twitterviber whatsapp telegramfacebookyoutube instagram
28th December 2024

ޓައިޓޭނިކް ކަނޑުއަޑީގައި އޮންނަތާ ގަރުނެއް

Apr 15, 2012

އެ ބޯޓެއްގެ ފުރަތަމަ ދަތުރުގައި ގަނޑުފެންގަނޑެއްގައި ޖެހި ކަނޑުގެ ތެރެއަށް ޣަރަގުވެގެން ދިޔަ މަޝްހޫރު ޓައިޓޭނިކް ފެތުނު ހާދިސާއަށް މިއަދު 100 އަހަރު ފުރޭނެއެވެ. މީގެ ގަރުނެއް ކުރިން ޓައިޓޭނިކް ކަނޑުގެ ތެރެއަށް ފެތިގެން ދިޔުން ވެގެން ދިޔައީ އޭރު މުޅި ދުނިޔެ ސިއްސުވާލި ހަބަރަކަށެވެ. ކަނޑުމަތީގައި ހިނގާދިޔަ އެންމެ ހިތާމަވެރި ހާދިސާ ކަމަށް ގިނަބަޔަކު ސިފަކުރާ މިހާދިސާގައި 1517 މީހުން މަރުވިއެވެ. ބައެއް ލިޔުންތަކުގައި އެދަދު އެއަށްވުރެންވެސް އިތުރު ވާނެ ކަމަށް ލިޔެވިފައި ވެއެވެ. ޓައިޓޭނިކްގެ ހިތާމަވެރި ހާދިސާއަށްފަހު، ކަނޑު ދަތުރު ކުރުމުގެ ގަވައިދުތަކާއި އުޅަނދު ފަހަރުން ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވިގެން ދިޔައެވެ. އެހާދިސާއަށް 100 އަހަރު ވުން ފާހަގަ ކުރެވެމުން ދާއިރު، ތާރީޚުގެ އެކަނޑުގެ ތެރެއަށް ފީނާލުން ކިހިނެތް ވާނެތޯއެވެ.

ޓައިޓޭނިކް ގެ ފުރިހަމަ ނަމަކީ އާރު.އެމް.އެސް (ރޯޔަލް މެއިލް ޝިޕް) ޓައިޓޭނިކް އެވެ. ޓައިޓޭނިކް ގަނޑުފެންގަނޑެއްގައި ޖެހުނީ 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:40 ގައެވެ. އެ ބޯޓު ކަނޑުގެ ތެރެއަށް އެއްކޮށް ގެނބިގެން ދިޔައީ އެރޭ މެންދަމު 2:20 ގައެވެ.

ފައްތާނުލެވޭ ޓައިޓޭނިކް ބަނުން

ޓައިޓޭނިކް އަކީ ވައިޓް ސްޓަރ ލައިން އޭ ކިޔުނު ކުންފުންޏަކުން ބަނދެފައިވާ 3 ބޯޓުގެ ތެރެއިން ދެވަނަ ބޯޓެވެ. 1909 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހު، އަޔަލެންޑްގެ ބެލްފާސްޓްގައި ބަންނަން ފެށި ޓައިޓޭނިކް ބަނދެ ނިންމާލެވުނީ ގާތްގަނޑަކަށް 3 އަހަރުގެ މަސައްކަތުންނެވެ. ޓައިޓޭނިކް ބަނދެ ނިމުމުން އެބޯޓު ވެގެންދިޔައީ، އެހާތަނަށް ދުނިޔޭގައި އިންސާނުން އުފެއްދި އެއްތަނުން އަނެއްތަނަށް “މޫވް” ކުރެވޭ އެންމެ ބޮޑު އެއްޗަށެވެ. ބޯޓުގެ ދިގުމިނުގައި 882.5 (އައްސަތޭކަ އައްޑިހަ ދެ ފޫޓު ބައި) ހުރެއެވެ. ފުޅާމިނުގައި 92.5 (ނުވަދިހަ ދެފޫޓު ބައި) ހުރެއެވެ. އަދި އުސްމިނުގައި 175 (ސަތޭކަ ހަތްދިހަ ފަސްފޫޓު) ހުރެއެވެ. އެބޯޓު މޫދުގައި “ބެހެއްޓުމަށް”66000 (ފަސްދޮޅަސް ހަހާސް) ޓަނުގެ ފެން ދެފަރާތަށް ކެހިގެން ދެއެވެ.

1912 ވަނަ އަހަރުގެ އެޕްރީލް 2 ވަނަ ދުވަހު ބޯޓުގެ އަޖުމަބެލުމުގެ ގޮތުން ދުއްވުމަށްފަހު ދިޔައީ އިނގިރޭސި ވިލާތުގެ ސައުތުހެމްޕްޓަން އަށެވެ. އެތަނުގައި ބޯޓަށް “ކޮއްތު ދަރާ ބޯފެނާ” ލައި ކްރޫން ހަމަކުރިއެވެ.

ޓައިޓެނިކްގެ ތާރީޚީ ދަތުރު ފެށުން

އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 914 ދަތުރުވެރިން ބޯޓަށް އެރިއެވެ. މެންދުރު ދަތުރު ފަށައިގެން ފުރަތަމަ ދަތުރުކުރީ ފަރަންސޭސިވިލާތުގެ ޗަރބާގް ކިޔާ ރަށަކަށެވެ. އެތަނުގައި ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު ދެން ދިޔައީ އަޔަލެންޑްގެ ކްއީންސްޓައުން (މިހާރުގެ ކޯބް) އަށެވެ. މިހުއްޓުންތަކުގައި ބައެއް މީހުން ބޯޓުން ފޭބިއެވެ. ނަމަވެސް ގިނަ ބަޔަކު އެބަނދަރުތަކުން ވެސް ޓައިޓޭނިކްގެ ދަތުރާ ގުޅުނެވެ. 11 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ޓައިޓޭނިކް ކްއީންސްޓައުން އިން ފުރައިގެން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާގެ ނިއުޔޯކަށް ދަތުރު ފެށިއިރު، ބޯޓުގައި ދަތުރު ވެރިންނާއި ކްރޫއާއެކު 2،200 އަށްވުރެ ގިނަ މީހުން ތިއްބެއެވެ.

ގަނޑުފެނުގެ އިންޒާރު

ދަތުރުގެ ފުރަތަމަ ދެ ދުވަސް (އެޕްރީލް މަހުގެ 12 އަދި 13) ދިޔައީ ވަރަށް އާމާންކަމާއި އޮމާންކަމާއެކުއެވެ. ބޯޓުގެ ކްރޫއިން ވަރަށް ބުރަކޮށް މަސައްކަތުގައި އުޅުނެވެ. އަދި ދަތުރުވެރިން އެމީހުންނަށް ލިބެމުންދިޔަ ލަގްޒަރީ ހިދުމަތްތައް ބަލައިގަނެ، އުފާފާޅުކުރަމުން ދިޔައެވެ. އެޕްރީލް މަހުގެ 14 ވަނަ ދުވަސް ވެސް ފެށިގެން ދިޔައީ ހަމަ އާދައިގެ ރީތި ދުވަހެއްގެ ގޮތުގައެވެ. އެޓްލާންޓިކް ކަނޑުގައި ދުއްވަމުން ދިޔައިރު، ދަތުރުވެރިންނަށް ފިނިކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވިޔަސް، ޑެގްމަތީގައި އިރުގެ ހޫނުން އެމީހުން ދިޔައީ ހީފިލުވަމުންނެވެ. އުޑުމަތި ސާފު އެދުވަހުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން ޓައިޓޭނިކް ދަތުރު ކުރަމުން ދިޔައީ ޝަރަފްވެރި ކަމާއެކު އެވެ.

14 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި ޓައިޓޭނިކް ދަތުރު ކުރަމުންދިޔަ މަގުގައި ކޮންމެވެސް ވަރަކަށް ގަނޑުފެން ހުރިކަމުގެ އިންޒާރު އެހިސާބުގައި ދަތުރު ކުރަމުންދިޔަ އެހެން ބޯޓުފަހަރުން ލިބެމުންދިޔައެވެ. މީގެ ތެރެއިން ބައެއް މެސެޖުތައް ކެޕްޓަން އާ ހަމައަށް ލިބުނު ކަމުގައި ވިޔަސް، އަނެއްބައި މެސެޖުތައް ކެޕްޓަންއަށް ފޯރުކޮށްދެވިފައި ނުވާކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ.

ލިބެމުންދިޔަ އިންޒާރުތަކަކީ ކިހާވަރެއްގެ ނުރައްކާތެރި އިންޒާރުތަކެއް ކަން ކެޕްޓަން އެޑްވާޑް ޖޭ. ސްމިތު އަށް ލިބުނު މެސެޖުތަކުން ދޭހަވެފައެއް ނުވެއެވެ. އެހެންކަމުން ރޭގަނޑުގެ މަސައްކަތްތައް ނިންމަވާލައްވާފައި، 9:20 ހާއިރު ކޮޓަރިކޮޅަށް ވަޑައިގަތެވެ. ނަމަވެސް ކެޕްޓަން ސްމިތު ކޮޓަރިކޮޅަށް ވަޑައިގަންނަމުން، އޭނާގެ ފަޅުވެރިން ސަމާލުވެތިބުމަށް އެންގިއެވެ. އަދި ދިރުނބާކޮޅުގައި ތިބި ކުރިބަލާ ކުރޫއިން ވެސް ފަރުވާތެރިވެ ތިބުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އޭރުވެސް ޓައިޓޭނިކްގެ އިންޖީނުތައް ވަނީ ބޯޓުދެލިއަޅައި، މެކުހަށް ޖަހާފައެވެ.

ގަނޑުފެންގަނޑުގައި ޖެހުން

އެއީ ފިނި ރެއެކެވެ. އަދި ހަނދުވަރުގެ އަލިހުރީ ވެސް ވަރަށް ފަނޑުކޮށެވެ. އެހެންކަމުން ދިރުނބާކޮޅުގައި ތިބި ފަޅުވެރިންނަށް އެމީހުން ގެންގުޅުނު ދުރުމީތަކުގެ ބޭނުމެއް މާބޮޑަކަށް ނުހިފުނެވެ. އެމީހުންނަށް ގަނޑުފެންގަނޑު ފެނުނީ ހަމަލޮލަށް ފެންނަހައި ކައިރިވުމުންނެވެ.

އެރޭ 11:40 ގައި ދިރުބާކޮޅުގައި ތިބި ފަޅުވެރިންނަށް ގަނޑުފެންގަނޑު ފެނުމާއެކު ރަނގަބީލު ޖެހިއެވެ. އަދި ކޮންޓްރޯލް ރޫމަށް ގުޅައި ހަބަރު ފޯރުކޮށްދިނެވެ. “ހާރޑް އަ ސްޓަރބޯޑު (ބޯޓު ވައަތްފަރާތަށް 90 ޑިގްރީއަށް އަނބުރާލާ)” އެވަގުތު އިސްމީހަކަށް ހުރި ފަސްޓް އޮފިސަރ މާޑޮކް ކޮމާންޑް ކުރިއެވެ. އަދި ބޯޓު ފަހަތަށް ހިފާލުމަށް އިންޖީނު ރޫމަށް އެންގިއެވެ. ޓައިޓޭނިކް ވައަތްފަރާތަށް އެނބުރެމުން ދިޔައެވެ. ނަމަވެސް އެއްކޮށް އަނބުރާނުލެވިގެން އުޅެނިކޮށް ވަގުތު އައިސް ޖެހިއްޖެއެވެ.

ދިރުނބާކޮޅުގައި ތިބި ފަޅުވެރިން ރަނގަބީލު ޖެހިތާ ބަރާބަރު 37 (ތިރީސް ހަތް) ސިކުންތުގެ ތެރޭގައި، ބޯޓުގެ ކަނާތްފަރާތް ގަނޑުގެންގަނޑަށް އުރުނެވެ. ބާރު ދުވެލީގައި ޓައިޓޭނިކް ގަނޑުފެންގަނޑުގައި ޖެހުނު ކަމުގައި ވިޔަސް. ބޯޓަށް މާބޮޑު ލޮޅުމެއް އެރިކަމަކަށް ނުވެއެވެ. އަދި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިކަން އޭރު ނިދާފައިތިބި ދަތުރުވެރިންނަށް ރޭކައެއް ނުލައެވެ. ހޭލައިތިބި ދަތުރުވެރިންނަށް ވެސް ބޯޓަށް މާބޮޑު ލޮޅުމެއް އެރިކަމެއް ނޭނގެއެވެ. ނަމަވެސް ކެޕްޓަން ސްމިތު އަށް އެލޮޅުން އިހުސާސް ވުމާއެކު ގޯހެއް ހިނގައިފިކަން އެނގިލެއްވިއެވެ. އަދި ވަގުތުން ކޮންޓްރޯލް ރޫމަށް ދިޔައެވެ.

ބޯޓުގެ ހާލަތު ރަނގަޅަށް ދިރާސާކޮށް ބެއްލެވިއިރު، ބޯޓުގެ ތެރެއަށް ހޯސްލައިފައި ލޮނުވަންނަމުން ދިޔަކަން ކެޕްޓަން އަށް އެނގިލެއްވިއެވެ. ބޯޓު ޑިޒައިން ކޮށްފައި ވާގޮތުން، ބޯޓުގައިވާ 16 ވަތުގެ ތެރެއިން 3 ވަތް ފުރުނު ކަމުގައި ވިޔަސް، ބޯޓު ފެންމަތީގައި އޮންނާނެއެވެ. ނަމަވެސް އޭރުވެސް 6 ވަތް ވަނީ ފުރިފައެވެ. އެހެންކަމުން ބޯޓު އަޑިއަށް ދަނީކަން ކެޕްޓަން އަށް އެނގިލެއްވިއެވެ. އެހިނދު، ބޯޓުގައި ވާ ލައިފް ބޯޓުތައް މޮހައިލުމަށް އަމުރު ކުރެއްވިއެވެ. އަދި އެހީއަށް އެދޭ ސިގްނަލްތައް ފޮނުވުމަށް އެންގެވިއެވެ. އޭއީ މެންދަމު ބާރަ ޖެހިތާ ކުޑައިރުކޮޅެއް ފަހެވެ.

ޓައިޓޭނިކް އަޑިއަށް ދިޔުން

ހިނގައިދިޔަ އެކްސިޑެންޓާއި ހިނގަމުންދާ ނުރައްކާތެރި ކަންތައްތައް ދަތުރުވެރިންނަކަށް މާބޮޑަކަށް އިހުސާސެއް ނުކުރެވެއެވެ. ތަނެއްދޮރެއް ނޭނގިތިބެ އެމީހުން ބުނަމުން ދިޔައީ ލައިފްބޯޓަށް ނާރާ ޓައިޓޭނިކްގައި ތިބޭނީ ކަމަށެވެ. ނަމަވެސް ބޯޓު ފެތެމުންދާކަން މީހުންނަށް އެނގެމުން ދިޔަވަރަކަށް ލައިފް ބޯޓަށް އަރަން މީހުން ކޮޅުކޮޅު މައްޗަށް ދުވަން ފެށިއެވެ. ފުރަތަމަ ލައިފްބޯޓު މޫދަށް ބޭލުނީ 12:45 ގައެވެ. އަންހެނުންނާއި ކުޑަކުދިންނަށް ފުރަތަމަ ފުރުސަތު ދިނެވެ. ނަމަވެސް ބައެއް ފިރިހެނުން ވެސް ކުދި ބޯޓުތަކަށް އެރިއެވެ.

ކަންދިމާކުރި ގޮތުން ޓައިޓޭނިކް ގައި އޮތީ އެންމެ 16 ލައިފްބޯޓެވެ. އަދި ރާވާ އިތުރު 4 ބޯޓެއްވެސް ގެންގުޅުނު ކަމަށްވެއެވެ. މީހުންތައް ހާސްވެގެން އުޅުނު ގޮތުން، އެކުދި ބޯޓުތައް ފުރެންދެން މީހުން އެރުވޭވަރުވެސް ނުވިއެވެ. 20 ބޯޓު ފުރެންދެން މީހުން އެރުވުނުނަމަ ގާތްގަނޑަކަށް 1200 މީހުން ސަލާމަތް ކުރެވުނީސް ކަމަށް ލިޔެވިފައިވެއެވެ. ނަމަވެސް އެވެސް ވާނީ ބޯޓުގައި ތިބިމީހުންގެ ދެބައިކޮށްފައި އެއްބަޔަށެވެ.

އެންމެ ފަހު ލައިފްބޯޓު ތިރިކުރެވުނު އިރު މެންދަމު 2:05 ކެވެ. އޭގެ ފަހުން ބާކީތިބި މީހުން ފުރާނަ ސަލާމަތް ކުރުމަށް (ފެންމަތީގައި އޮންނަ) އެމީހަކަށް އަތުޖެހުނު އެއްޗެއް ހިފައިގެން މޫދަށް ފުންމާލިއެވެ. ބައެއް މީހުން ތިބީ ބޯޓުގެ އެކިހިސާބުތަކުގައި ތާށިވެއެވެ. އަނެއްބަޔަކު ޝަރަފްވެރި ކަމާއެކު މަރުވުމަށް ބޯޓުގައި ތިބިގޮތަށް ތިބީއެވެ. ނަމަވެސް އެޓްލާންޓިކް ކަނޑުގެ އެ ލޮނުގަނޑަކީ ފިނިކަމުން ގަނޑުވާވަރުގެ ލޮނުގަނޑެކެވެ. މޫދުގައި ތިބި މީހުން ދެތިން މިނެޓްގެ ތެރޭގައި ގަނޑުވެގެން ގޮސް މަރުވީއެވެ. މެންދަމު 2:18 ގައި ވަރުގަދަކޮށް ހަދާފައި އޮތް ޓައިޓޭނިކް ދެބުރިވެގެން ދިޔައެވެ. އަދި އޭގެ ދެމިނެޓް ފަހުން ކަނޑު އަޑިއަށް ޣަރަގު ވިއެވެ.

ސަލާމަތް ކުރުން

ސަލާމަތަށް އެދި ޓައިޓޭނިކް އިން ފޮނުވި ސިގްނަލްތައް އެހިސާބުގައި ދަތުރު ކުރަމުން ދިޔަ ބޯޓުތަކަށް ލިބުމާއެކު އެދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. އެންމެ ފުރަތަމަ އެތަނަށް ދެވުނީ “ކަރޕެތިޔާ” ކިޔާބޯޓަކަށެވެ. އެބޯޓަށް ފުރަތަމަ ލައިފްބޯޓު ފެނުނީ 3:30 ގައެވެ. ހަތަރު ގަޑިއިރު ތެރޭގައި ސަލާމަތްވި ހުރިހާ މީހުން އެބޯޓަށް ނެގިއެވެ.

ސަލާމަތްވި މީހުން ގޮވައިގެން “ކަރޕެތިޔާ” ދަތުރު ކުރީ ނިއުޔޯކަށެވެ. އެޕްރީލް 18 ވަނަ ދުވަހު ބޯޓު ނިއުޔޯކަށް ދިޔައިރު ސަލާމަތްވި 705 މީހުން ގެންދިޔައެވެ. ބާކީ 1517 މީހުން ޓައިޓޭނިކް އާއެކު ކަނޑުގެ ތެރެއަށް ގެނބުނީއެވެ.

ނޯޓް: މައުލޫމާތު ނަގައިފައި ވަނީ ޖެނިފަރ ރޮސެންބަގް، ޓްވެންޓިއެތް ސެންޗުރީ ހިސްޓްރީ ގައި ލިޔެފައިވާ އާޓިކަލް އަކުން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355