަށް ގިނަ ލައިބްރަރީތަކުގައި ފޮތް ހަދިޔާކުރުމުގެ އިންތިޒާމުހަމަޖައްސާފައިހުރެއެވެ. އަދި އެއީ ފޮތުގެ ކަލެކްޝަން ބޮޑުކުރުމަށް އެހީއަކަށްވާ ކަމެއްވެސް މެއެވެ.

ދެން އޮތީ ލައިބްރަރީ ހިންގާނެ އިމާރާތެއްގެ މައްސަލައެވެ. ކުޅުދުއްފުއްޓަށް ބަލާއިރު މިއީވެސް ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ މައްސަލައެކެވެ. ރައްޔިތުންގެ އިމާރާތް އެބަހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ، “ޚިދުމަތް”ގެ ނަމުގައި ހިންގާ ކުލީގެ، ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުން އެތަނުގައި ފުރަތަމަ ލައިބްރަރީ ގާއިމް ކުރެވިދާނެއެވެ. އެއަށްފަހު، އަވަށު ގޯއްޗެއްގައި، އެކަށީގެންވާ ޢިމާރާތެއްއަޅައި، އެތަނަށް ލައިބްރަރީ ބަދަލުކުރެވިދާނެއެވެ. މި ލައިބްރަރީގައި، އިލެކްޓްރޯނިކް ފޮތާއި މީޑިއާއަށް ވާސިލްވެވޭނެ މަގުފަހިކުރެވިދާނެއެވެ.

ލައިބްރަރީއެއް ގާއިމްކުރުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަކަށްވާތީ، ސަރުކާރުން މިކަމުގައި އެހީތެރިވާންޖެހޭނެއެވެ. ޔޫތު ސެންޓަރެއް އެޅުމަށް، ބޭރުގެ ޗެރިޓީ ޖަމާޢަތެއްގެ އެހީތެރިކަމާއި ސަރުކާރުގެ އެހީތެރިކަން ލިބޭނަމަ، ޕަބްލިކް ލައިބްރަރީއެއް އެޅުމަށް ސަރުކާރުގެ ފަރާތުންނާއި ޗެރިޓީ ޖަމާޢަތަކުން އެހީ ނުލިބެންވީ ސަބަބެއްނެތެވެ. ބޭނުންވަނީ އެހީހޯދުމަށް މަސައްކަތްފަށާނެ ބައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355