.
ބަދުރުއްދީން ޙަސަން
މީގެ ދެދުވަސް ކުރިއެވެ. އަހަރެން ހުރީ އިރާކޮޅު ލިބުނު ހުސްވަގުތު ކޮޅެއްގައި ކޮންމެވެސް ކަސްރަތެއް ކޮށްލާނަމޭ ހިތާ ރައްޓެއްސަކާއެކު ޓްރެކް ސަރަހައްދަށް ފަތަން ގޮހެވެ. އެތަނުގައި ފުރާ އުމުރުގެ ހައެއްކަ ކުދިން ގާޑިއަލުން މަޖާ ގަނެގެން އައިސް މަޖާ ކާން ތިއްބެވެ. އިރުކޮޅަކުން ފެނުނީ އެކުދިން ކާން ގެންގުޅު ތަކެއްޗާއި ފެންފުޅިތައް އަޅާފައި ހުރި ޕްލާސްޓިކް ކޮތަޅުތައް މޫދަށް އުކާލިތަނެވެ. އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. އެއެއްލާލި ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އަހަރެމެންގެ ތިމާވެއްޓަށް ލިބޭނެ ގެއްލުމަކާއި މެދު އެއްވެސް ފިކުރެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އެނގިފައި ނެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެނގުނު ކަމުގައި ވިޔަސް، ކޮންމެ ކަމެއް “ވަރިހަމަ” ކުދިން ކޮޅަކަށް ވުންވެސް ގާތެވެ.
އަހަރެންނަކީ އެންވަޔަރަންމެންޓަލިސްޓެއް ނޫނެވެ. ނުވަތަ ތިމާވެށީގެ ރޮނގުން ކިޔަވައިގެން ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް ޓީވީތަކުން އަބަދުވެސް ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭނެ ވާހަކަ ދައްކާއަޑު އަހަމެވެ. އަދި ހަމަ އެހެންމެ އެއީ އަހަރެމެންގެ ނާޒުކު ފަރުތަކަށް ކިހާ ގެއްލުމެއް ދީފާނެ ކަމެއް ކަން އެކިމީހުންގެ ފަރާތުން ވަނީ އިވިފައެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިހުރެ އެފަދަ މަންޒަރެއް ފެނުމުން ކަންބޮޑު ވެވުނީއެވެ. އަހަރެމެންގެ މިގައުމުގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓެކެވެ. އަދި އަހަރެމެން އެއެއްޗެއް ދައްކައިގެން ލާރި ހޯދާ، ފަރުތައް ހަލާކު ވުމަކީ އަހަރެމެން ނުވިސްނާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.
ޕްލާސްޓިކް ކޮތަޅު ގެ އުނދަގޫ ކުރިމަތި ވެފައިވަނީ ހަމައެކަނި އަހަރެމެންގެ ދިވެހިރާއްޖެއަކަށް ނޫނެވެ. ބީބީސީގައި ދާދިފަހުން ޝާއިއުކުރި ތަފާސްހިސާބު ތަކަކުން ދައްކާގޮތުން ޔޫރަޕްގެ އިއްތިހާދުގެ ގައުމު ތަކުގައި ކޮންމެ އަހަރަކު 800،000 ޓަނުގެ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެއެވެ. އަދި 2010 ވަނަ އަހަރު އެވްރެޖްކޮށް ޔޫރަޕްގެ ކޮންމެ މީހަކު 191 ޕްލާސްޓިކް ކޮތަޅު ބޭނުން ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ރީސައިކަލް ކުރެވުނީ އެންމެ 6 އިންސައްތައެވެ. އަހަރަކު ހަތަރު ބިލިޔަން ޕްލާސްޓިކް ކޮތަޅު އެއްލާލައެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ވަރު މަދުކުރުމަށް އެގައުމުތަކުންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެގައުމު ތަކުން ވިސްނަމުންދާ ބައެއް އުކުޅުތަކަށް ވެސް މިތަނުގައި ބަލާލާނަމެވެ.
ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާކުރުން
ޔޫރަޕުގައި އެންމެ ފުރަތަމަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާކޮށްފައިވަނީ މިދިޔަ އަހަރު އިޓަލީގައެވެ. ނަމަވެސް ޔޫރަޕުން ބޭރުގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ޕްލާސްޓިކް ކޮތަޅު މުޅިން މަނާކުރަން ފަށާފައެވެ. އޭގެ ތެރޭގައި އެފްރިކާގެ ރުވާންޑާ އާއި ސޯމާލިޔާ ހިމެނެއެވެ. އަދި ޓެންޒޭނިޔާގައި އެންމެ ތުނި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މުޅިން މަނަލެވެ.
މުޅިން އެއްކޮށް ޕްލާސްޓިކް ކޮތަޅު މަނާ ނުކުރިކަމުގައި ވިޔަސް، ބައެއް ގައުމުތަކުގައި އެންމެ ތުނި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ދެކުނު އެފްރިކާ، ޔޫގަންޑާ އަދި ބަންގްލަދޭޝް ހިމެނެއެވެ. ބަންގްލަދޭޝް ގައި މަނާކުރީ، އެގައުމުގައި ފެން ހިންދާ ވަޅުތަކުގައި ޕްލާސްޓިކް ކޮތަޅު ގިނަވުމުން، އެތަންތަން ބެދި ފެން ބޮޑުވުންތަކަށް މަގުފަހި ވަމުންދާ ކަމަށް ބުނެއެވެ. ޔޫއޭއީ ގައި މަނާކުރީ، އެގައުމުގައި ޕްލާސްޓިކް ކޮތަޅު އެންދުމުން ނުކުންނަ ޕޮލިއުޝަން ގެ ސަބަބުން ޖަމަލާއި އެހެނިހެން މަސް ކާން ބޭނުން ކުރާ ޖަނަވާރުތަކަށް ގެއްލުން ލިބޭކަމަށް ބުނެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ޖަމިއްޔާއެއް ކަމުގައިވާ، “ފްރެންޑްސް އޮފް އާރތު” ބުނާގޮތުން ޕްލާސްޓިކް ކޮތަޅު މުޅިން މަނާކުރުމަކީ ހައްލެކެވެ. ނަމަވެސް ވިޔަފާރި ކުރާ މީހުންނަށް އެކަމަށް ތައްޔާރު ވުމަށް ވަގުތު ބޭނުން ވާނެކަމަށް އެމީހުން ބުނެއެވެ.
ޓެކްސް އެއް ތައާރަފް ކުރުން
ގައުމުގައި އުފައްދާ، ނުވަތަ އެތެރެކުރާ، ނުވަތަ ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅަށް ޓެކްސް އެއް ތައާރަފް ކުރުމަކީ ވެސް ބައެއް ގައުމު ތަކުން ކޮށްފައިވާ ކަމެވެ. އެންމެ ފުރަތަމަ އެކަން ކޮށްފައިވަނީ 2002 ވަނަ އަހަރު ރިޕަބްލިކް އޮފް އަޔަލެންޑްގަ އެވެ. އެގައުމުގައި ބޭނުންކުރާ ކޮންމެ ކޮތަޅަކަށް 15 ޔޫރޯ ސެންޓް (ގާތްގަނޑަކަށް 3 ރުފިޔާ) ތައާރަފް ކުރުމުން އެގައުމުގައި ކޮތަޅު ބޭނުން ކުރާ ވަރު 95 އިންސައްތަ މަދު ކުރެވުނެވެ. އަދި ދިގު މުއްދަތައް ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރާ މީހުން 90 އިންސައްތަ އިތުރު ވެގެން ދިޔައެވެ. އަދި ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ތިމާވެށީގެ ފަންޑަކަށް ޖަމާކުރިއެވެ. އަދި އުކާލެވޭ ތަކެތި މަދު ކުރުމަށާއި ރިސައިކަލް ކުރުމުގެ އާ އީޖާދުތަކުގެ ރިސާޗްތައް ހެދުމަށް އެފައިސާއިން ހަރަދު ކުރަމުން ދިޔައެވެ.
އޭގެ ފަހުން ބެލްޖިއަމް، ޖާމަނީ، ސްޕެއިން، ނޯވޭ، އަދި ނެދަލެންޑްސް އިން ވަނީ އެފަދަ ޓެކްސް ތައް ތަޢާރަފް ކޮށްފައެވެ. ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުން، އެންމެ ކާމިޔާބު އެއް ޕްރޮގްރާމެއް ހިންގަނީ އަޔަލެންޑުގައެވެ.
ދިގު މުއްދަތަށް ދެމިހުންނަ ކޮތަޅު ބޭނުން ކުރެވިދާނެތަ؟
ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރެވޭނެނަމަ ތަކެތި ގަންނަ މީހުން އެހެން ކަހަލަ ކޮތަޅު ހޯދަން ޖެހެއެވެ. ނަމަވެސް އެއީ ވެސް މުޅިން ތިމާވެއްޓަށް ލިބޭ ހައްލެއް ކަމަކަށް ނުވާނެއެވެ. ވަރުގަދަކޮށް ހެދިފައި ހުންނަ ކޮތަޅު، އެއީ ފޮތިން ހެދިފައި ހުއްޓަސް، ކަރުދާހުން ހެދިފައި ހުއްޓަސް އަދި ޕްލާސްޓިކުން ހެދިފައި ހުއްޓަސް، އެ ނައްތާލާއިރު ތިމާވެއްޓަށް ގެއްލުން ތަކެއް ލިބިގެން ދާނެއެވެ. އެހެންކަމުން ދިރާސާ ކުރާ މީހުން ބުނަނީ، ދިގު މުއްދަތައް ބޭނުން ކުރާ ކޮތަޅުން ލިބޭ ގެއްލުން ކުޑަކުރުމަށް، އެ ވާންޖެހޭނީ ވަކި އަދަދަކަށް ވުރެ ގިނައިން ބޭނުން ކުރެވޭ އެއްޗެއްސަށެވެ. އަދި އެބޭނުން ކުރާ މީހުން އެވަރަށް ހޭލުންތެރި ކުރުވަން ޖެހެއެވެ.
މިސާލަކަށް އާދައިގެ ޕްލާސްޓިކް ކޮތަޅެއް ބޭނުން ކުރަނީ އެއްފަހަރު ކަމުގައި ވަނީ ނަމަ، ކަރުދާހު ކޮތަޅު މަދުވެގެން 3 ފަހަރު ބޭނުން ކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ ކަރުދާހު ކޮތަޅު އުފެއްދުމަށާއި ޓްރާންސްޕޯޓް ކުރުމަށް ބޭރު ކުރާ ކާބަން އިން ލިބޭ ގެއްލުން ނުބައްދަލު ވާނެއެވެ. ހަމަ އެހެންމެ ރަބަރު ކޮތަޅު މަދުވެގެން 4 ފަހަރު ބޭނުން ކުރަން ޖެހޭނެކަމަށް ބުނެއެވެ. އަދި ފޮތި ކޮތަޅެއް ނަމަ މަދުވެގެން 131 ފަހަރު ބޭނުން ކުރަން ޖެހޭނެއެވެ.
މީގެ އިތުރުން ބަޔޯޑީގްރޭޑަބަލް (ގުދްރަތީ އެއްޗަކުން އުފައްދާ އަދި ގުދްރަތުގެ ތެރެއަށް ނެތިގެންދާ) ކޮތަޅު ބޭނުން ކުރުމަކީވެސް ޔޫރަޕްގެ އިއްތިހާދުން ވިސްނަމުންދާ ކަމެކެވެ. ނަމަވެސް މިއިން ކޮންމެ ވައްތަރެއްގެ ކޮތަޅަކީވެސް އެއެއްޗެއް އުފައްދާއިރު އާއި ނައްތާލާއިރު، ތިމާވެއްޓަށް ގެއްލުންތަކެއް ދޭނެ އެއްޗެއްސެވެ.
އަހަރެމެންގެ ތިމާވެށި
އަހަރެމެންގެ ތިމާވެއްޓަކީ ކިހާ ނާޒުކު އެއްޗެއްކަން އިތުރަށް ކިޔައި ނުދިނަސް ތިއިން ކޮންމެ ބޭފުޅަކަށް ވެސް އެނގިލައްވާނެއެވެ. ރާއްޖޭގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާލެއް މަދުކުރުމަށް ގައުމީ ފެންވަރުގައި އާއި ރަށު ފެންވަރުގައި އެކި ކެމްޕެއިންތައް ހިންގައެވެ.
މިގޮތުން ދާދިފަހުން ރާއްޖޭގައި ޓެކްސް ނިޒާމުގެ ތެރެއިން ވަނީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައެވެ. މިއަހަރު ފެށުނު އިރު ޕްލާސްޓިކް ކޮތަޅުގެ އިމްޕޯޓް ޑިއުޓީ ވަނީ 400 އިންސައްތަ ބޮޑު ކޮށްފައެވެ. ނަމަވެސް މިކަމުގެ ހަގީގީ ފައިދާ ކުރާނީ އެކަން ރައްޔިތުންނަށް އެންގުނު ވަރަކުންނެވެ.
ބައެއް ފިހާރަތަކުން އެފިހާރަތަކަށް ގަންނަ ޕްލާސްޓިކް ކޮތަޅުގެ އަގުބޮޑު ވެފައިވާތީ، އެއަގު ވަނީ މުދަލުގެ އަގުގެ ތެރޭގައި ހިމަނާފައެވެ. އެހެންކަމުން ރައްޔިތު މީހާއަށް އެބުނާ ޓެކްސް އެއް ބޮޑުވެގެން އުޅޭކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ބައެއް ސުޕަމާކެޓް ތަކުގައި އަމަލު ކުރަން ފަށާފައިވާ ގޮތްތަކުގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މީހުން މަދު ކުރެވިދާނެއެވެ. މިސާލަކަށް ފެންޓަސީ ސްޓޯރުގައި ކަސްޓަމަރ އަތުން ކޮތަޅަށް ލާރި ދައްކަން ޖެހެއެވެ. އެހެން ފިހާރަތަކުން ވެސް އެފަދަ ގޮތެއް ތައާރަފް ކޮށްފިނަމަ، އަމިއްލައަށް ކޮތަޅު ހިފައިގެން ދާ މީހުން ގިނަ ކުރެވޭނެއެވެ.
ކުޅުދުއްފުއްޓަށް ބަލާއިރު، ކުޅުދުއްފުށީގައި ވެސް ދޭތެރެ ދޭތެރެ އިން އެފަދަ ކެމްޕެއިންތައް ހިންގައެވެ. ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ފޮތި ކޮތަޅު ގޭގެޔަށް ހަދިޔާ ކުރުމުގެ ކެމްޕެއިން އެއް ހިންގަމުން ގެންދިއުމަކީ މިއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކަންތައް ކަމުގައި ވާނެއެވެ.
ޕްލާސްޓިކް ކޮތަޅުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އާ ކެމްޕޭން ތަކެއް ފަށަން ވެއްޖެކަމަށް ފެނެއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކައަކީ ހަމައެކަނި މަތީ ފެންވަރުގެ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދައްކާލެވޭ ވާހަކައަކަށް ވުމުގެ ބަދަލުގައި އާންމު ރައްޔިތުންގެ ގާތަށް މިވާހަކަތައް ދާން އެބަޖެހެއެވެ. އަދި މުޖުތަމައުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ފަށަން ޖެހެއެވެ.