.
ބަދުރުއްދީން ޙަސަން
ފުޓުބޯޅަ މެޗުތަކުގައި ޖަހާގޯލްތަކާއި ބެހޭގޮތުން ރެފްރީންނަށް ނަގަންޖެހޭ ސުވާލު އުފެދޭފަދަ ނިންމުންތަކުގެ ސަބަބުން، އެ ޓެކްނޮލޮޖީ އަކަށް ބޭނުންވެގެން އެތައްބަޔަކު ވާހަކަ ދައްކަމުން އަންނަ ގޯލްލައިން ޓެކްނޮލޮޖީ އެންމެ ފަހުން ގޯލާއި ހަމައަށް ފޯރައިފިއެވެ. ޔޫރޯ 2012 ގެ ކުރިން އިނގިރޭސިވިލާތުގެ ގައުމީ ޓީމު ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗު 2 ޖޫން ގައި ބެލްޖިއަމް އާދެކޮޅަށް ކުޅޭއިރު، އަމިއްލަ ޓެސްޓް ފާމް އަކުން “ހޯކްއައި” ގެ ނަމުން ނަންދީފައިވާ މި ޓެކްނޮލޮޖީ ޓެސްޓް ކުރާނެއެވެ.
ނަމަވެސް މިމެޗުގައި ރެފްރީން ނިންމާ އެއްވެސް ނިންމުމެއްގައި ހޯކްއައިގެ ބޭނުމެއް ކުރާގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. މިމަހުގެ ކުރީ ކޮޅު އިނގިރޭސިވިލާތުގައި ކުޅުނު މެޗެއްގައި ވެސް މިޓެކްނޮލޮޖީ ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިނގިރޭސި ޕްރިމިއަރ ލީގު ގެ ނިމިދިޔަ ސީޒަންގައި ވެސް ރެފްރީން ނިންމި ސުވާލު އުފެދޭ ނިންމުންތަކެއްގެ ސަބަބުން މިޓެކްނޮލޮޖީ އަވަސް ކުރުމަށް ގޮވާ ގޮވުންތައް ވަނީ އިތުރު ވެފައެވެ.
އެޕްރީލް 15 ވަނަ ދުވަހު ކުޅުނު އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލްގައި ޓޮޓެންހަމް އަތުން 1-5 ން ޗެލްސީ މޮޅުވި މެޗުގައި ހުއާން މާޓާ ފޮނުވާލި ބޯޅައެއް ވަނީ ގޯލް ލައިން ހުރަސް ނުކުރަނީސް ގޯލެއް ކަމަށް ނިންމާފައެވެ. މާރޗް 10 ވަނަ ދުވަހު ކުއީންސްޕާރކް ރޭންޖަރސް (ކިއުޕީއާރު) 1-2 ން ބޯލްޓަން އަތުން ބަލިވި މެޗުގައި، ކިއުޕީއާރު ގެ ކްލިންޓް ހިލް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައެއް ބޯލްޓަންގެ ކީޕަރު އެޑަމް ނެރެފައިވަނީ ގޯލުގެ ތެރެއަށް ވަންފަހުންނެވެ.
ޖޫން 2 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ މެޗު ކުޅޭ ވެމްބްލީ ސްޓޭޑިއަމް އަކީ ވެސް މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައިވާ ސްޓޭޑިއަމް އެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 1966 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި އިނގިރޭސިވިލާތުގެ ޖޯފް ހާސްޓް ފޮނުވާލި ހަމަލައެއް ވެސްޓް ޖާމަނީގެ ގޯލް ހުރަސްކުރިކަމަށް ނިންމާފައިވާ ނިންމުމެވެ.
2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑްކަޕްގައި ވެސް ޖާމަނީ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި އިންގްލެންޑްގެ ފްރޭންކް ލަމްޕާޑް ގޯލެއްވަނީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.
ހޯކްއައި ޓެކްނޮލޮޖީ ޓެސްޓް ކުރުމަށް ފީފާ އިން އެޕޮއިންޓް ކޮށްފައިވާ އިންޑިޕެންޑެންޓް ބޮޑީ އެއް ކަމުގައިވާ ސްވިސް ފެޑެރަލް ލެބޯޓަރީ ފޮރ މެޓީރިއަލްސް ސައިންސް އެންޑް ޓެކްނޮލޮޖީ (އީއެމްޕީއޭ) އިން އިނގިރޭސިވިލާތުގެ މެޗަށް ފަހު އެހެން މެޗުތަކުގައި ހޯކްއައި ޓެސްޓް ކުރާނެ ކަމަށް ބުނެއެވެ.
ހަ ކެމެރާ ބޭނުންކުރާ ހޯކްއައި ގެ އިތުރުން “ގޯލް ރެފް” ގެ ނަންދެވިފައިވާ މިފަދަ ސިސްޓަމްއެއް މިހާރު ވަނީ ޓެސްޓް ކުރަން ފަށާފައެވެ. މިގޮތުން ޖޫން ދެވަނަ ދުވަހު ކޯޕެންހެގަން ގައި ޑެންމާކް އާއި އޮސްޓްރިއާ ބައްދަލު ކުރާމެޗުގައި ގޯލް ރެފް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.