twitterviber whatsapp telegramfacebookyoutube instagram
4th December 2024

ކުރުވާހަކަ – ތަންފީޒު

Aug 22, 2012

.

ޝަހީދާ އިބްރާހިމް

“ދަރިފުޅާ ޔާނާ! އެއޮށް އީވާން ގުޅަނީނު. ތިޔަ އިންނަނީ ފޭސްބުކަށް ވަދެ ހުސްވެފައިވިއްޔާދޯ!” ޗެޓް ކުރުމުގައި މަޝްއޫލު ވެގެން އިން ޔާނާއަށް ހޭވެރިކަންވީ އޭނާގެ މަންމަ ފޯނު ނަގައި ވާހަކަ ދައްކަން ފެށުމުންނެވެ. އެނދުމަތީގައި އޮށޯވެ އޮތް ޔާނާ ކުއްލިއަކަށް ދެކަކޫ މައްޗަށް ތެދުވެ މަންމަގެ ކަންފަތުގައި ޖައްސާފައި ހުރި ފޯނު އަތުލިއެވެ.

“ޔާނާ! ފޯނު ނިންމާލާފައި އަވަހަށް ކާން އާދޭ އިނގޭ. މިހާރު ބޭބެ ވެސް އެބައިން ޔާނާ ނައިސްގެން ނުކެވިފަ.” ބޮލުގެ އިޝާރާތުން ޔާނާ އާއެކޭ ބުނުމުން އަވަހަށް މަންމަ ނުކުތުމާއެކު ދޮޅު ތަޅުލައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ކިރިޔާ މި ސަލާމަތްވީ. ފަހުދުކަން އެނގުނު ނަމަ ދެންމެ ހަމަ ދުވަސް ދާނެ އެތިފަހަރެއް.” ޔާނާ ފަހުދުއާ ވާހަކަ ދައްކަން ފެށިއެވެ.

“އެކަމަކު އަހަރެންނަކަށް ވެސް ދެން މިގޮތަކަށް ނޫޅެވޭނެ ޔާނާ. އަހަރެން ވެސް މިއީ ކުޅޭކުޅޭ ބުދެއް ނޫން ވިއްޔާ. ޔާނާގެ މަންމަ އާއި ބޭބެ އަށް އީވާން މާ ކަމުގޮސްފައި އަހަރެން ވަކި ކަމުނުދާންވީ ސަބަބެއް ނޭނގުނު. އަހަރެން ބޭނުމީ މިކަމަށް ކޮންމެވެސް ހައްލެއް ގެންނަން. ޔާނާ ކޮންމެ ވެސް އެއްގޮތެއް ނިންމާ. އީވާން ނޫނީ އަހަރެން.” ފަހުދުގެ ވާހަކަތައް އިވުމާއެކު ފަހުދު ހަމައިން ނެއްޓިގެން ދާކަމުގެ އިހުސާސް ޔާނާއަށް ކުރެވެން ފެށިއެވެ.

“ފަހުދު ތިހެން ބުނާއިރު ވެސް އެނގޭނެ އަހަރެން ފަހުދު ބޭނުންވާ މިންވަރު. އީވާން އަހަރެންގެ ފަހަތުން އުޅުނަކަސް އަހަރެންނަކަށް އޭނާ އެއްގޮތަކަށް ވެސް ކަމަކުނުދޭ. އަހަރެން އުޅެނީ އީވާންއާ ރައްޓެހިވެގެންނޭ މަންމަ ގާތުގައި ބުނެފައި އޮތީމަތާ ގައިމު ފަހުދުއާ ވެސް މިވާހަކަ ދެއްކެނީ. އަހަރެން ވެސް ބޭނުން މަންމަމެން ގަބޫލުވާ ފަދަ މީހަކަށް ފަހުދު ވާން.” ޔާނާ ވެސް އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

“ޔާނާ އަށް ކެރޭނެތަ އަހަރެން ބުނާގޮތެއް ހަދަން. އޭރުން ތިހުރިހާ ކަމެއް ހައްލުވެ އީވާންގެ ކިބައިން ސަލާމަތް ވެވިދާނެ. ޔާނާ ދެން އަހަރެން ބޭނުމިއްޔާ ޖެހޭނީ އަހަރެން މިބުނާ ގޮތަކަށް ކަންތައް ކުރަން.” ފަހުދު މަޑުމަޑުން ޔާނާގެ ބޮލަށް ސަވާރުވަމުން ދިޔައެވެ.

ޔާނާއާއި އޭނާގެ ބޭބެ ކިޔާންއަކީ ނުހަނު މިނިވަންކަމާއެކު އުފަލާއަރާމުގައި ބޮޑުވަމުން އަންނަ ރީތި ދެޒުވާނުންނެވެ. އެމީހުންނަށް ނުލިބިވާ އުފަލަކީ ހަމައެކަނި ބައްޕައެއްގެ ލޯތްބެވެ. އެހެން ނަމަވެސް އެމީހުންނަށް ލިބިފައިވާ މުއްސަނދި ކަމުގެ ސިއްރަކީ ބައްޕަ ނިޔާވުމުގެ ކުރިން އެއްކޮށްފައިވާ ފައިސާއާއި މުދަލެވެ. ޒަޢީމާގެ މަގުސަދަކަށްވީ އެއުފަލާއި އަރާމުގައި އެކުދިން ބޭނުންވާނޭ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމުގެ ފުރުސަތު ދިނުމެވެ.

އީވާން އަކީ ވެސް މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެޗާލު ޒުވާނާވެސް ހަޔާތުގެ ކުލަތައް ދެކެމުން ދިޔައީ ނުހަނު ފޮނި އުއްމީދު ތަކަކާއި އެކީގައެވެ. އީވާން ޔާނާދެކެ ލޯބިވީ ނަމަވެސް ފުރަތަމަ ފަހަރު ވެސް ޔާނާ ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އީވާން ޔާނާ ދެކެ ލޯބިވީ ނަމަވެސް ފުރަތަމަ ފަހަރުވެސް ޔާނާ ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް އީވާން ބޭނުންވީ ރަހުމަތްތެރި ކަމުގެ ގުޅުން އެދެމެދުގައި ބޭއްވުމަށެވެ. އީވާންގެ އެ އެދުމުން ޔާނާ ނެގީ ނާޖާއިޒު ފައިދާ އެވެ.

ޒައީމާ އާއި ކިޔާން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދަނިކޮށް ރޮމުން ރޮމުން ޔާނާ ކޮޓަރި ތެރެއަށް ވަނެވެ. ހުރި ހަމައެކަނި ކޮއްކޮ ކަމަށް ވާތީ ކިޔާން ޔާނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޒައީމާ ވެސް އިށީނދެ އިން ގޮނޑިން ތެދުވިއެވެ.

“ކިހިނެތް ވީ މަގޭ ދަރިފުޅާ. ހާދަ އަވަހަށް މިރޭ އީވާން އާ ބައްދަލުކޮށްފައި ތިއައީ. އީވާން އެއްޗެކޭ ބުނީތަ.” ޒައީމާ ހުރީ ހާސްކަން ބޮޑުވެފައި އެވެ.

“މަންމާ… އީވާ…އީވާން އަޅުގަނޑަށް…މަޖުބޫރު…ކުރަނީ…އަނިޔާވެސް… އެންމެ ފަހުން …ފޮޓޯތަކެއް…ފޮޓޯތަކެއް ވެސް ލީކު ކޮށްލައިފި.” ގިސްލެވެމުން ދިޔަވަރުން ޔާނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ.

“ކީކޭ؟ އީވާން! ކޮއްކޮ ކީއްވެ ކުރަން ނުބުނީ. އަހަރެން ހިޔެއް ނުކުރަން އެއީ އެހާ ގޮތްކުޑަ ކުއްޖެއް ކަމަކަށް.” ކިޔާން ރުޅިއައިސްގެން ތުރުތުރު އަޅައެވެ.

“ބޭބޭ. އޭނަ އަހަރެންނަށް މަޖުބޫރު ކުރީ.” އަނެއްކާ ވެސް ޒައީމާގެ ކޮނޑުގައި ބޯއެޅުމަށްފަހު ޔާނާ ރޯން ފެށިއެވެ.

ހަމައެވަގުތު ކިޔާންގެ ފޯނަށް ވެސް މީހަކު އެފޮޓޯތައް ފޮނުވިއެވެ. ކިޔާންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.

“ހުރެބަލަ ނިކަން. ދެން ތިޔަ އީވާނަކަށް ނުކެރޭނެ އިތުރަށް އެންމެ ނޭވާއެއްވެސް ލާން.” ސޯފާގައި އޮތް ޓީޝާޓު ނަގައި ލަމުން ކިޔާން ނުކުތީ ބޭރަށެވެ.

“ނޫން ކިޔާން. އަދި އިހަށް ތި ވީގޮތެއް އޮޅުން ފިލުވަން ވީނު. ތި ރުޅި މައިތިރިކޮށްބަލަ.” ޒައީމާ އުޅުނީ ކިޔާން ހަމައަކަށް އެޅުވޭތޯ އެވެ.

“ހުރިހާ ހަގީގަތެއް ފެންނަން އޮށްވާ މަންމަ އަދިވެސް ތިއުޅެނީ ވާނުވާ ހޯދަންވެގެންތަ؟ ތިހުރި ދަރީގެ އަބުރެއް މަންމަ އަކަށް މުހިއްމެއް ނޫންތަ؟” އިތުރު މީހެއްގެ ވާހަކައަކަށް ކިޔާން މަޑެއް ނުކުރިއެވެ. ދިޔަ ބާރުމިނުގައި ގޮސް ދޮރު ޖެހިއިރު މުޅި ގެޔަށްވެސް ލޮޅުން ގެނުވިއެވެ.

މިވަނީ އަދި ޔާނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވީ އެއަށްވުރެ ހަމަހިމޭންކޮށް މައްސަލަ ނިންމާލުމަށެވެ. ބޭބެ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ޔާނާ ދޮރާށި ދޮށުގައި ކުރި ކަނޑާލަ ކަނޑާލާ ހުއްޓެވެ. ބައިގަޑިއިރެއް ހާއިރު ފަހުން ކިޔާން ދައްކާލިއެވެ. އޭނާ ފެނުމާއެކު ޔާނާގެ ހިތް ބިރުވެރި ގޮތަކަށް ތެޅެން ފެށިއެވެ. ހާސްވެ ކަންބޮޑުވެފައި ވާކަން ކިޔާންގެ މޫނުން ދައްކައިދެއެވެ. ދާހިލިފައިވާލެއް ބޮޑުކަމުން ޓީޝާޓުވެސް ވަނީ ގައިގައި ތަތްލާފައެވެ. ޔާނާގެ ލޮލުގައި އަޅައިގަތީ ކިޔާންގެ ޓީޝާޓުގައި ލެއިން ކުރެހިފައި ހުރި އަތްތިލަ އެކެވެ. ޔާނާ ބޭއިހްތިޔާރުގައި ބޮލުގައި އަތް އެޅުމަށްފަހު އިންތަނަށް ތިރިވެވުނެވެ.

“ކޮއްކޮ ދެން ދެރަނުވޭ. އެކަންތައް ނިމިއްޖެ.” ކިޔާން އެހެން ބުނެފައި ޔާނާ ގޮވައިގެން ގެ އަށް ވަނެވެ.

ޖެހިގެން އައިދުވަހު އިރުއެރީ މުޅިރަށް ހަލަބޮލިކޮށްލާފައެވެ. އަނިޔާވެރި ގޮތަކަށް މަރާލައިފައި ހޭޅިފަށަށް މީހަކު އެއްލާލައިފައި އޮތް ވާހަކަ މުޅިރަށުގައި ފެތުރިގަތީ ނުލާހިކު އަވަހަށެވެ. ޔާނާގެ އާއިލާއަށް އެއީ ދެވަނަ އެހެން މީހެއް ނޫންކަން އެނގެއެވެ. އީވާންގެ މަރާ ގުޅިގެން ޔާނާ އަށް ވެސް ބުނަން ނޭނގޭ ކަހަލަ ބިރުވެރި އިހުސާސްތަކެއް ދިޔައީ ކުރެވެމުންނެވެ. އޭނާއާ ހެދި ކުށެއްނެތް އިންސާނެއް ފަނާވެގެން ދިޔައީތީއެވެ. އީވާންގެ މައިންބަފައިންނަށް ވަރަށް ވެސް ފުން ހިތާމައެއް ގެނުވިއެވެ. އެފަދަ ވިޔާނުދާ އަމަލެއް ހިންގީ ކާކުކަމެއް އެމީހުންނަކަށް ލަފާކޮށްލަން ވެސް ނޭނގެއެވެ. އީވާން އަކީ މީހުންގެ ލޯބި ލިބިފައި ހުރި ޒުވާނެކެވެ.

އީވާންގެ މަރަށް ހަތަރު މަސް ވެއްޖެއެވެ. އަދި ވެސް މަރާގުޅޭގޮތުން ސާބިތު ހެއްކެއް ނުލިބޭތީ އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ކިޔާން އާއި ޔާނާ ތިބީ ފަހުގެ ހިންދީ ފިލްމެއް ބަލާށެވެ. އިރުކޮޅަކުން ޔާނާ އަށް ގޮތެއް ވާހެން ހީވާން ފެށިއެވެ.

ހޭ އެރިއިރު ޔާނާ އޮތީ ސިއްހީ މަރުކަޒުގައި އައިވީ ގުޅާފައެވެ. ޖެހިގެން އޮތް އެނދުގައި މަންމަ ޒައީމާ އޮށްވާ ފެނުމުން ޔާނާ އަށް ކުއްލި ސިހުމެއް ގެނުވިއެވެ. ކިޔާން އޮތީ މޫނު ފޮރުވައިގެން އެނދުގައި ބޯ އަޅައިގެންނެވެ.

“ބޭބޭ. ކިހިނެތްވީ؟” ޔާނާގެ ހިތް އަވަސްވިއެވެ.

“ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް؟” ކިޔާން ވެސް ކުރީ ސުވާލެކެވެ. ޔާނާއަށް ހީވީ ކަންފަތް ބުޑަށް ހޮނު ގުގުރިއެއް ޖެހިހެންނެވެ. ފަހުދު އޭނާއާ މާދުރުން މިދުވަސްކޮޅު މިއުޅެނީ މިހެންވެތާއެވެ. ޔާނާ ގުޅިޔަސް ފޯނު ކަނޑާލައެވެ. އެންމެ ފަހުން ކޮޅުކެހި މިލިބުނީ ޔާނާއަށެވެ. ހަދާނެ ގޮތެއް ނޭނގުނެވެ.

“ބޭބޭ. އަހަރެންނަށް މަޢާފުކުރޭ.” ޔާނާ ހުރިހާ ވާހަކައެއް ތަފްސީލްކޮށް ކިޔާން އަށާއި ޒައީމާއަށް ކިޔައިދިނެވެ. ކިޔާން ހިނގައިގަތެވެ.

“ދަރިފުޅާ ކޮންތާކަށް؟” ޒައީމާ އެނދުން ތެދުވެލަމުން ސުވާލު ކުރިއެވެ. ކިޔާން އަށް ވަނީ ރޮވިފައެވެ. ޔާނާގެ ހާލު ވަކިން ބޮޑެވެ.

“މަންމަ! މިއަދު އަހަރެން މަޑުނުކުރުވާ. އަހަރެންނަކީ ކުށްވެރިއަކީން. މިއިން ގޮތްކުޑަ އަންހެން ކުއްޖާ އަހަރެމެން މުޅިން ވާވައްދާލައިފި. އަހަރެންގެ މިދެއަތުން ކުށެއްނެތް ފުރާނައެއް ދުއްވާލައިފި. އަހަރެން މިދަނީ އަހަރެންނަށް ލިބެންޖެހޭ ހައްގު އަދަބު ހޯދަން. މަންމަ އަހަރެންނަށް މައާފް ކުރޭ.” ކިޔާން ވެސް މޮޔައަކު ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. ޒައީމާ ވެސް އިނީ ގަބުވެފައެވެ. ދަރިންނަށް ދެވުނު މިނިވަންކަމުން މި ނުކުތީ ހާދަ ހިތި ނަތީޖާއެކެވެ. ޒައީމާގެ އަތުން ދެދަރިން ވެސް ބީވެގެން ދިޔައީއެވެ.

އީވާންގެ އާއިލާއަށް ހުރިހާ ހަގީގަތެއް ސާފުވެއްޖެއެވެ. ދަރިފުޅުގެ ހައްގުގައި އެމީހުން ތިބީ ކޮންމެ ފަދަ ކަމަކައިގެން ތެދުވަންވެސް ތައްޔާރަށެވެ. ޔާނާއަށް ވެސް ހައްގު އަދަބު އެމީހުން ދޭން ބޭނުމެވެ. މިހާރު އެމީހުންނަށް އިންތިޒާރު ކުރެވެނީ މަރަށް މަރުހިފުމުގެ ގާނޫނު ފާސްވެ ތަންފީޒު ކުރެވޭނެ ދުވަހަކަށެވެ.

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޝަހީދާ އިބްރާހިމް، ގްރޭޑް 10 އީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނިގެން ގެނެސްދޭ އެންމެ ފަހު ވާހަކައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ވަރަށް އަވަހަށް އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355