twitterviber whatsapp telegramfacebookyoutube instagram
28th December 2024

ބޭއަދަބީ ބަސްތައް ”ލޮލުގެ ކުރެވިމަތިން” ނަގަން މިހާރުވެސް ލަސްވެއްޖެ!

May 6, 2012

.

ހާޝިމް އަބޫބަކުރު

“ދަރިންގޮވައިގެން މަގުމައްޗަށް ނުކުތުމަކީ މިހާރު ކުރެވޭވަރު ކަމެއްނޫން. އިހަކަށް ދުވަހަކު މަގޭ ކުޑަ ގޮލާ ގޮވައިގެން ސައިކް ދުއްވާލަންދަނިކޮށް، ފާރެއްގަ ކުރަހާފަ އިން ‘ގޮލައެއް’ ދައްކާފަ އަހަނީ އެ ކޯޗެއް ހެއްޔޭ؟ ބުނާނެ އެއްޗެއް ނޭނގިގެން މަށަށް ކުއްލިއަކަށް ބުނެވުނީ އެއީ އުދުއްސާލަން ތައްޔާރުކޮށްފަ އިން މިސައިލެކޭ. ދެން ގެޔައަށް ގޮއްސަ އޭނަ އެ ކުރަހާފަ ދައްކައިފި އަންހެނުންނަށް. މަ ވެއްޖެ ދުވަހަކު ނުވާވަރަށް ކުއްވެރި.” މިއީ ރައްޓެއްސަކު އޭނާއަށް ދިމާވި ކަމެއް ހިއްސާކުރަމުން ކިޔައިދިން ވާހަކައެކެވެ. ވާހަކައިގެ ބާވަތުން އަޑުއަހަން ތިބި އެންމެންނަށްވެސް އެވަގުތު ފެށުނީ ހޭށެވެ. އެހެންނަމަވެސް ފާރުތަކުގައި ކުރެހުމުގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ އަދި ނޭދެވޭ އެތައް އަސަރެއް އެކަމުން ފޯރުކުރަމުން ދާ ބޮޑު މައްސަލަކަށް މިވަނީ ވެފައެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ނެދެވޭ އަސަރު ވަރަށްބޮޑަށް ކުރާކަން ފާހަގަކުރެވެއެވެ.

މިއަދު ކުއްޖަކު ގޮވައިގެން ސްކޫލަށް ދިއުންވެސް މިވަނީ ހަނގުރާމައަކަށްވެފައެވެ. ސްކޫލުން އެއްޗެއް ދަސްވުމުގެ ކުރިން މަގުފާރުތަކުން އެކުދިންނަށް އައު ފިލާވަޅެއް ނަގައިދީފާނެތީ ބެލެނިވެރިން ތިބެއްޖެހެނީ ސިހިސިހިއެވެ. ޒަމާނުގެ މިނިވަންކަމުގެ ސްޕްރޭތަކުން މަގުފާރުތައް ‘ޒީނަތްތެރި’ ކޮށްފައިވާތިއެވެ. މީހުންގެ އަބުރާއި ޢިއްޒަތާއި ބެހި، ލިޔެފައި ހުންނަ އަވަގުރާނަތަކާއި ކުރަހާފައިވާ އޮރިޔާން މަންޒަރުތައް އެކުދިންނަށް ފެނިދާނެތީއެވެ. ތަފާތު ގޭންގުތަކަށް ނިސްބަތްވާ ލޯގޯތަކާއި ކުރެހުންތައް އެކުދިންގެ މައުސޫމު ހިތްތަކުގައި ބިންވަޅުނެގި، އެތަކެތި ރީތިވެގެން އުޅެންފަށާފާނެތީއެވެ. އެކުދިންނަކީ ވަށައިގެން ވާ މާހައުލުން ފެންނަ މަންޒަރުތަކަށް ނުހަނު ސަމާލުކަންދޭ އުމުރުފުރައެއްގެ ބައެއް ކަމުން، މިފަދަ މަންޒަރުތަކަކީ އެކުދީންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ މަންޒަރުތަކެއްކަން ޔަގީނެވެ.

“ފާރުތަކުގައި ލިޔެފައި ހުއްޓަ ދަރިވަރުންނަށް ފެންނަ އެއްޗެހި، ވަރަށް ގިނައިން ކްލާސްތެރޭގައި އެކުދިން ކިޔާ. ގިނަ ފަހަރަށް އެކުދިންނަށް އެ ކިޔެނީ ކޯޗެއްކަން ނޭނގި ކިޔަނީވެސް. މިހެން ދިމާވުމުން ވާނުވާ ނޭނގި އެކުދިންނަށް އެފަދަ ކަންކަމުގެ ތެރެއަށް ވަދެވޭކަން ފާހަގަކުރެވޭ.” ކްލާސް މާހައުލުގައި ދަރިވަރުންގެ ކިބައިން ފާހަގަ ކުރެވޭ ކަންކަން ޕްރައިމަރީ ސްކޫލެއްގެ ކޮލިފައިޑް ޓީޗަރެއް ހިއްސާކުރެއްވިއެވެ.

މަގުފާރުތަކުގައި ބޭއަދަބީ އެއްޗެހި ކުރެހުމުގެ މައްސަލަ ބައެއް މީހުން ފޫޅުކަނޑާލަނީ ސިޔާސީ ގޮތުން ރާއްޖެއަށް މިއައި ބަދަލަށެވެ. އެމީހުން ޤަބޫލުކުރާގޮތުގައި މިކަން ރަށުގައި މޫލައި ވަކިހިއްޕާލީ ސިޔާސީ ގޮތުން ކުއްލިއަކަށް ލިބިދިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްގެ ސަބަބުންނެވެ.

” މި ސިޔާސީ ކަންތައްގަނޑުގެ ކުރިން ރަށުގައި ހިނގާ ‘ހޫނު’ ޚަބަރެއް ފާރެއްގަ ނުލިޔެ އެކޭ ނޫން. އެކަމަކު ސިޔާސީ ގޮތުން މި ލިޔެފަ ހުންނަ އެއްޗެހި މިހުންނަނީ ބަޔަކު އަޑީގަތިބެގެން ޒުވާނުން ލައްވާ ލިޔުއްވާތީ. އެމީހުން ސިޔާސީ މަގުސަދެއްގައި ފެށި ކަންތައްގަނޑެއް ބޮއްސުންލައިގެން ގޮސް މިހާރު އާއްމު ފަރުދުންގެ އަބުރާ ބެހޭ ހިސާބަށް ގޮއްސަ މިއޮތީ.” މިއީ އާއްމު ފަރުދެއް ދެކޭ ގޮތެވެ.

ކޮންމެ ސަބަބަކާ ހެދި ފެށިގެން ކުރެވޭ ކަމެއްކަމަށް ވީނަމަވެސް، މިކަން މިހާރު މިވަނީ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ކެޓުމުން އެކުއްޖާއަށް ހުތުރުވާނެހެން ކޮންމެވެސް އެއްޗެއް ފާރެއްގައި ލިޔެލައި، އެކުއްޖާގެ ނަންބަރުވެސް ޖަހާލާ ހިސާބަށް ގޮއްސައެވެ. ރައްޓެއްސެއްދެކެ އަންނަ ރުޅިގަނޑުވެސް ނިންމާލަނީ އެމީހެއްގެ އަބުރާބެހި ފާރެއްގައި ލިޔެލާ އެއްޗަކުންނެވެ. ކަންތައްތައް މިހާ ހިސާބަށް ގޮސްފައި ވާއިރު، ކުރިއަށް އޮތް ޖީލުގެ މުސްތަޤްބަލު ރިވެތި އަޚްލާޤެއްގެ މަތީގައި ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

“އެއްބައި ބެލެނިވެރިން މަގުމަތިން ފެންނަ އެކަހަލަ އެއްޗެއްސާއި ބެހޭގޮތުން ދަރިންނާ ވާހަކަ ދައްކާ ވިސްނައިދީ ހަދާ. އެކަމަކު ގިނަ ޕޭރެންޓުންނަށް ދަރިންނާ އެކަހަލަ ވާހަކަ ދެއްކުން އޮންނަނީ ލަދުކަމަކަށް ވެފަ. ނޫނީ ދަރިން ކިބައިން އެކަހަލަ ކަންކަން ފެނުނަސް އަޅާ ނުލަނީ. ފާރުތަކުން ފެންނަ އެއްޗެހި ކްލާސްތެރޭގައި ކިޔާ، ކުރެހުންފަދަ ކަންކަން ގިނައިން ކުރަނީ ޕޭރެންޓުންގެ އެކަށީގެންވާ އަޅާލުން ނުލިބޭ ކުދިންކަން ފާހަގަ ކުރެވޭ. މީގަ ގިނަފަހަރަށް ބެލެނިވެރިންނަކަށް ނޭނގޭ އެފަދަ ކަންކަމާ އަޅާނުލުމުން ކުއްޖާ ބޮޑުވަމުންދާއިރު ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް. ރަނގަޅާ ނުބައި ކުދިން ކަނޑައަޅާ އުމުރުފުރައެއްގައި ނަފްސާނީ ގޮތުން އެފަދަ ނޭދެވޭ ކަންކަމާ ކުރިމަތިވުމުން ކުދިންގެ އަޚުލާޤު ގޯސްވުމަށް މަގުފަހިވޭ. އެހެންވީމަ މިފަދަ ކަންކަމަށް ޚުދު ބެލެނިވެރިންވެސް އެބަޖެހޭ އެވެއަރކުރަން. އޭގެފަހުން ދަރިވަރުންނަށް އެވެއަރނެސް ޕްރޮގްރާމްތައް ހިންގޭނީ”

ކުޑަކުދިންގެ ކުރިމަގު މިކަމުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ މަސައްކަތްކުރަންވީ ބެލެނިވެރިން ހޭލުންތެރިކުރަންކަން އެ ޓީޗަރުގެ ވާހަކަފުޅުން ވަރަށް ސާފުވެއެވެ. އެހެންނަމަވެސް މިފަދަ ކަންކަމަށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ސްކޫލްތަކުން ކުރާ މާބޮޑު މަސައްކަތެއް ނުފެނެއެވެ. އަދި ދަރިވަރުންނަށް އަމާޒުކޮށްގެން ލައިފް ސްކިލްސް ޕްރޮގްރާމްތައް ސްކޫލްތަކުން ހިންގާތަނެއްވެސް ނުފެނެއެވެ. މިއީ ރެޑް ކްރެސެންޓް އާއި އާކް ފަދަ ޖަމްއިއްޔާތަކުންވެސް ‘ނިދާފައި ނުތިބެ’ އިސްނަގައިގެން ސްކޫލްތަކާއި ގުޅިގެން ކުރަންވެފައިހުރި ކަންތައްތަކެވެ.

ދެންއޮތީ އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމުގެ ވާހަކައެވެ. ޤާނޫނަކުން ޤަވާއިދަކުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބެއް ދެންޏާ ކައުންސިލްތަކަށް މިއަދު އެބާރު މިވަނީ ދީފައެވެ. މިކަމަށް ހައްލެއް ހޯދުމަށް “ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާ ބެހޭ ޤަވާއިދު”ގެ ނަމުގައި ޤަވާއިދެއްވެސް ވަނީ މިހާރު ރަށު ކައުންސިލުން އެކުލަވާލައްވާފައެވެ.

މި ޤަވާއިދު ބުނާގޮތުން މުޖުތަމައުގެ އާއްމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްޗެހި ފާރުތަކުގައި ލިޔެ ކުރަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެފަރާތެއް ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައިވެއެވެ. އަދި މި ޤަވާއިދުގައި ވަނީ ފާރުތަކުގައި ކުރަހާފައިހުންނަ އެއްޗެއްސަކީ ގްރޫޕް ނުވަތަ ގޭންގު ރަމްޒުކޮށްދޭ ކުރެހުމަކަށް ވެގެންނުވާނޭކަމަށް “ގޭންގު ކުއްތައް މަނާކުރުމާ ބެހޭ ޤާނޫނު”ގެ 13 ވަނަ މާއްދާގައި، ބުނެފައިވާ ބުނުން ތަކުރާރުކޮށް، އެފަދަ ކުރެހުންތައް ކުރަހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ރަށު ކައުންސިލަށް ދީފައެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދާ ހަމައަށް އައި އިރުވެސް މިއިން އެއްވެސް ޤަވާއިދެއް ގެޒެޓުގައި ޝާއިއުކޮށް ޤަވާއިދު ތަންފީޒުކުރަން ފަށާފައި ނުވާކަމެވެ. ކުޅުދުއްފުށީ ރަށުކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ޤަވާއިދުތައް ފުރިހަމަކޮށް ފާސްކުރުމަށް ދަތިތަކެއް އެބަހުއްޓެވެ.

“ކުރިން ނިންމާފަ އޮންނާނީ ޖެނުއަރީ މަހުގެ ތެރޭގައި (ޤަވާއިދުތައް) ގެޒެޓްކުރަން. އެކަމަކުވެސް (މި ޤަވާއިދުތައް ހެދުމަކީ) އަލަށް ފެށިފަ ހުރިކަމެއްވީމަ، (މިކަމާގުޅޭ) ބައެއް ކަންތައްތައް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށްވެސް އެބަހުރި އެންމެ ރަނގަޅަށް ނުކުރެވި. ކޮންމެގޮތެއްވިޔަސް އެލްޖީއޭގެ އެހީތެރިކަން ނެތި މިކަހަލަ ޤަވާޢިދުތައް ފުރިހަމަކޮށް ފާސްކުރަން ވަރަށް ދަތި. (ފާރުތަކުގަ ކުރަހާ މައްސަލައިގަ) ކައުންސިލްގެ ވިސްނުން މިހުރީ މީހުންނަށް ވިސްނަދެވޭތޯ. ތެރަސްލައިގެން ތަތްކުރާ އެއްޗެހިވެސް ފާރުގަ ތަތް ނުކުރަން. ދެން ކައުންސިލުން މިއަހަރު ސްކޫލްތައް ފެށެންވާއިރަށް ފާރުތަކުގަ ހުރި ނޭދެވޭ އެއްޗެހިތައް ފިލުވާފަ ހުންނާނީ.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

ތެދެކެވެ. ރަށު ކައުންސިލުން އިސްނަގައިގެން މިއަހަރު ސްކޫލްތައް ފެށުމުގެ ކުރިން އެ މަސައްކަތްކުރެއްވިއެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރެވެމުން ނުދާތީ، މިއަދު އަނެއްކާ މިވަނީ އިހުހުރި ހާލަތަށް މައްސަލަ ގޯސް ވެފައެވެ.

“ގިނަ ފަހަރަށް ތިމާގެ އުދާސްތައް ބޭރުކޮށްލަން ނޫނީ އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން މި ފަދަކަންކަން ކުރަނީ. އެހެންވީމަ މި ނެގެޓިވް އެނަރޖީ ޕޮޒިޓިވް ގޮތެއްގައި ބޭރުކުރުމަށް އެހީތެރިވެދިނުމަށް ޒުވާނުން އެޑްވޮކޭޓް ކުރަން އެބަޖެހޭ. ސައިކޮލޮޖިކަލީ ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެކުދިންނަށް އެކުދިންގެ ހުނަރު ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކޮށްދޭން އެބަޖެހޭ. އެގޮތުން ބަލަމާ ވޯލް ގްރެފިޓީއަށް. އެއީ ޒުވާނުންނާ ގުޅޭ ޒުވާނުން ވަރަށް ކުރާހިތްވާ ކަމެއް. މިހާރު ފާރުތަކުގަ މި ކުރާހާ އެއްޗެހީގެ ބަދަލުގައި ވޯލް ގްރެފިޓީ އާޓް ތަރައްޤީކުރުމަށް ޒުވާނުންނަށް އެހީތެރިވެވިދާނެ.” މިއީ ޓީޗަރެއް ދެއްވި ވަރަށް ފުރިހަމަ ޚިޔާލެކެވެ.

މިރަށުގެ ރަސްމީ ބޯޅަދަނޑުގެ ފާރުގައާއި ސްޓޭޑިއަމް ފާރުގެ ބައެއް ހިސާބުތަކުން މިހާރުވެސް ފެންނަން ހުރި ގްރެފިޓީ މަސައްކަތަކީ ނުހަނު ބަލައިލަން ރީތި ފުރިހަމަ މަސައްކަތްތަކެކެވެ. މީހެއްގެ އަބުރާ ބެހުމެއްނެތިވެސް މުޖުތަމައު ޤަބޫލުކުރާގޮތަށް ފާރުތައް ޒީނަތްތެރި ކުރެވިދާނެކަން މިއިން ދައްކުވައިދެއެވެ. އެހެންކަމުން ރަށުގެ ފާރުތަކަށް މިހާރު ޖެހިފައިމިވާ ބަލިން ސަލާމަތްކުރުމައްޓަކައި މިހާރަށްވުރެ ހަރުދަނާ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަންވެއްޖެއެވެ. މި ކަމަކީ ފަރުދީ އަދި އިޖްތިމާއީ ކަމެއްކަމަށް ދެކި އެންމެންވެސް އެއްބާރުލުން ދީގެން މަސައްކަތްކުރަން ވެއްޖެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355