twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަންނި: ތިމާވެށީގެ ޗެމްޕިއަނެއްތަ؟

Apr 11, 2012

.

ޢައްބާސް

ކުރީގެ ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި މަޝްހޫރުވީ ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައެވެ. ރައީސް ނަޝީދު އޭ ބުނުމުން ގިނަބައެއްގެ ހިތަށް ވަންނަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ގިނިކަންޏާ ހަނގުރާމަ ކުރަށްވައި، މުޅި އިންސާނިއްޔަތު ސަލާމަތުގެ އައްސޭރިއަށް ގެންދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ މި ސިފައިގައި ފެންނަނީ ރާއްޖެއިން ބޭރުގައެވެ. ރާއްޖޭގައި، ނަޝީދުގެ ސޫރަ، ތިމާވެށީގެ ޗެމްޕިއަނެއްގެ ސިފައިގައި ނުފެނެއެވެ. ސަބަބުތައް ބައިވަރެވެ.

އެންމެ ފުރަތަމަ، ޒަމާނުއްސުރެ ދިވެހިން ކުރަމުންއައި، ތިމާވެއްޓާއި ރަހުމަތްތެރި ދޮށީގެ މަސްވެރިކަމަށް ގޮންޖައްސަވައި، ލޯންގުލައިން މަސްވެރިކަމަށް ހިތްވަރުދެއްވައި، ހުއްދަކުރެއްވިއެވެ. ދެން ފެނުނީ ރާއްޖޭގެ ވިޔަފާރިވެރިން މިކަންކުރުމަށް ބޭރުގެ ވިޔަފާރި ޕާޓްނަރުން ހޯދުމަށް އަތްފުނާއަޅަން ފެށިތަނެވެ.

އެއަށްފަހު ފެނިގެންދިޔައީ، ތިމާވެއްޓަށް ގެއްލުންދެނިވި، އެކުއާކަލްޗާ ޕްރޮޖެކްޓްތަކަށް ތާއިދުކުރައްވައި، އެފަދަ ޕްރޮޖެކްޓްތައް ފައްޓަވައިދެއްވި ތަނެވެ. މިގޮތުން ރާއްޖެއަށް މުޅިން ބީރެއްޓެހި ހުއިފިލަނޑާގެ ވައްތަރުތައް ކުޅީގައި، އާލާކޮށް އޭގެ މާއްދީ ފައިދާގެ ބޮޑުކަމުގެ ވާހަކަދައްކަވައި ހިތްވަރުދެއްވިއެވެ. ކެބިނެޓް މިނިސްޓަރުންނާއިއެކު ކެނދިކުޅުދޫ ކުޅިއަށް އެރުއްވައި، ހުއިފިލަނޑާ ނެންގެވިއެވެ.

ގދ. ދިގުލާބާދޫގައި ހުއިފިލަނޑާ އާލާކުރުމަށް ހުއްދަދެއްވީ، އެންވައިރޮންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ލަފަޔާއި ދިމާ އިދިކޮޅަށެވެ. އެކަން ނުކުރަން ގޮވަގޮވާ އޮއްވައެވެ. އާދަޔާއިޚިލާފަށް ރީތި މިރަށަކީ ތަފާތު އީކޯސިސްޓަމެއް އޮންނަ ރަށެއް ކަމަށްވެއެވެ.

ދެން އެހެން ރަށެއްގެ ވާހަކައެވެ. އެރިޔަދޫ އަކީ، މަޑި އާލާވާ ރަށެއް ކަމަށްވިޔަސް، ތިމާވެއްޓަށް ލިބޭނެ ގެއްލުމަކަށް ނުބައްލަވައި މި ރަށުގައިވެސް، ހުއިފިލަނޑާ ގެންގުޅުމަށް ސަރުކާރުން ރަށްކުއްޔަށް ދެއްވިއެވެ.

ވެއްޓަށް ގެއްލުންހުރި އެކްއާކަލްޗާ ޕްރޮޖެކްޓްތަކަށް ކުރެއްވި ތާއީދަށްފަހު ދެން ނަޝީދު ފާހަގަކުރެވުނީ ކަރަޕްޝަނުން ކަޅިވެފައިވާކަމަށް ޝައްކުކުރެވޭގޮތަށް ރޭވިގެންއައި، ފަޅު ހިއްކުމުގެ މަޝްރޫޢުތައް، ނަޝީދުގެ ޕާޓީގެ ބަހުރުވައިންނަމަ މެކުހަށް ޖެއްސެވިތަނެވެ. މާލެއަތޮޅުގެ ގިރިތަކާއި ފަޅުތައްވެސް ހިއްކަން ނިންމަވައި އެ ތަންތާނގައި ސޯޅަ ރިޒޯޓް ތަރައްގީކުރުމަށް ނިންމެވިއެވެ. ހަމަ ކުއްލިއަކަށް ކުޅުދުއްފުށީފަޅު ހިއްކާލެއްވިއިރު، މަޝްރޫއަށް ފައިސާ ހޯއްދެވިގޮތެއް ބަޖެޓުން އެނގެންނެތްކަމަށްވެއެވެ.

ދެން އިވިގެންދިޔައީ މައްސަލަ ބޮޑު ކޯމަސްފެންގަނޑުގެ ވާހަކައެވެ. ކޯމަހާއި ރައްޓެހި މަސްވެރިކަމެއްކުރާ، އަދި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ލިސްޓްގައި ކޯމަސް ހިމަނާފައިވާ ރާއްޖެއެއްގައި، ކޯމަސްފެންގަނޑެއް ހެދުމަށް ހުއްދަދިނުމަށް ނޭޝަނަލް ޕްލޭނިން ކައުންސިލުން ނިންމުމާއެކު މިކަމާއި ދެކޮޅަށް ތަންކޮޅެއް އަޑުވެސް ގަދަވިއެވެ. އޭއާއިއެކު، މި މަޝްރޫޢު ހިންގާފަރާތުން ބުނީ އެމީހުން ގެންނާނީ ރާއްޖޭގައި ނޫޅޭ ވައްތަރެއްގެ ކޯމަހެއްކަމަށެވެ. އެއާއިއެކު، ކޯމަހުގެ ވަގުވިޔަފާރީގެ ތެރެއަށް ރާއްޖެ ވަންނަނީކަމަށް ބެލެވުނެވެ.

މި ހުރިހާކަމެއްވެސް ކުރުމަށް ނިންމި ކެބިނެޓް ބައްދަލުވުންތައް ބޭއްވިއިރު މޭޒުގެ އެއްކޮޅުގައި އިންނެވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ފާހަގަކުރެވުނީ، ބޭރުގައި އެހެން ސޫރައެއް، އެތެރޭގައި އެހެން ސޫރައެއްގައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355