.
އާރުން މެތިއުތީން
މިނިވަންދުވަހަކީ އަޅުގަނޑުމެންގެ ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެދަށުން މިންޖުވި ދުވަހެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފަށް ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމަށް ޒިންދާބާދު މިކިޔަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން މިންޖުވެ އަމިއްލައަށް ހިމާޔަތް ހޯދަން ކަނޑައެޅި ކަނޑައެޅުމަށެވެ.
މިނިވަންކަމުގެ ހަޤީޤީ ރަހައެގޭނީ އަޅުވެތިވެފައިތިބި ބަޔަކަށްކަމަށް ބުނެއެވެ. އަދި މިނިވަންކަމުގެ އިދިކޮޅަކީ އަޅުވެތިކަން ކަމުގައި ބުނެވެއެވެ. މިނިވަންކަމުގެ އިދިކޮޅަކީ އަޅުވެތިކަން ކަމުގައިވާނަމަ ދިވެހިން މިނިވަންވާކަށް ނުޖެހެއެވެ. ދިވެހިން އޭރުތިބީ މިހާރުވެސް ހަމަ ތިބި ގޮތަށެވެ. އެހެންކަމުން މިނިވަންކަން ބޭނުންކުރެވޭ ގޮތަށާއި، އޭރު ރާއްޖޭގެ ޙާލަތަށް ބަލާއިރު އަދި ބަހުގެ އުޞްލޫބަށް ބަލާއިރު އެއީ މުޅިން ހަމަޖެހޭ ނަމެއްވެސް ނޫނެއެވެ. އެހެންކަމުން އަޅުގަނޑުވެސް ޖެހިލާނީ މިނިވަންދުވަހުގެ އަޞްލު މާނައަށް ނުގޮސް އެހެން ދިމާލަކަށެވެ.
މިނިވަންކަމުގެ ޙައްޤު
މިނިވަންކަމުގެ ލަފްޒީމާނައަށް ބަލާއިރު އެއީ ގައިދެއްނެތުން ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން އޭގެ އިޞްޠިލާޙަކަށްވާނީ ގައިދެއްނެތި ފުރިހަމަ އިޚްތިޔާރު އޮތުން ކަމަށް ނިންމިދާނެއެވެ. އެއީ ހައްޤުތައް ބަންދުވެފައި ހުރުމާއި، ބަންދެއްނެތި ޙައްޤުތައް ބޭނުންކުރުމުގައި އިޚްތިޔާރުތައް ހުރުން ކަމަށް ކަނޑައެޅިދާނެއެވެ. އެހެންކަމުން މިނިވަންކަމަކީ އަޅުވެތިކަމުގެ އިދިކޮޅަށްވާކަށް ލާޒިމެއްނޫނެވެ. ތަބީޢީ ނަޟަރަކުން ބަލާއިރު މިނިވަންކަމަކީ ފުރިހަމަ އިޚްތިޔާރު އޮތުމެވެ. އެހެންކަމުން އިޚްތިޔާރު އޮތުމަކީ ހުރިހާ ހައްޤުތަކާއިގުޅިފައިވާ ހައްޤެކެވެ. އެހެނީ އެއްވެސް ހައްޤެއް ބޭނުންކުރެވޭނީ، އަދި އެއިން އެމީހަކަށް ލިބެންޖެހޭ ފައިދާއެއް މަންފާއެއް ލިބޭނީ އެކަމެއްކުރުމުގެ މިނިވަންކަން ނުވަތަ އިޚްތިޔާރު އޮވެގެންނެވެ.
ދުނިޔޭގެ އެންމެ މިނިވަން ގައުމީ ދިވެހިރާއްޖެ؟
ފާއިތުވި އަހަރުތަކަށް ބަލާއިރު، ޚާއްޞަކޮށް 2008 ގެ އޯގަސްޓް މަހުން ފެށިގެން މިއަދާހަމައަށް ބަލާއިރު ދުނިޔޭގައި ފަރުދީ މިނިވަންކަން އެންމެ ބޮޑު ޤައުމަކީ ދިވެހިރާއްޖެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެއީ ދިރިއުޅުމުގެ އެންމެހައިކަންކަމާއި، ދައުލަތް ހިންގުމާއި، ބައިނަލް އަޤްވާމީ ގުޅުންތަކަށް ބަލާއިރުވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ބޮޑު ހަޤީޤަތެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާކަމަށް ބުނާ މުޖުތަމަޢުތަކަށްވުރެ މިދިވެހި މުޖުތަމަޢުގައި ހައްޤުތައް ލިބިދީފައިވާލެއް ބޮޑެވެ. އެކަމަކު އިލްތިޒާމްތައް ތަންފީޛުކުރުމާއި ހައްދުކަނޑައެޅުމުގައި ރާއްޖެވަނީ ބޮއްސުންލާފައެވެ. އެއީ ވާނެގޮތްވެސްމެއެވެ.
ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން
މަތީގައި ސުރުޚީއަށްބަލާއިރު އެއީ ރާއްޖޭގައި މިނިވަންކަން ހައްދުފަހަނަޅާފައިވާ ކަންކަމެވެ. އެންމެފުރަތަމަ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމަށްބަލާއިރު، ނޫސްތަކާއި ޓީވީތަކާއި ރޭޑިޔޯތައްފަދަ އެތައްބަޔަކަށް އެއްފަހަރާ މަޢުލޫމާތުދޭ ވަޞީލަތްތައްވަނީ އެތަންތަން ހިންގާމީހުންގެ ނުފޫޒުގެތެރެއަށްވަދެ ސިޔާސީ ކަސްތޮޅަކުން ބަނދެވިފައެވެ. އެއްވެސް އަޚްލާޤެއް ސުލޫކެއް، ހަމައެއްލަމައެއްނެތި ބޭނުން އެއްޗެއް ގެނެސްދެވެއެވެ. ޚާއްޞަކޮށް ސިޔާސީ ޚަބަރުތަކާއި، ރިޕޯޓްތަކާއި، މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، ނެތިމޮށުމާއި، އަބުރަށް އެރުމާއި، އަދި، މީހުންގެ އަގުވައްޓާލުން ހިމެނެއެވެ. ނޫސްތަކުގައި ވަކިއަތަށްޖެހި މުޅިގައުމު ކިލަނބުއެކުރަނީ އެމިނިވަންކަމުގައެވެ. ނަމަަވެސް މިއިން އެއްވެސް ފަރާތަކަށް ފިޔަވަޅުއަޅާނަމަ އެއީ މިނިވަން ނޫސްވެރިކަމަށް ހުރި ހުރަހެއްކަމުގައި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއި ސިޔާސީ ޕާޓީތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ބުނެއެވެ. އަދަބެއްދޭނަމަ އެއީ ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމަށް ހުރަސްއަޅާ ކަމެއްކަމުގައި ބުނެ އަޑުއުފުލައެވެ. އެފަދަ ކަންކަމުގައި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލުކުރެއެވެ. މިއީ މިނިވަންކަން ހައްދުފަހަޅާފައިވާ ދާއިރާއެކެވެ. އެއްވެސް ހައްދެއްނެތެވެ. ގަލަމަކީ މެޝިން ބަޑިއަށްވުރެ ގެއްލުންދޭ އެއްޗަކަށްމިވަނީ ވެފައެވެ. އެކަމަކު އެެވެސް މިނިވަން ނޫސްވެރިކެވެ. ބުނެވޭގޮތުގައި އެއީ ދައުލަތުގެ 4 ވަނަ ބާރެއެވެ.
ޓުވިޓަރ އާއިފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިޔާތަކަށް ބައްލަވާށެވެ. އެއީ އިންސާނުން އުޅޭތަންތަން ކަމުގައި ޤަބޫލުކުރެވޭ ހެއްޔެވެ؟ ކިތައް މީހުން މަރަށް އެބަ ގޮވާހެއްޔެވެ. ކަނޑައެޅިގެން ދީނުގެ އަޞްލުތަކާއި ޚިލާފަށް، އަދި ދިވެހިރައްޔިތުންގެ ސަލާމަތަށް ގެއްލުންވާގޮތަށް ގޮވެލިތައް ގޮވާހެއްޔެވެ؟ މީހުންގެ އަބުރަށްއަރައި ހަޑިހުތުރު އެއްޗެހި ކިޔަމުން ދާކަން އެނގޭ ހެއްޔެވެ؟ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިރަދަރަޖައިގެ މިނިވަންކަން އެބައޮތްހެއްޔެވެ؟
ދެވަނަ ކަމަކަށް އެއްވެއުޅުމުގެ މިނިވަންކަމުގެ ވާހަކައަށް ބަލާލަމާހެއްޔެވެ. ޤާނޫނުލް އުޤޫބާތުގައި ދައުލަތާދެކޮޅަށް އެއްވެއުޅުމަކީ އަދިވެސް ކުށެކެވެ. އެކަމަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ. އަދި ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީވެސް ކުށެއްކަމަށް ބުނެއެވެ. އެކަމަކު މިކަންކަމުގެ ދައުވާކުރެވެންނެތީ މިހާރުގެ ޤާނޫނުން އެހައްޤު ކަށަވަރުވެ، އެކަން މަަޙްދޫދުވާންޖެހޭނެ ގޮތް ބުނެދީފައިވާތީއެވެ. އެހެންކަމުން އެއްވެއުޅުމަކީ މިހާރު ޤާނޫނީގޮތުން ހުއްދަކަމެކެވެ. ރޯދައަށް ހުންނައިރު އަޅުކަންނުކޮށްފިނަމަ ރޯދަ މަކުރޫޙަވާފަދައިން އެހައްޤުބޭނުން ނުކޮށްފިނަމަ ޑިމޮކްރަސީ އުވިދާވަރުގެ ކަމެއްކަމަށް “ދިވެހިން” ގަބޫލުކުރެއެވެ. އެކަމަކު އެކަމުގައިވެސް އެއްވެސް ޙައްދެއްނެތެވެ.
ސަލާމަތީ ޚިދްމަތްތަކުގެ ތަންތަނުގެ ސަރަޙައްދުފިޔަވާ އެހެން ހުރިހާތަނެއްގައި މުޒާހަރާ ކުރެވެއެވެ. އަދި މުޒާހަރާގައި ބޭނުން ލަވައެއްކިޔައި، ބޭނުން ގޮތަކަށް ބެރުޖަހާލެވެއެވެ. ފުލުހުންނާއި ދިމާލަށް އެއްޗެހި އުކައި އެމީހުން ޒަޙަމްކޮށްލެވެއެވެ. އަދި މުޒާހަރާތަކުގައި ރައްޔިތުންނަށް ފުލުހުން ގަޞްދުގައި ހަމަލާވެސް ދެއެވެ. މުޒާހަރާކުރާކަށް ވަކިގަޑިއެއް، ވަކިގޮތެއް، ވަކި ބައެއްނެތެވެ. ހަމަ ދެތިން މީހަކު އެކައްޗެކޭ ކިޔާލާފައި ތިބެ ހަޅޭލަވަންވީއެވެ. މިކަންކަމަށް ބަލާއިރުވެސް ހައްދެއްނެތެވެ. މިނިވަންކަން މިއޮއްގެން މުޅިގައުމު ހިފަނީއެވެ. އަޖާބުވާކަމަކީ ހަމައެކުގެވެސް ޛިއްމާއެއް އޮތްކަން ނޭނގޭތީއެވެ.
ވިޔަފާރިކުރުމާއި، ވިޔަފާރިކުރުމަށްޓަކައި ކުންފުނިހެދުމާއި، މުދާހޯދުމާއި ލިބިގަތުމާއި، އެއިން ތަޞައްރުފުކުރުމާއި، މުދާވާރުތަކުރުމާއި، ދަތުރުފަތުރުކުރުމުގައި މިނިވަންކަން އެބައޮތެވެ. އެހެންގޮތަކަށް ބުނާނަމަ އެހުރިހާ ހައްޤެއް އެހުރީ ލިބިދީފައެވެ. އެއިޚްތިޔާރު ހުއްޓިފައިހުރީ އެކަން ބޭނުންވާ މީހަކާ ހިސާބުގައެވެ. އެވެސް އޭގެ އެންމެ ފުރިހަމަގޮތުގައި އެއްވެސް ހިފެހެއްޓުމެއް ގައިދެއް ނެތިއެވެ.
ދުނިޔޭގެ އެެއްވެސް ގައުމެއްގެ ރައްޔިތަކަށް މިފަދަ މިނިވަންކަމަކާއެކު މިނިވަންދުވަހެއް ފާހަގަކޮށްލެވޭނެ ހެނެއް ހިޔެއްނުވެއެވެ. މިފަދައިން އަބަދު ބޮލުގައި ހެލްމެޓްއަޅައިގެން ތިބެންޖެހޭ ގައުމެއްވެސް އެހެންތަނެއްގައި ނެތްހެންވެސް ހީވެއެވެ. އެކަމަކު ޒަމާނީ ޑިމޮކްރަސީ މާނަކުރަނީ ހަމައެކަނި މިނިވަންކަން ފެންނަގޮތަށެވެ. އިޚްތިޔާރު ލިބޭގޮތަށެވެ. ޛިއްމާއެއް އޮވެ އަނެކާގެ ހައްޤަށް ބެލުމެއްނެތިއެވެ.
“މިނިވަންދުވަހުގެ ތަޙްނިޔާ އަރިސްކުރަމެވެ”.