.
މުހައްމަދު އިސްމާއިލް
ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ބާއްވާ ފުޓްބޯޅަ މުބާރާތްތައް މީގެ ކުރިން އަތޮޅު ފެންވަރުގައި ފެނިގެން ދިޔައީ ވާދަވެރި ފޯރިގަދަ މުބާރާތްތަކެއްގެ ގޮތުގައި އެވެ. ރަށްރަށުގެ ޗެމްޕިއަން ޓީމުތައް އެ ސަރަހައްދުގެ އެހެން އަތޮޅުތަކުން ހޮވާލެވޭ ޓީމުތަކާއެކު ބާއްވާ ޒޯން މުބާރާތަކީ، ކުރިން އެމުބާރާތަކަށް މުޅި އަތޮޅު ތައްޔާރުވަމުން އައި ބޮޑު އަދި އެހާމެ މުހިއްމު މުބާރާތެވެ.
ކޮންމެވެސް ސަބަބަކާހުރެ އެމުބާރާތްތައް މިހާރު ކުރިއަކަށް ނުގެންދެއެވެ. މިހާރު ފެންނަނީ އެފްއޭމް އިން މުޅި ރާއްޖޭގައި ހިންގަމުން އައި މުބާރާތްތައް ހުއްޓާލައި ހަމައެކަނި ރާއްޖޭގެ ވެރިކަން ކުރާ ރަށުގައި މުބާރާތްތަކެއް ބާއްވާ މަންޒަރެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސްކޫލުތަކުގެ ފުޓްބޯޅަ މުބާރާތް ފެށިކަމަށްޓަކައި އެފްއޭއެމް އަށް ޝުކުރުއަދާކުރާ ހާލު ރާއްޖޭގެ އަތޮޅުތައް މަތިން އެފްއޭއެމް އިން ހަނދާން ނައްތާލިކަން ވެސް ފާހަގަކޮށްލަމެވެ.
މާލޭގައި އެއްވަނަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންތަކެކެވެ. ރާއްޖޭގެ ގައުމީ ޓީމަށް ނަޒަރު ހިންގާލި ނަމަވެސް މާލެއަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުރެ އަތޮޅުތެރޭގެ ކުޅުންތެރިން ގިނައެވެ. އެކުޅުންތެރިންނަކީ މާލޭގައި ދެވަނަ ވަޒީފާއެއް އަދާކުރަމުން ކުޅެމުންދާ ކުދިންތަކެކެވެ. އަދި މާލޭގެ ކުލަބަކަށް ކުޅެވެން އަންނަނީ މާލޭގައި ހުރެވޭނެގޮތެއް ހަމަޖެހިގެން ކަމަށް ވީ އިރު އަތޮޅުތެރޭގެ އެތައް ހުނަރުވެރި ކުޅުންތެރިންނެއް މާލެ އައިސް ހުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.
އަތޮޅު ތެރޭގައި ވެސް ފުޓުބޯޅަ ގިނަ މުބާރާތްތަކެއް އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދެއެވެ. ރަށުގައި އޮންނަ ދެ ޓީމެއްގެ މެދުގައި ކޮންމެ ހުކުރު ދުވަހެއްގައި މެޗެއް ކުޅޭ ރަށްރަށް ވެސް ހުރެއެވެ. އަދި ދައުވަތު ދީގެން ކައިރި ރަށްރަށުގެ ޓީމުތައް ރަށަށް ގެނެސްގެން ވެސް މެޗުތައް ކުޅެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު ރަށްރަށުގެ ފުޓްބޯޅަ ދަނޑުތައް އޮންނަނީ ފުރިފައެވެ. މަޣުރިބަށް ބަންގި ގޮވަންދެން ކުޅެލާފަ އެނބުރިދަނީ ގެއަށެވެ. ހަމަ އެވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހަރަދުކޮށްގެން މާލޭގެ ކުލަބްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން ގެންދެއެވެ.
ދައްކަން އުޅޭ ވާހަކައިގެ ގޮތުން ބައެއް ކިޔުންތެރިން ފޫހިވެދާނެއެވެ. މާލެއާއި އަތޮޅުތެރޭގެ ތަފާތުތައް ކިޔައިދެނީ ކަމަށް ވެސް ހީވެދާނެއެވެ. އަދި، ދައްކަނީ ބޭކާރު ވާހަކައެއް ކަމަށްވެސް ގަބޫލުކުރެވިދާނެ އެވެ. އެހެންނަމަވެސް، ދައްކަމުން މިގެންދަނީ، ގައުމީ ފުޓްބޯޅައިގެ މައި އިދާރާގެ ވާހަކައެވެ. ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ބޮޑު ތިލަދުންމަތީގެ ރަށްރަށުގައި ފުޓްބޯޅަ ކުޅޭ ކުދިން އުޅޭކަން އެފްއޭއެމް އަށް ނޭގޭހެން ހީވާ ވާހަކަ އެވެ. ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް މާލޭގެ ސްކޫލުތަކުގެ ތުއްތު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ އުޞޫލުން އަތޮޅުތެރޭގައި ވެސް އެފަދަ ކަންކަން ކުރަން ބަޔަކު އުޅޭހެން ހީނުވާ ވާހަކަ އެވެ.
އެފްއޭއެމް އިން މާލޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތައް ރާވާ އިންތިޒާމުކުރުމުގެ އިތުރުން ގައުމީ ވިސްނުމެއްގައި ފުޓްބޯޅައިގެ ފޯރި އިތުރުކޮށް ފުޓްބޯޅަ ކުރިއަރުވަން މަސައްކަތެއް ނުކުރެވެއެވެ. އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކަކީ އެމުބާރާތްތައް ބޭއްވުމަށް ހަރަދު ހިނގާނެ މުބާރާތްތަކެކެވެ. އަތޮޅުތެރޭގެ ސްކޫލުކުދިންނަށް ފުޓްބޯޅަ ދަސްކޮށްދީ ފުޓްބޯޅައަށް އާ ކުދިން ވެއްދުމަކީ ވެސް ހަރަދު ހިނގާނެ ކަމެކެވެ. ހަރަދު ހިނގާނެތީ ނުކުރެވި ހުންނަ ކަންތައްތަކުގެ ލިސްޓު ވަރަށް ދިގުވާނެއެވެ. އެހެންނަމަވެސް އެ ހަރަދު ހޯދާނެ ގޮތެއް ނުނިންމޭ ނަމަ ނުވަތަ އެންމެ ކުޑަމިނުން އަތޮޅުތެރޭގައި އަމިއްލަ ޖަމިއްޔާތަކުން ނުވަތަ ރަށްރަށުގެ ކައުންސިލްތަކަށް އެފަދަ މުބާރާތްތައް ބޭއްވުމަށް ހިތްވަރު ދިނުމަކީ އެފްއޭއެމްގެ ބަޖެޓުން މާބޮޑު ހަަރަދެއް ހިނގާނެ ކަމެއް ނޫނެވެ.
އަތޮޅުތެރޭގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ބޭއްވިދާނެ މުބާރާތްތަކާއި، އެމުބާރާތްތައް އެފްއޭއެމް އިން ދަރަޖަ ކުރާނެ ގޮތެއް އެ އިދާރާއަށް ކަނޑައެޅިދާނެ އެވެ. އަތޮޅު ތެރޭގައި “ގެއްލިފައި ތިބި” ހުނަރުވެރި ކުޅުންތެރިންތައް ދަނޑުމައްޗަށް ނެރުމުގެ ވިސްނުމެއް ގެންގުޅެން ޖެހެއެވެ. އަމިއްލަ ފަރާތްތަކުން އަތޮޅުތެރޭގައި ވާދަވެރި މުބާރާތްތަކެއް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހެއެވެ. އެފްއޭއެމް ގެ ވިސްނުމަށް ގެންނަ ކުޑަ ބަދަލަކުން ވެސް އައްޑޫ އާއި ތިލަދުންމަތި ފަދަ ބޮޑެތި އާބާދީ ހިމެނޭ ސަރަހައްދުތަކުގައި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ދާނެއެވެ. އަދި ހަމަ އެހެންމެ ހުނަރުވެރި ޓީމުތަކެއް ވެސް ފެނިގެން ހިނގައި ދާނެއެވެ. މޮޅު ކުޅުންތެރިއެއް ކައިރީ ރަށުގައި ހުރެގެން ކުޅުމުގެ ބަދަލުގައި މާލެ އަށް ބަދަލުވުމުގެ ހިޔާލު ދިނުމުން ދިން ޖަވާބަކީ މިއީ އެވެ. “ފުޓްބޯޅަ ކުޅެން ބޭނުންވާ ކޮންމެ މީހަކު ބޮޑު ކުލި ދައްކަމުން، އަމާންކަން ގެއްލިފައިވާ މާލޭގައި އުޅެން ބޭނުންނުވެ ހިނގައިދާނެ ކަން އެފްއޭއެމް އަށް ވިސްނޭނެ ދުވަހެއް އަންނާނެ ކަމަށް އުއްމީދު ކުރަން” މިއެވެ.
ގުޅޭލިޔުން
ކުޅުދުއްފުށީގައި ކޮންމެ އަހަރަކު ވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމައިފި (09/04/2012)
ކުޅުދުއްފުށީ ޒުވާނުން ރަނގަޅު ފުޓުބޯޅަ ލީގެއްގެ އިންތިޒާރުގައި (07/04/2012)
ނޮޅިވަރަމް އާއި ކުޅުދުއްފުށީ ޒިގްޒެގް ކުޅުނު އެކުވެރިކަމުގެ މެޗު ޒިގްޒެގް ކާމިޔާބު ކޮށްފި (06/01/2012)