.
ބަދުރުއްދީން ހަސަން
ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު ހީކޮށްފައި ނުވާގޮތަށް ދިވެހި ސަރުކާރު މިއަދު މިވަނީ ބަދަލު ވެފައެވެ. ފަސްއަހަރު ވެރިކަން ކުރުމަށް ޑިމޮގްރަޓިކް ނިޒާމެއްގެ ތެރެއިން ބޭއްވުނު ފުރަތަމަ އިންތިހާބުގައި ރައްޔިތުން ހޮވި ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ހިނގާދިޔަ ހާދިސާ ތަކެއްގެ ސަބަބުން ވަނީ އިސްތިއުފާ ދީފައެވެ.
ރައީސް ނަޝީދު ވެރިކަން ނިމިގެން ދިޔަ ގޮތާމެދު އެކިފަރާތްތަކުން އެކި ގޮތަށް ވާހަކަ ތައް ދައްކަމުން ދިޔަ ކަމުގައި ވިޔަސް، ރައީސް ވަހީދު ވަނީ ފާޑުކިޔުންތަކާއެކު ވެސް އާސަރުކާރެއް އެކުލަވާލައިފައެވެ. ސަރުކާރުގެ މިނިސްޓްރީތައް ހިންގުމަށް އެކި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ނަންގަވާ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ.
ރައީސް ވަހީދުގެ ސަރުކާރު އެކުލަވާލައި ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ދާއިރު، ވަހީދުގެ ސަރުކާރުން ސަރުކާރު ހިންގުމުގެ ހަރަދުތައް ބަހައްޓާނެ ގޮތާމެދު އެކިފަރާތްތަކުން ދަނީ އެކި ކަހަލަ ހިޔާލުތައް ފާޅު ކުރުމުންނެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައިރު، އެސަރުކާރުގެ މަތިބަރު ވެގެން ގޮސްފައިވާ ވާހަކަތައް ދެކެވެމުން ދިޔައެވެ. އަދި ގިނަ ބަޔަކު އުއްމީދު ކުރި ބަދަލަކީ ވެސް އާއިލާ މީހުންގެ ނުފޫޒުން ސަލާމަތް ވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމެއް ދިވެހި ރާއްޖެއަށް ގެންނަން ގެނައި ބަދަލެކެވެ.
ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ނަޝީދުގެ ސަރުކާރުގައިވެސް ފެނިގެން ގޮސްފައިވަނީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ ބަޔަކާއި އެމީހުންގެ އާއިލާތަކަށް ވަޒީފާތައް ދީ ސަރުކާރުގެ މަތި ބަރުވަމުން ދިޔަ މަންޒަރެވެ. ގައުމުގެ އިގްތިޞާދު ކުރި އެރުވުމަށްޓައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގޮވަމުން ދިޔަ ކަމުގައި ވިޔަސް، ސިޔާސީ މަގާމުތައް ދިޔައީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެކަމުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ “ޕޭރޯލް” ދިޔައީ ބޮޑުވަމުންނެވެ.
މައުމޫނުގެ ސަރުކާރުގައި ހިމެނުނު ސިޔާސީ މަގާމުތަކާ އަޅާ ބަލާއިރު ހިސާބު ނަންބަރުތައް ޖަހައިފި ނަމަ ފެނިގެންދަނީ ނަޝީދުގެ ސަރުކާރުގައި މާބޮޑަށްވެސް ސިޔާސީ މަގާމުތައް އިތުރުވެފައި ވާ މަންޒަރެވެ. މައުމޫނުގެ ސަރުކާރު ނިމުނު އިރު ސިޔާސީ މަގާމު ތަކުގެ ގޮތުގައި 122 މީހުން ތިބިއިރު، ނަޝީދުގެ ސަރުކާރު ނިމުނު އިރު އެއަދަދު ވަނީ 453 ކަށް އަރާފައެވެ. މައުމޫނުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ އަދަދު 13 އެވެ. ނަމަވެސް ނަޝީދު ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ އަދަދު 40 ހަށްވުރެ ގިނަވެފައި ވެއެވެ. ނަޝީދު ސަރުކާރުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 84 އަށް އަރައެވެ. މިއީ މައުމޫނު ސަރުކާރު ނިމުނުއިރު ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަށްވުރެ 40 ޑެޕިއުޓީ މިނިސްޓަރުން އިތުރު އަދަދެކެވެ. މީގެ އިތުރުންވެސް މައުމޫނުގެ ސަރުކާރުގައި ހިމެނުނު ސްޕެޝަލް އެޑްވައިޒަރުންނާއި ހާއްސަ މުޝީރުންގެ އަދަދަށްވުރެ ނަޝީދު ސަރުކާރުގައި އެބައިއުޅެނީ ކުރީގައެވެ. ހަމަ އެފަދައިން ނަޝީދުގެ ސަރުކާރުގައި އުފެއްދި ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި މީހުންގެ އަދަދުވެސް ގިނަވާނެއެވެ.
މަތީގައި މިބަޔާން ކުރި ހިސާބުތަކަށް ބެލިކަމުގައި ވިޔަސް ނިމިދިޔަ ނަޝީދުގެ ސަރުކާރަކީ މަތިބަރު، ޕޭރޯލަށް ބާރުބޮޑު ސަރުކާރެކެވެ. ސަރުކާރަށް މަހުންމަހަށް ލިބެމުން ދިޔަ އާމްދަނީ ޓެކްސް އާއި އެހެނިހެން ފީތަކުގެ ސަބަބުން އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް، އެއާމްދަނީއިން މިދެންނެވި ހަރަދުތައް ފޫބެއްދޭ ވަރަށް ވުރެ ބޮޑު ވެގެން ދިޔައެވެ. އަދި ޓީބިލް ފަދަ ކުރު މުއްދަތުގެ ލޯންތައް ބޭންކުތަކުން ނަގަން މަޖުބޫރު ވެގެން ވެސް ދިޔައެވެ.
ނަޝީދުގެ ވެރިކަމުގައި ޕޭރޯލް ބޮޑު ވެގެންދިޔަ އަނެއް ސަބަބަކީ ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކުރުމެވެ. ލާމަރުކަޒީ ގާނޫނު ބައްޓަން ކުރެވުނު ގޮތުން ކޮންމެ ރަށެއްގައި ކައުންސިލަރުން “ތަކެއް” ތިބެން ޖެހެއެވެ. އަދި ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ކައުންސިލް މެމްބަރުންގެ ގޮތުގައި ވެސް ބަޔަކު ތިބެން ޖެހެއެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެއީ އެންމެ ރަނގަޅު ނިޒާމުތޯ އެތައްބަޔަކު ސުވާލު އުފައްދަމުންދެއެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ސަބަބުން ޕޭރޯލްއަށް އިތުރުވި “ލޯޑަކީ” ރައީސް ނަޝީދު ވެސް ކުރާނެ ކަމެއް ނޫނެވެ. ގާނޫނު ފާސްކުރަނީ މަޖިލީހުންނެވެ.
ސަރުކާރެއްގެ ރިކަރެންޓް ހަރަދަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގައުމުގެ އިގްތިޞާދަށް ކުރިއެރުން ގެނައުމަށް ހުރަސް އެޅެން ދިމާވާ އެއް ސަބަބެވެ. އުފެއްދުންތެރި މަސައްކަތްތަކަށް ހަރަދު ނުކުރެވި ހަމައެކަނި މުސާރަ ދިނުމަށް ބޮޑު ހޭދައެއް މިފަދަ ގޮތަކަށް ކުރަން ޖެހުމަކީ އިގްތިޞާދުގެ ދުވެލި މަޑުޖެހިގެންދާނެ ކަންކަމެވެ. އަދި ޕޭރޯލްގެ ގޮތުގައި އެހާބޮޑު ހޭދައެއް ސަރުކާރުގެ ބަޖެޓުން ހޭދަވަމުން ދިއުމަކީ އިންފްލޭޝަން މައްޗަށް ދިއުމަށްވެސް އިތުރު ސަބަބަކަށް ވެގެން ދެއެވެ.
އެހެން ކަމުން ނަޝީދުގެ ސަރުކާރު ނިމުމާއެކު ބައެއް އިގްތިޞާދީ މާހިރުން ދެކެން ފެށީ އެއީ ރާއްޖޭގެ އިގްތިޞާދު ކުރިއަށް ޖައްސާލަން ލިބުނު ފުރުސަތެއް ކަމުގައެވެ. ވަހީދުގެ ސަރުކާރަށް ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކޮށް އެފައިސާ އެހެން ގޮތަކަށް ބޭނުން ކުރެވިއްޖެނަމަ އިގްތިސާދަށް އިތުރު ދިރުމެއް ގެނެވިދާނެ ކަމަށް އެމީހުން ސިފަކުރެއެވެ.
ނަމަވެސް ސުވާލަކީ ވަހީދުގެ ސަރުކާރަށް މަތިބަރު ނުވެ ފަރުޖެއްސިދާނެ ބާއެވެ. ވަހީދު ވެރިކަމާހަވާލުވެ އަމާޒު ހިފާފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކާއި ދިމާލަށެވެ. އެގޮތުަން ރާއްޖޭގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށް ސަރުކާރުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އެޕާޓީތަކަށް ނިސްބަތްވާ އެކިފަރާތްތަކަށް ސިޔާސީ މަގާމުތައްވެސް ދަނީ ހަވާލު ކުރެވެމުންނެވެ. ނަޝީދު ވެރިކަން ކުރިއިރު ސިޔާސީ ނުފޫޒު ސަރުކާރަށް ވައްދަމުން ދިޔައީ އެމްޑީޕީއިން އެކަންޏެވެ. ނަމަވެސް ވަހީދުގެ ސަރުކާރުގައި މިއަދާ ހަމައަށް އެމްޑީޕީ ފިޔަވާ ދެންތިބި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާއިރު، އެޕާޓީތަކުގެ ޒައީމުންނާއި ރައީސުން އަދި ބާނީން ގެ ނުފޫޒު ނުވަދެ ހުންނާނެ ބާއެވެ. އެއިން ކޮންމެ ސިޔާސީ ޕާޓީއަކުން ބޭނުންވާއިރަށް މަގާމެއް ނުއުފައްދާ ރައީސް ވަހީދަށް ފަރުޖެއްސިދާނެ ބާވައޭ މިއަދު ސުވާލު ކުރެވެމުން ދެއެވެ.