twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގު ކަސްޓަމަރުންނަށް ބަދަލު ދޭނެ

Apr 22, 2012

ދިރާގުގެ ސަބްމެރީން ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން ހިދުމަތްތައް ލިބުމުގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެދެވޭ ރަނގަޅު ބަލަދެއް ކަސްޓަމަރުންނަށް ދޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ޓްރޭޑާސް ހޮޓެލްގައި ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ސަބްމެރިން ކޭބަލް ހަލާކުވެގެން އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫއެރުމާ އެކު ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.  އެ ދަތިތައް ބެލުމަށްފަހު ކަސްޓަމަރުންނަށް ދެވެން އޮތް އެންމެ ރަނގަޅު ބަދަލެއް ދޭނެ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކުގެ ސަބަބުން ދިރާގުން ވަނީ މައާފަށްވެސް އެދިފައެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން މިހެން ދިމާވީމާ. އަޅުގަނޑުމެން މިދަނީ އިތުރުގޮތްތައް ހޯދައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން މިހާރުވެސް ފުރަތަމަ ދުވަހާ އަޅާބަލާފައި ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި،” އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ކޭބަލް މަރާމާތުކުރާ ބޯޓު މިމަހުގެ 25 ވަނަ ދުވަހު ކޭބަލް އަށް މައްސަލަ ދިމާވެފައިވާ ސަރަހައްދަށް ދާނެއެވެ. ސްރީލަންކާ އާއި 26 ކިލޯ މީޓަރު ބޭރުގައިވާ އެސަރަހައްދަށް ދެވުމާއެކު މަސައްކަތް ފަށައި އެންމެ ލަސްވެގެން މިމަސް ނިމުމުގެ ކުރިން ހުރިހާކަމެއް މުޅިން ހައްލުވެގެން ދާނެކަމުގެ ޔަގީންކަން ދިރާގުން ދިނެވެ.

ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދިގު، ކަނޑުގެ 40 މީޓަރު އަޑިން އަޅާފައިވާ ކޭބަލް ހަލާކުވީ ބޯޓެއްގެ ނަގިއްޔަކުން ޖެހިގެން ކަމަށް ބެލެވޭކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355