twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ޚުލާސާއެއް

May 11, 2012

.

މުހައްމަދު އިސްމާއިލް

ހުސްވި އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ތަސްދީޤު ކުރެވުނު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަކީ، ގެވެށި އަނިޔާ ހުއްޓުވުމަށާއި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ އިތުރުން އެފަދަ ކުށްތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމުގައި ގެންގުޅޭ ހަމަތަށް ބަޔާންކޮށްދިނުމަށް ހެދިފައިވާ ގާނޫނެކެވެ. އަދި އެފަދަ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރާނެ ގޮތް ކަނޑައެޅިފައިވާ ގާނޫނެކެވެ. ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން އަނިޔާ ލިބޭ މީހާއަށާއި އަނިޔާ ކުރާ މީހާއާމެދު އަމަލުކުރާނެ ވަކި ގޮތްތަކެއް މިގާނޫނުން ކަނޑައެޅިގެން ދިޔައެވެ.

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާއަކީ ކޮބައިކަން އެނގުމުގެ ކުރިން ގެވެށި ގުޅުމަކީ ކޮބައިކަން އެނގެން ޖެހެއެވެ. ގާނޫނުގެ “ރަދީފު” ބުނާ ގޮތުން ގެވެށި ގުޅުމަކީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުން ތަކެވެ. އަދި އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުންނާއި އެގޮތަށް ފަހަކާ ޖެހެންދެން އުޅެން ޖެހިފައިވާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ވެސް ގެވެށި ގުޅުމެކެވެ. މައިންބަފައިންގެ ގޮތުގައި ނުވަތަ ބެލެނިވެރިންގެ ހައިސިއްޔަތުން ނުވަތަ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ވެސް ގެވެށި ގުޅުމެކެވެ. ގާތްތިމާގެ މީހުންނާއި ގޭގައި ދަރިން ބެލުމަށް ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެއުޅޭ މީހުންގެ ގުޅުންތައް ވެސް ހިމެނެނީ ގެވެށި ގުޅުންތަކުގެ ތެރޭގައި އެވެ.

އިސްވެ ދެންނެވި ގުޅުންތަކުގެ ދާއިރާގެ ތެރޭގައި އެގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް، ސިއްހަތައް، ނުވަތަ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ ލިބިދާނެ ކަމުގެ ބިރު އިހުސާސްވާ ފަދަ އަމަލެއް ހިންގުމަކީ ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެގޮތުން މިދެންނެވި ބާވަތުގެ އަމަލުތަކުގެ ތެރޭގައި ޖިސްމާނީ ގޮތުން ކުރެވޭ އަނިޔާ އާއި ޖިންސީގޮތުން ކުރެވޭ އަނިޔާ އާއި ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ އަނިޔާކުރުންވެސް ހިމެނެއެވެ. އަދި މާލީ ގޮތުން ނުވަތަ އިގްތިޞާދީގޮތުން ދަތިކުރުމަކީވެސް އަނިޔާގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ގެވެށި އަނިޔާގެ ގޮތުގައި ބެލެވިދާނެ ކަންކަން

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގައި ގެވެށި ގުޅުމުގެ ތެރޭގައި ހިނގާ ބައެއް ކަންކަން ގެވެށި އަނިޔާގެ ގޮތުގައި ތަފްޞީލް ކޮށްދީފައި ވެއެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން، އަނބިމީހާ ވަކިމުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށް ޑޮކްޓަރެއް ލަފާދީފައި ވަނިކޮށް އެމުއްދަތުގައި އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާނބަޑު ކުރުންވެސް ހިމެނެނީ އަދަބު ލިބޭ ގެވެށި އަނިޔާގެ ތެރޭގައި އެވެ. އަދި، އަނިޔާވެރި ކައިވެންޏަކާއި ދެކޮޅަށް ނުވަތަ އެކައިވެނި ރޫޅާލާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ނުލާ އޭނާ މާނބަޑު ކުރުންވެސް ހިމެނެނީ ގެވެށި އަނިޔާގެ ތެރޭގައި އެވެ.

ކުރިން ދެންނެވި ގެވެށި ގުޅުމުގެ ތެރޭގައި ހިމެނޭ މީހުންގެ މެދުގައި ނުވަތަ އެއިން މީހެއްގެ މުދާ އެމުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެ ފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުމާއި، މުދަލަށް ގެއްލުން ދިނުމަކީވެސް ގެވެށި އަނިޔާ ކުރުންކަމުގައި ބެލޭނެއެވެ. އަދި މީގެ އިތުރުން އެކަކު އަނެކަކަށް ފާރަލުމާއި ބިރުދެއްކުމާއި ގޯނާ ކުރުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި އިން މީހެއްގެ ގެއަށް އެގޭގައި ނުހިމެނޭ މީހަކު ކަނޑައެޅިގެން ސާފުބަހުން ހުއްދަ ލިބެގެން ނޫންގޮތަކަށް ވަނުމަކީ ވެސް ގާނޫނުގައިވާ ގޮތުން ނަމަ ކުށެކެވެ.

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރުން

ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަން އެނގިއްޖެނަމަ އެމައްސަލަ ފުލުހުންނަށް ނުވަތަ އެނޫންވެސް ކަމާބެހޭ ފަރާތަކަށް ރިޕޯޓުކުރުމަކީ އަނިޔާ ލިބޭ ފަރާތްތަކަށް އެލިބޭ އަނިޔާތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ކުރަންޖެހޭނެ ކަމަށެވެ. އެފަދަ މައްސަލަތައް ރިޕޯޓުކުރާ މީހުންނަށް، އެމައްސަލައެއް ރިޕޯޓުކުރިކަމަށްޓަކައި އުފުލަންޖެހޭ ގާނޫނީ އެއްވެސް ޒިންމާއެއް ނުއޮންނާނެއެވެ. އަދި އޭނާ ރިޕޯޓުކުރި މައްސަލަ ފަހުން ސާބިތު ނުވިނަމަވެސް އޭނާ އެމައްސަލަ ރިޕޯޓުކުރީ ހެޔޮނިޔަތުގައި ކަމަށްވާނަމަ އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލޭނެކަން މިގާނޫނުން ކަށަވަރުކޮށްދެއެވެ. މިއީ، މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމަށް ބެލެވެއެވެ. އެހެނީ، އެއްވެސް ގާނޫނީ ޒިންމާއެއް އުފުލަންޖެހޭ ހާލަތެއް އެފަދަ މީހަކަށް ކުރިމަތި ކުރުވައިގެން ނުވާނެކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓު ކޮށްފިނަމަ ފުލުހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒު ތަކުންނާއި އަދި އިޖްތިމާއީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްދީފައި ވެއެވެ. އަދި އެތިން މުއައްސަސާއިން ގެވެށި އަނިޔާގެ ޝިކާރައަށްވި މީހާއާ މެދު އަމަލު ކުރަންޖެހޭނެ ގޮތްތައް ބުނެދީފައި ވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހއިްމު އެއް ކަމަކީ ގެވެށި އަނިޔާގެ ރިޕޯޓެއް ފުލުހުންނަށް ހުށަހެޅުމުން ކޯޓު އަމުރަކާ ނުލާވެސް އެ ހާދިސާ ހިނގި ގެއަކަށް ގޮސް މައުލޫމާތު ސާފުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައި ވުމެވެ. އަދި މީގެ އިތުރުންވެސް ހާއްސަ ބާރުތަކެއް ފުލުހުންނަށާއި ފެމިލީ ޕުރޮޓެކްޝަން އޮތޯރިޓީއަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުން ދީފައި ވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ލިބެމުންދާ އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޯޓުތަކުން ނެރެވޭ އަމުރުތަކާއި އެއަމުރުތަކަށް އެދުމުގައި އަމަލުކުރަންޖެހޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށްދީފައި ވެއެވެ. އަދި، ކޯޓުތަކުގެ ދައުރު ވަކިން ތަފްސީލުކޮށް ގާނޫނުގައި ގެނެސްދީފައިވެއެވެ. ރައްކާތެރިކުރުމުގެ އަމުރު ނެރެވިދާނެ ހާލަތްތައް އެހެން ބާވަތުގެ ޖިނާއީ މައްސަލަތަކުގައި ނެރޭ އަމުރުތަކާ މުޅިން ތަފާތުކަންވެސް މިގާނޫނުން ފާހަގަކޮށްލެވެއެވެ.

ގާނޫނުގައިވާ ގޮތުންނަމަ، ރައްކާތެރިކުރުމުގެ އަމުރުގެ އެންމެ އަސާސީ އެއް މަގުޞަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ އެފަދަ އަނިޔާއެއްގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި އޭނާގެ ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައި ދިނުމެވެ. ރައްކާތެރިކުރުމުގެ އަމުރެއް ނެރެފިނަމަ އެއަމުރެއް ފުރަތަމަ ފަހަރަށް ނެރެވޭނީ އެންމެ ދިގުވެގެން 1 އަހަރު ދުވަހަށެވެ. އެހެން ނަމަވެސް ރައްކާތެރިކުރުމުގެ އަމުރު އަވަސް އަމުރެއްގެ ގޮތުގައި ނެރުން ނުހިމެނެއެވެ.

ކޯޓުން ނެރޭ ރައްކާތެރިކަމުގެ އަމުރާ އެއްވެސް މިންވަރަކަށް ހިލާފުވެއްޖެނަމަ އެ ވާނީ އަދަބު ލިބޭނެ ޖިނާއީ ކުށަކަށެވެ. އެފަދަ ކުށެއް ކޮށްފި މީހަކު 6 މަސްދުވަހަށް ޖަލަށް ލުން ނުވަތަ 15 ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 1 އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 30 ހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 3 ވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނައިން އެކުށް ތަކުރާރުކޮށްފިނަމަ އެއިން ކޮންމެ ފަހަރަކު 3 އަހަރަށް ވުރެ އިތުރު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. ނުވަތަ 50 ހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގާނޫނުގައި ބުނެފައިވާ ކުށެއްގެ ތުހުމަތެއްގައި ބަންދުކުރެވޭ މީހުންނަށް ކަފާލާތުގެ އުޞޫލުތަކެއް ނުހިނގާނެކަމަށް ބުނެފައި ވެއެވެ. އަދި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ގެވެށި އަނިޔާގެ އަމަލެއް ހިންގިކަން ސާބިތުވާކަމަށް ނިންމުމުގެ ބާރު ކޯޓަށް ގާނޫނުގެ ދަށުން ދީފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355