twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެހެން ކަންތައްތަކަށްވެސް ބެލެން ޖެހޭނެއެވެ.

Jan 23, 2012

.

ފަތުޙުﷲ އިސްމާއީލް

ޕަބްލޯ އެސްކަބަރ ދަންނަން ހެއްޔެވެ؟ ނުދަންނަ ނަމަ މަޑުމަޑުން އިނދެ ކިޔާލާށެވެ. އެގުނަސް ކިޔާލާށެވެ. މިޔަކީ އަމުދަކުން އޭނާގެ ހަޔާތުނާމާއެއް ނޫނެވެ.

ޕަބްލޯ އެސްކަބަރ އަކީ ކޮލަންބިޔާއަށް އުފަން، ޑްރަގް ލޯޑެކެވެ. ދުނިޔޭގައި އުފެދުނު އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. ބިލިޔަނުން އޭނާ ފައިސާ ހޯދާފައި ވެއެވެ. ދުނިޔޭގައި ވިޔަފާރި ކުރެވޭ 80 އިންސައްތަ ކޮކެއިންގެ ފައިދާ އެމީހަކަށް ލިބޭ މީހާ މުއްސަނދި ވާނޭ ވަރު ތަސައްވަރުކޮށްލައްވާ ށެވެ. އޭނާ ވީ، އޭނާގެ ދުވަސްވަރު މުޅި ކޮލަންބިޔާގެ އިތުރުން މުޅި ދުނިޔެއަށްވެސް ކުރިމަތިވި އާފާތެކެވެ. 1980 ގެ އަހަރު ތަކަކީ އޭނާގެ ރަން ޒަމާނެވެ. އެ ދުވަސްވަރު އޭނާއެކޭ ބާރު ގަދަ ރަސްކަލެކޭ އެއްވެސް ތަފާތެއް ނެތެވެ. ނުކުރެވޭ ކަމެއް ނޯވެއެވެ. ނޯންނަ އެއްޗެއް ނޯވެއެވެ. މަތިންދާ ބޯޓުގެ ފުލީޓުތަކުން ފެށިގެން ހައިވާނު ބަގީޗާތަކަށް ދަންދެނެވެ. އަމިއްލަ ‘ސިފައިންނަށް’ ދަންދެނެވެ.

ނުލަފާވެގެން ގޮސް އޭނާ ނުކުރާނެ ކަމެއް މަދުވާނެއެވެ. ނުވަތަ ނުހުންނާނެ އެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ، ‘ފައިސާ ނުވަތަ ވަޒަން (ނަގާ)’ މި ޝިޢާރުގެ ދަށުންނެވެ. ދެން މި ޝިޢާރު ފަހުމް ނުވި ބޭފުޅުންނަށް މީގެ ޝަރަހަ ދަންނަވާލާނަމެވެ. ފައިސާ އަކީ ރިޝްވަތެވެ. އެތައް ހާސް ފުލުހުންނަކަށާއި ފަނޑިޔާރުންނަށާއި، ކަސްޓަމް އޮފިސަރުންނަށާއި، ސަރުކާރުގެ އިސް އެތަށް ބަޔަކަށް އޭނާ ރިޝްވަތު ދިނެވެ. ވަޒަނަކީ މަރެވެ. ފައިސާގައި ނުހިފައިފި ނަމަ ދެން އެ މީހަކު ކުރިމަތި ލާން ޖެހޭނީ މަރާއެވެ. މިގޮތަށް ވަޒަން ނަގާ ގިނަ މީހުނަށް އޮންނާނޭ ހަމަ އެކަނި ‘ހިތް ހަމަ ޖެހުމަކީ’ އެކަނި މަރުވާން ނުޖެހޭ ކަމުގެ ހިތް ހަމަޖެހުމެވެ. ޕަބްލޯގެ އޯޑަރަށް މީހުން މަރާލާއިރު، މަރާލެވޭ މީހާގެ އާއިލާވެސް ވަރަށް ގިނަ ފަހަރަށް މަރާލެވެ އެވެ.

އެހެންނެއް ނުވާނެ އެވެ. ޕަބްލޯ އަކީ ވަރަށް ދީލަތި ބޭފުޅެކެވެ. ފަޤީރުންނަށް ހެޔޮ ފޯރުވާ ރަގަޅު މީހެކެވެ. އޭނާގެ މުއްސަނދިކަން ބޭނުންކޮށްގެން އެތަށް ފުޓްބޯޅަ ދަނޑުތަކެއް ހަދައިދިނެވެ. ކުޑަކުދިންގެ ފުޓްބޯޅަ ޓީމްތައް ސްޕޮންސަރކޮށް ދިނެވެ. ނުވިތާކަށް ނުހަނު ގިނަ ހަސްފަތާލުތައް އަޅައިދިނެވެ. ބޯހިޔާވަހިކަން އެތައް ސަތޭކަ ފަގީރު މީހުނަކަށް އެބޭފުޅާ ފޯރުކޮށް ދިނެވެ. ނުވިތާކަށް ހަމަ ނަގުދު ފައިސާވެސް ފަގީރުންނަށް ބައްސަވާ ހެއްދެވި މއެވެ.

މި ދީލަތި އެހީތަކުގެ ބަދަލުގައި، ޕަބްލޯގެ ރަށުގެ ރަށްވެހިން އޭނާއަށް ރައްކާތެރިކަން ދިނެވެ. އޭނާއާއި ބެހޭ މައުލޫމާތު ސިއްރުކޮށް ކޮލަންބިއާގެ ސަރުކާރުން އޭނާ ހޯދުމަށް ކުރި އެތައް މަސައްކަތެއް ބޭކާރުކޮށްލި އެވެ. އަދި އަދަށްވެސް ޕަބްލޯގެ ރަށް ކަމުގައިވާ މެޑެލިންގެ ރަށްވެހިން ދެކެނީ ޕަބްލޯ އަކީ އެމީހުންގެ ހީރޯ ކަމުގައި އެވެ.

ކިތަންމެ ފައިސާ ގިނައަސް މަރުވާން ޖެހޭތީވެ، މަރުނުވެ ނުހުރެވޭތީވެ، މަރުވާން ޖެހުމުން ޕަބްލޯގެ އުމުރުން 44 އަހަރުގައި 1993 ޑިސެމްބަރ 2 ގައި އެމެރިކާ ސިފައިންނާއި، ކޮލަންބިއާ ސިފައިން ގުޅިގެން ހިންގި ހަރަކާތެއްގައި މަރާލެވުނެވެ.

ކޮންމެއަކަސް މީނާގެ ނުބައިކަމުން ދުނިޔެ މިންޖު ވެއްޖެ އެވެ. އެކަމަކު މި ވައްތަރުގެ މީހުންގެ ކިބައިން މިންޖުވެފައެއް ނުވެ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރަށުގައި އުފެދެމުން އަންނަ މިފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް ހުޝިޔާރުވާން ޖެހެއެވެ. ހާއްސަކޮށް މިފަދަ މީހުންގެ ފައިސާގައި ހިންގާ އެކިއެކި އިވެންޓްތައް ބޮއިކޮޓްކޮށް އެފަދަ މީހުން މުޖުތަމަޢުއިން އެއް ފަރާތްކުރަން ޖެހެ އެވެ. ހަޤީގަތުގައި އެފަދަ މީހުންނަށް މުޖުތަމަޢުއިން ފުރުޞަތު ދިނުމަކީ އެފަދަ މީހުން ކުރިލާ ހެދި ބޮޑުވުމަށް ވެވޭ އެންމެ ބޮޑު އެހީތެރި ކަމެކެވެ.

މިފަދަ މީހުންގެ ފައިސާގައި އެކިއެކި ހަރަކާތްތައް ހިންގާ މައިގަނޑު ދެ ސަބަބެއް ވެ އެވެ. ފުރަތަމަ ސަބަބަކީ މުޖުތަމަޢުގެ ރުހުން ހޯދުމެވެ. ދެވެނަ ސަބަބަކީ ލިބިފައިވާ ކަޅު ފައިސާތައް ހުދު ކުރުމެވެ. ވީނުވީއެއް ނޭގި ލިބިފައިވާ ފައިސާތައް ކޮންމެވެސް ހެޔޮ މަސައްކަތަކުން ލިބިފައިވާ އެއްޗަކަށް ހެދުމެވެ. މި ދެކަންތައްވެސް ކާމިޔާބު ވެއްޖެނަމަ މީ އިންތިހާއަށް ނުރައްކާތެރި ދެ ކަމެވެ.

ފުރަތަމަ ސަބަބަށް ވިސްނާލަމާ އެވެ. މިސާލަކަށް ތިބޭފުޅާގެ ދަރިފުޅަކީ ވަރަށް ބާސްކެޓް ކުޅޭ ހިތްވާ ކުއްޖެކެވެ. ކަޅު ފައިސާ ގެންގުޅޭ ކޮންމެވެސް މީހަކު، ބާސްކެޓް ކުޅެން ދަސްކޮށްދޭ ކޭމްޕެއް ބާއްވައިފި އެވެ. ތިބޭފުޅާއަށް ވިސްނުނީ ތިބޭފުޅާގެ ދަރިފުޅު ބާސްކެޓް ކުޅެން ދަސްކޮށްދޭ ކޭމްޕަށް ފޮނުވައިގެން ވާނެ ގެއްލުމެއް ނޯންނާނެ ކަމުގައި އެވެ. އެއީ މަސްތުވާ ތަކެތި ވިއްކާ މީހާއަށްވެސް ހެޔޮ ކަމެއް ކުރެވިދާނެ ކަމަށް ސިކުނޑިއަށް ފެންނާތީ އެވެ. އެހެން ނަމަވެސް، ދަރިފުޅު ބާސްކެޓް ކުޅެން ދަސްކޮށްދޭ ކޭމްޕަށް ފޮނުވައިފި ނަމަ، އޭގެ އާހިރު ނަތީޖާއަކަށް ވާނީ، އަޅުގަނޑުގެ ނަޒަރުގައި، އެ ކޭމްޕް ބޭއްވުމަށް ހަރަދުކުރި ފަރާތާއި މެދު ދަރިފުޅުގެ ހިތް ޖެހުމެވެ. އެފަރާތާއި ގުޅުން ބޮޑުވެ ‘ބޭބެ’ އަކަށް ވުމެވެ. އޭގެ ފަހުން ‘ޕާޓް’ އަކަށް ވެދާނެ އެވެ. ދެން ތިބޭފުޅާގެ ނަސީބު ދެރަ ކަމުގައި ވަނީނަމަ، އެދަރިފުޅު އަނގައިން ސޮނި ފައިބަ ފައިބަ ގޯތި ފާރު ބުޑުގައި އޮވެފާނެ އެވެ. ހިތްޖެހި ލޯބިވާ ފަރާތަކަށް ދެރަގޮތެއް ނޭދޭތީވެ އެފަރާތާއި މެދު ފިޔަވަޅެއް އަޅަށް މަސައްކަތް ކުރާ މީހާއަށް ހުރަސް އަޅާނެ އެވެ. ނަތީޖާއެއްގެ ގޮތުން ހަގީގީ “ނުބައިބައި މީހާ” އާއި މެދު ފިޔަވަޅެއް އެޅުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ.

ކުޑަކުދިންނާއި ބެހޭ މީހެއްގެ ކައިރިއަށް ކުދިން ދޫކޮށްލަން ގަންނަ ބިރު، މިފަދަ މީހެއްގެ އަތަށް ކުދިން ދޫކޮށްލަން ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

ދެވަނަ ސަބަބަށް ދެން ވިސްނާލާށެވެ. ބާސްކެޓް ކުޅެން ދަސްކޮށްދޭ ކޭމްޕަށް އޭނާ ހަރަދުކުރީ ތިރީސްހާސް ރުފިޔާ އެވެ. ކޭމްޕްގައި 300 ރުފިޔާ ދީގެން 100 ކުދިން ބައިވެރި ވި އެވެ. މަސްތުވާ ތަކެތި ވިއްކައިގެން ލިބުނު ތިރީސް ހާސް ރުފިޔާ ރަގަޅު މަސައްކަތެއްކޮށްގެން ހޯދި އެއްޗަކަށް ވީ އެވެ. މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއޭ ބުނާއިރަށް، ތީ ކުޅެން ދަސްކޮށްދޭ ކޭމްޕެއް ބާއްވައިގެން ހޯދި ފައިސާއޭ ބުނާނެ އެވެ. ކޯޓާއި ހަމައަށް ފޯރި ދުވަހަކުންވެސް ބޮޑު ހުކުމެއް ކުރުމަށް އުނދަގޫވާނެ އެވެ.

ދާދި މިދާކަށް ދުވަހު ވީކަމެކެވެ. ރަށު ފެންވަރުގައި ހިޔާލު ހޯދުމަށް ބޭއްވުމަށް ހަމަ ޖެހުނު ބައްދަލުވުމެކެވެ. އެއް ބޭފުޅަކު ވިދާޅުވެއްޖެ އެވެ. މިވެނި އެވެނި މީހަކަށް ކިޔަން ވަރަށް ރަގަޅު ވާނެ އެވެ. އެމީހާ ކުރާ “އެހެން ކަންތައްތަކަކީ” އަދި އެހެން ކަމެއްތާ އެވެ. “އެހެން ކަމަކަށް” މިބުނާ މީހާ ކުރާކަމަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި އެވެ. ނުވަތަ މަޝްހޫރު ވެފައި އޮންނަނީ އެގޮތަށެވެ. އަޅުގަނޑު މިބުނަނީ އޭނާ ކުރާ “އެހެން ކަންތައްތަކަށް” ބަލައި އޭނާ އެ ބައްދަލު ވުމަށް ގެނެވިގެން ނުވާނޭ ކަމުގަ އެވެ. ރަށުގެ އެތައް ކުދިންނަކަށް އެކުދިންގެ ހަލާކު ވިއްކަމުންދާ މީހެއްގެ ކިބައިން ރަށު ކުރިއެރުމަށް ކޮން ހިޔާލެއް ހޯދާކަށް ހެއްޔެވެ؟ އެފަދަ މީހުންގެ ކިބައިން ހިޔާލު ހޯދައިފި ނަމަ އެ ބުނެވެނީ، ‘އާއެކޭ، ކަލެޔަކީވެސް ހަމަ އަހަރެމެންގެ ތެރެއިން މީހެކޭ. ކަލޭ ތިކުރަނީވެސް ހަމަ ރަގަޅުކަންތަކޭ’ ނޫންތޯ އެވެ. އަޅުގަނޑު ކޮއްކޮ އާއި ބޭބެ މަރާލި މީހާ އަޅުގަނޑުގެ އާއިލާގެ މީހަކަށް ބަލަން ވީހެއްޔެވެ؟ ބަލާނެ ހަމަ އެއް ގޮތެއްވެސް ނޯންނާނެ އެވެ.

އަޅުގަނޑު މިބުނަނީ، އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް އޮތް ރަގަޅު ގޮތަކީ އެމީހުން އިޖްތިމާއީ ކުރުން ނޫން ކަމުގައި އެވެ. އެމީހުން އެކަހަރިކޮށް ބާކީކުރުން ކަމުގައެވެ. އެހެނެއް ނޫނެވެ. މަސްތުގެ ތެރެއަށް ވަނުމަށް ތައްޔާރުވެފައިވާ ކުދިނަށް އިޖްތިމާޢީ ފުރުޞަތުތައް ލިބެން ޖެހެއެވެ.

ހަގީގަތުގައި ޕަބްލޯ އެސްކަބާމެން ފަދަ މީހުން އުފެދުން ހުއްޓުވުމަށް ފައިސާވެރިންގެ ހިއްސާ ވަރަށްވެސް ބޮޑެވެ. ފައިސާވެރިން އެކިއެކި އިޖްތިމާއީ ހަރަކާތްތަކަށް ހަރަދުކުރާލެއް އިތުރުކުރަން ޖެހެއެވެ. އެހެން ނޫނީ، އިޖްތިމާއީ ހަރަކާތް ހިންގާ މީހަކާއި ދިމާއަށް، އެއީ ކިތަންމެ ނުލަފާ މީހެއްކަމުގައި ވިއަސް، މަޑުމަޑުން މުޖުތަމަޢު އަރި އަޅާލާނެ އެވެ.

އަޅުގަނޑު މިބުނަނީ ޕަބްލޯ ފަދަ މީހުން ރަށުގައި އުޅެއެކޭ ނޫނެވެ. ނަމަވެސް އެފަދަ މީހުން އުފެދުމުގެ ފުރުޞަތު އޮތް ވާހަކައެވެ. އެފަދަ މީހުން އުފެދުނީމަ ހުއްޓުވުމަށްވުރެ، އުފެދުމުގެ ކުރިން ހުއްޓުވުން ބުއްދިވެރިވާނެ ވާހަކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355