ކަނޑިންމައި އުޅާގަނޑު
“މި ޗޮކްލެޓް ފޮށި ރީއްޗެއް ނޫންތަ؟” ރަތްކުލައިގެ ކަރުދާހަކުން ހިތެއްގެ ބައްޓަމަށް ހަދައިފައިވާ ފޮއްޓަކަށް އިޝާރާތް ކުރަމުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުންޏެވެ. އެތީގެ އަގު ބަލައިލައިފައި އަޅުގަނޑުގެ މޫނުމަތީގައި ކޮކާ ބުރައިގެން ދިޔައެވެ. ނަމަވެސް އަޅުގަނޑުގެ ރަޙްމަތްތެރިޔާއަކަށް އެ ފޮށީގެ އަގަކީ އެއްވެސް އެއްޗަކަށް ނުވިއެވެ. ވާނީވެސް އެހެން ތާއެވެ. އަހަރެއްގައި އަންނަ އެންމެ ދުވަހެއްގައި ތިމާގެ ލޯބިވާ ފަރާތަކަށް ހަދިޔާއެއް ދޭއިރު އެއިގެ އަގަކީ މުޙިއްމު ކަމެއް ނޫންތާއެވެ؟
ކޮންމެޔަކަސް އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހޭބޯ ނާރައި އެ މަސައްކަތް ކުރަނީ ފެބުރުއަރީ ސާދަވަނަ ދުވަހު އޭނާގެ ލޯބިވާޔަށް ދޭނޭ ރީތި ހަދިޔާއެއް ހޯދުމަށެވެ. އަޅުގަނޑުވެސް ފޫހިވެފައި ހުރެގެން އޭނާގެ ފަހަތުން ހިނގަމުން ދިޔައީމެވެ. އެއިރު އަޅުގަނޑުގެ ހިތަށް އެތަކެއް ސުވާލުތަކެއް އަރާ ފައިބަމުންދިޔައެވެ. ފެބުރުއަރީ ސާދަވަނަ ދުވަހަށް ވެލަންޓައިންސް ޑޭ ކިޔުނީ ކީއްވެ ބާވައެވެ؟ ވަކީން ޚާއްޞަވެގެން މި ދުވަސް ލޯބިވެރީންގެ ދުވަހަކަށް ވެގެން ފާހުގަ ކުރަނީ ކީއްވެބާވައެވެ؟ އަޅުގަނޑުހިތުން ލޯބިވާ ބަޔަކަށް އަހަރުގެ ކޮންމެ ދުވަހަކާއި، ދުވަހުގެ ކޮންމެ މިނެޓަކާއި، މިނެޓްގެ ކޮންމެ ސިކުންތަކީވެސް ޚާއްޞަ ވަޤުތުތަކެކެވެ. އުފާވެރި ވަޤުތު ތަކެކެވެ.
ވެލެންޓައިންސް ޑޭ އަކީ ކިތަންމެ މަޝްހޫރު ދުވަހެއް ކަމުގައި ވިޔަސް، އެ ދުވަހުގެ ތާރީޚު ވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ތާރީޚު ދިރާސާ ކުރައްވާ އެކިއެކި ޢިލްމުވެރީންގެ ރަޢުޔު މިކަމުގައި ވަރަށް ތަފާތެވެ. ޔަޤީން ކަމާއި އެކު އެނގޭ ކަމަކީ، މި ދުވަހަކީ އެންމެ ކުރީގެ މަޞީހީ ދީނުގެ އާދަކާދަ ތަކާއި ރޯމުގެ ބުދަށް އަޅުކަންކުރުމުގެ ޘަޤާފަތުގެ ތެރެއިން އުފެދިގެން އައި ކަމެއް ކަމެވެ.
ޢީސާގެފާނުން ދުނިޔެއަށް ވަޑައިގަތުމުގެ އެތަކެއް ސަތޭކަ އަހަރުގެ ކުރީއްސުރެ، ރޯމުގެ މީހުން ފެބުރުއަރީމަހުގެ މެދުތެރޭގައި ޢީދެއް ފާހުގަ ކުރެއެވެ. އެ ޢީދަށް ދެވިފައިވާ ނަމަކީ “ލުޕްރިކޭލިޔާ” އެވެ. އެދުވަސް ޚާއްޞަވެފައިވަނީ ”ލޫޕަކް”ކަލާނގެޔާއި “ފޯނަސް” ކަލާނގެއަށެވެ. ބުނެވޭ ގޮތުގައި ލޫޕަކްއަކީ ހިޔަޅެއްގެ ސިފައިގައި އޮންނަ ބުދެކެވެ. އަދި އޯނަސްއަކީ ދަރިމައިވުމާއި ދަނޑުވެރިކަމުގެ ކަލާނގެއެވެ. ހުންނަނީ އެއްބުރި މީހެއްގެ ސިފައިގައި އަނެއް ބުރި ބަކަރިއެއްގެ ސިފައިގައެވެ.
އެ ޢީދުގެ ކަންތައްތައް ފެށެނީ ބަކަރިއެއް ޤުރުބާން ކުރުމުންނެވެ. އެއަށްފަހު އެއިގެ ހަމުން ޒުވާން އަންހެންކުދީންގެ ގައިގައި ތަޅައެވެ. އަނިޔާ ކުރުމަކަށް ނޫނެވެ. އެއިން ބަރަކާތް ޙާޞިލްކުރުމަށް ކުރާ ކަމެއްގެ ގޮތުންނެވެ. އަދި އެ ބަކަރީގެ ލޭ، އެމީހުންގެ ގައިގައި އުނގުޅައެވެ. މިބައިމީހުން ދެކޭ ގޮތުގައި މިފަދައިން ޢަމަލުކުރުމުން އަންނަ އަހަރު ދަނޑުތަކުގެ މުޑުވައް ރަނގަޅުވެ، އެއަހަރުގައި ވިހާ ކުދީންގެ ބަރަކާތް އިތުރުވެއެވެ.
ޢީސާގެފާނުންގެ ފަހުން، ފަސްވަނަ ޤަރުނަކީ މަޞީޙީ ދީން ޔޫރަޕްގައި އެންމެ ބާރަށް ފެތުރިގަތް ދުވަސްވަރެވެ. އެ ދުވަސްވަރު މަޞީޙީ ފައްޅީގެ މަސައްކަތަކަށް ވެފައިއޮތީ، ކުރީގެ ޖާހިލު ޢާދަތައް، މަޞީޙީ ދީނުގެ އޮނިގަނޑުގެ ތެރެއަށް ފެތޭގޮތަށް ބަދަލުކުރުމެވެ. މިގޮތުން އެވަޤުތު ފައްޅީގެ ބޮޑު ފާދިރީ، ޕޯޕް ޖެލޭސިޔަސް ނިންމެވީ ފެބްރުއަރީ މަހުގެ ސާދަވަނަ ދުވަހަކީ ސެއިންޓް ވެލެންޓައިންސްގެ ދުވަސް ކަމުގައި ފާހުގަ ކުރުމަށެވެ. ލުޕްރިކޭލިޔާގެ ޢީދުގެ ބަދަލުގައެވެ.
ވެލެންޓައިން، މި ނަމަކީ އެދުވަސްވަރުގައި ވަރަށް އާއްމު ނަމެކެވެ. އެހެންކަމުން މިދުވަސް ޚާއްޞަވެފައި މިވަނީ ކޮން ވެލަންޓައިންއަކަށް ކަމެއް ކަނޑައެޅިގެން ބުނެދޭކަށް ނޭނގެއެވެ.
އެއް ރިވާޔަތެއްގައި ވާގޮތުން، ޢީސާގެފާނުގެ ފަހުން ތިންވަނަ ޤަރުނުގައި، ރޯމަން އެމްޕެރަރ ކްލައުޑިޔަސް 2 ގެ ޒަމާނުގައި ވަރަށް މަޝްހޫރު ފާދިރީއެއް އުޅުއްވިއެވެ. އެ ފާދިރީގެ ނަމަކީ ސެއިންޓް ވެލަންޓައިންއެވެ. ކްލައުޑިޔަސްގެ ޒަމާނަކީ ހަނގުރާމަޔާއި ލޭ އޮހޮރުވުމުގެ ޒަމާނެކެވެ. އޭނާގެ ފައުޖު ތަކުގައި އެތަކެއް ހާސް ސިފައިންނެއް ވެއެވެ. ކްލައުޑިޔަސްއަށް ފާހުގަކުރެވުނު ގޮތުގައި، މި ސިފައިންނަށް، އެމީހުންގެ ޢާއިލާ ދޫކޮށް، ވަޒަނާއި ޤައުމާއި ދުރުގައި ހަނގުރާމަކުރުން އޮންނަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. އެމީހުން ތާ އަބަދު ތިބެނީ، އަނބި ދަރީންގެ ކައިރިޔަށް ދެވޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ. މިހެން ވުމުގެ ސަބަބުން އެމީހުންގެ ޖޯޝާއި ފޯރި ކުޑަވެގެން ދާކަމުގައި ކްލައުޑިޔަސްއަށް ފާހުގަކުރެވުނެވެ.
މި މައްސަލައިގައި ވަރަށް ވިސްނުމަށްފަހު ކްލައުޑިޔަސް ނިންމީ، ފައުޖުގައި ދާ ސިފައިންނަށް ކައިވެނިކުރުން މަނާ ކުރެވިއްޖެނަމަ މިބައިމީހުންގެ ހިތްވަރު ގަދަވެދާނޭ ކަމުގައެވެ. އެހެނީ އެއިރުން ހަނގުރާމައިގެ މައިދާނުގައި ހުންނައިރު ތިމާގެ އަނބީންނާއި ދަރީންގެ މަތީން ވިސްނާކަށް ނުޖެހޭނެއެވެ. މިހެން ވިސްނުމުން، ކްލައުޑިޔަސް، އޭނާގެ ފައުޖުގެ އެންމެހައި ސިފައިންނަށް، ކައިވެނި ކުރުން މަނާ ކުރިއެވެ.
ނަމަވެސް ފާދިރީ ވެލަންޓައިން ގެންދެވީ، ބޭނުންވެގެން އަންނަ މީހުންގެ ކައިވެނި އަޤްދު ކޮށްދެއްވަމުންނެވެ. ފައުޖީންނާއި އެހެނިހެން މީހުންގެ ތަފާތެއް ނުކުރައްވައެވެ. ދުވަސްކޮޅެއްގެ ފަހުން އެމްޕެރަރ ކްލައުޑިޔަސްއަށް މިކަން އެނގި، ފާދިރީއަށް މަރުގެ ޙުކުމް އިއްވިއެވެ. އަދި ޙުކުމް ތަންފީޒު ކުރެވެންދެން ޖަލުގެ އަނދިރި ގޮޅިޔަކަށް އެއްލައިލެވުނެވެ.
ފާދިރީ މިހެން އޮންނަވާއިރު އޭނާ ކުރީގައި ކައިވެނިކޮށްދެއްވި މީހުން، އެކި ދުވަސްމަތީން ޖަލަށް ޒިޔާރަތް ކުރެއެވެ. މިމީހުން އަންނައިރު މަލުގެ ގުލްދަސްތާ ތަކާއި، ކުދިކުދި ނޯޓުކޮޅުތަކުގައި ޝުކުރުގެ ލަފްޒުތައް ލިޔެގެން ގެންދެއެވެ. ފާދިރީ ޖަލުގައި އޮންނެވިއިރު، ޖަލު ބަލަހައްޓާ މީހާގެ އަންހެން ދަރިފުޅުވެސް ވަރަށް ގިނައިން އެތަނަށް ގޮސް އުޅޭ ކަމުގައި ވެއެވެ. މިހެން އައިސް ގޮސް ވުމުގައި ފާދިރީއާއި މި ކުއްޖާގެ މެދުގައި ލޯތްބާއި ކުލުނު އުފެދިފައިވެއެވެ.
ބުނެވޭގޮތުގައި ފެބްރުއަރީ މަހުގެ ސާދަވަނަ ދުވަހެއްގައި އެއްކަލަ ފާދިރީ ދަންޖެއްސުމަށްޓަކައި ގެންދެވުނެވެ. އެއިގެ ހަމަ ކުޑަ ހިނދުކޮޅެއް ކުރީން، ޖަލު ބަލަހައްޓާ މީހާގެ ދަރިފުޅަށް ފާދިރީގެ ފަރާތުން ކުޑަ ކުޑަ ނޯޓެއް ފޮނުވުނެވެ. އެއިގައި ލިޔެފައިވަނީ ” ޓު މައި ވެލަންޓައިން” (މަގޭ ވެލަންޓައިންއަށް) މިފަދައިންނެވެ. އަދި އަދަށް ދާނދެންވެސް ވެލަންޓައިން ދުވަހުގައި ފޮނުވޭ ކާޑުތަކުގައި މިފަދައިން ލިޔެވިފައި ހުރެއެވެ.
މިޒަމާނުގައި ވެލަންޓައިންސް ޑޭ ފާހުގަކުރާއިރު، ހިތުގެ ސިފަޔަށް ހަދާފައިވާ ހަދިޔާތައް ފޮނުވައެވެ. އަދި އެ ދުވަހާއި ގުޅިގެން “ކިޔުޕިޑް”ގެ ހަނދާންވެސް އައުކުރެއެވެ. ކިޔުޕިޑް އަކީ ރޯމުގެ ލޯބީގެ ކަލާނގެއެވެ. ކިޔުޕިޑްގެ ބުދަކީ ފިޔަ ފަޅާފައިވާ މީހެއް ނުވަތަ ކުޑަ ކުއްޖެއްގެ ސިފައިގައި ހުންނަ ބުދެކެވެ. އަތުގައި ދުނި ދަނޑިޔަކާއި ތީރެއް އޮވެއެވެ.
މިޒަމާނުގައި ވެލަންޓައިންސް ޑޭ އަކީ، ކްރިސްމަސްއަށް ފަހުގައި، އެންމެ ގިނައިން ޚަރަދު ކުރެވޭ ބަންދު ދުވަހެވެ. އެމެރިކާގައި އެކަނިވެސް ސަތޭކަ އައްޑިހަ މިލިޔަން ރަތް ފިނިފެން މަލާއި، ތިރީސް ހަ މިލިޔަން ހަދިޔާއާއި، ޢަދަދު ނުކުރެވޭވަރުގެ ގިނަ ކާޑާއި އެތަކެއް ގިނަ ޖަވާހިރުގެ ގަހަނާ ވިކެއެވެ. މި ހުރިހައި އެއްޗެއްގެ އަގު، ސާދަ ބިލިޔަން ޑޮލަރަށް އަރައެވެ. އޭޝިޔާއާއި މެދުއިރުމައްޗާއި ހުޅަނގުގެ ގިނަ ޤައުމުތަކެއްގައި މި ދުވަސް ފޯރިޔާއިއެކު ފާހުގަކުރެއެވެ.
ކޮންމެޔަކަސް، އަޅުގަނޑުގެ މި ލިޔުމުގެ މަޤްޞަދަކީ، ބަޔަކު ނިކަން ކުރާހިތުން ކުރާ ކަމެއް ހުއްޓުވުމެއް ނޫނެވެ. ނުވަތަ ފާޑު ކިޔުމެއްވެސް ނޫނެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް އޮޅުންފިލީމައި، އަޅުގަނޑުގެ ރަޙްމަތްތެރީންނާއި އެ މަޢުލޫމާތު ޙިއްޞާކޮށްލުމެވެ. މަޢުލޫމާތުގެ ރަސް މަގެއް ހުޅުވިފައިއޮތް މިކަހަލަ ޒަމާނެއްގައި ކަންތައްތައް ނޭނގި ތިބޭކަށްވެސް ނުވާނެތާއެވެ؟