.
ޝަރަފުއްދީން
ރައީސް ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހު އަޅުގަނޑުމެން ދުށީ ނުހަނު ފޮނި އުންމީދާއެކުގައެވެ. އެތައް ބަދަލަކަށް އެދިގެން އެބަދަލުތަކުގެ އިހްސާސް ލިބިގަތުމަށެވެ. އެތައް ކުލަ-ހުވަފެންތަކާއެކު، ރައްޔިތުންގެ ވެރިކަމެއް، އިސްލާމީ ތަރަހައިގެ ތެރޭގައި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ކުރައްވާނެކަމުގެ ޔަޤީންކަމެއް ލިބިގެންނެވެ. އެކަމަކު އިއްޔެގެ މަންޒަރު އަޅުގަނޑުމެންގެ ހިތްތައް ކުދިކުދިކޮއްލިއެވެ.
އެކްޓިވިސްޓުންގެ ބާރު ގަދަވުން
މުހައްމަދު ނަޝީދުގެ ވެރިކަމަކީ އެކްޓިވިސްޓުންގެ ބާރުގަދަ ގާނޫނުގެ ބާރުދެރަ ވެރިކަމެކެވެ. މަގުމަތީ ބަހުރުވަ ގިނަ އަހުލާގު ދެރަ ވެރިކަމެކެވެ. އަޅުގަނޑުމެންގެ ބާރުނެތް އިލާހީ ކަންކަމުގައިވެސް ގަދަބަސްބުނި ވެރިކަމެކެވެ. ޕާޓީގެ ވަކިވަކި ފަރުދުންތަކެއްގެ އަތުގައި މުޅި ކޮންޓްރޯލް އޮވެ، މަރުކަޒީ ވިސްނުން އެއްގޮތްވާ ހަމައެކަނި ކަމަކީ އަޑުގަދަކުރުމާއި ރުޅިވެރިކަން އިތުރުކުރުންކަމުގައި ހެދި ރައީސްގެ ބާރު ދެރަ ވެރިކަމެކެވެ.
ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒަކީ ޒުވާން، ކިޔަވައިގެން ހުރި، އުންމީދީ ބޭފުޅެކެވެ. އެބޭފުޅާގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި އިދިކޮޅު މީހުން ފާޑުވިދާޅުވިއެވެ. އިނާޒަކީ ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނ! ހޫނ! ކިޔާނެ ބޭފުޅެއްގެ ގޮތުގައި ސިފަކުރެވުނެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އިނާޒުގެ ހުރިހާ އަމަލުތަކެއް ދިފާއުކުރިއެވެ. އިނާޒަކީ ދުނިޔޭގައި ނެތް ފެންވަރުގެ މިނިސްޓަރަކަށް ހެދިއެވެ. އެކަމަކު އިނާޒުގެ މޮޅުކަމާއި، ގާބިލުކަމާއި، މިނިސްޓަރުވަންތަކަން ގެެއްލުނީ ޔާމީނާއެކުގައި ކާރުތެރެއިން ފެނުމުންނެވެ. އެއަށްފަހު އިނާޒަށް ހެދީ ކިހިނެތްތޯއެވެ. އިނާޒަކީ އެމްޑީޕީގެ އެކްޓިވިސްޓުންނާ ބެހޭވެސް މީހެއްނޫނެވެ. ކެބިނެޓަށް މިނިސްޓަރުން އައްޔަންކުރީ ނަޝީދެވެ. ރުހުންދިނީ މަޖިލީހުންނެވެ. އެކަމަކު އިނާޒަށް އެކްޓިވިސްޓުން ޖެއްސިހާލު ފެނިފައި ދެންތިބި މިނިސްޓަރުންވެސް ބިރުގަނެފާނެކަމަށް ބެލެވެއެވެ.
ރައީސަށްވުރެ ބާރުގަދަ މީހުން އެމްޑީޕީގައި
އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ރައްޔިތުންގެ ކުރިމަތީގައި ރައީސް މުޙައްމަދު ނަޝީދަށް އެކިއެކި އިންޒާރުތައްދީ، އަމަލުކުރަންޖެހޭ ގޮތް ހަރުއަޑުން ހަރުކަށިކަމާއެކު އަންގަމުންދިޔައެވެ. ޖަލްސާގައި “އަޅުގަނޑު ރައީސް ނަޝީދަށް ބުނެއަންގަން!.. މަޖިލީހުން ކެބިނެޓަށް ދޭންޖެހޭ ރުހުން ދީފިން!.. މެންބަރު ރުހުންދިނީ އާޓިފިޝަލް ބީޗުގައި އޮތް ބައްދަލުވުމެއްގައެވެ. ރައީސް އަތްޖެއްސެވިއެވެ. ކެބިނެޓާއި، މުޅި ކްރައުޑް އައްޖެއްސެވިއެވެ.
އެމްޑީޕީގެ ބައެއް އިސްމެންބަރުންގެ ނުބައި އަމަލުތަކާއި ހަރަކާތްތައް ރައީސުލް ޖުމްހޫރިއްޔާ ކުއްވެރިއެއް ނުކުރައްވައެވެ. އެއާއެކު ރައްޔިތުން ގަބޫލުކުރީ އެކަންކަމަކީ ރައީސް ވާގިދެއްވައިގެން ކުރެއްވި ކަންތައްތަކެއްގެ ގޮތުގައެވެ.
ގާނޫނުގެ މަތީގައި – ދައުލަތުގެ އެންމެ މަތީވެރިޔާ
އަބްދުﷲ މުހައްމަދުގެ ހައްޔަރު
ގާނޫނުގެ ވެރިކަމަަކީ ގާނޫނަށްވުރެ މައްޗަށް އެކަކަށްވެސް ނޭރެވުމެވެ. އެކަމަކު ރައީސް ނަޝީދުގެންދެވީ ފާޅުގައި ގާނޫނާއި ހިލާފުވާނެކަމަށް ވިދާޅުވަމުންނެވެ. އަދި އަމަލުތަކުން އެކަންދިޔައީ ސާބިތުކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާއި އިންސާނީ ހައްގުތަކަށް ގޮންޖަހައި ހައްޔަރުކޮށްގެން އެކްޓިވިސްޓުން ރުއްސަން ގެންގުޅުން އެއީ މިސަރުކާރުގެ އަނެއް ބަލިފައެވެ. ގިރުފުއްޓަކީ މިރާއްޖޭގެ ގާނޫނު އަސާސީގެ ސިޔާދަތު ނުހިނގާނެތަނެއްގެ ގޮތުގައި ކަނޑައެޅި ފަދައެވެ.
މޫސާމަނިކާއި، އަލްހާން ފަހްމީއާއި، އިމްތިޔާޒު ފަހްމީ (އިންތި) ފަދަ ބޭފުޅުން ފާޅުގައި ޢަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ގެންދިއުން ސައްހަކުރަން އެތައް މަަސައްކަތްތަކެއް ކުރިއެވެ. ސްޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާ ނުވާނެކަމަށް ފާޅުގައި ބައެއް މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ. ސްޕްރީމް ކޯޓަށް ތަބާނުވެ ތަބާވާނީ ކޮންކޯޓަކަށް ކަމެއް އެބޭފުޅުންނަކަށް ބުނެއެއްނުދެވުނެވެ.
އެމްބީސީއަށް ޓީވީއެމް
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެމްބީސީގެ ގާނޫނާއި ހިލާފުވެ، ޓީވީއެމްގެ ނަން އެމްއެންބީސީ ކިޔާކުންފުންޏަކުން އެމްއެންބީސީ1 އަށް ބަދަލުކުރުވިއެވެ. އެކަމަށް ބާރުހޯދުމަށް އެކި ކޯޓުތަކުގައި ދައުލަތުން ހުއްޖަތު ދައްކަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. އެމްޑީޕީގެ މެނިފެސްޓޯގައިވެސް ޕަބްލިކް ސާވިސް ބްރޮޑްކާސްޓަރެއް އޮންނަންވާނެ ކަމަށް ބުނިނަމަވެސް އެއާވެސް ހިލާފުވެވަޑައިގަތެވެ.
މާބޮޑު މައްސަލަތަކެއް
ގާނޫނާއި ހިލާފަށް ކުރަމުންދިޔަ އެތައް ކަމެއްގެ ތެރެއިން ފާހަގަކުރެވެނީ އެމީހަކަށް ނުބެހޭ ކަންތަކާބެހުމާއި، ކޮންމެމީހަކުވެސް ރައީސް ހެދިގެން އުޅުމެވެ. ކޮންމެމީހަކީވެސް ރައީސެކެވެ. ރައީސްގެ ޕްރެސް ސެކެޓްރީ ޒުހައިރުއަކީ ސަރުކާރުގެ މަލަމަތި ހުތުރުކުރި ބޭފުޅެކެވެ. އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކުރެވޭއިރު ޒުހައިރުއެއީ ބައެއްފަހަރު ސަރުކާރުގެ އަނގަފުޅެވެ. އެހެންކަމުން، ޒުހޭރުގެ ޢަމަލުތައް ތަރުތީބުކުރެއްވި ގޮތާއި، ރައްޔިތުން ބަލައިގަންނަ ގޮތާއި ހާސްބައި ތަފާތު ހުއްޓެވެ.
ވޭތުވެދިޔަ ދުވަސްވަރު ފޮރިން މިނިސްޓަރ ފެނިވަޑައިގަތީ އިންޓީރިއަ މިނިސްޓަރުގެ ގޮތުގައެވެ. އެކަމަކު ހޯމް މިނިސްޓަރު ވެސް ހުއްޓެވެ. ސަރުކާރުގެ ބޮޑެތި ސިއްރުތަކާއި، ސަރުކާރަށް ނޫނީ ނޭނގޭނެ އެތައްކަމެއް ހަރުގެއިން އިއުލާނު ކުރަމުންދިޔައެވެ. އަބްދުﷲ ގާޒީގެ ފޯނުއޮތީ އެމްޑީޕީ މެންބަރެއްގެ އަތުގައިކަމަށް ދޭހަވި ވަގުތެއްވެސް ދިޔައެވެ.
މައްސަލަތައް ބައިވަރެވެ. ފުލުހުން އެދުނީ ޣައިރު ގާނޫނީ އަމުރު ނުކުރާނެކަމުގެ ޔަގީންކަމެވެ. އެކަމަކު ރައީސް ވަޑައިގެން ވިދާޅުވީ “އޮޅިފައި” ތިބިކަމަށެވެ. ހާސްވެފައިވާ ރައީސްގެ މޫނުގެ ކުލަވަރު ބަދަލުވި މަންޒަރު ފެނުނު އިރު، އެބޭފުޅާއަށް އެބޭފުޅާގެ ވެރިކަމުގެ އަޒަލު ޖެއްސުވީ މަޖިލީހުގައި އަޑުގަދަކޮށްފައި އުޅުނު އެމްޑީޕީގެ ބައެއްމެންބަރުންނާއި، މިނިސްޓަރު ކަމުގައިތިބި ބައެއް މީހުން ފުލުހުންނާއި ސިފައިންނަށް ޣައިރު ގާނޫނީ ކަންކަމަށް އަމުރު ކުރާތީކަން ނޭނގުނުކަމީ ހިތާމަކުރާ ކަމެކެވެ. އެއިން އެނގެނީ ރައީސަށް އޭރުވެސް ބަޔަކުމީހުން އޮޅުވާލަމުން ދިޔަކަމެވެ.