twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޤައުމީ ދުވަސް

Jan 24, 2012

.

ހުސްނާ އަބްދުﷲ

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. ރާއްޖޭގެ އެކި ސްކޫލުތަކުގައި އިއްޔެ ޤައުމީ ދުވަސް ފާހަގަ ކޮށްފައިވެއެވެ. އެކި އެކި ސަޤާފީ ހެދުންތަކުގައި ދަރިވަރުން ސްކޫލުތަކަށް ދާ މަންޒަރު ފެންނަމުން ދިޔައެވެ. ޕްރީ ސްކޫލުތަކުގެ ކުދިންވެސް ރަތް ލިބާސް ލައިގެން ސްކޫލުތަކަށް ދިޔައިރު އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ޝުޢޫރުތަކެވެ.

ސްކޫލު ޔުނީފޯމުގެ ބަދަލުގައި މިފަދަ ސަޤާފީ ހެދުން ލައިގެން ސްކޫލަށް ދެވުމުން ދަރިވަރުންނަށް ލިބިގެން ދިޔައީ އާދަޔާ ޚިލާފު އުފަލެކެވެ. ނަމަވެސް ދެން ވިސްނާލަންވީ ކަމަކީ ސަޤާފީ ހެދުން ލުމުން ޤައުމީ ދުވަސް ފާހަގަކުރެވުނީ ތޯ އެވެ.

ބައެއް މީހުންނަށް މީ ޤައުމީ ދުވަސް ކަން އެނގެނީ ކަލަންޑަރުގައި ރަތް އަކުރުން ފާހަގަކޮށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވާތީ އެވެ. ނަމަވެސް ޤައުމީ ދުވަސް ފާހަގަ ކުރެވެނީ ކޮން ކަމަކާ ގުޅިގެންތޯ ސުވާލު ކުރުމުން އޭގެ ޖަވާބު އިނގޭނީ މަދު މީހަކަށެވެ.

ޤައުމީ ދުވަހަކީ ކޮން ދުވަހެއްތޯ ސުވާލުކުރުމުން އެކި މީހުން ދެނީ އެކި ޖަވާބެވެ. އެކެއްގެ ޖަވާބަކީ އެއީ “އަންހެން ކުދިން ކާން ފުރޭތަ އެރި ދުވަސް” (ރަންނަމާރި ވާހަކަ) ކަމަށެވެ. އަނެކެއްގެ ޖަވާބަކީ އެއީ މަލާބާރިން އެރި ހާދިސާ ކަމަށެވެ. ކޮންމެއަކަސް ކޮންމެ މީހަކަށްވެސް ރާއްޖޭގެ ތާރީޚާ ގުޅޭ ކޮންމެވެސް އެއް ވާހަކައެއް އިނގޭ ކަމީވެސް ނަސީބެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ ޚިޖްރީ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެއީ 15 އަހަރު ދުވަހުގެ އަޅުވެތި ކަމަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި އުފާވެރި މުނާސަބާއެވެ. ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްފައި ވަނީ 965 ވަނަ އަހަރު އެވެ. އޭގެ 15 އަހަރު ފަހުން ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ލިބިފައިވަނީ ހއ އުތީމު ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުންނެވެ.

ބޮޑުތަކުރުފާނަކީ ރާއްޖެ ދުށް ހިތްވަރުގަދަ ބަތޮލެކެވެ. އެފަދަ ޝަހުޞިއްޔަތުތައް ފަހުގެ ތާރީހުގައި ވެސް މި ދިވެހި ބިމުން ފެނިފައި ވެއެވެ. ޤައުމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވި ހުސެން އާދަމް އަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ހިތްވަރުގަދަ ބަތޮލެކެވެ. ރަށުގެ ކޮންމެ ރައްޔިތެއްވެސް މިކަން ފާހަގަ ކުރަނީ ފަޚުރުވެރިކަމާ އެކުއެވެ.

ޤައުމަށްޓަކައި މިފަދަ މަތިވެރި ޤުރުބަނީއެއް ވާން ކެރޭނެ ކިތައް މީހުން ދިވެހިންގެ ތެރޭގައި ވޭބާއެވެ. ތިމާގެ އަމިއްލަ ނަފްސަށް ނުވިސްނައި ޤައުމުގެ ހައްޤުގައި އަތުކުރި އޮޅާލާނެ ދިވެއްސެއް މި ބިންމަތީގައި މިހާރު ވޭބާއެވެ. މި ސުވާލު ތިމާގެ އަމިއްލަ ނަފްސަށްވެސް އަމާޒުކޮށްލުން ކީއްތޯއެވެ.

ގައުމީ ދުވަސް ފާހަގަކުރާއިރު ގައުމިއްޔަތު ދިރުވާ ގައުމުގެ ފަހުރު ކަމުގައިވާ އިސްލާމްދީނާއި ދިވެހި ބަސް އަދި ދިވެހިންގެ އެއްބައިވަންތަކަން ދިރުވައި އާލާކުރުމަކީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355