twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރަށްރަށުގެ މިލްކުވެރިންނަކީ އެރަށެއްގެ އަހުލުވެރިންތޯއެވެ!

Jun 28, 2012

 .

އާރޮން މެތިއުތީން

މީގެ ހަތް އަހަރު ކުރިއެވެ. ނ. އަތޮޅު މަނަދުއަށް އޭރުގެ އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވަޑައިގަތުމާ ދެކޮޅު ހެދުމުގެ ގޮތުން ވަޑައިގަންވަން އޮތް ދުވަހުގެ ހެނދުނުއްސުރެ ގޯނިތަކަކަށް އޮއްގާ އަޅައި ބަނދަރުމަތީގައި އަތްގާޑިޔަލެއްގައި ބަހައްޓާފައި ހުއްޓެވެ. ވަޑައިގަންނަވަން އޮތީ ހަވީރު އެވެ. ނަޝީދު ވަޑައިގަތް ލޯންޗް ބަނދަރާ ގާތްކުރިޔަނުދީ އެއްވެފައިތިބި މީހުން ބޮޑެތި ގާއުކިއެވެ. އެމީހުންގެ ކަރުގައި، ފަހަތަށް ވާގޮތަށް ގައުމީ ދިދަ އައްސާފައި ހުއްޓެވެ. ބައެއް މީހުންނަށް އަނިޔާވިއެވެ. ދެފަރާތުގެ ކުރިމަތިލުމަށްފަހު ނަޝީދު އެރަށް އެރިއެވެ. އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު (ގިނަބައިވަރުތޯ ނުވަތަ ނޫންތޯ އަޅުގަނޑަށް ނޭނގޭ) ބުނާގޮތުން އެރަށަށް އެރޭނީ ހަމައެކަނި އެރަށުގެ މީހުން ރުހޭ މީހުންނަށެވެ.

ނަޝީދު އައިދުވަހުގެ ރޭ އަޅުގަނޑާ އެރަށުގެ ހަރުކުލައިގެ މީހަކާ ދިމާވިއެވެ. އޭނާ އެއީ އެމްޑީޕީގެ ފިކުރާ ދެކޮޅު މީހެއްކަން އޭނާގެ ވާހަކައިން އެނގުނެވެ. “އަންނިއަކަށް މިރަށަކަށް ނޭރޭނެ.. މިރަށުމީހުން އޭނަ އުރާލައިގެން ބޭލުވީމުސް އޭނައަކީ ރައީސް ނަމަ..” މިއީ އެމީހާގެ ވާހަކައިގެ ބައެކެވެ. އެދުވަހު ނަޝީދު އުތުރަށްކުރާ ދަތުރެއްގައި ހިންނަވަރަށާއި ނައިފަރަށްވެސް ދިޔައެވެ. ނައިފަރުން ނަޝީދުގެ ގަޔަށް “ޗަކަ” ޖެހިކަން މާލެއައުމުން އަޅުގަނޑަށް އެނގުނެވެ.

އޭރުގެ ސަރުކާރަށް ތާޢީދުކުރާ މީހުން ރަށްރަށަށް ވަޑައިގަތުމުންވެސް ޖެހޭ ހާލަކީ ހަމަ އެއީއެވެ.  މިހާރުވެސް ހަމަ އެއުޞޫލެވެ. ކުރަނީ އެއްކަމެކެވެ. ރަށަށް ގަދަކަން ދެއްކުމެވެ. ރަށަށް ނޭރޭގޮތަށް “ހަމަނުޖެހުން” ހިންގަނީއެވެ. އަޅުގަނޑު ހިތުގައި އޭރުވެސް އަދި މިހާރުވެސް އުފެދޭ ސުވާލެއް އޮވެއެވެ. އެރަށެއްގެ މިލްކުވެރިންނަކީ އެރަށެއްގެ ރައްޔިތުން ހެއްޔެވެ؟ އެރަށަކަށް އަރާފައިބާ މީހުންނަކީ އެރަށެއްގެ ރައްޔިތުން ރުހޭބަޔަކަށް ވާންޖެހޭނެ ހެއްޔެވެ؟

ދަތުރުފަތުރުކޮށް އުޅުމަކީ އަސާސީ ހައްގެއް

ދަތުރު ފަތުރުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. ކަނޑައެޅިފައިވާ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން، މަނާ ކަމަކަށް ނުވާނަމަ ހަމަ ކޮންމެ ދިވެހިރައްޔިތަކަށް، ސިޔާސީ ބޭނުމަށް، ނުވަތަ ވިޔަފާރީގެ ބޭނުމަށް، ނުވަތަ ޒާތީ ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީއިން ކަށަވަރު ކޮށްދެއެވެ. އެކަމަށް ހުރަސްއަޅާނަމަ އެއީ މައްސަލައެކެވެ. އެފަދަ ކަމަކަށް ހުރަސްއަޅާނަމަ އެފަރާތްތަކުގެ މައްޗަށް ދަޢުވާނުކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

ގަދަބަސް ބުނުމަކީ ދިވެހިންގެ ތެރެއިން ގިނަބައެއްގެ އާދައެކެވެ. ހާއްސަކޮށް އެމީހަކު ދިރިއުޅޭ ހިސާބުތަކާ ގުޅުވައިގެން ދައްކާ މިފަދަ ވާހަކަތައް އަޑުއަހަން އުދަނގޫވެފައި ހުތުރެވެ. ހޮސްޕިޓަލްތަކާއި ދަނޑުތަކާއި، ޕާކުތަކަކީ އަދި އާންމު ބަަނދަރުތަކަކީ ކޮންމެ މީހަކަށްވެސް ބޭނުންކުރެވިދާނެ ތަންތަނެވެ. ކޮންމެ ރަށަކަށް އަރަންވީމަ އެރަށެއްގެ ކައުންސިލަށް، ނުވަތަ މޭފުއްޕާފައި އުޅޭ މީހަކަށް ނުވަތަ ބަޔަކަށް “ޖިޒީ” ދައްކަންޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރަށްރަށުގެ ބަނދަރުމަތީގައި އެކިއެކި ހިޔާލުފާޅުކުރެވިދާނެއެވެ. އެކިމީހުން ރަށްރަށަށް އަރާ ވަގުތާ ދިމާކޮށްވެސް އެކަން ކުރެވިދާނެއެވެ. އެކަމަކަށް އޮތް ހުރަހެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ރައްޔިތުންގެ ބާރު

ދިވެހިރައްޔިތުންގެ ބާރަކީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަ ހިސާބެވެ. އެކަން އޮތީ އެހެންނެވެ. އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ވަނަނުދީ ހިފެހެއްޓުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވަނީތޯއެވެ. ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އޭނާގެ އޮފީހަށް ވަނަނުދީ ހިފެހެއްޓުންތޯއެވެ. ނުވަތަ އިންތިޚާބެއްގައި ވާދަކުރާމީހަކު އޭނާއަށް ތާޢީދު ހޯދުމުގެ ގޮތުން ރަށަކަށް ދިއުމުން އެރަށުގެ ބަނދަރުމަތީގައި “މިރަށަކަށް ނޭރޭނޭ” ކިޔަމުން ޖަރީމާ ހިންގުންތޯއެވެ. ނުވަތަ ރަށުކައުންސިލްގެ އިދާރާ ބަންދުކޮށްފައި، ކައުންސިލަރުން އޮފީހަށް ނުވަދެވޭގޮތް ހެދުން އެއީ ރައްޔިތުންގެ ބާރު ތަންފީޛުކުރުންތޯއެވެ. އެއީ ރައްޔިތުންގެ ބާރުކަމަށް ޤަބޫލުކުރެވޭނަމަ މިތަނުގައި އޮންނަނީ ޖަންގަލީގެ ގާނޫނެވެ.

ރަށްރަށް މީހުން އެރުވުމާއި ބޭލުމަކީ އެރަށެއްގެ ރައްޔިތުންގެ ޛިއްމާއެއް ނޫނެވެ. އެރަށަކަށް އަރަންވީ މީހުންނާ ނާރަންވީމީހުން ކަނޑައެޅުމުގެ ބާރު އެރަށެއްގެ މުޅިރައްޔިތުންނަށްވެސް އަދި ރައްޔިތުންގެ ތެރެއިން ބަޔަކަށްވެސް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355