twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރިއެރުން ޅަނދޮޅުކުރުން

Mar 20, 2012

.

ފަތުހުﷲ އިސްމާއީލް

އިގްތިޞާދީ ކުރިއެރުމުގެ މައިގަނޑަކީ ހަމަ އެންމެ ކަމެކެވެ. އައު ހިޔާލުތަކެވެ. އިތުރު ފިކުރު ތަކެވެ. މުޅިއަކުން އިގްތިޞާދީ ކުރިއެރުން އެކަންޏެއްވެސް ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި ތަނެއް ކުރިއަރާ ދިއުމުގެ އަސާސަކީ ފިކުރެވެ. ހިޔާލެވެ. ސުވާލަކީ އައު ހިޔާލުތަކާއި އައު ފިކުރުތައް ނެރޭ މިންވަރު އިތުރު ކުރާނީ ކިހިނެތް ހެއްޔެވެ؟ އިތުރު ބިލް ގޭޓްސްމެނާއި ސްޓީވް ޖޮބްސްމެން ގެނެވޭނޭ ހެއްޔެވެ؟ އެއީ ވާވަރު ކަމެއް ހެއްޔެވެ؟

ހިޔާލާއި ފިކުރު އަންނަނީ އިންސާނާގެ ތޫނުފިލިކަމުގެ ނިސްބަތުންނެވެ. އޭނާގެ ބުއްދި ހުޅުވޭ މިންވަރަކުންނެވެ.

ހަޤީޤަތުގައި، އިންސާނީ ތޫނުފިލި ކަމަކީ، މަތިންދާ ދޫންޔެއް ބޮޑުކަމު ދިޔައީމައި، އެތަކެތި އެތަން މިތަނަށް އެކި މިންވަރަށް އެޅިގެން ދާހެން ދުނިޔެއަށް އުކާލެވިފައިވާ އެއްޗެއް ނޫނެވެ. އަޅުގަނޑު މި ބުނަނީ، އެމެރިކާގައި ގުދުރަތުން މޮޅެތި މީހުން ގިނަ ކުރެއްވި ކަމަށް އަޅުގަނޑު ގަބޫލު ނުކުރާ ވާހަކައެވެ. ޖަޕާނު މީހުން ހަމަ ހުރެފަ ކެމެރާ ހަދަން މޮޅު ބަޔަކަށް ވީކަމަށް ގަބޫލު ނުކުރާ ވާހަކައެވެ. އެކަމަކު، އިންސާނީ ތޫނު ފިލިކަން ފާޅުވަނީ، އެ ތޫނުފިލިކަން ފާޅުވެވޭނެ ޖާގަ އާއި މަގު އެ އިންސާނާ އުޅެމުންދާ ތަނެއްގައި ތަނަވަސް ވުމުން ކަމުގައި އަޅުގަނޑު ގަބޫލުކުރާ ވާހަކައެވެ. އަދި އިންސާނާގެ ނަފްސުގައި އެފަދަ ބައެއް ސިފަތައް ގާއިމްކޮށްގެން ކަމުގައެވެ.

ތާރީހަށް ބަލައިލަމާ އުޅޭށެވެ. އީސާގެފާނު އުފަންވުމުގެ 440 ހާއި 380 އާއި ދެމެދު، ގުރީސްގެ އެތެންސަށް ބަލާލަމާއި ހިނގާށެވެ. ކިތައް ކިތައް އިލްވުވެރިން، ފިލޯސަފަރުން މި ފަސްދޮޅަކަށް އަހަރު ތެރޭގައި އެތެންސްގައި އެކަނި އުޅުން ހެއްޔެވެ. ސޮކޮރޮޓަސް، ހެރޮޓޮޑޮސް، ޕްލޭޓޯ ފަދަ ކިތައް މީހުން ހެއްޔެވެ؟ މިއީ ޔޫރަޕްގެ ހަޟާރަތުގެ މޭސްތިރިންނެވެ. ހައިރާން ކުރަނިވި ކަމަކީ މި އެންމެންވެސް ގާތްގަނޑަކަށް އެއްދުވަސް ވަރެއްގައި އެއްތަނެއްގައި، އެކައްޗެއް ކައިގެން އުޅުނުކަމެވެ. ހަމަ އެހެންމެ އިޓަލީގެ ފްލޯރެންސަކީވެސް 1440 ހާތާގައި މިފަދަ މިސާލެކެވެ. އެންމެ 70 ވަރަކަށް ހާސް މީހުންގެ ތެރެއިން ނުކުތީ އާދައާއި ހިލާފަށް ގިނަ މޮޅެތި ވިސްނުން ތެރިން ތަކެކެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ މަޝްހޫރު ލިއަނާޑޯ ޑާވިންސި އެވެ.

ސުވާލަކީ މިކަން މިހެން ވުމަށް ބޭނުން ވަނީ ކޮންކަހަލަ މާހައުލެއް ހެއްޔެވެ؟ ހަނގުރާމަ ވެރިކަން ނެތުން ހެއްޔެވެ؟ ނޫނީ ހަނގުރާމަ ވެރިކަން އޮތުން ހެއްޔެވެ؟ އަމަން އަމާންކަން އޮތުން ހެއްޔެވެ؟ ސިޔާސީ ނުފޫޒު ނެތުން ހެއްޔެވެ؟ ސިޔާސީ ނުފޫޒުތައް އިތުރުވުން ހެއްޔެވެ؟

އަޅުގަނޑަށް ގަބޫލުކުރެވެނީ، ސިޔާސީ ނުފޫޒާއި، ހަނގުރާމައާއި، އަމާންކަމަކީ ތޫނުފިލިކަން އާލާކުރުމަށް މުހިންމުކަމެއް ނޫން ކަމަށެވެ. ޕްލޭޓޯ، ޕްލޭޓޯ އަކަށް ވީވެސް ހަގުރާމައިގެ ދުވަސްވަރުއެވެ. އީސާގެފާނުގެ މީލާދުގެ 400 އަހަރުކުރިއަކީ އެތެންސަކަށް މާ އަމާން ދުވަސް ވަރެއް ނޫނެވެ. އެއީ ގުރީކުން ސްޕާޓަރ އާއި ހަނގުރާމަ ކުރަމުން އައި ދުވަސްވަރެވެ. އެހެން ކަމުން ހަގުރާމައެއް އޮތުމަކީ ތޫނުފިލިކަން ފާޅުވުމަށް ހުރަސް އެޅޭކަމެއްކަމުގައި އަޅުގަނޑު ނުދެކެވެ. ހަމަ އެހެންމެ ޖަމާޢަތެއްގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ތޫނުފިލިކަން، އައު ހިޔާލުތައް ފާޅުވުން މަދު ވާނޭ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަދި ކިޔެއްތަ، އަޅުގަނޑު ދެކެނީ އެފަދަ ދުވަސް ވަރެއްގައި ބަޔެއް ކަހަލަ، (މިސާލަކަށް، ބަހުގެ ދާއިރާއިން) އިތުރު ހިޔާލުތަކާއި ފިކުރުތައް އިތުރުވެ ނުކުންނާނެ ކަމުގައެވެ.

ދެން އެހެންވީ އިރު އިގްތިޞާދީގޮތުން، ނުވަތަ އެހެން ގޮތަކުން ކަމުގައި ވިއަސް ކުރިއަރާ ދިއުމަށް މާހައުލުގައި ހުރުން ލާޒިމް ކުރަނީ ކޮންކަންކަމެއް ހެއްޔެވެ؟

ފުރަތަމަ ކަމަކަށް މައިގަނޑު ހިޔާލުތަކެއް ހުރުމެވެ. މިސާލަކަށް ބުނަނީ ނަމަ، ޕެޓެންޓް، ކޮޕީ ރައިޓް ފަދަ ހިޔާލުތަކެވެ. އަޅުގަނޑު މިބުނަނީ ޕެޓެންޓް އަދި ކޮޕީ ރައިޓް ފަދަ ހިޔާލުތައް މީހުންނަށް އެނގި ފަރިތަވެފައި ވުމެވެ. އެއީ ކޯޗެއްކަން އެނގިފައި ވުމެވެ. އެހެން އެކަން ވެއްޖެނަމަ، އެޔާއި ގުޅިގެން އިތުރު ކުދިކުދި ފިކުރުތައް އުފެދޭނެއެވެ. މީހާގެ ތޫނުފިލިކަން ހަގީގަތުގައި ފާޅުވާން ފަށާނެއެވެ. މީހަކު ރޯނުވަށާ މެޝިނެއް ހަދާ ފާނެއެވެ. ޕެޓެންޓްގެ ހިމާޔަތުގެ ދަށުން އެހެން މީހަކަށް އެ ނުހެދޭނެކަން ޔަގީންވާނަމައެވެ. އެ މެސިން ވިއްކައިގެން ފަހަރުގައި އޭނާ މުއްސަންޖަކަށް ވެދާނެއެވެ. އެހެން ވީމާ، މައިގަނޑު ހިޔާލުތަކެއް އެ މުޖުތަމައުގެ އަފްރާދުންނަށް އެގިފައިވުން އެއީ އެތަނެއް އިގްތިޞާދީގޮތުން ކުރިއަރައިގެން ދިއުމަށް ބޭނުންވާ ސިފައެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މައިގަނޑު ހިޔާލު އަންނަމުން ދާނީ ކުދިކުދި ހިޔާލުތައް ގިނަ ވަމުން ދިޔަވަރަކަށެވެ.

ވިސްނަވާށެވެ. އެތެންސް ފަދަ ގަދީމީ ސަހަރުތަކަކީ، ގަދީމީ ޒަމާނުގައިވެސް އެކިއެކި ހިސާބުތަކުން މީހުން އައިސްގޮސްވާ، ވިޔަފާރީގެ މަރުކަޒީ ތަންތަނެވެ. އެހެން ކަމުން އަޅުގަނޑު ދެކޭގޮތުގައި ތޫނުފިލިކަން ފާޅުވުމަށާއި އިގްތިސާދީ ކުރިއެރުން އިތުރުކުރުމަށް ބޭނުންވާ އަނެއްކަމަކީ، އެކިއެކި މަސައްކަތްކުރާ އެކިއެކި ހިސާބުތަކުގެ މީހުން އައިސްގޮސްވާ ތަނެއްކަމުގައި އެތަނެއް ވުމެވެ. އެހެން އެކަން ވުމުން، ހިޔާލުތައް ބަދަލުކުރެވޭނެއެވެ. ހިޔާލުތައް ބަދަލުކުރުމަކީ ހިޔާލުތައް ތަނަވަސްވާކަމެކެވެ. ހިޔާލުތައް ތަނަވަސް ވެއްޖެނަމަ، އެ ހިޔާލު ސިކުނޑިން ނެރެ އެ ހިޔާލުތަކުގައި ‘އަތް ލުމުގެ’ ފުރުސަތު ބޮޑުވެގެން ދެއެވެ.

ތަޢުލީމު އާންމު އެއްޗެއް ކަމުގައިވާން ޖެހޭނެއެވެ. ޕަބްލިކް ލައިބްރަރީތައް ހުންނަން ޖެހެއެވެ. އާންމު ތަގުރީރުތައް ބާއްވަން ޖެހެއެވެ. މިސާލެއްގެ ގޮތުން ވިލިޔަމް ޝޭކްސްފިއަރ އަށް ބަލާލަމާ ހެއްޔެވެ. އެދުވަސްވަރުގެ އިނގިރޭސި ރާނީ އާންމުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ނުހަނު މަސައްކަތް ކުރެއްވިއެވެ. އެގޮތުން، ޝޭކްސްފިއަރ އަށް ހިލޭ ކިޔަވާ ދެވުނެވެ. ނަތީޖާއެއްގެ ގޮތުން ބަހުގެ ދުނިޔެ އަދި އަދަށްވެސް ޝޭކްސްފިޔަރގެ ކިބައިން މިނިވަން ނުވެއެވެ. އެހެން ކަމުން ތަޢުލީމު އެއީ އާންމު އެއްޗެއް ކަމުގައި ވާން ޖެހެއެވެ. އެއީ މަސައްކަތްތެރި ކަމުގެ ދާއިރާތަކުން ކަމުގައި ވިއަސް އެހެން ދާއިރާއަކުން ކަމުގައި ވިއަސް ތަޢުލީމަކީ ފުޅާކުރެވިފައިވާ، އާންމު އެއްޗެއް ކަމުގައި ވުމަކީ ލާޒިމު ކަމެކެވެ. ދިވެހިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުމަށް މަސްރޫޢުތައް ނުހިންގިނަމަ، ފަހަރުގައި މި ވެބްސައިޓް ހެދުމުގެ ހިޔާލު، މި ވެބްސައިޓް ހެއްދެވި ބޭފުޅުންނަށް ނައުން އެކަށީގެން ވެއެވެ.

މައިގަނޑު ހިޔާލުތަކެއް ގާއިމްވެފައި، އެކިއެކި ހިސާބުތަކުން މީހުން އެއްތަނެއްގައި އުޅުމުން އަދި ތަޢުލީމު އާންމު ވުމުން އިގްތިޞާދީ ކުރިއެރުން ލިބޭނެކަމަށް ގަބޫލު ނުކުރަން ހެއްޔެވެ؟ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޑިގްރީއެއް އޮތް 1 ފަސެންޓް (ހިޖުރަކުރާ) މީހުންގެ ސަބަބުން 9 އާއި 19 ޕަސެންޓާއި ދެމެދަށް ޕެޓެންޓް ރަޖިސްޓަރޭޝަން އިތުރުވެގެން ދެއެވެ. ފަހަރުގައި ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން އުސޫލެއްގެ ދަށުން ދިނުން އެހާ ގޯސް ނުވެދާނެއެވެ.

ނާކާމިޔާބުގައި ހިތްވަރު ގަދަކުރަން ދަސްކޮށްދޭން ޖެހޭނެއެވެ. ކޮންމެ މުއްސަންޖަކުވެސް، އެމީހެއްގެ ކާމިޔާބީގެ ފަހަތުގައި އެތަކެއް ނާކާމިޔާބީތަކެއް ފޮރުވައެވެ. ޝޭކްސްފިއަރ ގޯސްކޮށް ކިތައް ޕްލޭ ލިޔުނު ހެއްޔެވެ؟ އެހެން ކަމުން މުހިންމު ވަނީ ނާކާމިޔާބުގައި ހިތްވަރު ގަދަކުރުމުގެ ސިފަ، ކާމިޔާބުވާން އެދޭ މީހާގެ ގައިގައި ހުރުމެވެ. އަދި ހިތްވަރު ދިނުމުގެ ސިފަ މުޖުތަމަޢުގައި ‘ހެސްކިޔާފަ’ އޮތުމެވެ.

ރާއްޖޭގައި މޮޅެތި މީހުން ގިނަ ތަންތަނަށް ބަލާލުމުންވެސް މި ސިފަތައް އަޅުގަނޑަށް ކޮންމެވެސް ވަރަށް ފެނެއެވެ. އަދި އެ ސަރަހައްދު ތަކުގައި އެހެން ސަރަހައްދު ތަކަށް ވުރެ ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރުވެސް ގިނަކަން އަޅުގަނޑު ފާހަގަކޮށްލަމެވެ.

އަޅުގަނޑު މިހުށައަޅާލި ހަތަރު ސިފަ އާއިމެދު ވިސްނާ ވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ. އަދި މި ސިފަތައް ރަށުގައި ގާއިމް ވެފައިވާ މިންވަރާއި ގާއިމް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު ވިސްނަވާނެކަމަށްވެސް ނުހަނު އުންމީދުކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355