twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރިމަގު – ކުޅުދުއްފުށީ ކައުންސިލަށް މަޖިލިސް މެމްބަރެއްގެ އިސްތިއުފާއަށް ގޮވިދާނެތަ؟

Jan 29, 2012

.

މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން އަދި ހދ އަތޮޅު ކައުންސިލުންވެސް ވަނީ ނޫސްބަޔާނެއް ނެރެފައި އެވެ. ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮންނަ މި ދެކައުންސިލުން ނެރެފައިވާ ނޫސްބަޔާންތަކަށް ބަލާއިރު ފާހަގަ ކޮށްލެވޭ އަދި ހަމަ ބުއްދީގެ ނަޒަރަކުން ވިސްނާލާއިރު ހަމަނުޖެހޭ އެތައް ކަމެއް ފާހަގަ ކުރެވެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ރައްދުވަނީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދަށެވެ. މައްސަލައަކަށް ވެގެން އުޅެނީ ފަނޑިޔާރުގެ ތަކާއި ދެކޮޅަށް ސަރުކާރުން ހިންގަމުންދާ ކަންތައްތަކާއި އަދި ގާނޫނުއަސާސީއާ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް ޝަރުއީ ކޯޓެއްގެ އިސް ޤާޟީއަކު، ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށް ނިޒާމުން ގެއްލުވާލުމުން ކުރިއަށްދާ އިހުތިޖާޖު ތަކުގައި މިދެންނެވި މެމްބަރު ބައިވެރިވުމެވެ.

ކުޅުދުއްފުށީ ކައުންސިލަށް އިހުތިޞާޞް ލިބިފައިނުވާ ކަމެއްގައި ނޫސްބަޔާން ތައް ނެރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ. އަނގަ އޮތިއްޔާ ވާހަކަ ދެއްކިދާނޭ، ގަލަމެއް އޮތިއްޔާ ލިޔެވިދާނޭ ބުނާ ބީދައިން ރަށު ކައުންސިލުން އަމަލުކުރާތަން ފެނުމަކީ ތަހުޒީބީ މުޖުތަމެއްގައި ފެންނާނެ ކަމެއް ނޫނެވެ. ކުޅުދުއްފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އެމުޒާހަރާގައި ބައިވެރިވި ބައިވެރިވުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި އެވެ. ރަށު ކައުންސިލުގެ ނަމުގައި ކުޅުދުއްފުށީ ކައުންސިލުގެ އިހުތިޞާޞުން ބޭރުގައި ހިނގާ ކަމެއްގައި އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީން (32 ވަނަ މާއްދާއިން) ލިބިދޭ ހައްގެއްގެ ބޭނުން ކުރުމުގެ ސަބަބުން އެކަން ކުށްވެރިކޮށް އަދި މަޖިލީހުގެ އެމެމްބަރުގެ އިސްތިއުފާއަށް ގޮވައި ނޫސްބަޔާން ނެރުމަކީ އަދި މާ ހަމަނުޖެހޭ ކަމެކެވެ.

ކުޅުދުއްފުށީ ކައުންސިލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެކެވެ. ކުޅުދުއްފުށީ ކައުންސިލަށް ލިބިދެވޭ ބާރުތައް ބަޔާން ކޮށްދެނީ ލާމަރުކަޒީ ގާނޫނުގެ 23 ވަނަ މާއްދާގައި އެވެ. އެމާއްދާގެ (ހ) އިން (ޗ) ހަމައަށް ބެލިނަމަވެސް ކައުންސިލަށް ވަކި މީހަކު މުޒާހަރާއެއް ކުރުމުން އެކަން ކުށްވެރިކޮށް ކައުންސިލުގެ ނަމުގައި ނޫސްބަޔާނެއް ނެރެވޭނެ ޖާގައެއް އޮތްކަމަކަށް ނުފެނެ އެވެ. އެމާއްދާގެ (ޕ) ގައި ބުނާ ފަދައިން ކައުންސިލުގެ އިހުތިޞާޞްގެ ތެރޭގައި މީހަކު ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭނަމަ ނުވަތަ އެފަދަ ކަމެއް ހިނގާ ކަމަށް ކައުންސިލަށް ފެނިއްޖެނަމަ އެކަމުގައި އަމަލުކުރަންވީ ގޮތްވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން އިންތިހާބުކުރި ކައުންސިލަކުން ސިޔާސީ މައްސަލަތަކުގައި އަދި ގާނޫނީ މައްސަލަތަކުގައި ވަކި ފަރާތަކަށް ބުރަވެ ނޫސްބަޔާން ނެރުމަކީ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ކަމެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި އެކި ދުވަސްވަރު ބޮޑެތި މުހިއްމު އެތައް ކަމެއް ހިނގާއިރު އެފަދަ އެއްވެސް ކަމެއްގައި ނޫސްބަޔާނެއް ނުނެރެ ހަމައެކަނި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް މުޒާހަރާއެއްގައި ބައިވެރިވެ ވާހަކަ ދެއްކެވުމުން ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް އިސްތިއުފާ އަށް ގޮވުމަކީ ކުޑަކުދިން ކުރާ ކަހަލަ ޖޯކު ކަމެކެވެ.

ގާނޫނުން ބާރު ލިބިގެން އުފައްދާާފައި ހުރި ދައުލަތުގެ މުއައްސަސާއަކުން ނެރުނު ނޫސްބަޔާނެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިސްތިއުފާއަށް މިވަނީ ގޮވާލާފައި އެވެ. މިހެން ކަން ހިނގާނަމަ މާދަމާ އެހެން ކައުންސިލަކުން ރައީސުލްޖުމުހޫރިއްޔާގެ އިސްތިއުފާއަށް ވެސް ގޮވާލަފާނެ އެވެ. އަދި، ދައުލަތުގެ އެހެން މުއައްސަސާއަކުން ވަކިވަކި ވަޒީރުންގެ އިސްތިއުފާއަށް ވެސް ގޮވާލަފާނެ އެވެ. ގާނޫނީ ހައިސިއްޔަތު ލިބިގެން އުފައްދާފައި ހުންނަ މިފަދަ މުއައްސަސާތަކުން ރައްޔިތުންގެ އަގު ވެއްޓޭގޮތަށް އަދި ހުރިހާ ރައްޔިތުންގެ ނަމުގައި މިފަދަ ދަށުދަރަޖައިގެ ނާތަހުޒީބު ކަންކަން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ރަށު ކައުންސިލް އިދާރާގައި ކުރުމަކީ އަދި އެއަށްވުރެ ތަންދޮރު ނުދަންނަ ބަޔަކު ކުރާނެ ހިނިއަންނަ ޒާތުގެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355