twitterviber whatsapp telegramfacebookyoutube instagram
4th December 2024

ވާހަކަ – މޮޔަ ހިތް މަގޭ (18)

Aug 18, 2012

.

މަރިޔަމް ޔަސްމާ 

އޯގަސްޓް 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ކޮޓަރިއަށްވަދެ ދޮރުލައްޕާފައި މިސްކު ލައިޓް ޖައްސާލިއެވެ. ފާޚާނާއާއި ދިމާއަށް ދަމުން ލައިގެންހުރި ޓީޝާޓު ބާލާފައި އެނދާއި ދިމާއަށް ހޫރާލަން އުޅުނުވަގުތު އޭނާ ސިހިއްޖެއެވެ. ބައިންދާފައި އިން ބުދެއްހެން އިސްޖަހާލައިގެން އެއިނީ ޒާނައެވެ. ބުނާނެ އެއްޗެއްވެސް މިސްކުގެ ދުލަކަށްނައެވެ. ކުރިއަށް ދެފިޔަވަޅެއް އަޅާފައިވެސް އޭނާ ހުއްޓުނީއެވެ. މިސްކު ބަލަހައްޓައިގެން ހުއްޓެވެ. ކުޑަދޮރުން ވަންނަމުންދިޔަ ބާރުވައިރޯޅިތައް ޒާނަގެ ވިހުރުވާލެވިފައިވާ ފަންއިސްތަށިގަނޑު ދެފަރާތަށް އުދުއްސަމުން ދިޔައިރު އެރީތި މޫނުގެ ކުލަވަނީ ފަނޑުވެފައެވެ. ޒާނަ އެހެން އިންނަތާ ވީކިހާއިރެއްކަމެއްވެސް ނޭނގެއެވެ.

“ޒާނަ ދޭ ކޮޓަރިއަށް. އަހަރެން ނިދަންވެއްޖެ.” މިސްކުއަށް ދައްކާނެ ވާހަކައެއް ނޭނގިގެން ބުނެލިއެވެ.

ފާޚާނާއަށް ވަދެ ދޮރުލައްޕާލުމަށްފަހު އޭނާ މޫނުދޮންނަ ތަށީގައި ދެއަތްވިއްދާލައިގެން ލޯގަނޑަށް ބަލަންހުއްޓެވެ. ޒާނަ އެހާ ދެރަވެފައި އިންދާ ފެނުނު ފުރަތަމަ ފަހަރެވެ. މިސްކުގެ ހިތަށްކުރީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. މާގިނައިރު އެމޫނަށް ބަލަންވެއްޖެއްޔާ މިސްކުގެ އަމިއްލަ ނަފްސް ކޮންޓްރޯލުން ނެއްޓިދާނެތީ ބިރުހީވެއެވެ.

އެތައްވީއިރުވެސް ޒާނަ ނިކުތްއަޑު ނީވުމުން މިސްކު ފެންވަރަންފެށިއެވެ. އުންމީދުކޮށްގެން ހުރީ ފެންވަރާނިމޭއިރަށް ޒާނަ ހިނގައިދާނެ ކަމަށެވެ. އެކަމަކު އެހެނެއްނުވިއެވެ. މިސްކު ނިކުތްއިރުވެސް ޒާނަ އެއިންގޮތަށް އެނދުގައި އިނެވެ. މިސްކުއަށް ހަދާނެގޮތް ހުސްވިއެވެ. ރާކިންއަށް ހޭލެވިގެން ޒާނަ ހޯދަމުން އެކޮޓަރިއާއި ހަމައަށް އަތުވެއްޖެއްޔާ ދެން ވާނީ ކިހިނެތްހެއްޔެވެ؟

“ޒާނަ ޕްލީޒް! މިތަނުން ދޭ.” މިސްކު ތަކުރާރުކޮށްލިއެވެ. އޭނާ ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ފުރަގަސްދީގެން ހުރިއިރު ރީތިކޮށް ޒާނަ ފެންނަންއިނެވެ. މިސްކު ބަލަހައްޓައިގެން އިނެވެ. އެކަމަކު މިފަހަރުވެސް ޒާނަގެ ފަރާތުން އެއްވެސް އިޖާބައެއް ނުލިބުނެވެ.

“އޯހ ގޯޑް. އަހަރެން ކިހިނެތް ހަދަންވީ؟ ޒާނަ ބުނެބަލަ އަހަރެން ހަދަންވީގޮތެއް؟ އަތުގައި ހިފައިގެން ގަދަކަމުން ނެރެންވީތަ މިތަނުން؟” ބޮލުގެ އިސްތަށިގަނޑަށް ދެއަތް މަހާލުމަށްފަހު ތިރިކޮށްލާފައި މިސްކު ޒާނައާއި ކުރިމަތިލިއެވެ. ޒާނަ ހަރަކާތްކުރީ ދެނެވެ. މިސްކު ބަލަންހުއްޓާ ދެއަތްތިލައިން މޫނު ފޮރުވާލިއެވެ. އަދި ޅަކުއްޖެއްހެން އަޑުވީއްލައި ރޮއިގަތެވެ.

“ނޯ.ނޯ.ނޯ. ޕްލީޒް ޑޯންޓް ކްރައި.” މިސްކުއަށް ހީވީ ހަތަރުއުދަރެސް ފެނުޖެހުނު ހެންނެވެ. ޒާނަ ހުއްޓުވަންވެގެން ކައިރިއަށް ޖެހިލާފައިވެސް އޭނާގެ ގައިގައި އަތްލަން ނުކެރިގެން އަނެއްކާ ފަހަތަށް ޖެހިލެވުނެވެ. ތަކުރާރުކޮށް އެތަކެއްފަހަރު އާދޭސްކޮށްވެސް ޒާނަގެ ރުއިމަކަށް ބަދަލެއްނައެވެ.

ބޯހާސްވެގެން މިސްކުއަށް ދެކޮޅަށް ހިނގަންފެށުނެވެ. މޫނުގައި އަތް ހާކާލެވުނީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. އޭނާއަށް އެނގެއެވެ. ޒާނަގެ ރުއިމުގެ އަޑު ބޭރުތެރެއިން މީހަކަށް އިވޭނެ ވަގުތަކީ އެގޭގައި ތުފާނެއް އުފެދިގެންދާނެ ވަގުތެކެވެ.

“ކަމްއޯން ޒާނަ. ތީ ނުވިސްނޭވަރު ކުޑަކުއްޖެއްވެސް ނޫނެއްނު. ނުވާނެ ތިގޮތަށް ރޯކަށް. ތިއަޑު މީހަކަށް އިވިއްޖެއްޔާ ދުވަސްދިޔައީ. ހެޔޮނުވާނެ ހުއްޓާލާ!” މިސްކު ހުއްޓިފައި އަނެއްކާވެސް ޒާނައަށް ބަލައިލިއެވެ.

ޒާނަގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައީ މިސްކު އެހެން ބުނުމުންނެވެ. ކަންބޮޑުވެގެން މިސްކު އެއްފަހަރު ކޮޓަރީގެ ދޮރާއި ދިމާއަށް އަނެއްފަހަރު ޒާނައަށް ބަލާލިއެވެ. އަނެއްކާވެސް ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހާލައިގެން އިރުކޮޅަކު ހުއްޓެވެ. ބޭރުން މީހެއްގެ ހިލަންވީ އެވަގުތުއެވެ. ކޮންމެވެސް ތަނެއްގެ ދޮރުލައްޕާލި އަޑާއެކު މިސްކުގެ ސިކުނޑި ހަރަކާތްކުރުން ހުއްޓާލިކަހަލައެވެ. ބިރެއްފެނިގެން އުޅުނު މީހެއްހެން ލޯބޮޑުކޮށްފައި އޭނާ ބަލާލީ އަނެއްކާވެސް ކޮޓަރީގެ ދޮރާއި ދިމާއަށެވެ. އަދި ބަލާކަށްނުހުރެ ބާރުބާރަށް އައިސް އެނދުގައި އިށީންދެފައި ޒާނަގެ މޫނުގައި ދެއަތުންހިފާ ގެނެސް އެތުންފަތުގައި ބޮސްދޭން ފަށައިފިއެވެ. ވަގުތުން ޒާނަގެ ރުއިމުގެ އަޑު މެދުކެނޑިގެން ދިޔައެވެ. އެކަމަކު މިސްކުއަށް އެކަން އިހްސާސްވިހެނެއް ހިއެއްނުވެއެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް އޭނާއަށް އެނގުނީ ނޭވާކޮޅަށް ދިޔަފަހުންނެވެ. މިސްކު ކުއްލިއަކަށް ހުއްޓާލިއެވެ. އަދި އަވަސްއަވަހަށް ފުންމައިގެން ތެދުވެފައި ޒާނައަށް ފުރަގަސްދީގެން ދުރަށްދާން ހިނގައިގަތެވެ.

“ކީއްވެ؟” އެވަގުތު ޒާނަގެ އަޑު އިވިގެން ދިޔައެވެ. މިސްކު ހުއްޓުނެވެ. އެކަމަކު ފަސްއެނބުރި ބަލާލާނެ ހިތްވަރެއް ނުލިބުނެވެ.

“އަހަރެން ދެކެ ލައިކްވެއޭ ބުނެފަ އެހެންކުއްޖަކާއި ރައްޓެހިވީ ކީއްވެ؟” ޒާނަ އިތުރުކޮށްލިއެވެ. ރުއިން މެދުކެނޑިފައިވީ ނަމަވެސް އޭނާގެ އަޑުގައި ތުރުތުރެއް ވިއެވެ.

“ޒާނައަށް އެނގެއެއްނު އެއީ ކީއްވެކަން. ލައިކްވިއަސް ލިބެންނެތް މީހަކަށްޓަކައި އުމުރުދުވަހު އިންތިޒާރުކުރާނީ ކިހިނެތް؟” މިސްކުވެސް ކޮށްލީ ސުވާލެކެވެ. އެކަމަކު ޒާނައަށް އޭނާގެ ޖަވާބު ލިބުނެވެ.

“އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ސުވާލުކޮށްލިނަމަ. އަހަރެންދައްކާ ވާހަކަ އަޑުއަހާނެނަމަ…” ޒާނަދައްކަމުން ދިޔަ ވާހަކަ ފުރިހަމައެއްނުވިއެވެ. މިސްކު ވާހަކަދެއްކީ ޖުމްލަ މެދުކަނޑާލާފައެވެ.

“އިތުރަށް ދެން ދައްކާނެ ވާހަކައެއް އެބައޮތްތަ މީގަ؟ އެހެންނޫނަސް އަހަރެން ކިހިނެތް ޤަބޫލުކުރާނީ؟ ފުރަތަމައިނުންވެސް ޒާނަ ތިވަނީ އަހަރެންނަށް އޮޅުވާލާފަ. އެންމެ ފުރަތަމަ ކަމަކީ މެރީކޮށްގެން އުޅޭކަން ސިއްރުކުރިކަން. ތީ ރާކިންގެ ވައިފްކަން އެނގުނުނަމަ އެދުވަހު އަހަރެންނަށްވެސް ގޯހެއް ނުހެދުނީސް. އެހެންނޫންނަމަ މިއަދު މިހާ ދެރަވާކަށް ނުޖެހުނީސް.” މިސްކު ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ދެއްކިވާހަކަތަކުން ޒާނައަށް އިސްޖެހުނެވެ.

“މިސްކުއަށް ހީވަނީ ކިހިނެތް؟ އަހަރެންނަކީ ބޭވަފާތެރިއެއްކަމަށްތަ؟ އެހެންމީހެއްގެ އަންބެއްގެ ގޮތުގައި ހުރެ ހިލޭފިރިހެނަކާއި ގުޅުން ބޭއްވުމަކީ އަހަރެންގެ ނަޒަރުގައި ކުޑަކަމެއް ކަމަށްތަ؟ ހަމައެންމެ ފަހަރަކު އަހަރެން ބޭނުންވާ ގޮތް ހާމަކުރުމުގެ ޗާންސް ދީބަލަ. އަހަރެން މިއަދު ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން. އަހަރެންނާއި ރާކިންގެ ކައިވެނީގެ ހުރިހާ ސިއްރެއްވެސް.” ޒާނަގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަންފެށިއެވެ.

“ނޭނގެ. އަހަރެންނަކަށް. ނޭނގެ ޤަބޫލުކުރާނެ އެއްޗެއް. ލޮލަށް ފެންނަ މަންޒަރުތަކަށް ވެސް އިތުބާރު ގެއްލިއްޖެ.” މިސްކު އަނެއްކާވެސް ޒާނަގެ ވާހަކަ މެދުކަނޑާލާފައި އޭނާގެ ހިތުގައި އޮތް ގޮތަށް ހާމަކޮށްލިއެވެ.

“އަހަރެން ޤަބޫލުކުރަން އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. އެންމެ ދެރަވަނީ މިސްކުއަށް އޮޅުވާލެވުނީމަ. އެން އައިމް ސޮރީ. އެކަމަކު ބިލީވް މީ! އަހަރެންގެ ހިތުގައި މިސްކު އާމެދު މިވަނީ އެއްވެސް އޮޅުވާލުމެއްނެތް ތެދުވެރި އިހްސާސްތަކެއް. އަދި އަހަރެން ރާކިންއާ ކައިވެނިކޮށްގެން އުޅުނެއްކަމަކު އޭނައާމެދު ދުވަހަކުވެސް ފިރިއެއްގެ ނަޒަރުން ދެކެވިފައެއްނެތް.” ޒާނަ މިސްކުގެ ކައިރިއަށް ދިއުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ހުއްޓާލާ ޒާނަ. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ބަލަ ރާކިން އެއީ ޒާނަގެ ފިރިމީހާއޭ. މިއަދު ތިހެން ކޮންމެފަދަ ވާހަކަދެއްކިއަސް ހަޤީޤަތް ބަދަލެއްނުކުރެވޭނެ. އަދި އަޑުއަހާ! ރާކިންގެ އަތުން ޒާނަ އަތުލައިގަތުމަކީ އަހަރެން ދުވަހެއްގައިވެސް ކުރާނެކަމެއް ނޫން. ތީ ރާކިންގެ އަނބިމީހާކަން އެނގުނު ވަގުތުން ފެށިގެން މިދެމެދަށް ގިރާނުކުރެވޭވަރުގެ އުސްފާރެއް ހުރަސްވެއްޖެ.” މިސްކު ހިތްހަމަނުޖެހިގެން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“މިސްކުއަށް ތިހީކުރެވެނީ ރަނގަޅަކަށް ނޫން. އެންމެފަހަރަކުވެސް އަހަރެންދައްކާ ވާހަކަ ޤަބޫލުކޮށްބަލަ. ރާކިން އާއި އަހަރެންނާ ދެމެދުގައި…” ޒާނަގެ ޖުމްލަ ފުރިހަމަނުވަނީސް މެދުކަނޑާލާފައި އަނެއްފަރާތަށް އެނބުރުނެވެ.

ރާކިންއަށް އޭނާ ވެފައިވާ އެންމެ ވަޢުދެއް އެގޮތަށް ދުލުން ބޭރުވާން އުޅުނުކަމުގެ މައްޗަށް ނުހަނު ކަންބޮޑުވެގެން ހިތާދިމާއިން މޭގައި ހިފަހައްޓާލެވުނެވެ. ކޮންމެގޮތަކަށް ކަންތައްވިއަސް އެސިއްރު އޮންނަންވާނީ ހަމައެކަނި އޭނާ އާއި ރާކިންގެ މެދުގައެވެ.

“ޒާނަ. ކޮންމެއިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. އެކަމަކު ދެން އެންމެ ރަނގަޅުވާނީ ވެދިޔަކަންތައް ހަނދާންނައްތާލާފަ ދިރިއުޅުމައިގެން ކުރިއަށް ދިޔައްޔާ. އެގޮތުން އަހަރެންވެސް މިހާރު ފުރަތަމަ ފިޔަވަޅު ނަގައިފިން. އާތިފާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ޤަބޫލުކުރޭ. އަހަރެމެން ދެމީހުންނަކަށް ދުވަހަކުވެސް އެކެއް ނުވެވޭނެ. އެންމެ ރަނގަޅުވާނީ ޒާނަވެސް ވީ އެންމެ އަވަހަކަށް މިކަން ޤަބޫލުކުރިއްޔާ. އާދޭސްކޮށްފަ މިބުނީ ދެން މިތަނުން ދޭ.” މިސްކު ދެއަތް ޖޯޑުކޮށްލާފައި ބޯގުދުކޮށްލަމުން ނިއްކުރީގައި ޖައްސާފައި ބުނެލިއެވެ.

އެވަގުތު ޒާނަ ތުންފިއްތާލާފައި ދެފަރާތަށް ބޯހޫރުވާލިއެވެ. ޒާނަ ދެންވެސް ބަސްގަބޫލު ނުކުރާނެކަން ވިސްނިގެން މިސްކު ގަސްތުކުރީ ބާރުގެ ބޭނުން ކުރާށެވެ. ކައިރިއަށް އައިސް ހުއްޓިފައި ޒާނަގެ އަތުގައި ހިފާ ބާރުކޮށްލަމުން އޭނާ ދޮރާއި ދިމާއަށް ދާންފެށުމާއެކު ޒާނަވެސް ގަދަހެދިއެވެ.

“މިސްކު. ޕްލީޒް ތިހެން ނުހަދާ. އަހަރެންނަށް މިސްކުއާއި ނުލާ ނޫޅެވޭނެ. އަހަރެން ބޭނުމެއްނޫން ރާކިންއާ އިނދެގެން އުޅޭކަށް. އަހަރެން ވީ އެންމެ އަވަހަކަށް ވަރިވެގެން މިސްކު ގާތަށް އަންނާނަން.” ޒާނަ ރޮއިރޮއިފައި ވާހަކަދެއްކިއެވެ.

“ނުވާނެ ވަރިވެގެނެއް. އަޑު އިވިއްޖެތަ؟” މިސްކު ކުއްލިއަކަށް ހުއްޓިފައި ޒާނަގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އެވަގުތު އެއަޑުގައި އެކުލެވިގެންދިޔަ ހަރުކަށި ކަމަކުން ޒާނައަށްވެސް ޖެހުނީ ބިރުން ހިމޭންވާށެވެ.

“ޒާނަ ރާކިންގެ ކައިރިން ވަރިވިއަސް އަހަރެންނަކާ ނުގުޅެވޭނެ. މިކަން ހަނދާން ބަހައްޓާތި. އެހެންވީމަ ދެންވެސް އަހަރެންނާއި ގުޅެންވެގެނޭ ކިޔާފަ ވަރިއަށް ނޭދޭތި!” މިސްކު ބުނި އެއްޗެއްގެ މާނައެނގޭނީ ޚުދު އޭނާއަށެވެ. ޒާނަ ހުރީ އަޖައިބު ވީވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އެއީ ކީއްވެ؟” އިރުކޮޅެއްފަހުން ޒާނަގެ އަޑު ނިކުތީ ކުރެހިގެންނެވެ.

“ޒާނައަށް ފާހަގަ ކުރެވުނުތަ ރާކިންގެ މަންމައާއި އަހަރެންގެ އާއިލާގެ މެދުގައި ގުޅުމެއްނެތްކަން؟ އިނގޭތަ އެއީ ކީއްވެކަން؟ ރާކިންވެސް އުފަންނުވާއިރު އޭނާގެ މަންމައާއި ބައްޕަ ކައިވެނިކޮށްގެން މިގޭގައި އުޅުނުއިރު އަހަރެންގެ މަންމަ ހުރީ ހުސްހަށިބަޔަށް. އެހެން އުޅެމުން މަންމައާއި ސައްތާރުބޭގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި މައްސަލަ ވަރަށް މައްޗަށް ދިޔަ. އެމައްސަލައިގަ މަންމަ ގެއިން ނެރެލުމުން އަހަރެންގެ ބައްޕަ އާއި އިނދެގެން ރަށަށް ދިޔައީ. އޭގެ ފަހުން އަދި އަދަށް ދާންދެންވެސް އެދެބެން އަނގައިން ނުބުނޭ. މަންމަ އަހަރެން ކުޑައިރު އަހަރެން ކައިރީ އެދުނު އެދުމަކީ ރާކިން ވައިއެޅުނު އަންހެންކުއްޖަކާއިވެސް ދިމާއަށް އަހަރެން ދުވަހެއްގެ ކޮޅުން ބަލާނުލުމަށް. ޒާނަ. އަހަރެން އެދުވަހު މަންމައަށް ވަޢުދުވިން. އަދި ޒާނައަކީ ރާކިންގެ އަނބިމީހާކަން އެނގުނު ދުވަހު މިހިތަށް ވަރަށް އަސަރުކުރި. ވަގުތުން އަހަރެން ނިންމިން ޒާނަ އަހަރެންނަށް ގެއްލިއްޖެކަމަށް.” ދޮރުހުޅުވާލާފައި މިސްކު ޒާނަގެ އަތުން ދޫކޮށްލިއެވެ.

މިސްކުގެ ވާހަކައަށްފަހު، އެވަގުތު އިތުރަށް ދެން ދައްކާނެ ވާހަކައެއް ޒާނައަކަށްވެސް ނުވިސްނުނެވެ. މިސްކު އެތެރެއަށް ވަދެގެން ދާތަން ބަލަންހުރެފައި އޭނާ ކުދި ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަންނަންވެގެން ހިނގައިގަތްއިރު ދުރުގައި ހުރެގެން ތިންވަނަ މީހަކު އެމަންޒަރު ބަލަމުންދިޔަކަން އެނގޭ އެކަކުވެސް ނެތެވެ.

ހެނދުނު ހޭލިގޮތަށް އާރިއާ ފުރަތަމަވެސް ރާކިންގެ ފޯނަށް ގުޅަން މަސައްކަތްކޮށްލިއެވެ. ޔޫންގެ ޕޭރެންޓްމީޓިންގެ ވާހަކަ ހަނދާންވީ އަދި އޭގެފަހުންނެވެ. ވީ އެންމެ އަވަހަކަށް ރާކިންއާއި ވާހަކަދެއްކުން އާރިއާއަށް މުހިންމުވީ އެއްސަބަބަކީ އެއީއެވެ. ޔޫން ވަނީ މާކުރިއްސުރެ އެމީޓިންއަށް ބައްޕަ ފޮނުވުމަށް އެދިފައެވެ. އަހުމަދުގެ ފަރާތުން އެނގުނު ގޮތުގައި ރާކިން ބޮލުގައި ރިއްސާތީވެ އޮފީހަށް އަންނަން ބުނީ މެންދުރުފަހުންނެވެ. އޮފީސްތެރެއިން ދިމާވާގޮތް ނުވުމުން އާރިއާ އެންމެފަހުން ގޮތެއް ނިންމިއެވެ. އޭނާ އަމިއްލައަށް އެގެއަށް ދާނީއެވެ.

“ދަރިފުޅު މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟” ކާކޮޓަރިއަށް ވަދެފައި ރާކިން ފެނިގެން ހަނިފާ ސުވާލުކުރިއެވެ.

“ހެނދުނު ހޭލެވުނުއިރު ބޮލުގައި ރިއްސާތީވެ ހިތަށްއެރީ ތަންކޮޅެއް ފަހުންނޭ ދާނީ. އެކަމަކު ތެދުވެ ފެންވަރާލީމަ މިހާރު ހަމައަކަށް އެޅިއްޖެ. އެހެންވެ އަނެއްކާ ދާންކަމަށް މިއުޅެނީ.” ޖޫސްފޮދެއް ބޯލާފައި މޭޒުމަތީ ތަށިބަހައްޓަމުން ރާކިން ޖަވާބުދިނެވެ. އެވަގުތު މިސްކުވެސް އައިސް އަނެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީންދެފައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ފަށައިފިއެވެ.

“ދަރިފުޅާ ޒާނަ. މަންމަ އެވަރަށް ބުނީމަވެސް ތިއަންނަނީތަ؟ ބުނީމެއްނު ކޮޓަރިއަށް ކާއެއްޗެހި ފޮނުވަދޭނަމޭ.” ހަނީފާ ވާހަކަދެއްކި އަޑަށް އެންމެންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ. ނިކަން މަޑުމަޑުން އައިސް އެތެރެއަށް ވަން ޒާނަގެ މޫނަށް އެކަނި ބަލާލުމުންވެސް އޭނާގެ ހާލު ރަނގަޅު ނޫންކަން ދޭހަކޮށްދެއެވެ. ކުލަފަނޑުވެފައިވާ އެމޫނުގައި އެހެންޏާ އެހުންނަ އުޖާލާކަމެއް ނެތެވެ. ދެލޮލަށް ބަލާލުމުން ހީވަނީ ދެންމެވެސް އެއައީ ރޯންއޮވެފައި ހެންނެވެ. ތެމިފައިވާ އެސްފިޔަތަކާއި ރަތްވެފައިވާ ދެލޯ އެކަމަށް ހެކިވެއެވެ. ޒާނަގެ މިސިފަ ފެނިފައި ރާކިންގެ ހިތުގައިވެސް ސުވާލުތައް އުތުރިގަތެވެ.

“ކިހިނެތްވީ ޒާނައަށް؟” ރާކިން އަހައިލިއެވެ.

“ޒާނަ ނުބުނޭތަ ދަރިފުޅު ކައިރިއަކު؟ ޒާނަވެސް ހާދަ ޅައޭދޯ. އެންމެ ފުރަތަމަ އަންގަންވީ ފަރާތަށް ނާންގައި ތިހުންނަނީ.” ހަނީފާގެ ވާހަކައިން ސުވާލުތައް ވީއިތުރެވެ.

މަންމަގެ މޫނަށް ބަލައިނުލިއަސް ޒާނައަށްވެސް އެވާހަކަތަކުން މަންމަ ބުނަން އެއުޅެނީ ކީކޭބާވައޭ ހިތަށްއަރާގޮތްވިއެވެ.

“ރާކިން. އުފާވެރި ޚަބަރެއް. ޒާނަ މަންމައަކަށްވަނީ.” ޒާނަގެ އަތުގައި ހިފާ ރާކިންގެ ކައިރީގައި އިންގޮނޑީގައި ބައިންދާފައި ހަނީފާ އަޑުގާނެތްތަނަށް އިއްވާލިއެވެ.

ކާކޮޓަރި ތެރޭގައި ހީވީ ބޮމެއް ގޮވިހެންނެވެ. ހަނީފާ ނޫން ދެންތިބި އެންމެންގެ މޫނުތައް ހުދުވެގެން ހިނގައްޖެއެވެ. ވާހަކަދައްކަންވެގެން ރާކިން އަނގަހުޅުވާލި ވަގުތު ދޮރާއި ދިމާއިން މީހެއްގެ ހިލަމެއްވެގެން ބަލާލިއިރު އާރިއާ ދެލޯބޮޑުކޮށްފައި ބަލަހައްޓައިގެން ހުއްޓެވެ.

ނުނިމޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355