.
މަރިޔަމް ޔަސްމާ
އޯގަސްޓް 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ރާކިންއަށް ގޮނޑި ދުރުކޮށްލާފައި ތެދުވެވުނެވެ. އެވަގުތު އާރިއާ އަވަސްއަވަހަށް ފާރާއި ދިމާއަށް ދެމިގަތްތަން ފެނުނެވެ. އެހެން އެކަކަށްވެސް އާރިއާ ނުފެންނަކަން އެނގުމުން ބޭރަށްނިކުންނަން ދައްކާނެ ބަހަނާއެއް ރާކިންއަކަށް ނުވިސްނުނެވެ. އެމަގު ފަހިކޮށްދިނީ އޭނާގެ ފޯނެވެ.
“ޒާނަ. އައިލް ބީ ބެކް. މިކޯލް ވަރަށް މުހިންމު.” ރާކިން ފޯންނަގާ ދައްކާލާފައި އަވަސްއަވަހަށް ގޮސް ބޭރަށް ނިކުތެވެ. ޒާނައަށް ބަލަހައްޓައިގެން އިނދެވުނީ މިސްކުއަށެވެ. މިސްކު އޭރު ކައި ނިންމާލާފައި ފެންތަށި ބޯލަނީއެވެ. އެއަށްފަހު އޭނާ އެންމެ މިނިޓެއްވެސް އެތާ ހުންނާކަށް ގަސްތެއްނުކުރިއެވެ. ރާކިން އެކޭ އެއްގޮތަށް މިސްކުވެސް އެތަން ދޫކޮށްލާފައި ނިކުމެގެން ދިޔައީއެވެ. ޒާނަގެ ދެލޮލަށް ޖަމާވި ކަރުނަތަކުން އެސްފިޔަތައް ފޫދުއްވާލަން ތައްޔާރުވުމުން ތުންފަތުގައި ދައިގެންފައި އިސްޖަހާލިއެވެ. ހަނީފާ އިނީ އެހުރިހާއިރު ޒާނަގެ ހަރަކާތަކަށް ބަލާށެވެ.
“ކިހިނެތްވީ ދަރިފުޅާ؟ މާބޮޑަށް ބޮލުގައި ރިއްސަނީތަ؟” ހަނީފާ ޒާނަގެ ބޮލުގައި ފިރުމާލުމާއެކު ޒާނަ އެއަށް ފޮޅުވާލާފައި ކާކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. އިއްތިފާޤުން ޒާނައަށް ނިކުމެވުނީ ރާކިންގެ ކުރިމައްޗަށެވެ. ޒާނައަށް ވަގުތުން ހުއްޓެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި ކުޑައިރުކޮޅެއްފަހުން ރާކިން ހިނގައިގެންފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ޒާނައަށް ހުރެވުނީ ދެން ކަންތައްކުރާނެ ގޮތެއް އޮޅިފައެވެ. އޭނާ ފުރަތަމަ ދާންވީ މިސްކު ކައިރިއަށް ހެއްޔެވެ؟ ނޫނީ އެންމެފުރަތަމަ ރާކިންއަށް ހަޤީޤަތް އޮޅުންފިލުވައިދޭނީ ހެއްޔެވެ؟ ނުވަތަ އޭގެކުރިން މަންމައާއި ސުވާލުކުރާނީ ބާވައެވެ. ވިސްނަވިސްނާފައި ޒާނަ ގޮތެއް ނިންމިއެވެ. އޭނާ އެންމެ ފުރަތަމަ ކަމަކަށް މަންމައާއި ސުވާލުކުރާނީއެވެ.
“އެޑަމް! ކޮންތާކު ތިހުރީ؟ އަހަރެން ހަމަމިހާރު ބައްދަލުކުރަން ބޭނުން.” ފޯން ބާއްވާފައި އާރިއާ އަނެއްކާވެސް ކާރުގެ ލޯގަނޑުން ބޭރުބަލަން ފެށިއެވެ. ދެލޯކަރުނުން ފުރިގެން މަންޒަރު ފުސްވާން ފެށުމުން އިރުއިރުކޮޅާ އަތުން ފުހެލައެވެ. ކާރު މަޑުކުރީ އާރިއާ އުޅޭ އެޕާޓްމެންޓް ކުރިމައްޗަށެވެ. އާދަމް އޭރު ދޮރުމަތީ ހުރެގެން އޭނާއަށް އިންތިޒާރު ކުރަނީއެވެ. ހެދުންއަޅާފައި ހުރިގޮތަށް ބަލާލުމުން އޭނާ އެއައީ އޮފީހުގައި އުޅެފައިކަން ދޭހަވެއެވެ.
ކާރުން ފޭބިގޮތަށް އާރިއާ އަވަސްއަވަހަށް އައިސް އާދަމްގެ އަތުގައި ހިފައިގެން ގޮސް ލިފްޓްގެ ދޮރުހުޅުވާލިއެވެ. ދެމީހުން އެތެރެއަށް ވަދެފައި ލިފްޓް މައްޗަށް ދަތުރުކުރަން ފެށުމާއެކު އާދަމްގެ ނަޒަރު އާރިއާގެ މޫނަށް ހުއްޓުނެވެ.
“އާރިއާ! ޔޫ އޯކޭ؟” އާދަމް އާރިއާގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސާލާފައި މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ. އެވަގުތު އާރިއާ އެއަތް ދުރަށް ލާފައި ތުންފިއްތާލިގޮތަށް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރުވާލިއެވެ.
“އޯހ. އައިމް ސޯ ސޮރީ.” އާދަމް އާރިއާގެ ކޮނޑުގައި ހިފަހައްޓާލާފައި ހިތާމަފާޅުކުރިއެވެ. ދެލޯފުހެލާފައި އާރިއާ ބޯޖަހާލިއެވެ. އާދަމް ހުރީ ބަލާށެވެ. އާރިއާގެ ހަރަކާތްތައް ހުރިގޮތުން ނުރޯން އޭނާ ކުރަމުންދިޔަ މަސައްކަތް ވަރަށް ރަނގަޅަށް ހާމަވަމުން ދިޔައެވެ. ލިފްޓްގެ ދޮރުހުޅުވުމާއެކު އާދަމްއަށްވުރެ ކުރިން އާރިއާ ދުވެފައި ނިކުތެވެ. އެގަޑީގައި ގޭގައި އެކަކުވެސް ނޫޅޭނެކަން އެނގޭތީވެ އެޕާޓްމަންޓަށް ވަދެފައި އާރިއާ ކޮޓަރިއަށް ދާކަވެސް ނޫޅުނެވެ. ނޫނީ އިތުރަށް ކުރިއަށްދާނެ ހިތްވަރު މިވަގުތު އެހަށިގަނޑުގައި ނެތީއެވެ.
އާރިއާގެ ފަހަތުން ވަދެ ދޮރުލައްޕާލާފައި އާދަމް ބަލައިލިއިރު އާރިއާ ހުރީ އޭނައަށް ފުރަގަސްދީގެން ސޯފާމަތީގައި އެއްއަތް ބާއްވާލައިގެން ކޮޅަށެވެ.
“އާރިއާ. ދެން ބުނެދީބަލަ ވެގެން މިއުޅޭގޮތެއް.” އާދަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އާރިއާގެ ބަޑިފަޅައިގެންދިޔައީ ދެނެވެ. މޫނުގައި ދެއަތް އަޅާލަމުން އޭނާ އަނެއްފަރާތަށް އެނބުރިފައި ސޯފާއަށް ޖެހިގަތެވެ. ކަންބޮޑުވެގެން އާދަމްއަށް އެދިމާއަށް ހިނގައިގަނެވުނެވެ. އާރިއާ ހުއްޓުވަން ދައްކާނެ ވާހަކައެއް ނޭނގުނުތާނގައި ވެގެން އުޅޭގޮތް އޮޅުންފިލުވަން ހަދާނެގޮތެއްވެސް ހިތަކަށްނައެވެ. އާރިއާ ހަމައަކަށް އެޅުނީ ކުޑައިރުކޮޅެއް ފަހުންނެވެ. އެހުރިހާއިރު އާދަމް އިނީ އާރިއާގެ ކުރިމަތީގައި ހުރި ސޯފާގައި ދެއަތްނަގާ ދަތްދޮޅީގައި ވިއްދާލައިގެންނެވެ.
“ރާކިންއާއި ބައްދަލުވުމަށްފަހު އަހަރެން ލައިފްއަކީ ޕަރފެކްޓް އެއްޗަކަށް ވެގެންދިޔަ. ބައެއްފަހަރަށް ބިރުވެސް ގަނޭ އެއްފަހަރާ އެހާގިނަ އުފާތައް ލިބިގެން އުޅޭތީ. ހިތަށްއަރާ ކޮންއިރަކު ބާވައޭ މިއުސްގަނޑު އަޑިގަނޑަކަށް ވެގެންދާނީ. އަދި އެވަގުތު އަހަރެންނާއި ރާކިންގެ ގުޅުން އޮންނާނީ ކިހިނެތްބާވައޭ ހިތަށްއަރާ. އަލާމާތްތައް ފެންނަންފެށީ ލަސްލަހުން. އެއީ އަންނަންއުޅޭ އަޑިގަނޑުގެ ސިގްނަލްކަން އެކަކަށްވެސް އިހްސާސްވެސްނުވާހާ މަޑުމަޑުން. ޔޫން ލިބުމަށްފަހު އަހަރެންގެ ހުރިހާވަގުތެއްހެން ހުސްކުރަންޖެހިފައި އޮންނަނީ އޭނާއަށް. ރާކިންއަށް ދޭންޖެހޭ ވަގުތުތައް މަދުވުމުގެ ނަތީޖާއެއްގެގޮތުން އޭނާ ގިނަވަގުތު ހޭދަކުރަންފެށީ މަސައްކަތުގައި. ރާކިން މާބޮޑަށް މަސައްކަތަށް ގޮސްހުސްވެފައި ހުންނަކަން އަހަރެންނަށް އެކަން އިހްސާސްވިއިރު މާލަސްވެއްޖެ. އޭނާ ހުރީ އެކަމަށް އޮބްސެސްވެފަ. މަޤްސަދަކަށްވެފައި އޮންނަނީ އެއްދުވަހަށްވުރެ އަނެއްދުވަސް ކޮމްޕެނީ މައްޗަށް ގެންދިއުން. އެދާއިރާގައި މާބޮޑަށް މަޝްއޫލްވެވުމުން އެހެނިހެން ކޮމްޕެނީތަކާއި ކޮމްޕެޓިޝަންވެސް ވަރަށް މަތީގައި. ދަރިފުޅު ވަކިވަރަކަށް ބޮޑުވެ ނޯކަރުންނާއިވެސް ހަވާލުކުރެވޭވަރުވުމުން އަހަރެން ފޫހިވާންފެށި. ރާކިން މިސްވާންފެށި. އެކަމަކު އަހަރެން ޝަކުވާނުކުރީ ކަންތައްތައް އެގޮތަށް ބަދަލުވުމުގައި އަހަރެންވެސް ޒިންމާވާތީވެ. ދެން އައީ އަހަރެންގެ ހަޔާތުގައި ދެކުނު އެންމެ ހިތާމަވެރިދުވަސް. ރާކިން އާއި އަހަރެންގެ ވަކިވުމުގެ ދުވަސް.” އާރިއާ ވާހަކަދައްކަމުން މާޒީގެ އެހިތި ސަފްހާގެ ހަނދާންތަކާއި ދިމާއަށް ދަތުރުފެށިއެވެ.
*******************
ރާކިން އޮފީހަށް ވަދެގެން އައިސް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ. ފަހަތުން ދުވަމުން ކަހަލަގޮތަކަށް އައި އަހުމަދު ރާކިންގެ ދަބަސް މޭޒުމަތީ ބާއްވާފައި އެނބުރިލިތަނާ އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. ރުޅިއައިސްފައިވާ ސިންގާއެއްފަދައިން ރާކިން ތެދުވެފައި މޭޒުމަތީ ހުރި ހުރިހާއެއްޗެއްގައި ޖަހާ އެތަންމިތަނަށް ބުރުއްސާލީއެވެ. އަދި އެވަރުން ނުވެގެން ފައިލް ހަރުގަނޑެއް ވައްޓާލައި އެއްފަރާތެއްގައި ހުރި މާގަހެއްގައި ފައިންޖަހާ ދުރަށް ބުރުއްސާލިއެވެ. ފަސްއެނބުރި ބަލާލުމާއެކު ރާކިންއާއި ހަތަރުކަޅި ހަމަވެފައި އަހުމަދުގެ ހިތަށް ބިރުވެރިކަން ވަނެވެ. ރާކިން އައިސްފައިވާ ރުޅީގައި އޭނާގެ ހަމަބުއްދި ސަލާމަތުން ހުރިބާވައޭ ހިތަށްއެރިއެވެ. އަޑުގަދަވެގެން އެކިތަނުން ނިކުތް މުވައްޒަފުންތައް ވީގޮތެއް ނޭނގިފައި ބޯދިއްކޮށްގެން ބަލަންފެށިއެވެ. ރާކިންގެ އެއާދަޔާހިލާފްހަރަކާތުން އެންމެންގެ ހިތަށްވެސް ވެރިވެގެންދިޔައީ ހައިރާންކަމެވެ. ރާކިން އެމީހުންނަށް ފާހަގަވެފައިވަނީ މަޑުމައިތިރި ، ރުޅިމަޑު އަދި މުވައްޒަފުންނަށް ރަނގަޅު ވެރިއެއްގެ ގޮތުގައެވެ. މިނޫނީ ދުވަހަކުވެސް ރާކިން އެގޮތަށް ރުޅިއައިސްގެން އުޅޭތީ އެކަކުވެސް ނުދެކެއެވެ.
“ސަރ!..ސަރ. ރުޅިމަޑު ކުރައްވާ!” ޖެހިލުންވެ ހުރެވެސް އަހުމަދު ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ އުޅުނެވެ.
“ޝަޓް އަޕް.” ރާކިން އެނބުރިފައި އަހުމަދާއި ދިމާއަށް ބަލާލުމުން އަހުމަދުގެ އަނގަ ބަންދުވީއެވެ.
” ހަމަމިހާރު މިތަނުން ނިކުމެގެން ދޭ. އަހަރެން ބޭނުމެއްނޫން އެކަކުވެސް މަގޭ ކުރިމައްޗަށް އަންނާކަށް.” ރާކިންގެ އަޑު ކުރިއަށްވުރެވެސް ގަދަވެގެން ދިއުމާއެކު އަހުމަދަށް ހުންނަން ނުކެރިގެން އަވަސްއަވަހަށް ނިކުމެގެން ދިޔައެވެ. ހުސްވެފައިވާ މޭޒުގައި ދެއަތްވިއްދާލައިގެން ރާކިން އިރުކޮޅަކު ވިސްނަން ހުއްޓެވެ. ރެއާއިދުވާލުގެ ނިދި ޤުރުބާންކޮށްގެން އޭނާ އެހާވަރަށް ތައްޔާރުވިފަހުން ޕްރޮޖެކްޓް ނުހައްޤުން އެހެން ބައެއްގެ އަތްމައްޗަށް ގެންދާނެކަމަކަށް ރާކިން އުންމީދުވެސް ނުކުރެއެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ދިޔަތަން ފެނުމުން ރާކިންގެ ހިތަށް ކެތްނުވީއެވެ.
އިސްއުފުލާލުމާއެކު ބޯދިއްކޮށްގެން ތިބި މުވައްޒަފުންތައް ފެނިފައި ރާކިންއަށް އިތުރަށް އުދަނގޫވިއެވެ. އޭނާ ބޭނުންވީ ގެއަށް ގޮސް ނިދާލާށެވެ. އެންމެ އަވަހަށް އެކަން ހިތުން ފިލުވައިލެވޭނީ އޭރުންނެވެ. މޯބައިލް ނަގާ އަތުތެރޭގައި ހިފަހައްޓާލަމުން ކެބިންއިން ބޭރަށް ނިކުންނަން އައިވަގުތު ބަލަންތިބި އެންމެން ބިރުން އެމީހެއްގެ މަޤާމަށް އެމީހަކު ގޮސް ފިލައިފިއެވެ. ރާކިން ބާރުބާރަށް ހިނގާފައި ގޮސް ޑްރައިވަރ ދުރަށްލާފައި ކާރައަށް އަރައިގެން ގެއަށް ދާން ނައްޓާލިއެވެ.
ކުޑަކުޑަ ޔޫން ރީތިކޮށްގެން ގެނެސް ކުޑައެނދުގައި ބާއްވާލުމާއެކު ބެލްޖަހާލި އަޑު އިވިގެން ދިޔައެވެ. އާރިއާ ހުސްކޮށް ހުރުމުން ރޫބީއަށް ގޮވަންނުހަދާ ދޮރުހުޅުވަން ދިޔައީ އޭނައެވެ.
“އެޑަމް!” އާރިއާގެ ހުރިހާ ދަތެއް އެއްފަހަރާ ފައުޅުވެގެން ދިޔައެވެ. ދޮރުމަތީ ހުރީ އޭނާގެ ދުވަސްވީ އެކުވެރިޔާ އާދަމްއެވެ. އާރިއާއެކޭ އެއްގޮތަށް އާދަމްވެސް ކުޑައިރުއްސުރެ ދިރިއުޅެމުން އައީ މެލޭޝިޔާގައެވެ. އެކަމަކު އާރިއާ ޗުއްޓީއަކަށް މާލެއައިގޮތަށް ރާކިންއާއި ދިމާވެ ކައިވެނިކުރުމުން އެދެމީހުން ބައްދަލުނުވާތާ ދެއަހަރުވީއެވެ.
“ކޮންފަދަ އުފާވެރި ސަޕްރައިޒެއް.” އާރިއާ ކުއްލިއަކަށް އާދަމްގެ ދެއަތުގައި ހިފާ ކުއްލިއެއް ޖެހީނުން އެތެރެއަށް ގެނައެވެ.
“ކޮބާ ބޭބީ؟” އާދަމް ވަށައިގެން ހޯދާލާފައި ފުރަތަމަވެސް ސުވާލުކުރިއެވެ.
“ކޮޓަރީގައި. ހިނގާ އެތެރެއަށް. އާދަމްގެ އަތުން ދޫކޮށްނުލާ ހުރެގެން އާރިއާ ގޮސް ކޮޓަރިއަށް ވަދެފައި ބޭބީ އޮތް އެނދަށް އިޝާރާތްކުރިއެވެ. ޔޫންގެ މޫނު ފެނިފައި އާދަމްގެ ހިތް ލޯބިން ފުރުނެވެ.
“ނަގައިދީބަލަ މަ އުރާލަން.” އާދަމް ކައިރިއަށް އައިސް ހުއްޓުނު އާރިއާ ކައިރީ އެދުނެވެ.
“އާރިއާގެ މަންމަމެން ތިބީ މީނަ އުރާލަން ވަރަށް އަންނަހިތުން. އެކަމަކު ލަތް ކިޔަވައި ނުނިމޭތީ އެމަޑުކުރަނީ.” ޔޫން އުރާލަން ލިބުމާއެކު އެތުއްތު މޫނަށް ބަލަން ހުރެގެން އާދަމް ބުނެލިއެވެ.
“ކޮންތާކު؟ އެއީ ހުސް ދޮގު. އާދަމް ޤަބޫލުކުރަންދޯ އެމީހުން ދައްކާވާހަކަ.”އާރިއާ ފާޑަކަށް އަނގަހަދާލިއެވެ.
“އާ. އަހަރެން ކުރަން. އަދިމިހާތަނަށް ނެތްވިއްޔަ ދޮގެއްހަދާފައެއް.” އާދަމް ސުވާލުގެ ނަޒަރަކުން އާރިއާއަށް ބަލައިލިއެވެ.
“ވިސްނާލީމަވެސް އެނގޭނެއެއްނު ކިޔަވާކުދިންނަށްވެސް ޗުއްޓީ ލިބޭކަން. ދެން ކޮން ހުސް ބަހާނައެއް. އެމީހުން ބޭނުންނަމަ އަންނާނެ. އަހަރެންނާއި ރާކިންގެ ކައިވެންޏަށް ދެއްކި ނުރުހުން އަދިވެސް އެދައްކަނީ. އެދުވަހު މަންމަކައިރީ ބައްޕަ ބުނާތީ އެހިން ދެން އަހަރެމެން ފެންނަހިސާބަށްވެސް ނާންނާނަމޭ. އެމީހުން މަށަށް ނުވެސް ގުޅާނެ. ލަތް ދެން ނުހުންނާނެ އެމީހުން ބުނިހާގޮތެއް ހެދިގެނެއް. އޭނަ ގުޅާ ދޭތެރެއަކުން. އޭނަފަރާތުން މަށަށް އެނގިފަ އޮތީ މަންމަވެސް ނުގުޅަނީ ބައްޕަ އެގޮތަށް އަމުރުކޮށްފަ އޮންނާތީކަން.” އާރިއާ ތުންއަނބުރާލިއެވެ. އޭނާ އެހުންނަނީ އެދުވަހުއްސުރެ އެމީހުންނާއި ރުޅިންނެވެ. މަންމަމެން އިސްވެ ނުގުޅަނީސް ނުގުޅަންވެގެންނެވެ.
ރޫބީއަށް ގޮވާލާފައި ޔޫންކައިރީ މަޑުކުރަން އައުމަށް ބުނަމުން ދެމީހުން ހިނގައިގަތީ އަނެއްކާވެސް ބޭރަށެވެ. ސިޓިންރޫމް މޮޕްކުރަން ހުރި ރޫބީއަށް އެއަޑު އިވިފައި އަވަސްއަވަހަށް އެދިމާއަށް ދިޔައިރު މޮޕްކުރި ވަކިސަރަހައްދެއްގައި ފެންނުހިކި ހުރިކަން އޭނާ ހަނދާނެއް ނެތެވެ. އާދަމް ސޯފާގައި ބައިންދާފައި އާރިއާ ބަދިގެއަށްވަދެ ކޮފީތައްޓަކާއި އިތުރުތައްޓެއްގައި ހެދިކާ ހިފައިގެން އައެވެ. އާދަމް ކޮފީބޮމުން ދިޔައިރު އާރިއާ ހީހީފައި މަޖާ ވާހަކަދެއްކިއެވެ. އޭނާ ތެދުވީ އާދަމް ދިއުމުގެކުރީން ދައްކަންޖެހޭ ފޮޓޯއެއްގެ ވާހަކަ ބުނެފައެވެ. އާރިއާ ދާން ހިނގައިގަތުމުން އާދަމްވެސް ކޮފީތަށި ބަހައްޓާފައި ތެދުވިއެވެ. ސޯފާއިން ނުނެއްޓެނީސް އާރިއާއަށް ފެންހުރިހިސާބަށް އެރިފައި ކަހާލިއެވެ. އާދަމްއަށް އެތަން ފެނުނެވެ. އާރިއާގެ އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑާއިއެކު ވެއްޓެންވެގެން ތިރިއަށް ދިޔަ އެހަށިގަނޑު ސަލާމަތްކުރުމަށްޓަކައި ދިޔަ އާދަމްއަށްވެސް ޖެހުނީ އެއްހާލެކެވެ. ސޯފާއާއި ދިމާއަށް ތިރިވީ ދެމީހުން އެކުއެކީގައެވެ. އަދި ވެއްޓިޖެހުނުއިރު އާދަމް އޮތީ އާރިއާގެ ގައިމަތީގައެވެ. އެވަގުތު ދެމީހުންގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލިއެވެ.
**************
ދެކަންފަތުގައި އަތްއަޅާބާރުކޮށްލަމުން ރާކިންއަށް ލޯމަރާލެވުނެވެ. ހީވީ އެދެމީހުންގެ ހުނުމުގެ އަޑު އޭނާގެ ކަންފަތަށް އިވުނުހެންނެވެ. މިއަދު އަނެއްކާވެސް އެދުވަސް ހަނދާންވެފައި ރާކިންގެ ހިތަށް އުދަނގޫވިއެވެ. އެއަށްވުރެބޮޑަށް އޭނާ ނުތަނަވަސްވެފައި ވަނީ ޒާނަ ބަނޑުބޮޑު ވާހަކަ އިވިފައި އާރިއާ ހުއްޓިވެސްނުލާ ނިކުމެގެންދިޔަ ގޮތް ހަނދާންވެފައެވެ. ދުލުން އެއްޗެއް ނުބުންޏެއްކަމަކު އާރިއާގެ ދެލޯ އެތައް ވާހަކައެއް ބުނެދީފިއެވެ.
*******************
ބާރަށް ހެމުން ދެމީހުން ކޮޅަށް ތެދުވެފައި އާރިއާ އަނެއްކާވެސް ދާންވެގެން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އޭނާ ސިހޭގޮތްވިއެވެ. ދޮރާއި ދިމާލުގައި އެދެމީހުންނަށް ބަލަހައްޓައިގެން އެހުރީ ރާކިންއެވެ.
ނުނިމޭ