twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – އިންތިޒާރުގެ ނިމުން

Aug 17, 2012

.

ސާޖިދާ މުޙައްމަދު

ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު ނޭނގޭ ކަހަލަ އިޙްސާސްތަކެއް އީޝަލްގެ ހިތަށް ވެރިވެގެން ދިޔައެވެ. މާޒީގެ ހަނދާންތަކުން ހިތަށް ދިރުން ގެނެސްދެމުން ދިޔައެވެ. ގޮނޑުދޮށުގައި އީޝަލްގެ އިންތިޒާރުގައި ހުރި ބޭބެ ފެނުމާއެކު އުފަލުން ހިތް ފޮޅިގެން ދިޔައެވެ. ދުވެފައި ގޮސް އީޝަލް ބޭބެ ގެ ގައިގައި ބައްދާލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކަޅި އަތިރިމަތީގެ އެކި ދިމަދިމާއަށް އަމާޒު ކުރަން ފެށިއެވެ. ނަމަވެސް އެއްވެސް ތަނަކުން ނިހާގެ ހިލަމެއް ނުވެއެވެ. ނިހާ ކޮބައިބާވައޭ އީޝަލްގެ ހިތަށް އެރިއެވެ.

ބޭބެއާއެކު ރަށުގެ ބޮޑުމަގުން ގެއަށް ދިއުމަށްޓަކައި އީޝަލް ހިނގައިގަތެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަމުންދިޔަ ތަރައްޤީއަށް އޭނާ ހިތާހިތުން ތަޢުރީފު ކުރަމުން ދިޔައެވެ. ރަށުގެ ކޮންމެ މީހަކުވެސް އޭނާއަށް ބަލާލަނީ ހައިރާންކަމާއި އުފަލުން ފުރިގެންވާ ނަޒަރަކުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އީޝަލް އަކަށް ފާހަގަ ކުރެވޭ ހެނެއް ހިޔެއްނުވެއެވެ. އޭނާގެ ޚިޔާލްތައް ވަނީ ނިހާއާއެކުގައެވެ. ނިހާ ހުންނާނީ ކިހިނެތް ބާއެވެ؟ ނިހާ އަށް އީޝަލް ވަކިކުރަން އެނގޭނެ ބާއެވެ؟ މިފަދަ އެތައް ޚިޔާލު ތަކަކުން އޭނާގެ ހިތުގައި ވިކަމުން ދިޔައެވެ.

މާޒީގެ ތެރެއިން އީޝަލްއަށް ނިހާގެ ސޫރަ ސިފަވަމުން ދިޔައެވެ. ފަން އިސްތަށިގަނޑަކާއި ބޮޑު ކަޅުދެލޮލެވެ. ފިނިފެންމާ ކުލަ އަރާ ތުންފަތަކާއި މުތްތަކެއްފަދަ ދަތްތަކެކެވެ. ދޮންކުލަ އަރާ އޮމާން ހަންގަނޑެކެވެ. އީޝަލް އަށް އޭނާ ފުރަންއޮތް ދުވަހު ނިހާ ދެއްކި ވާހަކަތައް ހަނދާން ވިއެވެ.

“އީޝަލް އެވެ. މޮޅަށް ކިޔަވާށެވެ. ތިޔަ ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާގެ މަޤާމް އީޝަލް އަށް އިރާދަ ކުރެއްވިއްޔާ ލިބޭނެއެވެ. އެދުވަހުން އަހަރެން ވަރަށް އުފާވާނެއެވެ. އަހަރެންނަށް ވެގެންވާނަމަ އެދުވަހަކުން އީޝަލްގެ ހިތަށް ވެސް ނާރާފަދަ ސަޕްރައިޒެއް ދޭނަމެވެ. އިންތިޒާރު ކުރާށެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއެވެ.” ނިހާ އެދުވަހު ދެއްކި ވާހަކަތައް އީޝަލްގެ ހިތުގައި ތަކުރާރުވަމުން ދިޔައެވެ.

“އާނއެކެވެ. ނިހާވެސް އަހަރެން ދެކެ ލޯބިވެއެވެ. އޭނާ ދޭން އެއުޅޭ ސަޕްރައިޒަކީ އެއީ އެވެ.” އީޝަލް އަށް ހިތާހިތުން ބުނެލެވުނެވެ.

މަގަކަށްފަހު މަގެއް ހުރަސްކުރަމުން ގޮސް އެންމެ ފަހުން ގެޔަށް ދެވިއްޖެ އެވެ. ގޭތެރެއަށް ވަދެ ބޭބެ ގޮވާލިއެވެ.

“ނިހާ. އާދެބަލަ! މިހިރީ ކާކު އައިސްކަން އެނގޭތަ؟” ބޭބެ ގޮވާލިއެވެ.

“ނިހާ.” އީޝަލް އަށް މަޑުމަޑުން އެނަން ކިޔާލެވުނެވެ.

އޭނާގެ އިންތިޒާރުގައި ނިހާ އެގޭގައި ހުންނާނެކަމަށް އީޝަލް ހިތަށް ވެސް ނާރައެވެ. އޭނާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ.

އެތަށް އަހަރު ތަކަކަށްފަހު އީޝަލްއަށް އަނެއްކާ ވެސް ނިހާ ފެންނަނީ އެވެ. އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. ކުރިމަތީގައި ހުރި ދޮރުގައި މީހަކު ހިފިހެން ހީވެގެން އީޝަލް އެދިމާއަށް ބަލާލިއެވެ. ކުޑަކުއްޖަކު އުރާލައިގެން އެދޮރުން ނުކުމެގެން އަންނާތީ ފެނުނީ ނިހާ އެވެ. އެ ކުއްޖަކަށްޓަކައި އީޝަލްގެ މުޅިދިރިއުޅުން ދުއްވާލުމަށްވެސް ތައްޔާރަށް ހުރި ކުއްޖާއެވެ.

“ނިހާ. ބޭބެ ކޮޓަރީގަ! މީ ކޮންކުއްޖެއް.” އީޝަލް އަށް އެހެން ބުނެވުނު އިރު ބޭބެ ކައިރީގައި ހުރިކަމެއް އޭނާ ހަނދާނެއް ނެތެވެ.

“ވަރަށް ހައިރާން ވެއްޖެދޯ. ބޭބެ ހީކުރިގޮތަށް ހަމަ މިވީ. ހަމަ ރަނގަޅަށް ވެސް މިކަން ކޮއްކޮ އަށް ސަޕްރައިޒް އަކަށް ވެއްޖެ. މިއީ ބޭބެގެ އަންހެނުން. ފާތުމަތު ނިހާ. ކޮއްކޮއަށް ވެސް ނިހާ ވަރަށް ރަނގަޅަށް އެނގޭނެ. ދެން މިއީ ބޭބެގެ ދަރިފުޅު ނިހާން.” ބޭބެ ގެ އަންހެނުންނާއި ދަރިފުޅު ތައާރަފް ކޮށްދިނެވެ.

“ބޭބެގެ އަންހެނުންނޭ! ދަރިފުޅޭ؟” އީޝަލް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އޭނާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރާލިހެންނެވެ. ދެލޯ ފުރިގެންއައެވެ. ނަމަވެސް އޭނާ ވަރަށް އަވަހަށް ނަފްސު ކޮންޓްރޯލް ކޮށްލިއެވެ. އަދި ބޭބެމެންނަށް މަރުހަބާ ކިއެވެ. އީޝަލްގެ ހިތް ހިތާމައިން ގިސްލަމުން ދިޔައެވެ. އަދި އޭނާގެ ހިތްވަރު ދޫވާހެން ހީވުމުން ފެންވަރަން ދަނީ ކަމަށް ބުނެ އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.

ކޮޓަރީގެ ހަތަރު ފާރުން އެތެރެ ވުމާއެކު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯރެއްގެ ސިފައިގައި އޮހިގެންދިޔައެވެ. އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. ހިތާހިތުން އަމިއްލަ ބަދުނަސީބާއި މެދު ޝަކުވާކުރެވުނެވެ. ނަމަވެސް އެއަޑުތައް ކޮޓަރީގެ ހަތަރުފާރު ތެރެއިން ފަނޑުވެގެން ދިޔައީއެވެ. އީޝަލް އަށް އޭނާގެ ހަށިގަނޑު ކޮއްޅަށް ހިފަހައްޓައެއް ނުލެވުނެވެ. އެއްވެސް އިޚްތިޔާރެއް ނެތި މުށިގަނޑު މަތީގައި އިށީނދެވުނެވެ. އަދި އޭނާގެ ޖީބުގައި އޮތް އަނގޮޓިނަގައި މޭގައި ޖައްސާލިއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތަކުގެ ތެރެއިން އޭގައި ލިޔެފައިވާ “އެން” އަކުރަށް ބަލާލިއެވެ.

އީޝަލް އޭނާގެ ހިތުގައިވާ ހިތްދަތި ޝުއޫރުތައް ކޮޓަރިތެރެއަށް ބަންޑުން ކުރަމުން ދިޔައެވެ. ނަމަވެސް އެއަޑުތައް އަހައި އޭނާއަށް ހިތްވަރު ދޭނީ ކާކު ހެއްޔެވެ؟ އީޝަލް އަށް ނުވަ އަހަރުން ފެށިގެން އަޅާލައި ލޯބިދީހެދި ބޭބެއަށް ވެސް އޭނާގެ އިހްސާސްތައް ދެނެ ނުގަނެވުނެވެ. އެންމެ ކުޑައިރުއްސުރެ އެންމެ އެކުވެރިއެއްގެ ގޮތުގައި ވި ނުހާ ވެސް އޭނާގެ އިހުސާސްތައް ކަފުންކޮށް ވަޅުލީއެވެ. އެހެން ނޫންނަމަ އޭނާ އެންމެ ލޯބިވި އަންހެން ކުއްޖާ އޭނާގެ ފަހަރިއެއް ކަމުގައި ވީސްހެއްޔެވެ؟ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ އޭނާއަށް އެލިބެނީ ކޮން ކުށެއްގެ ސަޒާ ހެއްޔެވެ. ނިހާ އޭނާއަށް ދޭންބުނި ސަޕްރައިޒަކީ އެއީ ހެއްޔެވެ؟ އީޝަލްގެ ހިތާއި ސިކުނޑީގައިވާ ދެބަސްވުންތަކުން އޭނާގެ ލޯ ކަރުނައިން ތެންމަމުން ދިޔައެވެ. އަމިއްލަ ހާލަތާމެދު ވިސްނާ އޭނާގެ ސިކުނޑި ސުމަކަށްދާން ކައިރިވެއްޖެއެވެ.

އީޝަލްގެ ހިތަށް އެރިއެވެ. ބޭބެގާތު އެވާހަކަތައް ބުނާނީ ހެއްޔެވެ؟ ނަމަވެސް އޭރުން ބޭބެއަށް ކުރާނެ އަސަރު އޭނާއަށް އިހުސާސް ކުރެވެއެވެ. ކޮންމެ ގޮތެއް ވިޔަސް އީޝަލް މީހަކަށް ހަދައިދިނީ ބޭބެ އެވެ. އޭނާގެ ރެޔާ ދުވާލުގެ މަސައްކަތް އީޝަލް އަށްޓަކައި ހޭދަ ކުރިއެވެ. އީޝަލް އަށް ސްކޮލަޝިޕް ލިބުނީވެސް ބޭބެ ގެ މިންނެތް މަސައްކަތާއި ދުޢާއިން ކަމުގައި އޭނާ ދެކެއެވެ. އެބޭބެ އަށްޓަކައި އީޝަލް އޭނާގެ ލޯބި ގުރުބާން ކޮށްފާނެ ހެއްޔެވެ؟ އީޝަލް އަށް ނިހާ ދެކެ ލޯބި ވެވުނު އިރު އެއީ ހަމަ ގައިމުވެސް އޭނާގެ ފަހަރިއެއް ނޫނެވެ. ނަމަވެސް ފަރުދާގެ އަނެއް ފުށެއް އެއްވެސް މީހަކަށް ނުފެންނާނެތާއެވެ. އެހެން ނަމަ އޭނާ ނިހާ ދެކެ ލޯބި ނުވީސްކަން ގައިމެވެ.

އެތައް އިރަކު ވިސްނުމަށްފަހު އޭނާ ގޮތެއް ނިންމިއެވެ. މުޅި އުމުރަށެވެ. ހިތާ ދެކޮޅަށް ނަމަވެސް މެއެވެ. އީޝަލް އޭނާގެ ލޯބި އަދި ދިރިއުޅުން ވެސް ބޭބެއަށްޓަކައި ގުރުބާން ކުރާށެވެ. އެވަރުން ވެސް ބޭބެ އޭނާއަށްޓަކައި އުފުލި ބުރަ ވަޒަން ނުކުރެވޭނެކަން އޭނާ ދެކެއެވެ. އީޝަލް މާލެ ބަދަލުވާން ނިންމިއެވެ. މުޅި އުމުރަށެވެ. ހަޔާތުގެ އާސަފްހާއެއް ނިހާއާ ނުލާ ފެށޭތޯއެވެ. ނިހާގެ ހަނދާންތަކުން ދުރުވެވޭނެ އެންމެ ރަނގަޅު ގޮތަކީ އެއީކަމުގައި އީޝަލް ދެކުނެވެ. އޭނާގެ އިންތިޒާރުގެ ނިމުން ކިތަންމެ ހިތިވިޔަސް ދެން އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓާނެއެވެ. ނަމަވެސް ކޮންމެ އިންތިޒާރަކީ ހިތި އެއްޗެއް ކަމުގައި ދެކޭކަށް އޭނާ ހިތެއް އެއްބަހެއް ނުވިއެވެ.

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސާޖިދާ މުޙައްމަދު، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355