twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޮތްކުޑަކަމާއި، ޢާއްމުންނަށް އިޙްތިރާމް ނުކުރުން

Feb 18, 2012

.

ފަންއަރި

ހުކުރު ދުވަހު ހަވީރު އެމްޑީޕީން ބޭއްވި މުޒާހަރާއެއް ރާއްޖެ ޓީވީން ދުރަށް ދައްކަމުން ދިޔައިރު، އަޅުގަނޑު އިނީ، ކާނިވަލުގެ ސައިހޮޓަލެއްގައެވެ. ހުކުރުދުވަހަކީ މާލޭގައި ޢާއިލީ ދުވަހެކެވެ. ޢާއިލާތައް އޮތްގޮތަށް އެސަރަހައްދުން ފެންނަ ދުވަހެވެ.

ޓީވީ ހުރީ އެންމެންނަށް އިވޭވަރަށް އަޑުބާރުކޮށްފައެވެ. އެއިރު ވާހަކަދައްކަވަން ހުންނެވި ބޭފުޅަކު ނިންމައިލެއްވުމުން، ދެން ޕޯޑިއަމް ކުރިމަތީ ހުއްޓިވަޑައިގަތީ، ސިޔާސީ ޕާޓީއެއްގެ ބާނީއެކެވެ. ޤާނޫނީ ދައުލަތެއްގެ މުހިއްމުކަމާ މެދު އެންމެ ހަރުއަޑުން ވަކާލާތުކުރެއްވި ބޭފުޅާއެވެ. އެޑިޔުކޭޝަން ދާއިރާގައި އެތައް އަހަރަކު މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެޑިޔުކޭޝަން ދާއިރާގައެވެ!! އަދި އޭގެ އިތުރުން، މިހާރު ވެސް ތަޢުލީމީ މުއައްސަސާއެއް ހިންގަވާ، އެތަނުގެ ވެސް ބާނީއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން، ޖީލެއްގެ މުރައްބީއެކެވެ.

ފުރަތަމަ ވެސް ވިދާޅުވީ އޭނާ ވެފައި ހުންނެވި ކޯފާއެއްގެ ބޮޑުކަމުގެ ވާހަކައެވެ. އަދި އެފަދަ ގަދަފަދަ ކޯފާއެއްގައި ހުރެ ވިދާޅުވެވިދާނެ އެއްޗަކާ މެދު އެހެންމީހުން ޚަބަރުދާރުކުރުވިއެވެ.

އެކަމަކު އޭނާ ވެފައި ހުންނެވި ކޯފާއެއްގައި އެ ވިދާޅުވި އެއްޗަކުން އަޅުގަނޑަށް ހީވީ މޫނުމަތީގައި ތަފާލެއް އަޅާލިހެންނެވެ. ކިތައްމެ ކޯފާވެ ހަމައިން ނެއްޓިވަޑައިގަތަސް، ހައްދެއް އޮންނަންވާނެއެވެ. އަމިއްލަ ނަފްސާއި ދޫ ކޮންޓްރޯލް ނުކުރެވޭ މީހުން ތިބެންޖެހޭނީ އެހެން މީހުންނާ ވަކިންނެވެ.

ހުރި ގޮތްކުޑަކަމެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. އޭނާއަށް އަރައި ހުންނެވުނު ތަނަކާ ވަގުތެއް އެނގިވަޑައިގަނޭބާއެވެ. އެއީ ހަވީރު ފިންޏަށް މައިންބަފައިން ތުއްތު ދަރީން ގޮވައިގެން ހިނގާލަން ނުކުންނަ ގަޑިއެވެ. އެންމެ ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން އެއްވާ މައިދާނެވެ. ޓީވީން އެވަގުތު، އެތައް ހާސް ބަޔަކު އެމަންޒަރުތައް ބަލަމުން ދިޔައެވެ.

އަޅުގަނޑަށް ހީވަނީ، ހަގީގަތުގައި އެއީ އެތާ މުޒާހަރާއަށް އެއްވެތިބި މީހުންނަށާ، އެމީހުންގެ ލީޑަރަށް ނިސްބަތްކޮށް އޭނާ ކުރެއްވި މަލާމާތެއްހެންނެވެ. ކުޑަކުއްޖަކަށް ވެސް އެވަރު ވިސްނޭނެއެވެ.

އޭނާ ބުނާކަހަލައެވެ. ” ކަލޭމެން ތިޔައުޅެނީ އަލާ ނުކެނޑެނީސް ‘އައުޓްވެގެން’ ނެވެ. އަދި އައުޓުވުމަށްފަހު ވެސް، ބާރުތައް ދޫވެފައިވާ، އިސްކޮޅުން ކުޑަ ރައީސް ރައީސްކަމުގެ ހޯލުން ނުނެރެން ތިޔަ ހިތްވަރުކުރަނީ، ބަލަ ތިބާވަތުގެ ކަންކަމަށް ދިވެހިބަހުގައި ކިޔާއުޅޭ ވަރަށް އެކަށޭނަ ލަފްޒެއް އެބައޮތެވެ.” އެހެންކަމުން އެބޭފުޅާ އެ މަލާމާތްކުރެއްވީ އެތާ އެއްވެ ތިބި މީހުންނަށެވެ. އެމީހުންނަށް ވެސް އެވަރު ވިސްނޭނެކަން ޔަގީނެވެ.

މިކަހަލަ ގޮތްކުޑަ ވާހަކަ ދެއްކުން ސިޔާސީ މީހުންތެރޭ މިވަނީ އިންތިހާއަށް އާއްމުވެފައެވެ. މަޖިލީސް އަޑުއަހާލިޔަސް ލަދުން ހަލާކުވާ ވަރުވެއެވެ. އެމީހުންގެ ވާހަކަތަކުގައި މަޖާޒުގެ ގޮތުން ވެސް ބޭނުންކުރަނީ، އެމީހުންގެ މުޑުދާރު ސިކުނޑީގެ ޝަހުވާނީ ޚިޔާލާތު އުފައްދާ ޖިންސީ ބަހުރުވައެވެ. އަޅުގަނޑަކީ ތިޔަ މަޖިލީސް އަޑުއަހާ މީހެއް ވެސް ނޫނެވެ. އެކަމަކު ރޭޑިޔޯ ހުޅުވާލި ވަގުތެއްގައި އެއިރު ފޮނުވަމުން އައި މަޖިލީހުގެ އެޕިސޯޑަކުން ވެސް އިވިގެން ދިޔައީ މިބާވަތުގެ ވާހަކައެކެވެ.

އެވަގުތު ވާހަކަދައްކަވަމުން ދިޔަ އިއްޒަތްތެރި ބޭފުޅަކު ވިދާޅުވި އެއްޗަކަށް އެހެން ޖަމާޢަތަކުން މަލާމާތުގެ ރާގަކަށް ސުވާލުކުރަނީ “ހިތާވީހެއްޔޭ؟” ކިޔާފައެވެ. ޖަވާބުގައި އެއަށްވުރެ އެންމެ ތަންފުކެއް ވެސް ދޫނުކޮށް، އެބޭފުޅަކު ވިދާޅުވީ “ހިތާވާނެ ނޫންހޭ ބަފާވެސް ހިތާވީ ފިރިހެނަކާއޭ” އެވެ. އަދި މިހެން ކިޔާފައި، އެންމެ ލަދުކުޑަ މީހުން ހިނިގަނޑު ޖަހާލާ ގޮތަށް، ހިނިފުޅުވަޑުވާލިއެވެ. ދެން އިވިގެން ދިޔައީ، ބަޔަކު އަތްތިލަބަޑި ތަޅާ ހޯބޯލަވައިގަތްކަހަލަ އަޑެކެވެ. މިއީ މައްކާގެ މުޝްރިކުން ކޮޕީކޮށްގެން އުޅޭ ބައެއްބާއެވެ. ރޯދަމަހު ސިޔަރަތު އަޑުއަހާލާށެވެ. އަބޫޖަހުލާއި އޭނާގެ ޖަމާޢަތް އަތްތިލަބަޑި ތަޅާ، މަލާމާތުގެ ބީދައިން ވާހަކަދައްކާ ގޮތުގެ ފާޑުގަނޑު ތިޔަ މަޖިލީސްތެރެއިން ވެސް އިވޭނެއެވެ. ސުބުޙާނަ ﷲ އެވެ!

ސިޔާސީ މީހުންގެ ނަމުގައި މި އުޅޭ މީހުން ދިވެހިންގެ އެއްވެސް އަގުކުރާކަމަކަށް އިޙްތިރާމެއް ނުކުރެއެވެ. މުޖުތަމަޢުގެ އަދަބުތަކަކަށް އިޙްތިރާމެއް ނުކުރެއެވެ. އަދި އާއްމުން އެއްވެ އުޅޭތަންތަނުގެ އަދަބުތަކަކަށް ވެސް ބަލައެއް ނުލައެވެ.

އަޚްލާޤީ މިންތައް ފަހަނަޅައި، މިހާ ފާޅުކަން ބޮޑުގޮތެއްގައި ހަޑިހުތުރު ބަސްމަގު ބޭނުންކުރާ ތަނެއް މި އުޑުދަށުގައި ދިވެހިރާއްޖެ ނޫނީ ނޯންނާނެއެވެ. އަދި މިނިވަން މީޑިއާއެއް އޮންނަ އިންސާނީ އެއްވެސް ޖަމާޢަތެއްގައި މިފަދަ ހުތުރު ބަހުރުވަ ބޭނުންކުރާ މީސްމީހުންގެ ވަޒީފާއަށް ޕުރެޝަރުކޮށްލައެވެ.

މިފަދަ ލަދު ނުގަންނަ ބަޔަކަށް އިންސާނީ ތާރީޚު ދުށް ބަޔަކީ ސަދޫމުގެ އަހުލުވެރީންނެވެ. އެތާގެ ބޮޑުންނާއި އާއްމުން އެކަތިގަނޑަކަށްވެ، ލަދުވެތިކަމުގެ ފަރުދާ ވީދާލިއެވެ. މާތް ﷲ އަޅަމެން އެންމެންނަށް ހިދާޔަތު ދެއްވާށިއެވެ. އާމީން!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355