ފުޓްބޯޅަ ކޯޗިން ކޭމްޕެއް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިސްނެގުމަކަށް ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ މި ކޯޗިން ކޭމްޕް މިއަދު ފަށާފައިވާއިރު ޒުވާނުންގެ ތެރެއިން 80 މީހުން ކޯޗިން ކޭމްޕްގައި ބައިވެރިވެފައި ވެއެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން މިހާތަނަށް 20 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކޯޗިން ކޭމްޕް އިންތިޒާމުކުރާ ޓީމުގެ އޮފިޝަލެއް ވިދާޅުވި އެވެ.
ކޯޗިން ކޭމްޕްގައި އަންހެނުންނަށް ވެސް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އަންހެނުންގެ ބައި މިހާރު ވަނީ ކެންސަލްކުރެވިފައި އެވެ. ކޯޗިން ކޭމްޕް ކުރިއަށްދާއިރު ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް 20 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވައި އެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ މަޝްހޫރު ކޯޗު ކުޑަ މޫސަގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި ކޯޗިން ކޭމްޕް ފެށުމުގެ ގޮތުން މިއަދުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް، ކޯޗިން ކޭމްޕްގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދެއްކެވި އެވެ. އަދި ކައުންސިލުގެ އެހެން ބައެއް މެމްބަރުންނާއި ފުލުހުންގެ އަޕަރ ނޯތް ރީޖަންގެ ހެޑް ވެސް ބައިވެރިވެޑައިގެންފައި ވެއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި އެވެ.