twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަންފަތުލާ މުދި

Jul 16, 2012

.

އާރޮން މެތިއުތީން

ވަކިރާގަކަށް، ދަމާލާފައި، “ކަންފަތުލާ މުދި” އޭ ބުނެފިނަމަ ހިނި އަންނާނެ މީހުން ބައިވަރެވެ. އެއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމެކެވެ. އެނަން ނިސްބަތްވަނީ ފްރާންސްގެ ޤައުމީ ޓީމުގެ ކުރީގެ ކީޕަރު “ފެބިއެން އެލެން ބާތޭޒް” އަށެވެ. ބާތޭޒްއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލުވެސް ބެލެހެއްޓި ކީޕަރެކެވެ. އިންޓަނޭޝަނަލް މީޑިޔާގައި ބާތޭޒްގެ ނަން ވިދާލީ ވޯލްޑް ކަޕް 1998 ގައެވެ. ދިވެހިން އޭނާއަށް ކަންފަތުލާ މުންޖޭ ކިޔަންފެށީވެސް އެދުވަސްވަރު އޭރުގެ ޓީވީއެމްއިން ބާޒޭތްގެ މަންޒަރަކަށް އަޑުއަޅައިގެން ދެއްކި ހިސާބުންނެވެ.

“ދަނޑުފޯރި” އަކީ ދިވެހިން މާބޮޑަށް ގަޔާވާ އެއްޗެއްކަމަށް ޓީވީއެމްގެ ޕްރެޒެންޓަރުން ފުޓްބޯޅަ ޝޯވ ތަކުގައި ބުނެއެވެ. ބޭރުގެ ޗެނަލްތަކުން މެޗުގެ މަންޒަރުތައް ބަލާފައި، އިންޓަވަލް ގަޑީގައި ދަނޑުފޯރި ބަލަން ޓީވީއެމްއަށް ޓިއުންކޮށްލާ ގެތައް ބައިވަރެވެ. ޢާންމުތަންތާނގައި ހުންނަ ބޮޑު-ސްކްރީން ތަކުންވެސް ހަދަނީ ހަމައެހެންނެވެ. ދިވެހިން މާބޮޑަށް ދަނޑުފޯރީގެ އަވާގައި ޖެހިގެން މިއުޅެނީ ކީއްވެތޯ އަބަދުވެސް އަޅުގަނޑު ހިތައްއަރައެވެ. އެހާބޮޑަށް ބޭރު ފުޓުބޯޅައިގެ ދަނޑުފޯރީގެ އަވާގައި ޖެހިގެން އުޅޭއިރުވެސް ދިވެހި ފުޓްބޯޅައިގެ “ދަނޑުފޯރި” އެއް ނޯވެއެވެ. އެއީ ކީއްވެތޯ ސުވާލުއުފެދެއެވެ. އަޝްފާޤު، އަލީ ޢުމަރު، އިމްރާނު، ފަދަ ކުޅުންތެރިންނާއި، ސުޒޭން ފަދަ ކޯޗުންގެ މަންޒަރުތަކަށް އަޑުއަޅައިގެން “ކަންފަތުލާމުދި” ކިޔަން ބިރުގަންނަނީތޯއެވެ؟ ނުވަތަ ދިވެހިންވީމާ “ކަންފަތުލާ މުދިތަކާއި ކިއްލިވިއްކުމުން” އިސްތިސްނާވަނީ ބާއެވެ.

ވިސްނާ ވަޑައިގެން ބައްލަވާށެވެ. ތިމާއަށް އެހެންމީހަކު ކުރަންނޭދޭ ކަންކަން ތިމާކުރަނީ ކީއްވެހެއްޔެވެ؟ ތިމާމެންގެ މީހުންގެ ކިބައިން ނުފެންނަ، ކުޅިވަރުގެ އަޚްލާޤު ފެންނަ ބައެއްގެ އަޑު ބަދަލުކޮށް، “ކިއްލި ވިއްކާ” ވާހަކަ އަބަދު ގޮވާއިރު އެކަމުގައި މަޖާވަނީ ކޮންކަމެއް ހެއްޔެވެ؟ އެއީ މަޖާކަމެއްގެ ގޮތުގައި ދެކެންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އިންސާނުންނަކީ އަޚްލާޤެއްގައި އުޅޭ ބައެކެވެ. އެއީ ކޮންމެ ދީނެއްގެ މީހެއްކަމުގައިވިޔަސްމެއެވެ.

ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަން އެމީހުންގެ މަންޒަރުތަކަށް އަޑުއެޅީމާ މަޖާވާންޖެހޭ ހަމައެއްވެސް ސަބަބެއް ނެތެވެ؟ ފަރުން ބޮލިހިލުމާއި، އެންވެރިކަމަށް ދިއުމާއި، “ގޯތި ގޯތީގެ ވާހަކަ” ދެއްކުމާއި، “ދެރަ” ބަސްތަކުން މުޚާތަބުކުރުމާއި މިއީ ކިހިނެތް ބަލައިގަންނާނެ އެއްޗެއްތޯއެވެ.

“ދަނޑުފޯރި” ނަމަކަށް އެކިޔާ ވީޑިޔޯ ކްލިޕްތައް މިފަހަރުގެ ޔޫރޯގައި ތިޔައިގެ ތެރެއިން އެތައް ބޭފުޅުންނެއް ބަލާފައިވާނެއެވެ. އެވީޑިޔޯތަކުން ލިބުނު ފިލާވަޅަކީ ކޮބައިތޯއެވެ. އެއިން ލިބުނު ރަނގަޅު މެސެޖަކީ ކޮބައިތޯއެވެ. ސިޓިންރޫމުގައި އޭތި ބަލާފައި ހޭއިރު، އެކުރެވެނީ އަޚްލާޤީ-ކުށެއްކަން ނޭނގޭތޯއެވެ. ބައެއް ވީޑިޔޯތައް ލަސްކޮށްގެންނާ އަވަސްކޮށްގެން، އަޑުބަދަލުުކޮށްގެންނާއި، އަޑުއަޅައިގެން، އަދި ފާޑުފާޑުގެ މިއުޒިކް އަޅައިގެން ގައުމީ ޓީވީއިން ދައްކަނީ ދިވެހިންގެ ވައްޓަފާޅިއާއި އުޅުމާއި، އަޚްލާޤަކީ އެބުނާ “ކަންފަތުލާ މުދީ”ގެ ބީދައިން އޮންނަ ކަމެއް ކަމުގައި ޤަބޫލުކުރައްވަނީތޯއެވެ.

ދަނޑުފޯރިއަކީ ވަކި އުމުރު ފުރައެއްގެ ކުދިން ބަލަން އޮންނަ އެއްޗެއް ކަމަށް ޓީވީން ނުބުނެއެވެ. ބައެއް ޕްރޮގްރާމް ފެށޭއިރު 18 އަހަރުން މައްޗަށް، 12 އަހަރުން މައްޗަށް، ބެލެނިވެރިޔަކާއެކު ބަލަން ކަމުދާ.. މިފަދަ ނިޝާންތައް ދައްކާއިރު، “ދަނޑުފޯރި” އަކީ ހަމަ ވަރަށް ބަރާބަރު، ހުރިހާ އުމުރުފުރާއަކަށްވެސް މައްސަލައެއް ނެތް އެއްޗެއްކަމަށް ގައުމީ ޓީވީއިން ބަލައިގަންނަނީތޯއެވެ. އެއީ ހަމަބުއްދި ނާންނަ ކުޑަކުއްޖަކު، އާދެ! އަޅުގަނޑުމެންގެ “ހިތްތަކުގެ މާމެލާމެލި.. ނިތްތަކުގެ ތާޖު” ކަމުގައިވާ ކުޑަކުދިން ބަލަން ހެޔޮވާވަރުގެ މެސެޖްތަކެއް ލިބޭ ޕްރޮގްރާމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. އޭގެއިން ލިބޭ މެސެޖްތައް އަމިއްލަފުޅަށް ބައްލަވާށެވެ. “ދަނޑުފޯރި” ސްޓައިލަށް ކޮންމެ ރާއްޖެއެއްގައި ޕްރޮގްރާމެއް ދެއްކިޔަސް އަޅުގަނޑު މިނޫންގޮތެއް ޤަބޫލުކުރާ ހިތެއް ނެތެވެ.

އަޅުގަނޑަށް މިހާރު ޤަބޫލުކުރެވޭ ކަމެއް އެބައޮތެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ މީހުންނަށް މަލާމާތްކުރުމާއި، މަލާމާތުގެ ތެރެއިން ހީ ފޯރިދިނުމާއި، މިކަހަލަ އިޖްތިމާޢީ ބޮޑެތި ބަލިތައް ޖެހިފައިވާ ބައެކެވެ. ޒުވާބުކުރުމަކީ ދިވެހިންގެ ކަށީގައި ހަރުލާފައިވާ ކަމެކެވެ. ދިވެއްސަކަށްވާނީ ރަނގަޅުފެންވަރެއްގައި ޒުވާބުކުރެވޭނަމައެވެ. ގަދަބަސްބުނެ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355