twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދަރިންގެ ޝަޚުޞިއްޔަތު ބިނާކުރުން: އެންމެންގެ ޒިންމާއެއް

Jul 23, 2012

.

އިބުރާހީމް މުޙައްމަދު ކޮންކޯޑް

މުޖުތަމަޢުގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާކަމުގެ ވާހަކަ ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އިވެމުން އެބަދެއެވެ. އިޖުތިމާޢީ ފޭރާން ވީދި، ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތައް ނެތިގެން ދާކަމުގެ ޝަކުވާ ތަކުރާރުކޮށް އަބަދުމެ އިވޭ ޝަކުވާއެއްކަމުގައި ވެއްޖެއެވެ. ދިވެހިންގެ ކިބައިގައި ޒަމާނުންސުރެއޮތް އިޖުތިމާޢީ ގުޅުން މިއަދު ތަދު ބޭހަކަށް ވެއްޖެއެވެ. ފަރުދީގޮތެއްގައި މުޖުތަމަޢުގެ ކަންކަމުގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރި ޒަމާން މާޒީ ކަމުގައިވެ ނިމިއްޖެއެވެ. ކުޑަކުދިން ހަމަމަގަށް އެޅުވުމާއި ރިވެތިގޮތް ބުނެދިނުމަކީ ތިމާގެދަރިއަށް ނުވާނަމަ ބޭކާރުކަމެއްކަމުގައި ގަބޫލުކުރާ ފަރުދުން ނުހަނު ގިނަވެއްޖެއެވެ. މުޖުތަމަޢު އިސްލާޙުކުރުމަށް ފައިސާ ޚަރަދުކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރާ ފައިސާވެރިން މަދުވެ، ބޭކާރު ކަންކަމާއި ކުޅިވަރާ މަޖަލަށް ފައިސާ ޚަރަދުކުރާ ފައިސާވެރިން ގިނަވެއްޖެއެވެ. ސުކޫލުގެ މަޤުޞަދަކީ ވަކި އިންސައްތައެއްގެ ދަރިވަރުން ފާސްކުރަން މަސައްކަތްކުރުން އެއީ ހަމައެކަނި މަޤުޞަދުކަމުގައި ވެނިމިއްޖެއެވެ. ޓީޗަރުންނަކީ ހަމައެކަނި ދަރިވަރުންގެ ފާސްވާ ނިސްބަތް އިތުރުކުރަން މަސައްކަތްކުރާ ބައެއްގެގޮތުގައި ވެއްޖެއެވެ.

ކަންމިހެން ހުރިއިރު، ސުކޫލުނިންމާފައި މުޖުތަމަޢަށް ނިކުންނަދަރިވަރުންނަކީ ރަގަޅު މުޖުތަމަޢެއް ބިނާކުރުމަށް އެކަށޭނަ ސިފަތަކެއްގެ ވެރިބައެއްތޯ ސުވާލު އުފެދެއެވެ. ސުކޫލުނިންމާ ދަރިވަރުންގެތެރެއިން އެހެންމީހުންނަށް އިތުބާރުހިފޭފަދަ ޒުވާނަކަށް ވަނީ ކިތައްއިންސަތަ ޒުވާނުންތޯއެވެ. އެހެންމީހުންނަށް އިޙްތިރާމްކުރާ އަދި އެހެންމީހުންގެ އިޙުތިރާމު ލިބިގެންވާ ޒުވާނުންކަމުގައި ވަނީ ކިތައް ޒުވާނުންތޯއެވެ. ކަންކަމާ ކުރިމަތިލާންކެރޭ ހިތްވަރުހުރި ޒުވާނުންތައް ކޮބައިތޯއެވެ. ކަންކަމުގައި ޒިންމާނަގަންކެރޭ ޒިންމާދާރު ކުދިން ނުފެންނަނީ ކީއްވެގެންތޯއެވެ. މުސްކުޅިންނަށާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އަޅާލުން މުހިއްމުކަމެއްކަމުގައި ދެކެނީ ކިތައް ޒުވާނުންތޯއެވެ. އިންސާފަށްލޯބިކުރާ އަމިއްލަނިންމުންތަކުގައިވެސް އިންސާފުކުރިއަށް ނެރެނީ ކިތައް ފަރުދުންތޯއެވެ. ޤައުމަށް ބޭނުންތެރި ފަރުދަކަށް ވުމަށް މަސައްކަތް ކުރަނީ ކިތައް ފަރުދުންތޯއެވެ. ގޭތެރޭގެ މާޙައުލުން ދަރިންނަށް ރަގަޅު ސިފަތަކެއް ދަސްކޮށްދިނުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ކުރަނީ ކިތައް މައިން ބަފައިންތޯއެވެ.

މި މުހިއްމު މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ގޭތެރޭގެ މާޙައުލުގެ ބައިވެރިން، އުގަންނައިދިނުމުގެ މަސައްކަތުގައި އުޅުއްވާފަރާތްތައް، އަދި މުޖުތަމަޢުގެ އެންމެހާ އަފުރާދުން ޝާމިލްވެއެވެ.

ފުރަތަމަ ދަރިންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް ގޭތެރޭގެ މާޙައުލު ބައްޓަން ކުރަންޖެހެއެވެ. ކުއްޖާގެ ފުރަތަމަ ސުކޫލަކީ ގޭތެރެއެވެ. ގޭތެރޭގެ މާޙައުލުން ތުއްތުކުއްޖެއްގެ ގޮތުގައި ހުރެ ކިތަންމެ ކަންތައްތަކެއް އޭނާ ދަސްކުރެއެވެ. ރަގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކެވެ. ކޮންމެ މަންމަޔަކާއި ބައްޕަޔަކުވެސް ތިމާގެ ދަރިޔަކީ ރަގަޅު ދަރިއެއްކަމުގައި ވުމަށް އެދޭނެއެވެ. ނަމަވެސް އަހަރެމެންގެ ޢަމަލުތައް މިގޮތަށް ބައްޓަން ކުރެވޭތޯއެވެ؟ ރަގަޅު ސިފަތަކެއްގެވެރި ދަރިންތަކެއް ތަރުބިއްޔަތުކުރުމަށް އެދޭނަމަ ވަރަށް ގިނަކަންތައްތަކެއް ގޭތެރެއިން، އާދެ ބެލެނިވެރިންގެ ފަރާތުން ރަގަޅުކުރަން އެބަޖެހެއެވެ. ބެލެނިވެރިންނަކީވެސް ރަގަޅު ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށްވާން އެބަޖެހެއެވެ. ދަރިންނަށް ރަގަޅުގޮތް ބުނެދިނުމާއިއެކު އެކަން ޢަމަލުން ދެއްކުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ދަރިން ބެލެނިވެރިންގެ މައްޗަށް ބަސްކިޔުމުގެ ބަދަލުގައި ދަރިންގެ މައްޗަށް ބެލެނިވެރިން ބަސްކިޔަން އެބަޖެހެއެވެ. މިސާލެއް ގެނެސްދެވޭތޯ ބަލާނަމެވެ.

މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި ފެތުރެމުން އަންނަ ހެދުންއެޅުމުގެ ނުރަގަޅު އާދައެކެވެ. އުނަގަޑަށްވުރެ ދޫ ފަޓުލޫނު ނުވަތަ ޖީންސް ލައިގެން އެތެރެއިން ލައިގެން ހުންނަ އެއްޗެއް ފެންނަގޮތަށް ހެދުން އަޅާއެޅުމެވެ. މި ގޮތަށް ހެދުންއަޅާ ކުދިންނަކީ އެކުދިން އަމިއްލައަށް އަންނުއުނު ގަނެވޭނެ ކުދިންނަށްނުވާއިރު، މިގޮތަށް މިކުދިން ހެދުންއަޅަނީ ކީއްވެކަމާއިމެދު ސުވާލުއުފެދެއެވެ. ބެލެނިވެރިން ދަރިންނަށް ހެދުން ގަނެދޭއިރު ހަށިގަޑަށް ހެޔޮވަރު ހެދުން ގަނެދިނުމެގެބާރު ބެލެނިވެރިންގެ ކިބައިގައި ބާއްވަން ޖެހެއެވެ. ނޫންނަމަ މިއަދުގެ ޒުވާނުންނަކީ ހެދުންއަޅަންވެސް ނޭގޭ ދުނިޔޭގެ “ތަހުޒީބު” މުޖުތަމަޢުތަކުންވެސް ޤަބޫލުނުކުރާ މިފަދަ އާދަ ނުވަތަ ސިފަތަކެއްގެ ވެރިބަޔަކަށްވެ ނިމުމަކީ ދުރުގައިވާނެ ކަމެއްނޫނެވެ.

ސުކޫލަކީ ދަރިވަރުންގެ ދެވަނަ ގެޔެވެ. ގޭތެރެއިން ދަސްކުރަންފެށި ކިތަންމެކަމެއްގެ ދަސްކުރުމުގެ މަރުޙަލާ ނިންމާލަނީ ސުކޫލުތެރެއިންނެވެ. ސުކޫލުގައި ދެވަނަ ބެލެނިވެރިންގެ ގޮތުގައި އެންމެ ގާތުން ޙަރަކާތްތެރިވާ ބަޔަކީ މުދައްރިސުންނެވެ. ކަންމިހެން ހުރިއިރު މުދައްރިސުންނަކީ ދަރިވަރުންގެ ޝަޚުޞިއްޔަތު ހަރުލެއްވުމުގައި އެންމެ މުހިންމު އެއްދައުރު އަދާކުރާ ފަރާތެވެ. އެހެންގޮތަކަށްބުނާނަމަ ޤައުމުގެ މުސްތަޤްބަލު ކަނޑައެޅުމުގެ ޙަޤީޤީ ބާރު އޮންނަ ހަމައެކަނި ފަރާތަކީ މުދައްރިސުންނެވެ. ނުވަތަ އުގަންނައިދިނުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކެވެ. އެހެންކަމުން ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް އެކަށޭނަ ޕުރޮގުރާމްތައް ސްކޫލުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގަންޖެހެއެވެ.

ސަރުކާރުންވެސް ސުކޫލުތައް މިންކުރާ މިންގަޑަކީ ހަމައެކަނި އޯލެވެލް އިމްތިޙާނުގައި ލިބޭ ނަތީޖާކަމުގައި ބެލުން ހުއްޓާލަންޖެހެއެވެ. ސުކޫލުތަކުންވެސް ނަތީޖާ ރަގަޅުކުރުމަށް އިސްކަންދޭފަދައިން ދަރިވަރުންގެ ކިބައިގައި ޤައުމީވަންތަކަން އުފެއްދުމާއި، އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ ރިވެތި ސިފަ އަށަގެންނެވުމާއި، ކަންކަމާއި ކުރިމަތިލާން ދަސްކޮށްދިނުންފަދަ ޝަޚުޞީ ސިފަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. މިކަންކުރުމަށް މުދައްރިސުންނަކީ ރަގަޅު ނަމޫނާ ދައްކާބަޔަކަށް ވާންޖެހެއެވެ. މަސައްކަތުގައި ބަހައްޓާ ޝައުޤުވެރިކަމާއި އިޚުލާސްތެރިކަން އިތުރުކުރުންޖެހެއެވެ. ތިމަންނަމެންގެ ޒިންމާއަކީ ޤައުމު ބިނާކުރުންކަމުގައި ދެކިގެން އުގަންނައިދިނުމުގެ މަސަކަތުގައި ދެމިތިބޭހާ ދުވަހަކު، މިޒިންމާ އޭގެ އެންމެ ފުރިހަމަގޮތުގައި ނަގަންޖެހެއެވެ. ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން، އެއްބަޔެއްކަމުގައި ދެކިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މުޖުތަމަޢަކީ އަޅުގަޑުމެން އެންމެން އުޅެބޮޑުވަމުންދާ މާޙައުލެވެ. އެމާޙައުލުގެ ކޮންމެ ފަރުދަކީ އެމީހެއްގެ ފަރުދީ ޒިންމާ ނަގާމީހަކަށް ވާންއެބަޖެހެއެވެ. ކޮންމެފަރުދަކީވެސް މުޖުތަމަޢުތެރޭގައި ހިންގާ ނޭދެވޭ ޢަމަލުތައް ކުއްވެރިކުރާ އަދި ރަގަޅު މަގު ދައްކައިދޭ ބަޔަކަށް ވާންޖެހެވެ. ކުޑަކުޑަ މިސާލެކެވެ. މިސްކިތަށް ނަމާދަށް އަރާ ކުޑަކުދިންގެ ކިބައިން މިސްކިތުގެ އަދަބުތަކާއި ނުގުޅޭ ކިތައްމެ ޢަމަލުތަކެއް ފެނެއެވެ. މިކަންކަން ރަނގަޅުކުރަން މިސްކިތަށްއަރާ ބޮޑެތިމީހުންގެ ތެރެއިން މިކުދިންނަށް ނަސޭހަތްތެރިވާތަން ފެންނަނީ ވަރަށްވެސް މަދުންނެވެ. އެފަދަ ޢަމަލުތައް ފެންނަ ކޮންމެ ވަގުތަކީ ފަރުދީފެންވަރެއްގައި ފިޔަވަޅު އަޅާ ވަގުތުތަކެއްކަމުގައި ވާންއެބަޖެހެއެވެ. ކޮންމެ ފަރުދަކީވެސް މިފަދަ ކަންކަމުގައި އަމިއްލަ ޒިންމާ ނަގާފަރާތަކަށް ވަމާހިނގާށެވެ.

މި މުޖުތަމަޢު ރިވެތި ސިފަތަކާއި އާދަތަކާއިއެކު ދެން އަންނަންއޮތް ޖީލަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ އަހުލުވެރިންގެ ޒިންމާއެކެވެ. މިއަދުގެ ކުޑަކުދިންގެ ކިބައިގައި ރިވެތި ސިފަތަކާއި އާދަތައް ހަރުލެއްވުމަކީ މިއަދުގެ ބޮޑެތިމީހުންގެ ޒިންމާއެކެވެ. އަހަރެމެން ކޮންމެމީހަކީ މިޒިންމާ ނަގާމީހަކަށް ވަމާހިނގާށެވެ. ފާގަތި މުސްތަގުބަލަކަށްޓަކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355