.
ނޯޓްފޮތް
ރާއްޖެ ހިމެނެނީ ލިޔަންކިޔަން ދަންނަ މީހުންގެ އަދަދު އެންމެ މަތީ ގައުމުތަކުގެ ތެރޭގައެވެ. ލިޔަންކިޔަންދަތުން ރާއްޖޭގައި ޢާއްމުކަމަކަށްވީ އަސާސީތައުލީމުގެ މަޝްރޫޢުގެ ކާމިޔާބީގެ ސަބަބުންނެވެ. ދިވެހީންގެ އެތައް ބަޔަކަށް ލިޔަންކިޔަން ދަސްވުމާއިއެކު ދިރިރިއުޅުމުގެ ދުޅަހެޔޮކަމާއި، ހިތްފަސޭހަކަން އިތުރުވެގެން ދިޔައެވެ.
އަސާސީ ތައުލީމުގެ މުގައްރަރު އެކުލަވާލެވުނީ އެއިރުގެ ހާލަތަށް ބިނާކޮށްކަމަށްވިޔަސް މިއަދުގެ ހާލަތު ތަފާތުވެފައި އޮތުމުން އަނެއްކާވެސް މިއޮތީ ބޮޑެތިމީހުންނަށް ތައުލީމު ދިނުމުގެ މަޝްރޫޢަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
އަންނާނެ ބަދަލަކީ ކޮބައި؟
ތައުލީމަކީ ތަރައްގީގެ ބިންގަލެވެ. ޒަމާންދާނީ ބަދަލުވަމުންނެވެ. ޒަމާނަށް އަންނަ ކުރިއެރުމާއި ބަދަލަށް ތައްޔާރު ނުވެވޭނަމަ، އަހަރެމެންގެ ދިރިއުޅުން އޮތް ހިސާބުގައި އޮންނާނީކީއެއް ނޫނެވެ. ނަމަވެސް އަހަރެމެން އިތުރަށް ފަގީރުވެ، ހައްގުތައް ގެއްލި، ނިކަމެތިވެގެން ދާނީއެވެ.
މިހާރުގެ ހާލަތަށް ބަލައިގެން އެކުލަވާލެވޭ ބޮޑެތިމީހުންގެ ތައުލީމުގެ މަޝްރޫއެއްގެ ސަބަބުން ހީނުނުކުރާވަރުގެ ބޮޑުބަދަލެއް ކުޅުދުއްފުށީ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެއެވެ. މިފަދަ މަޝްރޫއެއްގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާނީ، އިގްތިސޯދީ، އިޖުތިމާއީ، ސިއްހީ އަދި ސިޔާސީ ގޮތުން އަންނަ ހޭލުންތެރިމާއިއެކު ގައުމީ ތަރައްގީގައި މިހާރަށްވުރެ ހަރަކާތްތެރިކަމާއިއެކު ބައިވެރިވާ ރައްޔިތަކަށް ކުޅުދުއްފުށީ ރައްޔިތުން ބަދަލުވެގެން ދިޔުމެވެ. ވަކިވަކި ފަރުދުންގެ ދިރިއުޅުން ރަނގަޅުވެގެން ދިއުމެވެ. ހަމައެއާއިއެކު އަހަރެމެންގެ ދަރިންގެ ތައުލީމަށް ދޭ ސަމާލުކަމާއި ޢާއްމުރައްޔިތުންނަށް ޚިދުމަތްދޭ ތަންތަނުގެ ހިދުމަތުގެ ފެންވަރު މަތިކިރުމަށް މަޖުބޫރުވާނެއެވެ. ސަބަބަކީ، ހޭލުންތެރިކަމާއިއެކު، ރައްޔިތުންގެ އުންމީދުތައް މައްޗަށް ދިޔުމެވެ.
ކުރުކޮށް ދަންނަވާނަމަ، މިހާރުގެ ހާލަތަށް ފެތޭގޮތަށް ރާވާލެވޭ ބޮޑެތިމީހުންގެ އުނގެނުމުގެ މުގައްރަރެއް ތަންފީޒުކުރެވިއްޖެނަމަ، ކުޅުދުއްފުއްޓަށް ވަރުގަދަ އިންގިލާބެއް އަންނާނެއެވެ.
ކޮންބައެއް ކުރަންޖެހޭކަމެއް؟
ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ކުޅުދުއްފުށީ ހުރިހާރައްޔިތުންގެ ޒިންމާއެކެވެ. އަހަރެމެންގެ ދިރިއުޅުން ކުރިއަރުވައި، އަހަރެމެންގެ ދަރިންނަށް އަދަށްވުރެ ފަހި މާދަމާއެއް ހޯދުމަށް ވިސްނައި މަސައްކަތް ނުކުރާނަމަ އެއީ ދަރިންނަށް ވެވޭ ޚިޔާނާތެކެވެ. މިދެންނެވި ތަރައްގީ މިހާރު ހޯދެން އޮތީ އަހަރެމެންނަށް ލިބިފައިވާ އަސާސީ ތައުލީމުގެ ފެންވަރު އެއީ، ޒަމާނަށް ފެތޭ ފެންވަރަކަށް ވެގެންނެވެ.
ގާނޫނީ ގޮތުން ބަލާއިރު ބޮޑެތިމީހުންގެ ތައުލީމަކީ، ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްގެ ޒިންމާއެކެވެ. ވަކިވަކި ފަރުދުންނަށްވުރެ ބޮޑަށް ބޮޑެތި މީހުންގެ ތައުލީމުގެ މަޝްރޫއެއް އެކަށައަޅައި ތަންފީޒު ކުރެވޭނީވެސް ކައުންސިލަށެވެ. ރަށުގެ ތަރައްގީގެ ޕްލޭނުގައި މިފަދަ މަޝްރޫއެއް ހިމެނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެކެވެ. ބޮޑެތި މީހުންގެ ތައުލީމުގެ މަންހަޖު އެކުލަވާލުމަށް ފަންނީ މީހުންގެ އެހީތެރިކަންވެސް ހޯދޭނީ ހަމަ ކައުންސިލަށެވެ.